ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ފަސް މީހުންގެ ގްރޫޕަކުން އައިސް މެންބަރު ޒަރީރަށް ހަމަލާދީފައި ވަނީ، މިދިޔަ 1 މެއިގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ.
ޒަރީރަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައި ވާއިރު، އެ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުގެ ފަރާތުން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.
ޕީޖީ އޮފީހުން މިއަދު ވިދާޅުވި ގޮތުގައި އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 19 ގައެވެ.

މި މައްސަލާގައި ދައުވާ ކޮށްފައިވަނީ، މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް (ގައްބަރޭ)ގެ މައްޗަށް ދައުވާ ކުރަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ. މުލާން މުހައްމަދު، މ. ތާޖުގެ، މާލެ އަށް ދައުވާކުރަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައެވެ. އަދި އަހްމަދު އައުޝަމް، ދީފްރަމްގެ، ތ. ކިނބިދޫގެ މައްޗަށް ދަޢުވާކުރަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައެވެ.
މި ތިން މީހުންވެސް ހައްޔަރުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އެ މީހުން ފުރަަތަމަ ވަނީ ދޫކޮށްލާފައެވެ.
ނަމަވެސް ދައުލަތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އޮގަސްޓު މަހު ހައި ކޯޓުން ނިންމާފައިވަނީ އެ މީހުންނަކީ ބަންދުގައި ބައިތިއްބަން ޖެހޭ ބައެއް ކަމަށެވެ.
ޒަރީރަށް ޙަމާލާ ދިނުމުގެ މައްސަލާގައި، ދައުވާކޮށްފައިވާ އިބްރާހިމް (ގައްބަރޭ) އަކީ، 2007 ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ/ މާލެ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައިވާ މީހެެކެވެ. އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް އެ މައްސަލައިގައި ދައުވާކުރިޔަސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.