މިއަދަކީ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ކަމަށްވުމާއެކު، އެ ދުވަސް ރާއްޖޭގެ ސްކޫލުތަކުގައި ފާހަގަ ކުރުމަށް ތައްޔާރުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ފާހަގަ ކުރާން ފެށިގައިވަނީ 1994 ވަނަ އަހަރުގެ އޮކްޓޯބަރ 5 ވަނަ ދުވަހުން ފެށިގެންނެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރ 5 ވަނަ ދުވަސް މުދައްރިސުންގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަ ކުރަމުންނެވެ.
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހަކީ، މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ. ކޮންމެ އަހަރެއްގައިވެސް މި ދުވަހަށް ކަނޑައަޅާ ޝިއާރުތައް ގުޅުވައިލެވިފައި ހުންނަނީ ކިޔަވައި ދިނުމާގުޅޭ ކަންކަމަށާއި، މުދައްރިސުންނަށް ހުރި ފުރުޞަތުތަކަށާއި، ޓމުދައްރިސުންގެ ޙައްޤުތަކާއި ޒިންމާތަކުގެ މައްޗަށެވެ.
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގައި 4 ފަރާތެއް ޝާމިލުވެއެވެ. އެއީ، ޔުނިސެފާއި، ޔުނެސްކޯއާއި އައިއެލްއޯގެ އިތުރުން އެޑިޔުކޭޝަނަލް އިންޓަރނޭޝަނަލް އެވެ.
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހަށް ޔުނިސެފުން މިއަހަރު ކަނޑައަޅައިފައިވާ ޝިޢާރަކީ:
"The teachers we need for the education we want: The global imperative to reverse the teacher shortage"
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ޔުނިސެފުން ކޮންމެ އަހަރަކުވެސް ޝިޢާރުތައް ކަނޑައަޅަނީ ވަރަށް މުނާސަބު ގޮތެއްގައެވެ. މިއީ، ވަރަށް މުހިއްމު މަޤްޞަދެއްގައި ކުރަމުން އަންނަ ކަމެކެވެ. އެހެނީ، ދާއިރާގައި ހުންނަ މައިގަނޑު ކަންކަމަށް ހައްލު ހޯދުމަށާއި މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ކަނޑައަޅާ މިފަދަ ޝިއާރުތަކުގެ ބޭނުމަކީ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމެވެ.
ހިތާމައަކީ، ރާއްޖޭގައި މިހާތަނަށް ކަން ހިނގައިފައިވާ ގޮތަށް ބަލާއިރު، ފާހަގަ ކުރެވެނީ، "ޓީޗަރސް ޑޭ" ފާހަގަ ކުރެވުމުން އެނިމުނީ ކަމަށެވެ.
އެ އަހަރަކަށް ކަނޑައެޅިފައި އޮންނަ ޝިޢާރު އޮންނަނީ ނޭނގުމެއްގެ ތެރޭގައެވެ. އެ ޝިއާރުގެ މައްޗަށް ނަޒަރު ހިންގާ ގެންނަންޖެހޭ ބަދަލުތަކާ މެދު މާބޮޑަށް ސަމާލުކަމެއް ނުދެވެއެވެ.
އެހެންނަމަވެސް، އެ އަހަރަކަށް ކަނޑައަޅާ ޝިޔާރަކަށް ސަމާލުކަމެއް ދީގެން، ތަޢުލީމީ ކުރިމަގަށްޓަކައި، މުހިއްމު ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް ދެކެމެވެ.



