އަހަރު ދުވަހު ސަސްޕެންސަންގައި ބެހެއްޓުމަށްފަހު، ވަޒީފާގައި އިތުރަށް ބަހައްޓައިފި ނަމަ، ކުންފުންޏަށް އިތުރަށް ގެއްލުންވެދާނެ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) ވަހީދު ވަޒީފާއިން ވަކިކޮށްފިއެވެ.
ގާތްގަޑަކަށް 9 އަހަރެއްހާ ދުވަހު ކަރަންޓުުގެ ޚިދުމަތްދޭ ޔުޓިލިޓީ ކުންފުނި، ފެނަކައިގައި މަސައްކަތް ކުރި އަބްދުﷲ ވަހީދު ފެނަކައިން ވަކިކުރި އިރު، އޭނާ މަގާމުން ވަކި ކުރީ ވައްކަމާއި ކޮރަޕްޝަން އަދި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރި ކަމުގެ ގިނަ މައްސަލަތަކެއް އޭނާގެ މައްޗަށް ސާބިތުވެގެން ކަމަށް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދިޔައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުގެ މަހުގެ 19 އިން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިކޮށްފައި ބަހައްޓާފައިވެއެވެ.
ކުންފުނީގެ ވަޒީފާއިން ވަކި ކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށް އޭނާއަށް ކުންފުނިން ފޮނުވި ޗިޓްގައިވެއެވެ. އޭނާ އެ ކުންފުނީގެ ވަޒީފާއަށް ވަނީ 11 ސެޕްޓެމްބަރު 2014 ގައެވެ.
އެހެން ނަމަވެސް އޭނާ މަގާމުން ވަކި ކުރިކަމަށް ބުނެ ދައުރުވަމުންދާ ފެނަކައިގެ ލިޔުމުގައި ބުނާ ގޮތުން އޭނާ މަގާމުން ވަކިކޮށްފައިވަނީ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ވަޒީފާ ދޭ ފަރާތައް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުން ލިބިދާނެ ކަމަށް ފެނުމުންނެވެ.