ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ މަޖިލީހުގެ ރިޔާސަތުން ބޭރުކުުރުމުގެ މަސައްކަތް އަނެއްކާވެސް ފަށަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގޮވާލައްވައިފިއެވެ.
ނިޒާމީ ވޯޓާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަވޯޓާ ޝަރީފް ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހުރިހާ ބޭފުޅުންވެސް ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް ކަމަށާއި ދެން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫން ގޮތެއް ކަމަށެވެ. އަދި ނިޒާމީ ވޯޓާ ގުޅޭ ގޮތުން ޑިމޮކްރެޓްސްއިން ހުށަހެޅި ޤަރާރު ބޭރުކޮށްލުމަށް އިތުރު ގަރާރެއް ހުށަހެޅުމަށް ވެސް މަވޯޓާ ގޮވާލެއްވިއެވެ.
މަވޯޓާ އިތުރަށް ވިދާޅުވީ، އެ ގަރާރާ ހުރެ ނިޒާމީ ވޯޓެއް ނަގައިގެން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ބުނެފައި ކަމަށެވެ. އެވަރުގެ ބޭކާރު ހަރަދެއް ކުރަން ބޭނުން ނުވާ ކަމަށް މަވޯޓާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ބޭކާރު ގޮތެއްގައި ހަތް ޕަސެންޓް (ޑިމޮކްރެޓްސް) ރުއްސުމަށްޓަކައި ދިވެހި ދައުލަތުގެ ބަޖެޓުން މިހާ ތަދު ދުވަސްވަރެއްގައި 45 މިލިއަން ރުފިޔާ ހަރަދު ކުރާކަށް. ބޭނުމެއް ނޫން." މަވޯޓާ ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ނަޝީދާއި އީވާ ރިޔާސަތުން ބޭރުކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓައް ނަގަން މަވޯޓާ ހުށަހެޅުއްވިއެވެ.
"އަޅުގަނޑުމެން ކުރިއަށް މި އޮތް ހަތް މަސް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލާއި ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ބޭނުން" މަވޯޓާ ވިދާޅުވި އެވެ.
މަޖިލިސްގެ ރައީސް، ރައީސް ނަޝީދާއި ނާއިބު ރައީސް އީވާ މަގާމުން ދުކުރުމަށް އެމްޑީޕީގެ މެމްބަރުން ހުށަހެޅި މައްސަލަ އަނބުރާ ގެނައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ނާކާމިޔާބުވުމުން ދެވަނަ ބުރު ކާމިޔާބު ކުުރުމަށް ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމަށް މަގު ފަހި ކުރުމުގެ ގޮތުންނެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކުރައްވާފައިވެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 20 ގައެވެ. އެ ޤަރާރު މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މި ޤަރާރުގައި ގޮވައިލާފައި ވަނީ، މި މަހުގެ 30 ގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވުމަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ރޫޙް ހުރީ ބަރުލަމާނީއާ ދެކޮޅަށެވެ. އަދި ރައީސް ނަޝީދު އެޕާޓީއާ މެދު ކަންތައްކުރެއްވި ގޮތުން، އެ ޕާޓީއާއި ރައީސް ޞާލިޙަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ކަމަށާއި އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް ޞާލިޙަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވެ، އިންތިޚާބު ނާކާމިޔާބުވީ ރައީިސް ނަޝީދާއި އެމަނިކުފާނު މިހާރު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ އިސްމެންބަރުންގެ ފަރާތުން ކަން ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ވެރިކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނިޒާމުގެ ވޯޓު މަޑުޖައްސާލަން ޑިމޮކްރެޓްސްއިން އެއްބަސްވެ މިއަދު މަޖިލީހުގައި ތާވަލުކޮށްފައި އޮތް ނިޒާމީ ވޯޓުގެ މައްސަލަ އެޖެންޑާއިން ވެސް މިހާރު ނަގައިފިއެވެ. އެކަން އިޢުލާން ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މުއިއްޒުއާ އިއްޔެ މަޖިލީހުގައި ބައްދަލުކުރެއްވި ކަމަށާއި އަދި މުއިއްޒު ހުވާކުރުމާއި ވެރިކަން ފަށައިގަތުމަށް މަޖިލީހުގެ ތެރެއިން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި، ހަމައެހެންމެ، ބަދަލުކުރުމާ ގުޅޭ ގޮތުން މަޖިލީހުން ވޯޓެއް ނަގާފައިވާކަމަށް ވެސް ދެންނެވި ކަމަށާއި އަދި އެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާކަން ވެސް މުއިއްޒުއަށް ދެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން، ރައީސް ނަޝީދު މިކަމަށް އިޝަރާތްކުރައްވާ ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަަށް ޖާގަ ދިނުމުގެ ގޮތުން އެ ވޯޓުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް ޑިމޮކްރެޓްސްގެ މެމްބަރުންވެސް އެދިފައިވާކަން މުއިއްޒުއަށް ދެންނެވިކަމަށެވެ.