އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރޭގައި ހިމެނޭ، ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
މިކަން ހާމަކުރައްވައި ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް މިއަދު އެކްސްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ އާރަށުގެ މައްސަލައިގެ އަޑުއެހުން އާދީއްްތަ ދުވަހުގެ މެންދުރު 13:45 އަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
އެންމެ ފަހުން ބާއްވަން ތާވަލު ކުރި ރައީސް ޔާމީންގެ އިސްތިއުނާފީ އަޑު އެހުން ކެންސަލްވިއެވެ. ސަބަބެއް ކަމުގައި ވިދާޅުވީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން ކަމަށެވެ.
ޕީޕީއެމް ޕީއެންސީގެ އިންތިޚާބީ ރައީސް އެމަނިކުފާނުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްްވުމަށް، އެ ޑރ. މުޢިއްޒު އިންތިޚާބުވެވަޑައިގެން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ގޮވާލެއްވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގޭބަންދަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. މިހާރު ރައީސް ޔާމީން ހުންނެވީ ވަގުތީ ގޮތުން ގޭބަންދުގައެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ގެއްލިވަޑައިގެން، ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ނިންމާފައިވާތީ، މިމައްސަލައިގެ އިސްތިއުނާފު ކުރިއަށް އެބަގެންދަވައެވެ. ހަމައެހެންމެ އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.