އެމަނިކުފާނަކީ މުދައްރިސެއްގެ ގޮތުގައި ތިން ޤައުމެއްގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމުން މުދައްރިސުން ޤައުމަށް ކޮށްދޭ ޚިދުމަތުގެ މުހިންމުުކަން ރަނގަޅަށް އިޙުސާސް ކުރެެއްވޭ ކަމުގައި ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ، މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ކުޅަދާނަ އެންމެހާ މުދައްރިސުންނަށް ދަންނަވާކަމަށާއި، އެމަނިކުފާނަކީ މުދައްރިސެއްގެ ގޮތުގައި ތިން ޤައުމެއްގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމުން މުދައްރިސުން ޤައުމަށް ކޮށްދޭ ޚިދުމަތުގެ މުހިންމުުކަން ރަނގަޅަށް އިޙުސާސް ކުރެެއްވޭ ކަމުގައެވެ.
"މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ކުޅަދާނަ އެންމެހާ މުދައްރިސުންނަށް ދަންނަވަން. އަޅުގަނޑަކީ މުދައްރިސެއްގެ ގޮތުގައި ތިން ޤައުމެއްގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމުން މުދައްރިސުން ޤައުމަށް ކޮށްދޭ ޚިދުމަތުގެ މުހިންމުުކަން ރަނގަޅަށް އިޙުސާސް ކުރެވޭ މީހަކީމު."
ރައީސް މައުމޫން ވިދާޅުވިއެވެ.
ވެރިކަމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުންވެސް ރައީސް މައުމޫން ގެންދެވީ މެދުނުކެނޑި މުދައްރިސެއްގެ ދައުރު އަދާކުރައްވަމުންނެވެ. އިސްލާމީ ޝަރީޢަތާއި އުޞޫލުލްފިޤުހުގެ ޢިލްމުގެ ފިލާވަޅުތައް ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ދަރިވަރުންނަށް ގަވާއިދުން ނަންގަވައިދެއްވަމުން ގެންދެވި އުސްތާޒެކެވެ.
ރައީސް މައުމޫނަކީ ތަޢުލީމް ފެތުރުއްވުމަށް އިސްކަން ދެއްވި ރައީސެކެވެ. ރައީސް މައުމޫން ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ ސަރުކާރުގެ އެންމެ 4 ސްކޫލެވެ. ލިޔަންކިޔަން ދަންނަ މީހުންނަށްވުރެ، ލިޔަންކިޔަން ނުދަންނަ މީހުން ގިނައެވެ. 2008 ގައި އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު، ސަރުކާރުގެ 221 ސްކޫލް ހިނގަމުންދިޔައެވެ. 1978 ގައި، 65 ޔުނިވަރސިޓީ ގްރެޖުއޭޓުން ތިބިއިރު، އެމަނިކުފާނުގެ ރިޔާސަތުގައި އެއަދަދު 4000 އަށް އިތުރުވެގެން ދިޔައެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އޮތީ ހުޅަނގުގެ ޤައުމުތަކާ ފައިހަމަކުރެވޭ މިންވަރުގައެވެ. 99 އިންސައްތައާ ގާތްކުރާ އަދަދެއްގައެވެ.



