7 ފެބުރުވަރީ 2025

"ބީއެމްއެލްއިން ފޮނުވާ އެސްއެމްއެސްތަކުގައި ލިންކެއް ނުހިމެނޭނެ"

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޮނުވާ އެސްއެމްއެސްތަކުގައި ލިންކެއް ނުހިމެނޭނެ ކަަމަށް އެ ބޭންކް އިން ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުގައި ބަހައްޓާފައި ހުންނަ ފައިސާ، ސްކޭމްތަކުގެ ސަބަބުން ދަނީ ގެއްލެމުންނެވެ. ނަމަވެސް، ބީއެމްއެލްގެ ސެކިޔުރިޓީ ފީޗާސްތައް ވަރުގަދަކުރެވި، މިފަހަކަށް އައިސް އެމައްސަލަތައް މަދުވެފައިވާކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް، ސެކިޔުރިޓީ ފީޗާސް ވަރުގަދަކުރާ ވަރަކަށް އެހެން ގޮތްތައް ހޯދައި، ސްކޭމް ކޮށްގެން ފައިސާ ހޯދާ އުކުޅުތައްވެސް ދަނީ ބަދަލުކުރުމުންނެވެ.

އަނެއްކާވެސް،  ބީއެމްއެލްގެ ނަމުގައި އެސްްއެމްއެސް ފޮނުވައިގެން މީހުން އަތުން ފައިސާ ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލް އިން އިއްޔެ ވަނީ އެފަދަ މެސެޖެއްގެ ސްކްރީންޝޮޓެއް އާއްމު ކޮށް، އަދި މިއީ ސައްހަ އެސްއެމްއެސް އެއް ނޫން ކަަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ ބޭންކް އިން ވިދާޅުވެފައިވާގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ފޯން ނަންބަރު ސްޕޫފްކޮށްގެން ލިންކް ހިމަނައިގެން އެސްއެމްއެސް ފޮނުވައެވެ.

"މިފަދަ ލިންކްތަކަށް ނުފިތާ! ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ."، އެ ބޭންކް އިން ވިދާޅުވެއެވެ.

އޮޅުވާލައިގެން ފައިސާ ހޯދުން (ސްކޭމް) ހުއްޓުވުމަށް ޓަކައި ކަމާ ބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޓާސްކްފޯހެއް ހަދަން އަންގަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ވެސް ފާސްކުރިއެވެ.

ސްކޭމް ހުއްޓުވަން ޓާސްކްފޯހެއް ހަދަން އަންގަން ނިންމީ ސްކޭމްތައް ނުހުއްޓުވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުބާރު ގެއްލޭތީ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މައްސަލަ އެސްއޯއީ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގައެވެ.

އެ ރިޕޯޓްގައިވާ ހުށަހެޅުމުގައިވާ ގޮތުން އެމްއެމްއޭއިން އިސްނަގައިގެން އުފައްދާ އެ ޓާސްކްފޯސް ވާން ޖެހޭނީ މަލްޓި-އޭޖެންސީ ޓާސްކްފޯހަކަށެވެ. އެ ޓާސްކްފޯހުން ކުރަން ޖެހޭނެ ކަމަކީ، ސްކޭމް ހުއްޓުުވުމަށް ޓަކައި މަސައްކަތްކުރާނެ ނިޒާމެއް، ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކާ އެކު މަސަައްކަތްކޮށްގެން ގާއިމްކުރުމެވެ. އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެ ރިޕޯޓް މަޖިލީހުން ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ޓާސްކްފޯސް އުފައްދައި، ސްކޭމާ ދެކޮޅު ނިޒާމު ވެސް އެކުލަވައިލަން ޖެހޭނެ އެވެ.

އެހެންނަމަވެސް، މި ކޮމިޓީގެ މަސައްކަތް ހިނގާކަމެއް ނުވަތަ ނުހިނގާކަމެއްވެސް ރައްޔިތުންނަށް ސާފެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު