ބައްދަލުކުރެއްވި އެންމެ ފުރަތަމަ ޑިޕްލޮމެޓަކަށް އިނގިރޭސި ސަފީރު، "ޚާރިޖީ ސިޔާސަތަކީ އެއްވެސް ޤައުމެއް ތަފާތުނުކުރުން"

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާއި ބައްދަލުކުރައްވައިފިއެވެ. މިއީ އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބޭރުގެ ސަފީރަކާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެންނެވި، މި ބައްދަލުކުރެއްވުން އޮތީ ޑރ. މުޢިއްޒުގެ ގެކޮޅު މ. ދިމްޔާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލަރ ވަނީ، ސެޕްޓެމްބަރުމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އިނގިރޭސި ވިލާތުގެ ސަރުކާރާ، ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވައިފައެވެ. އަދި ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިނގިރޭސި ވިލާތާ ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ސެޕްޓެމްބަރު 30 ގައި ލިބިވަޑައިގަތް ކާމިޔާބަށްފަހު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއްކަމުގައި އިނގިރޭސި ސަފީރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. އަދި މިއީ، ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް އިނގިރޭސި ވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތްގުޅުން މި ސަރުކާރުންވެސް ދަމަހައްޓަވަމުން ގެންދަވާނެކަމަށް ލިބިވަޑައިގަތް ފުރިހަމަ ޔަޤީންކަމެއް ކަމުގައިވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކުވެސް އޮންނާނެކަމަށް ދެއްވި ޔަޤީންކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި ހުރިހާ ދާއިރާއަކުންވެސް އިނގިރޭސި ވިލާތާއޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ދިވެހި ޤައުމަށާއި ރައްޔިތުންނަށާއި މަންފާހުރި އައު އެތައްކަމެއް އިނގިރޭސި ވިލާތާއެކު އޮތް ގާތްގުޅުމުގެ ސަބަބުން ޙާޞިލްވާނެކަމުގެ އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވަނީ އެމަނިކުފާނުގެ ޚަރިޖީ ސިޔާސަތަކީ އެއްވެސް ޤައުމެއް ތަފާތުނުކުރާނެ ސިޔާސަތެއްކަމަށް އެމަނިކުފާނުގެ ކެމްޕެއިންގައިވެސް ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަކި ޤައުމަކަށް އެކަނި ބަރޯސާ ވާނެ ސިޔާސަތެއް ނޫންކަމަށާއި، ކިތަންމެ ކުޑަ ޤައުމެއް ވިޔަސް، އަދި ކިތަންމެ ބޮޑު ޤައުމެއް ވިޔަސް ގާތްކަން ފަމަހައްޓާނެ ކަމަށާއި، އަދި ގާތް އެކުވެރި ޤައުމުތަކާއި ޢަރަބި އިސްލާމީ ޤައުމުތަކާއި އޮތްނަން ގުޅުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނަށް އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަަށް ސޯޝަލް ސެންޓަރުގައި ބޭއްވެވި އިޙްތިފާލުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ "ޕްރޯމޯލްޑިވްސް" ސިިޔާސަތުކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ރައްކާތެރި ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަމަށާއި، ދިވެހިންގެ މިނިވަންކަމަށް އެހެން ޤައުމުތަކުންވެސް އިހުތިރާމް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެ، މިހާރުވެސް ރާއްޖޭގައި މިނިވަންކަމާއި ގުޅޭ އެތައް ކަންބޮޑުވުމެއް އޮތްއިރު އެކަންކަން ބަދަލުކޮށް މިނިވަން މުސްތަގިއްލު ޤައުމަކަށް މިޤައުމު ހަދާނޭކަމަށް މުޢިއްޒު ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު