ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ޤާބިލް އަންހެނުން ހިމެނޭ ގޮތަށް ކަމަށް ޕީޕީއެމް ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ، ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަންހެން ބޭފުޅަކު ފެނިފައިނުވާތީ އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ހީީނާ ވިދާޅުވީ، މި ފޮޓޯއަކީ (ތިރީގައިވާ ފޮޓޯ) އަކީ ޑިރެކްޓަރ ޖެނެރަލް އޮފް އޮފް ޓްރާންސިޝަން އެޕޮއިންޓް ކުރުމަށް ބޭއްވި ރަސްމިއްޔާތުކަމަށާއި، މީގައި ބައިވެރިވީ ދެޕާޓީގެ ލީޑަރުން ކަމަށާއި، އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ދެވަނަ އަށް އެންމެ އިސްކަން ދެއްވާފައިވަނީވެސް އަންހެނުންނަށް ކަމަށެވެ.
"ޓްރާންސިޝަން ކޮމިޓީތައް އެކުލަވާލެވެނީ ތަފާތު ދާއިރާތަކުން ފަންނުވެރި ހުނަރުވެރި ގާބިލް އަންހެނުން ހިމެނޭ ގޮތަށް. މި ފޮޓޯއަކީ ޑ ޖ އޮފް ޓްރާންސިޝަން އެޕޮއިންޓް ކުރުމަށް ބޭއްވި ރަސްމިއްޔާތު. މީގައި ބައިވެރިވީ ދެޕާޓީގެ ލީޑަރުން. އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ދެވަނަ އަށް އެންމެ އިސްކަން ދެއްވާފައިވަނީވެސް އަންހެނުންނަށް."
ހީނާ ވިދާޅުވިއެވެ.
ޤާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމުކޮށް ބަލަހައްޓަންޖެހޭނީ "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" އެވެ. ހަމަ އެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަޤާމަށް މީހަކު ހަމަޖައްސަންޖެހޭނީ އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމާއެކު، މިއަދު 05 އޮކްޓޫބަރު 2023 ގައި "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަޤާމަށް، ޕީޕީއެން ޕީއެންސީއިން ހުށަހަޅުއްވާފައިވާ ނަންކަމުގައިވާ ޢަބްދުއްރަހީމް (އަދުރޭ) ކޮމިޝަނުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.
މި ރަސްމިއްޔާތުގައި ޕީ.ޕީ.އެމް ޕީ.އެން.ސީގެ ލީޑަރޝިޕްގެ ގިނަ މެންބަރުންނާއި، ކޮމިޝަނުގެ ރައީސާއި ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެއްވެސް އަންހެން ބޭފުޅަކު ނުހިމެނުމުން އެތައް ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
މި ބައްދަލުވުމުގައި، ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތުގައި ސިވިލް ސަރވިސްގެ ތެރެއިން ދެވެންއޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ ވާހަކަފުޅުގައި، ކޮމިޝަނުގެ މަސްއޫލިއްޔަތު އެހާ އަވަހަށް އަދާކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތްތައް ވީހާވެސް އަވަހަށް ފުރިހަމައަށް ކުރެއްވުމަށް ކޮމިޝަނުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރުދެންނެވިއެވެ.