އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ސަފީރު މުނޫ މަހާވަރުއާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލު ކަމަށް އިންޑިއާއިން ފުރިހަމަައަށް އިޙްތިރާމް ކުރާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވާފައިވާ ކަމަށް، އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒު އާއި އިންތިޚާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިއްޔެ، އިންޑިޔާ ސަފީރާއެކު ބައްދަލުކުރެއްވީ، މުއިއްޒުގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ އެ މަނިކުފާނުގެ ވެރިކަމުގައި، އިންޑިއާއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިޙަތިރާމްގެ އަސާސްތަކުގެ މައްޗަށް އިއާދަކުރައްވައި ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރެއްވުމާ ގުޅޭ ގޮތުން ވާހަކަ މަޝްވަރާކުރެވުނު ކަމަށެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވި ކަމަށް އެ މަނިކުފާނުގެ އޮފީހުން ހާމަކުރައްވާފައިވަނީ، ރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމި ނިންމުން ތަކުރާރުކުރައްވައި އެކަން ކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިކަމަށާއި، މިހާރުގެ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތެއް ހަމަޖައްސަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.
ހަމައެހެންމެ، ހައި ކޮމިޝަނަރު ވިދާޅުވި ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިވަނީ ސިޔާދަތީ މުސްތަގިއްލު ކަމަށް ފުރިހަމައަށް އިހުތިރާމުކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި، ލޯނުތައް އަދާކުރުމުގައި ފަހި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް، ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ދޭނެ ކަމަށްވެސް ވިދާޅުވި ކަމަށެވެ.
ޕީޕީއެމް ޕީއެންސީން އެންމެ ވަރުގަދައަށް ހިންގި ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ކެމްޕޭނެވެ. ޕީޕީއެމް ކޯލިޝަނުން ދެކޭގޮތުގައި، ކުރާ ގޮތުގައި އިންޑިއާގެ ނުފޫޒު ރައީސް ޞާލިޙްގެ ސަރުކާރުގެ ތެރޭގައި ބޮޑެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މައްޗަށް ކުރި ހޯއްދެވި މުއިއްޒު ވަނީ، އެ މަނިކުފާނުގެ ޒައާމަތުގައި އިންޑިއާއާ އެކު ވެސް ގުޅުން ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.