Thursday, 25 July 2024

އިންތިޚާބީ ރައީސަށް ތާއީދު ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނަން: ރައީސް ޔާމީން

އިންތިހާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވި ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވައިގެން އިދިކޮޅު ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ހީފުޅުވި ކަމަށާއި ނަމަވެސް މިހާރު ލިބޭ އެންމެ ބޮޑު އުފަލަކީ މި ސަރުކާރު ބަދަލުކޮށް އިދިކޮޅަށް އިންތިޚާބު ކާމިޔާބު ކުރެވުން ކަމަށެވެ.

އެހެންކަމުން މިހާރު މި ސަރުކާރުގެ ފަރާތްތަކަށް ޙަޤީޤީ މަންޒަރު ފެންނާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަލަށް އިންތިހާބުވި، އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، އެބޭފުޅުން ކުރައްވާ މަސައްކަތުގައި މުއިއްޒަށް ތާއީދު ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ޕާޓީން މިހާރު ހޮވެވަޑައިގެންފައި ހުންނެވި ރައީސަށް ތާއީދު ކުރުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން" ރައީސް ޔާމީން ވިދާޅުވިއެވެ.

ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. ރައީސް ޞާލިހާއި މުއިއްޒާ ދެމެދުގައި 19،291 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް އޮތް ކަމަށް ނަތީޖާ އިން ދައްކައެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ވާދަކުރައްވައި، މުއިއްޒު ކާމިޔާބު ހޯއްދެވިއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާ ވަނީ ފަށައިފައެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވަނި އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު