ރާހިލް އޭނާއަށް ދިމާވި ކަންތަކުގެ ވާހަކަ ކިޔައިދީ ނިމުނުއިރު ޒީވާ އިނީ ދެލޯ ބޮޑުކޮށްލައިނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާ ހޭންފެށިއެވެ.
"އޯމައިގޯޑް… ހަހަހަހަ..އެނގޭތަ ކާކުކަން އެއީ. ޝައި.. އެދުވަހު ހުއްޓޭ ފޯރިއެއް..އަދި ބުނަނީ.." ޒީވާ ހީހީފައި ޝައިނާ އުޅުން ގޮތުގެ ވާހަކަ ކިޔައިދިންއިރު ރާހިލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ތަޤުދީރު އޭނާއާއި ޝައިނާ މާކުރިންވެސް ބައްދަލު ކުރުވައިފިތާއެވެ؟
***************
މާލެ އިން ކައްދޫއަށް މެންދުރު ފުރާ ފްލައިޓަށް އެރުމަށް ޝައިނާއާއެކު އޮފީހުގެ އިތުރު ދެ ސްޓާފުން ހުޅުލޭ ޑޮމެސްޓިކް ޓަރމިނަލްގައި ތިއްބެވެ.
"މަލްއާއި އަލީއާ ދެމީހުން ދޭ އިނގެ ޗެކިން ވެލަން. އަހަރެން މި ދަނީ އިރުކޮޅަކުން." ޝައިނާ ފޯނުގައިހުރެ އޭނާއާއެކު އައި ދެ މުވައްޒަފުންނަށް އިޝާރާތްކޮށް ބުނެލިއެވެ.
"ރޫމް ހަމަޖެހުނީ ވަރަށް އުނދަގުލުން. ދެކޮޓަރި އެ ސޫޓްގަ ހުންނާނޭ އެމީހުން ބުނި.. އެކަމަކު ޝައިނާ އެކަނި ހުންނާނީ. ހިތްހަމަ ނުޖެހެންޏާ ހޮޓެލްގެ ބައެއް މަސައްކަތްތަށް ނިމުނީމަ ސީދާ ހޮޓެލްއަށް ބަދަލުވިޔަސް މައްސަލައެއްނެތް" ރިއާން ވާހަކަ ދެއްކިއެވެ.
"ނޫނޭ.. ސަރ އަށް ފެންނަގޮތެއް ރަނގަޅުވާނެ. އެހެންވީމަ އެކޮޅަށް ގޮއްސަ އަހަރެން ގުޅާ–" ކުއްލިއަކަށް ޝައިނާގެ އަޑު މެދު ކެނޑުމާއެކު ރިއާން ދެތިން ފަހަރަކު ހެލޯ އޭ ގޮވައިލިއެވެ.
"އޭނަވެސް ގެނައީތަ؟" ޝައިނާ ނުރުހުންވެފައި ރިއާންގާތު އެހިއެވެ.
"ކާކު؟" ރިއާނަކަށް ސާފެއް ނުވިއެވެ.
"އޭނައެއްނު…. ރާހިލް" ޝައިނާ ހީވީ ގަދަކަމުން ރާހިލްގެ ނަން ކިޔައިލިހެނެވެ.
"ޑޯންޓް ގެޓް ޔޯ ހޯޕްސް ޓޫ ހައި ސަންޝައިން" ކައިރިން ރާހިލްގެ އަޑު އިވުމާއެކު ޝައިނާ ކަޅި އަނބުރައިލަމުން އިސް އުފުލައި ބަލައިލިއެވެ. ފޯނުގެ އަނެއްފަރާތުގައިހުރި ރިއާނަށްވެސް ރާހިލްގެ އަޑު އިވުމާއެކު ދަތްކުޑިވިކައިލެވުނެވެ. އެވަރަށް އޭނާ މަނާކުރުމުންވެސް ރާހިލްގެ ހިތަށް ކެހެރުވަކެކޭވެސް ހީ ނުވިތާއެވެ.
"އަހަރެން އާދޭތޯ ތިހާ އިންތިޒާރު ކުރާނެކަމަކަށް އުއްމީދެއް ނުކުރަން.. ނަސީބެއްނު އަހަރެން އަމިއްލައަށް ޓިކެޓް ނަގައިގެން އާދެވުނުކަން. އަހަރެން މީ ރިއާންގެ ޕަޕެޓެއް ނޫނޭ. ކޮންމެހެން ރިއާންގެ ހެލްޕް ބޭނުމެއް ނުވާނެ" ރާހިލް ފޮނިވެލާފައި ބުންޏެވެ.
——————-
"ރިއާން ޕުލީޒް ހެލްޕް މީ ބުރޯ. އަހަރެން ނުވޭ މި ފަހުގެ ތާރީހެއްގަ އަތޮޅުތެރޭ ރަށަކަށް އައި ހަނދާނެއްވެސް. މިތާ އަހަރެން ކުރަންވީ ކީއް؟ ގެސްްޓްހައުސްގެވެސް ހުރިހާ ރޫމެއް ހިފާފައޭ" ރާހިލް ފޯނުގައިހުރެ ރިއާންގާތު އާދޭސް ކުރިއެވެ.
"މަޑުކޮށްބަ މަޑުކޮށްބަ.. އަހަރެންނަށް ހީވަނީ މީގެ ދެގަޑިއިރު ކުރިން ރާހިލް ބުނި ޖުމްލަ އަހަރެންނަށް ރަނގަޅަށް އަޑެއް ނީވޭހެން… "ކޮންމެހެން ރިއާންގެ ހެލްޕެއް ބޭނުމެއް ނުވާނެ" އެހެންތަ އަނެއްކާ ބުނީ؟" ރިއާން މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ" ރާހިލް ބުންޏެވެ. އަދި ތަކުރާރުކޮށް ރިއާންގާތު އޭނާއަށް އެހީވެދިނުމަށް އެދެމުންދިޔައެވެ. ރިއާން ގޮތެއް ވޭތޯ އެބަ ބަލަމޭ ބުނެ ފޯނު ކަނޑައިލިއެވެ. ރާހިލް މާޔޫސް ކަމާއެކު ފޯނު ހިފައިގެންހުރެ އެނބުރުނު ވަގުތު ފަހަތުގައި ހުރި ޝައިނާފެނި ސިއްސައިގެން ދިޔައެވެ.
"ސިއްސައިގެނޭ ދިޔައީ. މިތާ ކީއްތިކުރަނީ؟" ރާހިލް ފިލްމީ ގޮތަކަށް މޭގައި އަތްއަޅައިލައިގެން ހުރެ ބުނެލިއެވެ.
"އަހަރެން ކަންނޭގެ ތި ސުވާލު ކުރަންވީ، އަމިއްލައަށް އައި މީހަކު އާރް.އެލް ސްޓާފުންނަށް ހިފާފަހުރި ތަނެއްގަ ކީއްކުރަނީހޭ؟" ޝައިނާ އުނަގަނޑުގައި އަތް އަޅުވައިލަމުން ބުންޏެވެ.
އެމީހުން ތިބީ ޝައިނާމެން ތިބުމަށް ހަމަޖެހިފައިވާ ގެސްޓްހައުސްގެ ގޯތި ތެރޭގައި ހުރި މަސްފެންގަނޑު ކައިރީގައެވެ. ތިރީގައި ލޮބީ އޭރިޔާއެއްގެވެސް ގޮތުގައި ބޭނުންކުރެވޭ ރެސްޓޯރެންޓަކާއި ރިސެޕްޝަނެއް ހިމެނޭ އެ ގެސްޓްހައުސްގެ ކޮޓަރިތަށް ހުންނަނީ މަތީ 4 ފަންގިފިލާގައެވެ. ރާހިލް އޭނާ ކުރިސުވާލަށް ޖަވާބެއްނުދީ ގިނައިރު ވާން ފެށުމާއެކު ޝައިނާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
"ރިއަލީ ރާހިލް؟ ނުބުނާތި މިހިސާބަށް ތި އައީ ހުންނާނެ ތަނެއް ހަމަޖައްސާފައެއް ނޫނޭ" ޝައިނާއަށް ބުނެވުނެވެ. ރާހިލް ޝައިނާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ލައިގެން ހުރި ސޯޓުގެ ކުރީ ދެޖީބަށް ދެއަތް ޖަހައިލިއެވެ. އަދި އެ ހުރިގޮތަށް ހުރެ ދެކޮނޑު އަރުވައިލަމުން ބޯ އަރިކޮށްލިއެވެ.
ޝައިނާއަށް ރާހިލްގެ ޖަވާބު ގަބޫލުނުކުރެވިފައި ދެލޯ ބޮޑުކޮށްލަމުން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. އޭނާއަށް އެނގޭ ޒީވާއަކީ ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެކަމަކަށް ވިސްނާ އަދި ކޮންމެތަނަކަށް ދިޔުމުގެ ކުރިންވެސް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވާ މީހެކެވެ. ވީއިރު ޒީވާފަދަ މީހެއްގެ ދޮންބެއަށްވެހުރެ ރާހިލް މިހާ މޮޔަވާނޭ ޝައިނާގެ ހިޔާލަށްވެސް ގެނެވިފައެއްނެތެވެ.
"އަހަރެން މި ގުޅަނީ ޒީއަ-"
"ނޯ ވެއިޓް! ގޭގެ މީހުންނަކަށް އަހަރެން އައީ މިރަށަށް ކަމެއް ނޭނގޭނެ.. އެމީހުނަށް ނުގުޅާ.. އަހަރެން ރިއާންއަށް ގުޅައިފިން." ޝައިނާގެ ވާހަކަ ނިމުމުގެ ކުރިން ރާހިލް އަވަސްއަވަހަށް ބުންޏެވެ. ޝައިނާ ލޯ އަޅައިލަމުން ރާހިލްއަށް ބަލައިލިއެވެ. ބަދަލުގައި ރާހިލް ހަދިޔާކޮށްލީ ހިތް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ.
ދައްކާނެ މާގިނަ ވާހަކަ ތަކެއް ނެތުމުންނާއެކު އެ ދެމެދަށް އާދަޔާހިލާފު ހިމޭންކަމެއް ވެރިވިއެވެ. އޭރު ޝައިނާ އުޅުނީ ކައިރީގައިވާ މަސްފެންގަނޑު ފޮޓޯނެގުމުގައެވެ. ގާތްގަނޑަކަށް ތިން ފޫޓެއްހާ ޖާގައެއްގެ ދުރުމިނުގައި ތިބި ނަމަވެސް ރާހިލްގެ ނަޒަރު ޝައިނާއާ ވަކިކޮށްލެވޭ ގޮތެއް ނުވިއެވެ. ހިނގަމުން ދިޔަ ކޮންމެ ސުކުންތަކާއެކު އެ ރީތިކަމުގެ ތަސްވީރެއް ރާހިލްގެ ސިކުނޑީގައި ކަނޑައިނެގެމުން ދިޔަ ކަހަލައެވެ. އާންމުކޮށް ދިވެހިންގެ ހުންނަފަދަ ގަދަ މުށިކުލައިގެ ކަޅިއެއްލިބިފައިވި ނަމަވެސް ޝައިނާގެ ދެލޮލުގައިވާ އާދަޔާ ހިލާފު ވިދުމާއި އެދިގު އެސްފިޔަތަކުން އެންމެ ފުރަތަމަ ދުވަހުވެސް ރާހިލްގެ ސަމާލުކަން ދަމައިގަތެވެ. އެ ތޫނު ކަޅިރަވައާއި ބައްޓަން ރީތި މޫނާއި އަބަދުމެ ގަދަރަތްކުލައިން ފަވާލައިފައިވާ ފިނިފެންމަލެއްފަދަ ދެ ތުންފަތުން ރާހިލްއަށް ޝައިނާ ސިފަވީ އަރަބިކަރައިގެ ފަތްމިންޏެއްހެނެވެ. ޖެހޭ މަޑު ވައިރޯޅިއާއެކު ވިހުރިލާ ޝައިނާގެ އިސްތަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނު އިރު އާދަޔާ ހިލާފު ހަމަޖެހުމެއް އޭނާގެ ހިތަށް އިހްސާސްވިއެވެ. ވަށައިގެން ހިނގާހުރިހާކަމެއް ހަނދާންނެތިދާފަދަ މޮޅު ޖާދޫއެއްގައި އޭނާ ޖެހިފައިވާ ކަހަލައެވެ. އެއްވެސް އިހްތިޔާރަކާއިނުލައި ޝައުގުވެރިކަމާއެކު ޝައިނާގެ ކޮންމެ ހަރަކާތަކަށް ބެލެމުންދިޔައެވެ. ޝައިނާއަށް އެކަން ފާހަގަވެ "ކިހިނެއްްވީހޭ" އަހައިލާ ފަދައަކުން ބުމައަރުވައިލިއެވެ. ރާހިލް މިފަހަރުވެސް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލިއެވެ. އޭނާއަކީ މިޒާޖުގައި މިހާ ބަސްމަދު މީހެއްނޫނެވެ. ނަމަވެސް ޝައިނާ ފެންނަ ހިސާބުގައި ހުންނައިރު އޭނާގެ ދުލުގައި ތަޅެއް އެޅުވެނީ ކީއްވެބާއެވެ.
ކުއްލިއަކަށް ޝައިނާގެ ފޯނު ރިންގުވާން ފެށި އަޑުން އެދެމީހުނަށްވެސް ސިހުމެއް ލިބުނެވެ. ޝައިނާ ދުރަށް ޖެހިލަމުން ފޯނަށް ޖަވާބުދިނެވެ.
"ޔެސް؟ އޯކޭ.. ވަޓް؟؟؟؟" ޝައިނާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އަދި ރާހިލްއާ ދިމާލަށް ބަލައިލަމުން ދުރަށް ހިނގައިގަތެވެ.
"އައިމް ސޮރީ ޝައިނާ. އެނގޭ ސަބަބަކާ ލައިގެން ނޫނީ ޝަައިނާ ވަކިން ހުރެވޭނެ ގޮތެއް ހަމަޖައްސައިދޭން ނުބުނާނެކަންވެސް. އެކަމް އެ ސޫޓްގަ ދެކޮޓަރި ހުރެެއެއްނު. އަހަންނަކަށް ނުލިބުނޭ އެހެން ތާކުންވެސް. ހީޒް މައި ބްރަދަރ ޝައިނާ.. އޭނަ އެވަރު ކަމެއް ބުނީމަ އަހަރެން ކޮށްދޭން ވާނެއްނު. ރާހިލްގެ ފަރާތުން ޝައިނާއަށް އުނދަގުލެއް ނުވާނެކަމުގެ ޔަގީންކަން އަހަރެން ދެން" އެހެން ބުނިއިރުވެސް އަންހެންކުއްޖެއްގެ ކަމެއްގައި އޭނާއަށް ރާހިލްގެ މައްޗަށް ހަމަ އިތުބާރު އެބަ އޮތްބާއޭ ރިއާންގެ ހަވަނަހިއްސު އޭނާއާ ސުވާލުކުރަމުންދިޔައެވެ. އެކަމަކު އޭނާއަށް ރާހިލް އެރަށުގައި ބިކަ ކޮށްލެވޭކަށްވެސް ނެތެވެ. އޭނާއަކީ އެއްވެސް އިރެއްގައި މާ މާތް މިޒާޖެއްގެ މީހެއް ނޫނެވެ. އެހެންކަމުން އަންހެންކުއްޖެއްގެ ސަލާމަތާއި ހަމަޖެހުން އަދި އެންމެ ގާތް ރަހުމަތްތެރިޔާއާމެދު ނިންމުމެއް ނިންމަން ޖެހުނުހިނދު ރިއާންއަށް އިޚްތިޔާރު ކުރެވުނީ ދުވަސްވީ ރަހުމަތްތެރިޔާއެވެ.
ރިއާންގެ ވާހަކަ ނިމުމާއެކު ޝައިނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެމީހުންވެސް އެތަނުގައި އެހުންނަނީ ކުންފުނީގެ ހަރަދުގައި ކަމަށް ވާއިރު ކުންފުނީގެ ވެރިޔާ އަންގާ ގޮތަކާ ހިލާފު ވުމުގެ އެއްވެސް އިހްތިޔާރެއް ނެތް ކަމުގައި ޝައިނާއަށް ގަބޫލު ކުރެވުނެވެ. ފޯނުކޯލު ނިމުމާއެކު އޭނާ އަނެއްކާވެސްް ރާހިލްއާ ދިމާލަށް ހިނގައިގަތެވެ. ރާހިލްވެސް އަވި އައިނު ލޮލަށް ހެޔޮވަރުކޮށްލައި އެއްކޮނޑުގައި އޭނާ ގެންގުޅުނު ބޮޑު ބެކްޕެކް އަޅުވައިލިގޮތުން ރާހިލްއަށް އެ ހަބަރު ލިބިއްޖެކަމުގައި ޝައިނާއަށް ގަބޫލުކުރެވުނެވެ. ރާހިލްގެ ތުންފަތުގައިވި ލާނެތް ހިނިތުންވުންފެނި ޝައިނާއަށް ފޫހި ގޮތަކަށް ކަޅިއަނބުރައިލެވުނެވެ.
ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓައިލުމާއެކު ޝައިނާގޮސް އެ ފްލޯއިން ފެންނަންހުރި ހަމައެކަނި ދޮރުގައި ކީކާޑު ޖައްސައި ހުޅުވައިލިއެވެ. ލަގެޖް ދަމާލައި ގެނެސް ސިޓިންގްރޫމްގެ މެދުގައި ބެހެއްޓުމަށްފަހުގޮސް ފުރަތަމައަށް ހުރި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭނާގެ ފަހަތުން ރާހިލް އައިސް ދޮރުކައިރީ ހުއްޓި ކޮޓަރީގެ ސީލިންގްގެ ވަށައިގެން ހޯދައިލިތަން ޝައިނާއަށް ފެނުނެވެ. ދެންހުރި ކޮޓަރި ބަލައިލަން ދިޔަވަގުތުވެސް ރާހިލް އައިސް ހަމަ އެހެން ކަންތައްކުރިއެވެ. އަދި އެނދާއި ހުރަހަށް ވާގޮތަށްހުރި ފާރުގައި ހަރުކުރެވިފައިވާ އެއަރކޮން ފެނުމާއެކު ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ޝައިނާ ގާތަށް ކުޑަކޮށް ހިނިއައި ނަމަވެސް އެކަން ފޮރުވައިލަމުންގޮސް ސިޓިންގްރޫމްގެ މެދުގައި ބެހެއްޓި ފޮށި ހިފައިގެންގޮސް ފުރަތަމަ ބެލި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
"ޔަގީންތަ ތި ކޮޓަރިކަން ބޭނުމީ؟ އަނެއް ކޮޓަރި މާ ބޮޑު ކަންނޭގެ" ފަހަތުން ރާހިލްގެ އަޑު އިވުނެވެ.
"ހޫމް މިތަން މާ ރަނގަޅު. އެހެންނޫނަސް ފިނީގަ އުޅުއްވާފަ އަންނަ ބޭފުޅުންނަކަށް އޭސީ ނެތް ކޮޓަރިއެއް ކަމަކު ނުދާނެ" ޝައިނާ ކުޑަކޮށް އެނބުރިލަމުން ރާހިލްއަށް ބުންޏެވެ. ރާހިލް ރައްދުގައި އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ޝައިނާ އޭގެކުރިން ކޮޓަރިއަށްވަދެ ދޮރު ލައްޕައިލިއެވެ.
****************
ހުޅުމާލޭގެ ބީޗްސައިޑުން ގަނެފައިވާ ލަގްޜަރީ އެޕަރޓްމެންޓަށް ވަނުމާއެކު ރިއާންއާ ބައްދަލުކުރީ މަރުފަދަ ހިމޭންކަމަކާއި އެކަނިވެރިކަމެކެވެ. ތަނަށް އާދަވެފައިވާ މީހަކު ފަދައިން އެތަނަށް ވެރިވެފައިވި ކަޅު ރޭގަނޑެއް ފަދަ ކަޅު އަނދިރިކަމުގެތެރެއިން ހިނގާފައިގޮސް އޭނާ ވަނީ އެތަނުގެ މާސްޓަރ ބެޑްރޫމަށެވެ.
ބައިގަޑިއެއްހާއިރު ފަހުން އޭނާ ނުކުމެގެން އައި އިރު އެ މޫނު މަތިން ތާޒާކަން ފެންނަން ހުއްޓެވެ. އިސްތަށިގަނޑުގައި ވިދަމުން ދިޔަ ފެންތިކިތަކުންނާއި އެއްކޮނޑުގައި އަޅުވައިލެވިފައިވާ ތުވާލިން ދެންމެ ފެންވަރާލައިގެން ނުކުތް ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަޅި ކުލައިގެ ދޫހަރުވާޅެއްގައި އުނަގަނޑުންމަތި ހާމަ ކޮށްލައިގެންހުރެ އައިސް އެޕަރޓްމެންޓްގެ ސިޓިންގްރޫމާއި ބަދިގެ ހުންނަ ހިސާބު ވަކިވާގޮތަށް ހުރި ކިޗަން ކައުންޓަރާއި އިންވެގެން ހުރި ފާރަށް ފައްތައިފައިހުރި މަސްޓޭންކުގެ އަލި ގަދަކޮށްލިއެވެ. އެއަށްފަހު މަސްތަކަށް ކާން އަޅައިލިއެވެ. ކައުންޓަރުގެ މަތީގައިހުރި ކޮފީމެޝިނުން ކޮފީއެއް ތައްޔާރުކޮށްލުމަށްފަހު އެ ހިފައިގެންގޮސް ސިޓިންގްރޫމްގެ އެއްކޮޅުން އަނެއްކޮޅަށް ކަހައިލެވޭގޮތަށް ލައިފައިވާ ބިއްލޫރި ދޮރުފަތް ކަހައިލައި ބެލްކަންޏަށް ނުކުތެވެ. އަދި މެއަށްވުރެ ތަންކޮޅެއް ތިރިއަށް ރާނާފައިވާ ރެއިލިންގެ މަތީގައި ކޮފީތަށި ބަހައްޓައިލަމުން ކުރިމައްޗަށް ނަޒަރު ހުއްޓައިލިއެވެ. 9 ވަނަ ފަންގިފިލާގައި ހުންނަ އެޕާރޓްމެންޓެއް ކަމުން ދުރުދުރަށް ދާންދެން ފެންނަން އޮތް މާސިންގާ ކަނޑާއި ކައިރި ފަޅުގައި އަޅައިފައިވާ ސަފާރީތަކުގެ އަލިތައް އެ ބެލްކަންޏަށް ފެންނަނީ ބަލައި ފޫހިނުވާނޭފަދަ ރީތި މަންޒަރެއްގެ ގޮތުގައެވެ.
ރިއާން ތުނބުގައި ޖަހައިލި ސިނގިރޭޓް ރޯކޮށްލުމަށްފަހު އެތެރެއަށް ދަމާލައި ފުންނޭވާއަކާއި އެކު ދުންތައް ބޭރު ކޮށްލިއެވެ. ފޯނު ނަގައި އިންސްޓަގްރާމަށް ވަނުމާއެކު އެންމެ ފުރަތަމަ ފެންނަންހުރި ޒީވާގެ ސްޓޯރީއަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. ދެ ހިޔާލެއްގައި ހުރެ ސްޓޯރީ ހުޅުވައިލިހިނދު ފެނިގެންދިޔައީ އެރޭ ބޭއްވުނު ކޮލެޖް ގްރެޖުއޭޝަން ހަފްލާގެ ފޮޓޯތަކެވެ. ކުދިންނާއި ޓީޗަރުންގެެ އިތުރުން ޖަލްސާގެ މެހެމާނުންނާއެކު ނަގައިފައިވާ ފޮޓޯތަކެވެ. ނަމަވެސް ރިއާންގެ ސަމާލުކަން ހުއްޓުނީ ގްރެޖުއޭޝަން ގައުންގައި ޒީވާ ނަގައިފައިވާ ކުރު ވިޑިޔޯއަށެވެ. ކެޕް ކުޑަކޮށް މައްޗަށް ހިއްލާލައި އެނބުރިލާއިރު ރިއާންއަށް ޒީވާ ސިފަވީ ކުޑަ ޕަރީއެއްހެނެވެ. އެމޫނުމަތިން ފެންނަ ހިނިތުންވުމަށް ގެއްލިފައިހުރެ އެތަށް ފަހަރަކު ރިއާނަށް އެ ވީޑިޔޯ ތަކުރާރު ކުރެވުނެވެ. އޭނާގެ ހަލަބޮލިވެފައިވާ ހިތާއި ސިކުނޑިއަށް އެ ހިނިތުންވުން ފެނި ލިބިގެންދިޔަ ހަމަޖެހުމާމެދު ހުދު އޭނާވެސް ހައިރާންވިއެވެ. އެންމެފަހު ސްލައިޑްގައި ޒީވާ ލައިގެންހުރި މަޑު ފެހިކުލައިގެ ހެދުމުގެ އެކި ދިމާލުން ފެންނަހެން ނަގައިފައިވާ ދެތިން ފޮޓޮއެއް ހިމަނައި، ހެދުން ފަހާދިނީތީ ޝުކުރުކޮށް ޝައިނާއަށް ޓެގް ކޮށްފައިހުއްޓެވެ.
ރިއާން އެ ސްޓޯރީ މައްޗަށް ކަހައިލުމަށްފަހު ޒީވާއަށް މަރުހަބާ ކިޔުމަށް "ކޮންގްރެޖުލޭޝަންސް" ލިޔެލިއެވެ. ނަމަވެސް މެސެޖު ފޮނުވާލުމުގެ ކުރިން ދެހިޔާލެއްގައި ހުރެވުނެވެ. އެހާ ގިނަ ދުވަހު އަނގައިން ނުބުނެ ހުރެފައި މިހެން މެސެޖެއް ފޮނުވުން އަނެއްކާ ރަނގަޅުވާނެބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. މިނެޓެއްހާއިރު އެހެން ހުރުމަށްފަހު ރިއާން މެސެޖް ފުހެލައިފިއެވެ. އަދި އެ ކުޑަކުޑަ މެސެޖް ފޮނުވާލުމުގެ ހިތްވަރުވެސް އޭނާއަށް ނުލިބުނީތީ ހިތާހިތުން އަމިއްލަ ނަފްސަށް އަޑުލައިގަތެވެ.
**************
ދަތުރުގެ ފުރަތަމަ ހެނދުނެވެ. ފަތިސް ނަމާދަށްފަހު ޝައިނާ ކޮޓަރިން ބޭރަށް ނުކުތީ ނިދި ފިލުވައިލައި ދުވަސް ފެށުމަށްޓަކައި ތާޒާ ކޮފީތަށްޓެއް ބޯލުމަށެވެ. އޭރު އަރަމުންއައި އިރުގެ ފަނޑުއަލި ވަށައިގެން ލެވިފައިވާ ބެލްކަނިތަކުގެ ދޮރުފޮތިތަށް ފޫ އަޅުވައިލާ އެތަނުގެ ތެރެއަށް ފާއްދާލައިފައިވެއެވެ. ދޫ ހަރުވާޅަކާއެކު ލައިފައިވާ އަތްކުރު ޓޮޕްކޮޅުގެ މަތިން ކޮނޑު ނިވާވާގޮތަށް ޝޯލްއެއް އޮޅާލަމުން ގޮސް ސިޓިންގްރޫމާ އަރާ ހަމަވިއިރު ސޯފާގައި ބަންޑުން ނިދާފައި އޮތް ރާހިލްފެނި ޝައިނާއަށް ބޯ ހޫރާލެވުނެވެ. ސޯފާގެ ބޭރަށް ވާގޮތަށް އެއް އަތާއި އެއްފައި އެލުވާލައިގެން އޮތްއިރުވެސް ހީވަނީ މިއިން ޒަމާނަކު ނުނިދޭހާ އަރާމު ނިންޖެއްގައި އޮތްހެނެވެ. ރޭގައި ހުޅުވިގޮތަށްހުރި ޓީވީން އަދިވެސް ފަހުގެ ހިޕްހޮޕް ލަވަތަކެއް ދައްކަމުން ދިޔައިރު އެއްބައި ކައިފައިވާ ސޭންޑްވިޗަކާއި ފާޑެއްގެ ފެހިކުލައިގެ ޖޫހެއްގެ އަސަރު ހުރި ޖޯޑެއް ކައިރީގައިހުރި ކުޑަ މޭޒުމަތީގައި ހުއްޓެވެ.
ޝައިނާ ބަލާކަށްނުހުރެ ރާހިލްގެ ގައިދަށުވެފައި އޮތް ރަޖަލުގެ ބޭރަށް އޮތްބައިގައި ހިފައި ދަމައިގަތެވެ. ނަމަވެސް އޭނާގެ ގައިގައި ހުރި ހުރިހާ ބާރަކާއެކުވެސް ރާހިލް ކީއްކުރަންހެއްޔެވެ؟ އެ ރަޖާވެސް އޮތްތަނުން ގުޑުވާނުލެވުނެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ހުރި ބާރެއްލައި ރަޖާގަނޑުގައި ލަތްކެއްޖެހުމާއެކު ސޯފާމަތިން ކެހިގެންގޮސް ރާހިލް ބިންމައްޗަށް ވެއްޓުނެވެ. ވެއްޓެންދިޔަ ވަގުތު ކައިރީގައި ހުރި ކޮފީމޭޒުގައި ކޮނޑު ޖެހުނުގޮތުން ކުއްލިއަކަށް ވީ ތަދާއެކު ރާހިލްއަށް ތެދުވެ އިށީނދެވުނެވެ.
"ސާބަހޭ!!! ނިދަންހުރި އެނދު ކުޑައީތަ އައިސް މިތާ ތި އޮތީ؟" ޝައިނާ ހަޅޭއްލަވައިގަތެވެ.
"ސާބަހޭ!!! މާ އިރާ ހޭލައިގެން ކޮން ހަޅޭކެއްތަ؟ މިތާ އޮއްވާ ނިދުނީނު. އަހަންނަށް ކިހިނެއްތަ އެނގެނީ މިތާ މި އުޅެވެނީ ފަތިހަށް އަރާ ފުރޭތައަކާ އެއްކޮށްކަމެއް. ތަދުވެއްޖެ އިނގޭ ސަންތީ!!" ރާހިލް ކޮނޑުގައި އަނެއް އަތުން ހިފަހައްޓައިލައިގެން އިނދެ ޝައިނާ ބުނެލި ރާގުގައި ބުންޏެވެ.
"ދިހައެއް ޖަހާއިރަށް ހޮޓެލަށް ދާންޖެހޭ. އޭރަށްގޮސް ނިދާވަރަކަށް ނިދާފަ ތެދުވޭ." ޝައިނާ ފަރުވާކުޑަ ގޮތަކަށް ބުނެލަމުން މޭޒުމަތީގައި ހުރި ތަށްޓާއި ޖޯޑު ނެގިއެވެ. "ވަޓް އިޒް ދިސް ތިންގް؟" ޝައިނާއަށް އޭގައިހުރި ފެހި ޖޫސްފޮދު ފެނި އަހައިލެވުނެވެ.
"ރޭގައި ބަނޑުހައިވެގެން ސްނެކް ކުރީ. ދެޓްސް ސްޕިނެޗް ޖޫސް މާލެއިން އަންނަމުން ގެނައި."
ރާހިލްގެ ޖަވާބާއެކު ޝައިނާއަށް އެތަށް އިރަކު މޫނު ކުނިކޮށްގެން އެ ޖޯޑަށް ބަލަން ހުރެވުނެވެ. މިއީ ކޮންކަހަލަ އިންސާނެއްބާއޭ އޭނާ ހިތަށް އެރިއެވެ. އެހެން މީހުން ދަންވަރު ބަނޑުހައިވެގެން ކަނި ލުއިކާނާއާއި އެނަރޖީ ޑްރިންކެވެ. ރާހިލް ކަނީ ފާޑުފާޑު ތަރުކާރި ލައިގެން ހަދާ ސޭންޑްވިޗާއި 'ސްޕިނެޗް' ޖޫހެވެ. ޝައިނާ ގޮސް އެތަކެތި ސިންކަށްލުމަށްފަހު ކޮފީ މެޝިން ޖައްސައިލިއެވެ. އެވަގުތު ރާހިލްގޮސް ކޮޓަރީގެ ދޮރު ލައްޕައިލިއަޑު އިވުމުން ޝައިނާ އެ ދޮރާއި ދިމާލަށް އެނބުރި ދޫނެރެލައިފައި މަޑުމަޑުން "ހެލްތް ފްރީކް" އޭ ބުނެލައިފިއެވެ.
ހޮޓެލްއަށް އާދެވުމާއެކު އެތަނުގައި ހަރަކާތްތެރިވާ ލޯކަލް ޓީމުން ޝައިނާމެނަށް ހޫނު މަރުހަބާއެއްކިއެވެ. އެއަށްފަހު ގަޑިއެއްހާއިރު ހޭދަވެގެން ދިޔައީ ހޮޓެލްގެ އެކި ތަންތަނުގެ ފޮޓޯ ނެގުމުގައެވެ. 5 ބުރިއަށްނަގާފައިވާ އެ ހޮޓެލްގެ އިމާރާތާއި ފިނިޝިންގްގެ ގިނަ މަސައްކަތްތައް ނިމިފައިވާއިރު ޝައިނާގެ ޓީމަށް ހަވާލުވެފައިވާ މަސައްކަތްތަކަކީ ކުލަލުމާއި އެތެރޭގެ ކުރެހުންތަކާއި ،ފަރުނީޗަރާއި، ދޮރުފޮތި، ކާޕެޓް އަދި ގަސްމުށި ފަދަ އިންޓީރިޔާގެ މަސައްކަތްތަކެވެ. ބޭނުންވާ ގިނަ ސާމާނުތަށް ރަށަށް ގެނެވިފައިވުމާއެކު ޝައިނާ ބޭނުންވީ ލަސްނުކޮށް މަސައްކަތް ފެށުމަށެވެ. އެގޮތުން ކުލަލުމަށް ހަމަޖެހިފައިވާ ޓީމަށް އިރުޝާދު ދޭން ފެށިއެވެ. އަދި ރާހިލް ކުރާނެ ކަމެއް ނޭނގި ފޫހިވެފައި ހުއްޓާ ފެނި ގޮވާލިއެވެ.
"ފޯނު ނަންބަރު ކިޔާބަލަ" ޝައިނާ ބުންޏެވެ. ރާހިލް ދެލޯ ބޮޑުކޮށްލިއެވެ.
"ހާދަ ފާސްޓޭ. އެހާމެ ކެރޭ ދޯ. އެކަމް ހިއެއް ނުކުރަށް ތިހާ ޑައިރެކްޓް ވާނެ ކަމަކަށް އިނގޭ. އެވެސް މި އެންމެން ތިއްބާ" ރާހިލް ލާނެތް ރާގެއްގައި ބުނެލިއެވެ.
"ޝަޓަޕް އެންޑް ސްޓޮޕް ޑްރީމިންގް.. މި ފޮޓޯތައް ޓެލެގްރާމްކޮށްފަ ކުލަލުން ދާގޮތް ބަލާށޭ ބުނަން މި އުޅެނީ. ސިންސް ޔޫ އާރ އޯލްރެޑީ ހިއާ މޭކް ޔޯސެލްފް ޔޫސްފުލް. އޭރުން އަހަރެންނަށް އެހެން ފްލޯރ އެއްގެ މަސައްކަތް ފަށަަންވެސް ދެވޭނީ. އެހެންނޫނަސް ރާހިލް މިތާ އުޅެންޔާ ކޮންޓެކްޓް ކުރާނެ ގޮތެއް ބޭނުންވާނެ ދޯ."
ޝައިނާގެ ވާހަކަ އިވި އެތަނުގައި ތިބި ގިނަ ބައެއްގެ ގާތަށް ހިނިއައެވެ. ރާހިލްއަށް ލަދުން ބޯ ކަހާލެވުނެވެ. އަދި ޝައިނާ ބުނި ގޮތަށް ނަންބަރު ކިޔައިދިނުމަށްފަހު ޝައިނާ ކިޔާދިން އިރުޝާދުތައް އަޑުއެހިއެވެ.
ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ޝައިނާއާއި ރާހިލްއަށް ގެސްޓްހައުސްއަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. ދެމީހުންވެސް ބެލީ އަވަހަށް އެމީހެއްގެ ކޮޓަރިއަށްގޮސް ފެންވަރާލައިގެން ހަމަޖެހިލެވޭތޯއެވެ. ރާހިލް ފެންވަރާލައިގެން ނުކުމެ ޖާރޒީއެއް ލައިގެން އޭނާ ގެންގުޅޭ ކުޑަ ބެކްޕެކާއެކު އައިސް ސިޓިންގްރޫމްގެ ސޯފާގައި އިށީނދެލިއެވެ. ފެންފުޅިއަކާއި ކުޑަ ތުވާލިކޮޅެއް ދަބަހަށް ލުމަށްފަހު ފޯނު ދަބަހަށްލުމަށް ނިއްވާލި ވަގުތު ޝައިނާއުޅޭ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ފަހަތް ބަލައިލިއިރު ކަކުލާ ހަމައަށް އަންނަ ކަޅުކުލައިގެ ނަމާދު ދޮޅިއެށް އަޅައިގެންހުރެ ޝައިނާ ކޮޓަރިން ނުކުންނަނީއެވެ.
"އިޝާއަށް ގޮވައިފި؟" ރާހިލް ފެނުމާއެކު ޝައިނާ އަހައިލިއެވެ. ރާހިލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހަރަކާތްކޮށްލިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޝައިނާގެ އަތުގައި އޮތް މުސްހަފަށެވެ. "ތާކަށް ދާންތަ ތި އުޅެނީ؟" ޝައިނާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ.
"އާނ.. މީ މިއަދު އެކޮޅުން ދިމާވި ނިހާމް ކުޅެންދާ ވާހަކަ ދެއްކީމަ އަހަރެންވެސް ބުނިން ބޭނުމޭ. 7.30 ގަ ބަލާ އަންނާނާމޯ ބުނީ" ރާހިލް ޝައިނާއާ ނަޒަރު ވަކިކޮށްލަމުން ބުންޏެވެ.
ހަގީގަތުގައި ޝައިނާ އެކަހަލަ ގޮތަކަށް ފެނުމުން ރާހިލްއަށް އުނދަގޫވީއެވެ. ރާއްޖޭގައި އުޅުނުއިރު ނަމާދުކޮށްއުޅުނު ނަމަވެސް ރާއްޖެއިން ބޭރަށް ފުރި ހިސާބުން އޭނާއަށް އެކަންކަމަށް ދެވޭ ސަމާލުކަން ކުޑަވިއެވެ. ކިޔެވުމާއި ދުނިޔަވީ އެހެން ކަންކަމަށް އިސްކަންދެވި ދީނި އަޅުކަންތަކަކީ ހަމައެކަނި އުމުރުގެ ވަކި ހިސާބަކުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކެވެންފެށިއެވެ. މަދުމަދުން ރިއާން ނަމާދުކުރާތަން ފެނުނު ކަމުގައިވިޔަސް ނުފެންނަ މަންޒަރެއް ކަމަށް ހަދައިގެން ހުންނަން ފެށިއެވެ. މިހާރު ހުކުރު ނަމާދު ފިޔަވައި އޭނާއަށް ނަމާދެއް ކޮށްލެވުނު ދުވަހެއް އަދި ޤުރުއާން ކިޔެވުނު ދުވަހެއް ހަނދާނުގައެއްވެސް ނެތެވެ. ކުރިން މިކަމާމެދު ވިސްނައިނުލެވުނު ނަމަވެސް ޝައިނާ ފެނުމާއެކު އޭނާއަށް އުނދަގޫތަކެއް ވެއްޖެއެވެ. އޭނާ ދެކުނު ގޮތުގައި ޝައިނާއަކީވެސް އެކަންކަމާ އަޅައިލާ ޒާތުގެ ކުއްޖަކަށް ނުވާނެއެވެ. ސަބަބަކީ ޝައިނާއަކީ ބުރުގާވެސް އަޅާ ކުއްޖަކަށް ނުވާތީއެވެ. ވީއިރު މިއަދު އޭނާއަށް އުނދަގޫ އިހްސާތަކެއް ކުރެވެމުން މިދަނީ ހެޔޮއަމަލުތަކާމެދު ވެވިފައިވާ އިހުމާލުންކަމެއް ޝައިނާއާމެދު ދެކެވުނު ގޯސް ނަޒަރުން ކަމެއް އޭނާއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ޝައިނާގެ ސަބަބުން ކަމުގައިވިޔަސް އޭނާގެ ހިތުގެ ކަނެއްގައި ނޫރުގެ ހުޅުކޮޅެއް ދިއްލައިލެވިއްޖެކަމެވެ.
މާ ގިނަ އިރުތަކެއްނުވެ އިޝާނަމާދުގެ ބަންގީގެ އަޑު އިވެންފެށިއެވެ. މިފަހަރު އޭނާއަކަށް އެ ގޮވައިލުމަށް ބީރުކަންފަތެއް ދޭކަށް ނުކެރުނެވެ. އެހެންކަމުން ނިހާމް ބަލާއައުމުގެ ކުރިން ނަމާދުކޮށްލުމަށްޓަކައި އޭނާ ކޮޓަރިއަށް ވަނެވެ.
މެޗު ނިންމައިލުމަށްފަހު ގެއަށް އައި އިރު ރާހިލްގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރެއް ފެންނަން ނެތްނަމަވެސް ފޫހިކަމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. އާދަޔާހިލާފު ބާރެއްލައިފައި ލައްޕާލެވުނު ދޮރުގެ އަޑު އެޕަރޓްމެންޓްގައި ގުގުމައިލުމާއެކު ކާމޭޒުދޮށުގައި އިން ޝައިނާއަށް ސިއްސައިގެންގޮސް ކުޑަކޮށް ހަޅޭލަވައިގަނެވުނެވެ. ރާހިލްއަށް ޝައިނާ އިންކަން އެނގުމުން ވަގުތުން މޫނުގެ ކުލަވަރު ބަދަލުކޮށްލައި މޫނުމަތި އޮމާންކޮށްލިއިރު ހީވަނީ އެއީ އޭނާ އެކަމަކަށް އާދަވެފައިވާ ހަރަކާތެއްހެނެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ "ހޫކް އަޕް ހިސްޓްރީ" އެހާ މުއްސަނދި ވުމުގެ ސިއްރަކީ މޫނުމައްޗަށް ވެރިކޮށްލާ އޮމާން ހިނިތުންވުމާއި ކޮށްލާ ސަމާސާތަކުގެ ޖާދޫއެވެ.
"ސިހުނީތަ؟" ފިލްމީ ރާގެއްގައި ރާހިލްކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝައިނާ ކަޅި އަނބުރައިލުމަށްފަހު ކޮފީ ޖޯޑުގައި އަލުން ހިފަހައްޓައިލިއެވެ.
"ބަލިވީދޯ!" ޝައިނާ ޔަގީން ކަމާއެކު ބުނެލިގޮތުން ރާހިލް ހައިރާންވިއެވެ. ނަމަވެސް އެކަން ފޮރުވާލަމުން އަވަސްއަވަހަށް ދިފާއުގައި ދެއްކިއެވެ.
"މި ދެން ގުނާވަރު މެޗެއްވެސް ނޫނެއްނު. އެހެންނޫނަސް އަހަރެން ފުޓުބޯޅައަށްވުރެ ކުޅެ އުޅެނީ ބާސްކެޓް."
ރާހިލްގެ ދިގު އިސްކޮޅުން އެކަނިވެސް ޝައިނާއަށް އެވާހަކައިގެ ތެދުކަން އެނގުނެވެ. ރާހިލްއާއި ޒީވާގެ ކޮއްކޮ އިޝްވާއަކީވެސް މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއެކެވެ. ނަމަވެސް ޝައިނާ ރާހިލްއާ ދިމާނުކޮށް ދޫދޭން ބޭނުން ނުވާ ކަހަލައެވެ.
"ނޮޓް އަ ފޭން އޮފް ލޫޒިންގް އައި ސީ" ޝައިނާ ބުނެލިއެވެ. ޖަވާބުގައި ރާހިލް ބަލިވާން ބޭނުންވާނީ ކާކުހޭބުނެ ބޫޓު ބޭލުމަށްފަހު ޝައިނާ އިން ދިމާލަށް ހިނގައިގަތެވެ.
"އޮސްކަރ ޑެލެރެންޓާ؟ އިންޓްރެސްޓިންގް.." ރާހިލް ޝައިނާގެ ކައިރިން ލައިފައި ދަމުން މޭޒުމަތީގައި ބަހައްޓާފައިވާ ލެޕްޓޮޕުން ދައްކަމުން ދިޔަ ފެޝަން ޝޯއަށް އަވަސް ނަޒަރެއް ދިނެވެ.
"ޔޫ ސްޕީކް ރަންވޭ؟" ޝައިނާ ހައިރާންވިއެވެ.
"ބޭބީ އައި އޭމް ރަންވޭ! ޔޫ ސީ ދިސް ހޮޓްނެސް ފްރޮމް ހެޑް ޓު ފީޓް؟" ރާހިލް އައިސްއަލަމާރި ކައިރިއަށް ހުއްޓި އަމިއްލަ މީހާއަށް އިޝާރާތްކޮށްލަމުން ފޮނިވެލިއެވެ. ޝައިނާއަށް އެމަންޒަރުފެނި ފޫހިގޮތަކަށް ކަޅި އަނބުރައިލެވުނެވެ.
"ސޯ.. މޮޑެލިންގ؟؟؟" ރާހިލް އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް ކާމޭޒު ދޮށުގައި ޝައިނާގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނދެލިއެވެ.
"މޮޑެލިންގް އަށްވުރެ ބޮޑަށް ޑިޒައިނިންގް. ޑޯންޓް ޖަޖް" ޝައިނާ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ.
"ވިތް ދެޓް ކްރިއޭޓިވް މައިންޑް އޮފް ޔޯޒް.. އަހަރެން މީ ކާކު ޖަޖް ކުރަން." ރާހިލް ބުނެލިއެވެ.
ޝައިނާއަށް ހުރީ ރާހިލްގެ ވާހަކަ ގަބޫލުވެސް ނުކުރެވިފައެވެ. މިއީ ހަމަ ރިއާންގެ ކެބިންގައި އެދުވަހު އޭނާގެ ހިޔާލަށް ފާޑުކީ މީހާބާއޭ ހިތަށް އެރިއެވެ. ވަކިން ހާއްސަކޮށް ދެންމެ އޭނާ ރާހިލްއާ މެޗުން ބަލިވެގެން ދިމާކުރީމައިވެސް ރާހިލް އޭނާގެ ހިޔާލަށް ތައުރީފު ކުރީ ހެއްޔެވެ.
"ވާއު މިސްޓަރ ރާހިލް. އަނެއްކާ ހަމަ މީގެ ދެތިން ދުވަސްކުރިން އަހަރެންގެ ކްރިއޭޓިވިޓީއަށް ޖޯކު ޖެހި ރާހިލްތަ ތީ.ނޫނީ ކުޅެން ދިޔަތަނުން އެއްޗެއް އަވަލީތަ؟" ޝައިނާ ރައްދުގައި ބުނެލިއެވެ.
ރާހިލްއަށް ފާޑަކަށް މޫނު ހަދައިލެވުނެވެ. އޭނާއާ މިފަހަރު ޖެހިފައި މިހިރީ ވަރެއްގެ އަންހެން ކުއްޖެއްތާއެވެ؟ ތައުރީފެއްކުރިޔަސް ސަލާމަތެއްނެތެވެ. ހުޝާމަތެއްކުރިޔަސް ސަލާމަތެއްނެތެވެ. ރަނގަޅު ހަމަ އެއްގޮތެއްވެސް ނެތީއެވެ. ހަގީގަތުގައި އެރަށަށް އައިސް ހަމަލޮލުން ހޮޓެލް ބަލައިލެވުމާއެކު ޝައިނާގެ ކުރެހުން ތަކުގައިވާ ފަރުމާތަށް ހޮޓެލްތެރެއާ ނުހަނު ގުޅޭނެކަން އޭނާއަށް ވަނީ ގަބޫލު ކުރެވިފައެވެ. އެހެނެއްކަމަކު ޝައިނާގާތު އެކަމާ އެއްބަސްވުމުގެ ހިޔާލެއް އޭނާގެ ނެތެވެ.
"އަދިވެސް އެ ކުރެހުންތަކަކާ އަހަރެން އެއްބަހެއް ނުވަން. އެކަމަކު ޒީއާއި އިޝީއާ ޝައިނާ ފަހާފަ ހުންނަ ބައެއް ހެދުން ލާތަން ސްޓޯރީތަކުން ދެކެން.. ފަހަރެއްގާ ޝައިނާ ކެރިއަރ އެއްގޮތުގަ ޑިޒައިންކުރަން ތި ވިސްނީ ގޯސް ޕްރޮޑަކްޓެއް ކަންނޭނގެ" ރާހިލް ފަރުވާލެއް ނެތްގޮތަކަށް ބުންޏެވެ. ޝައިނާ ރާހިލްއާ ދިމާލަށް ދޫ ނެރެލިއެވެ.
"ނޫޑްލްސް ކާނަން؟" ޝައިނާ ވާހަކައިގެ މިސްރާބު ބަދަލު ކޮށްލިއެވެ. އެވަގުތު ރާހިލްގެ ބަނޑުން ކިޔައިލި އަޑާއެކު ބަނޑުހައިވެއްޖެކަމުގެ އިޝާރާތެއް ފޮނުވައިލިއެވެ. ރާހިލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޝައިނާ ތައްޓަކަށް ނޫޑްލްސް އަޅައިގެން އައިސް ރާހިލްގެ ކުރިމަތީގައި ބެހެއްޓިއެވެ. ރާހިލް ހައިރާންވެފައި ޝައިނާއަށް ބަލައިލިއެވެ.
"އަހަރެން ހިއެއް ނުކުރަން އުމުރު ހުސްވިޔަސް ތި އަތުން ކާން އަޅައިދޭ މަންޒަރު ފެންނާނެ ކަމަށް. ވެދާނެ މިއަށް ޒަހަރެއް އަޅާފަ ކަމަށްވެސްހުރީ އެކަމަކު ޝައިނާދޭ ޒަހަރެއް ކައިގެން މަރުވަންޏާ އަހަރެންދާނީ އުފަލުން" ރާހިލްގެ ހުވަފެނީ ރާގަކަށް ބުނަމުން ޝައިނާއަށް ޖެއްސުންކޮށްލިއެވެ. ޝައިނާ ފޫހިކަމާއެކު ކަޅިއަނބުރައިލިއެވެ.
"އަހަރެން ހިތަށް އަރާ ރާހިލް ތިހެން ޖައްސާ މޮޅެތި ޑްރާމާތަކާއި ޑައިލޮގުތަކަށް ހަމަ އަންހެނުން ހެއްލޭބާއޭ" ޝައިނާ ލެޕްޓޮޕް ނިވާލަމުން ކޮފީތަށި ހިފައިގެން ސިންކް ކައިރިއަށް ޖެހިލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާ ލާނެތް ހިނިތުންވުން ވަނީ ރާހިލްއަށް ފޮރުވައިލެވިފައެވެ. ނަމަވެސް ކޮށިއަރައިގަތް އަޑާއެކު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެންފުޅި ހިފައިގެން އައިސް ސިންކު ކައިރީގައި ހުއްޓުން ރާހިލްފެނި ޝައިނާ ޕަކަޕަކަ ލާފައި ހީގަތެވެ.
ރާހިލްގެ ދެލޯ ފެންކަޅިވެފައިވާއިރު ފާޑަކަށް ދޫނެރެގެން ހުރެ ސިންކުގެ މަތީގައިވާ ކަބަޑު ސެޓުން އެއްޗެއް ހޯދަމުން ދިޔައެވެ. ހަކުރު އަޅާފައިވާ ބިއްލޫރި ފުޅި އަތު ޖެހުމާއެކު ސަމްސަލެއް ނަގައިގެން އެ ކާން ފެށިއެވެ. ރާހިލްގެ އަނގައިން ކުޅިކަން ފިލާގޮސް ޝައިނާއާ ދިމާލަށް ކަޅިއަޅައިލި އިރުވެސް ޝައިނާއަށް ހިނިގަނޑު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. ރާހިލް ދެފަރާތަށް ބޯހޫރައިލުމަށްފަހު ބާރު ބާރަށް ގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ.
"ކިހިނެއްވީ ހެލްތީ ޑަޔަޓަށް ހަހަހަ މުޅި އަހަރަށް ވާވަރަށް ހަކުރު ކެވިއްޖެ ދޯ ހަހަހަހަ" ޝައިނާ ރާހިލްއަށް އަޑު އިވޭ ވަރަށް ބާރަށް ގޮވައިލިއެވެ. އޭނާ އެ ނޫޑްލްސް ތަށި އެވަރަށް ކުޅި ކުރީވެސް ރާހިލްއަށް ލަނޑެއް ދިނުމުގެ ނިޔަތުގައެވެ. ލިބުނު ކާމިޔާބާމެދު ހިތްހަމަ ޖެހިފައިހުރެ އޭނާވެސް ކޮޓަރިއަށް ވަނީ މާދަމައަކީ މަސައްކަތުގައިވެސް ބޮޑު ދުވަހަކަށް ވާނެތީ އަރާމު ކޮށްލުމަށެވެ.
**********
ޖެހިގެން އައި ދުވަހު ރާހިލަށް ހޮޓެލަށް އާދެވުނުއިރު ދުވަހުގެ ބޮޑުބައި ނިމި، ގިނަ މަސައްކަތްތަށް ވަނީ ހުއްޓާލެވިފައެވެ. އޭރު މަގުގެ އަނެއްފަޅީގައި ބަހައްޓާފައިހުރި ޖޯލިފަތީގައި އެއްބަޔަކު މާ ވަރުގަދަ ވާހަކައެއް ދައްކާފައި ހޭން ތިއްބެވެ. ރާހިލް އެދިމާލަށް ހިނގައިގަތްތަން ފެނުމާއެކު ނިހާމް އޭނާ އިން ޖޯލިން ތެދުވެގެން އައިސް ރާހިލް ކައިރި ހުއްޓިލަމުން ސިނގެރޭޓެއް ދިއްކޮށްލިއެވެ. ރާހިލް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލުމަށްފަހު އެންމެން މާ ހީހިފައި ދައްކަނީ ކޮން ވާހަކައެއްތޯ އަހައިލިއެވެ.
"އަހަހަހަ ނޭނގޭތަ؟ އަހަރުމެން މި ދައްކަނި ރާއްޕެ ނަސީބުގަދަ ވާހަކަ. މަ މި ކިޔަނީ މި މީހުން ކައިރި ކަލޭމެންވެސް ކިޔަވައިގެން މަތީ ވަޒީފާއަކަށް ދެވުނީމައޭ ރީތިކަހަލަ މަންޖެއެއްވެސް ވާނީ" ނިހާމް ހެވިފައި އަތުގައި އޮތް ސިނގިރޭޓު ދަމައިލިއެވެ.
"އަދި ނޭނގުނު ތި ކިޔާ އެއްޗެއް" ރާހިލް ހުރީ ރަނގަޅަށްވެސް ވާނުވާ ނޭނގިފައެވެ. އޭނާ އެދިމާލަށް އައީ ކޮންމެހެން އެމީހުންގެ ވާހަކައިގައި ބައިވެރި ވާކަށްވެސް ނޫނެވެ. ޝައިނާ ވީ ކޮންތާކުތޯ އަހައިލުމަށެވެ. ނަމަވެސް ދެން ނިހާމްގެ ފަރާތުން އިވުނު ވާހަކައިން އޭނާގެ ސުވާލަށް ޖަވާބު ލިބިގެންދިޔައެވެ.
"ސާބަހޭ… ބްރޯއެއް ނޫންތަ މި ރާއްޖޭގަ ނެތްވަރު ރީތި މަންޖެއެއް ގޮވައިގެން އައިސް ތި އުޅެނީ؟ މިތާ އެންމެން މަށަށް މަށަށް ކިޔާލަ ކިޔާލަ ހުއްޓާ ރާއްޕެ މިއަދު ހަތަރުދަމު އެ މަންޖެ އޮފީހަށް ވައްދައިގެން ނޭނގެ ކުރާ ކަމެއްވެސް… އަހަރުމެންނަށް އެނގޭ އޭނަގެ ގޮތް. އެކަމަކު ކީއްކުރާނީ؟ ހަޖަމު ކޮށްލައިގެން ތިބޭކަށްނު ޖެހޭނީ. އެގޮތަށް އޮފީސްތަކުން ދަތުރުވަރުގަ ރަށްރަށަށް އައިސް އުޅޭ ކުދިންގެ ގޮތްވެސް އަހަރުމެންނަށް އެނގޭ."
ނިހާމްގެ ވާހަކައިގައި ސަމާސާ ރާގެއް އެކުލެވިފައިވިޔަސް ރާހިލް ހުރީ އެދެއްކި ވާހަކައިން ހިތްހަމަ ނުޖެހިފައެވެ. ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވޭތުކުރުމަށްފަހު އައިސް ދިވެހިންގެ ބަހާއި އާދަކާދަތަކަށް ހޭނިގަތުމަށް އޭނާ ކިތަންމެ ހިތްވަރެއްކުރި ކަމުގައިވިޔަސް ބައެއްފަހަރު ދިވެހިންގެ ބަހާއި އަމަލުން ފެންނަ ނާތަހުޒީބުކަމާއި ހަނި ވިސްނުމަކީ އޭނާއަށް ގަބޫލުކުރެވޭ ކަންކަމެއް ނޫނެވެ. އެކި ޤައުމުތަކުގެ ފަތްމިނިންނާ ދިމާވެ ވާހަކަ ދެކެވިފައިވިޔަސް އެ ރީތީންގެ ލިސްޓަށް ޝައިނާލުމަކީވެސް ޝައިނާގެ ރީތިކަމަށް ކުރެވޭ މަލާމާތެއްކަން އޭނާވެސް އެއްބަސްވެއެވެ. ވީއިރު މިވަރު ބަޔަކަށް އެފަދަ ރީތި ކުއްޖެއް ފެނުމުން ކުރާނެވަރާއި އެމީހުންގެ ވިސްނުމާއި ހިޔާލު ޝައިނާއާ ދޭތެރޭ ހުންނާނެގޮތް ރާހިލްއަށް ރަނގަޅަށް އެނގެއެވެ. ހުދު އޭނާއަކީވެސް އަންހެންކުދިންނާ ދޭތެރޭ މާ މާތް ފިކުރުތަކެއް ގެންގުޅޭ މީހެއްނޫނެވެ. ނަމަވެސް އެތާތިބި އެންމެން ކާމިޔާބު ކުރަން އުޅޭ އިނާމެއްފަދަ އެއްޗެއްގެ ދަރަޖައަށް ޝައިނާ ވައްޓާލީތީ ނޭނގޭ ރުޅިވަރިކަމެއް ހިތުގައި އުފެދިއްޖެއެވެ.
މަސްލަހަތު ގޯސްވެދާނެފަދަ ގޮތަކަށް އެއްޗެކޭ ބުނެވުމުގެ ކުރިން އެނާ އެތަނުން ދުރަށް ހޮޓެލާ ދިމާލަށް ހިނގައިގަތެވެ. ރުޅިއައިސްފައިހުރެ އެންމެ ތިރީ ފަންގިފިލާގެ ރިސެޕްޝަންގެ ފުރަގަހުން ދޮރެއް ހުޅުވައިލުމަށްފަހު ހުސްކޮށް އޮތް އޮފީސް ޖާގަ ހުރަސްކޮށް ގޮސް ފަހަތުގައި ހުރި ބިއްލޫރި ދޮރެއް ކަހައިލިއެވެ.
އެއީ ކިރިޔާ އޮފީސް މޭޒަކާއި ގޮނޑިއެއްގެ އިތުރުން ދެމީހުނަށް އިށީނދެވޭވަރު ކުޑަ ސޯފާއެއް ބެހެއްޓޭވަރު ޖާގައެއްހުރި ކެބިނެކެވެ. މޭޒުކައިރީގައި ފޯނުގައިހުރި ޝައިނާއާއި ގޮނޑީގައި އިން ފިރިހެންމީހާގެ ދެމެދުގައި ހުރި ދުރުމިން ފެނި ރާހިލްގެ ނިއްކުރީގައި ޖެހިފައިވާ ރޫތަށް ފިލައިދިޔައެވެ.
"ވަޓްސް އަޕް؟" ރާހިލް ހަމަޖެހިލަމުން ބުނެލިއެވެ. ޝައިނާ ކަންފަތުން ފޯނު ނައްޓާލުމަށްފަހު އޭނާއާ ދިމާލަށް އެނބުރުނެވެ. ނަމަވެސް ރާހިލްއަށް ރައްދުދިނުން މުހިއްމު ކަމަކަށް ނަހަދައި އަލުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކޮންމެވެސް ވާހަކައެއް ދައްކަމުން ރާހިލް ހުރަސްކޮށް ކެބިންއިން ނުކުމެގެންދިޔައެވެ.
އެތެރޭގައި ހުރި ޒުވާނާއަށް ރާހިލްގެ ސަމާލުކަން ހުއްޓޭވަރުވީ އަދި ކިރިޔާއެވެ. ކަޅުކުލައިގެ ގިރުއާން ލީ ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރި އިރު އޭނާގެ ދިގުކޮށްފައިވާ ބުޅި އިސްތަށިގަނޑުވަނީ ފަހަތަށް ގެންގޮސް އައްސައިލާފައެވެ. އިސްކޮޅުން ޝައިނާއާ ދާދި އެއްވަރަކަށް ހުރިއިރު ހިސާބަކަށް ރަތްވެފައިވާ އިސްތަށިގަނޑާއެކު ކަންފަތާއި މޫނުގެ ކުލަ ވަކިވާހެން ފާހަގަވާން ހުރުމުން އަތްވާއި މޫދުގައި ގިނަ ވަގުތު ހޭދަކުރާ މީހެއްކަން ދެނެގަންނާކަށް ރާހިލްއަކަށް އުނދަގުލެއް ނުވިއެވެ.
"ރާފިޔު އިނގޭ. ހޮޓެލް ހުޅުވުމަށްފަހު މިކޮޅުގެ ކަންކަން ބަލަހައްޓަން އުޅޭނީ އަޅުގަނޑު" އޭނާ ތައާރަފުވެލަމުން ސަލާމަށް އަތްދިއްކޮށްލިއެވެ. ރާހިލް އޭނާއާ ސަލާން ކޮށްލަމުން ނަން ބުނެލިއެވެ. ހުދު އޭނާއަށްވެސް އެތަނުގައި އޭނާގެ ހައިސިއްޔަތަކީ ކޮބާކަން ނޭނގޭތީ ހަމައެކަނި ނަން ބުނެލައިގެން ފުއްދާލީއެވެ.
"ރާހިލް"
ފަހަތުން އިވުނު ޝައިނާގެ އަޑަށް ރާހިލްގެ ސަމާލުކަން ހުއްޓުނެވެ. އަދި އެ ކުޑަ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ.
"ކިހިނެއް މިކޮޅަށް އައީ؟" ޝައިނާ ކައިރީގައި ހުއްޓިލި ރާހިލް ގާތު އެހިއެވެ. ރަށުގެ ބޮޑުކަމާއެކު އެމީހުން ތިބުމަށް ހަމަހެހިފައިވާ ގެސްޓްހައުސާއި ފުދޭވަރަކަށް ދުރުގައި ހުންނަ ހޮޓެލެއްގައި މަސައްކަތް ކުރަން ޖެހޭތީ ރިއާން ވަނީ ސައިކަލެއް ހަމަޖައްސައިފައެވެ. މިއަދު ޝައިނާ އެ ސައިކަލުގައި އައުމުން ރާހިލް އައިގޮތެއް އޭނާ އޮޅުންފިލުވަން ބޭނުންވީއެވެ.
"ކާރެއް ނަގަން އުޅުނީ. ބަޓް އައި ޖޮގްޑް ހިއަރ. އިރު އޮއްސެނީނު" ރާހިލްގެ ޖަވާބު އިވި ޝައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިއޮށް ދުރަށް ރާހިލް އެ އައީ ފައިމަގުގައި ހެއްޔެވެ. ރާހިލް ފަދަ ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް އެއީ މާ ބޮޑު ކަމަކަށް ނުވާނެކަން އެނގުނަސް އެކަން ނަގައިގަންނަން އުޅޭ ބީދައަކުން އޭނާ ރާހިލްގެ ބޮލުން ފެށިގެން ފަޔާހަމައަށް ނަޒަރު ހިންގައިލިއެވެ. ދަލުގެ ސަބަބުން ގަޔަށް ހިފާލައިފައިވާ ޖިމްވެއަރއިން އެކަނިވެސް އޭނާއަށް އެ ވާހަކައިގެ ތެދުކަން ކަށަވަރުވިއެވެ.
"ތިހާވަރަށް ބޭނުމިއްޔާ ތަންކޮޅެއް ކައިރިން ބަލައިލަން ދީފާނަމޭ" ރާހިލްގެ އަޑަށް ވެރިވެފައިވާ ލާނެތްކަން އިވި ޝައިނާއަށް އަވަސް އަވަހަށް ދުރު ބަލައިލަމުން ފޫހިކަމާއެކު ތުން އަނބުރައިލެވުނެވެ.
"އޯ ޕްލީސް. ޒަހަރެއް ބޮވިގެން ހޮޑުލާން ބޭނުން ދުވަހެއް އައިއްޔާ ތި އޮފަރ އާ ދޭތެރޭ ވިސްނާނަން." ޝައިނާ ބުންޏެވެ.
"ޒަހަރުގެ ވާހަކަ ދެއްކީމަ މި ހަނދާންވީ… ދެން އަހަރެންނަށް ދޭ ކާ އެއްޗަކަށް އަޅާނެ ޒަހަރެއް ހޯދައިފިންތަ؟ އަހަންވާނެތާ ދޯ މިހާރު ގޭގަ ހުރިއްޔާ ހުރި މިރުހެއް އަހަންނަށް ކާންދީފިވިއްޔާ." ރާހިލްގެ ވާހަކައިން ޝައިނާއަށް ރޭގަ ރާހިލް އުޅުނުގޮތް ހަނދާންވެ ހޭންފެށުނެވެ.
"މިހާރު ދެމީހުން އެއްވަރެއްނު. ހީކުރީތަ އަހަރެންގެ މޫނަށް ފެންތައް ބުރުވާލި މީހަކީ ރާހިލްކަން ޒީ އަހަރެން ކައިރި ނުބުނެ ހުންނާނޭ." ޝައިނާ ބުންޏެވެ.
ޝައިނާގެ ވާހަކައިން ރާހިލްއަށް ކުއްލި ސިހުމެއް ލިބުނެވެ. އެފަދަ ކުޑަކަމެއްވެސް ޝައިނާ އެހާ ބޮޑުކޮށްލީތި ރާހިލް ހައިރާން ވިއެވެ. ޝައިނާގެ ބޭރުފުށުން ފެންނަ ތޫނުފިލިކަމާއި ހަރުދަނާ ކަމުގެ ނިވަލުގައި މިވަނީ ކުދި ކަންކަމާވެސް ބަދަލުހިފާވަރު ކުޑަކުއްޖެއްގެ ހިތެއްތާއެވެ. ރާހިލްގެ ގާތަށް ކުޑަކޮށް ހިނިއައި ނަމަވެސް ދިފާއުގައި ވާހަކަ ދެއްކިއެވެ.
"އެއީ މުޅިން އަހަރެން ކުރި ކަމެކޭ ނުބުނެވޭނެ. އަހަރެންގެ ގައިގަ އައިސް ޖެހިގަތީ އަމިއްލައަކަށްނު" ރާހިލް ބުންޏެވެ. ޝައިނާ ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވައިލިއެވެ. އެއާއެކު ރާހިލް ހިނިއައިސްފައިހުރެ އެއްޗެއް ވިސްނާ ފަދައަކުން ބޯ ޖަހައިލިއެވެ.
"ހާދަ ޗައިލްޑިޝްއޭ ދޯ؟ އެކަމު ބަލަމާ ކާކަށްތޯ މި ފެށުނު ގޭމް ކާމިޔާބު ކުރެވެނީ." ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާ އާ ހަތަރުކަޅި ހަމަކޮށްލިއެވެ. ބަދަލުގައި ރާހިލްއާ ދިމާލަށް ދޫނެރެލުމަށްފަހު ޝައިނާ އެތަނުން ދާން ހިނގައިގަތެވެ. ރާހިލް ދެފަރާތަށް ބޯ ހޫރައިލަމުން ހޭން ފެށިއެވެ. ޝައިނާގެ ފަރާތުން އޭނާއަށް މި ފެންނަނި މުޅިންވެސް އަޖައިބުވާފަދަ ކަންތައްތަކެވެ. ޝައިނާ އެފެށި ކުޅިގަނޑު ކޮންމެހެންވެސް ކާމިޔާބު ކުރަން ރާހިލް ހިތުލިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ދިގުކޮށް ގެނެސްދޭތީ ވަރަށް އުފާވޭ. އެކަމަކުވެސް ހިތެއް ނުފުރޭ. ވަރަށް ކިޔާހިތުން މިވާހަކަ މިކިޔަނީ. ސިފަކުރުންތައް ވަރަށް ފުރިހަމައޭ ބުނެލާނީ. ޒީ އާއި ރިއާންގެ ދެމެދުގަ ކުރިން މައްސަލައެއް ޖެހިފައޭވެސް އެބަހީވޭ. ޝައިދެކެ މަރުވާފަދަ ލޯތްބެއް ރާހިލް ވާނެހެން ހީވަނީ. ވަރަށް ރީތި މިބައިވެސް. ދެންއޮތް ބަޔަށް ކެތްމަދު… ތޭންކްސް އަންޔާ ސިސް.❤
ޝުކުރިއްޔާ ނޫރް❤️ އިރާދަކުރެއްވިއްޔާ މިއަދުގެ ވަގުތެެއްގަ ދެން އޮތްބައި ގެނެސްދޭނަން.