އަލަށް އުފެދޭ ސަރުކާރުގެ ކެބިނެޓް އެކުލަވާލާއިރު، އެމަނިކުފާނުގެ ބަސް ވިކޭ ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ވެސް ފުރުސަތު ދެވެން އޮތް މިންވަރަކު ފުރުސަތު ދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒު "ސަން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއްބަސްވުމެއް ނެތް ނަމަވެސް، ކެމްޕެއިން ދުވަސްވަރު ޑިމޮކްރެޓުން އެކުގައި ކުރި މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ތިއްބެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙަައްމަދު ޞާލިޙްއާ ދެކޮޅަށެވެ.
"ޑިމޮކްރެޓްސްގެ ބޭފުޅުންނާ އަޅުގަނޑުމެންނާ އެއްވެސް ކަހަލަ އެއްބަސްވުމެއް ނެތް. ނުރަސްމީ ލެވެލްއެއްގައި ވެސް މި ދެންނެވީ އަޅުގަނޑުމެންގެ ވަކި އެއްބަސްވުމެއް ނެތް. އެހެންނަމަވެސް މި ދެންނެވީ ވަރަށް މަސައްކަތް ކުރެއްވެވި. މާލޭގައި ވެސް އަދި ރަށްރަށުގައި ވެސް އެކީގައި ހަމަ ޖަގަހަތަކުގައި ވެސް މަސައްކަތްކުރައްވަމުން ދިޔައީ. ހަމަ އެ ކަން އަޅުގަނޑު ބަލައިގަންނަން،"
ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިހާރުގެ އިންތިޚާބީ ރައީސް ޑރ. މުއިއްޒު ކެމްޕެއިން ދަތުރުފުޅުތަކުގައި އަތޮޅުތެރެއަށް ކުރައްވަމުން ގެންދިޔަ ކެމްޕެއިން ދަތުރުފުޅުތަކުގައި ރަށްރަށުން ގިނަ އަދަދެއްގެ ޑިމޮކްރެޓުން ވަނީ މުއިއްޒު އެންޑޯޒް ކުރައްވައި ތާއީދު އޮތްކަން ހާމަކޮށްފައެވެ.
އެ ސަބަބަށްޓަކައި، ޑިމޮކްރެޓުންގެ ވެސް ޤާބިލް ބޭފުޅުން ހިމެނެން އޮތް މިންވަރަކުން ހިމަނައިގެން ސާފު ސަރުކާރެއް އެކުލަވައިލާނެ ކަމަށް އެ ނޫހަށް ދެއްވި އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމާ ހަމަ އިރާދަކުރެއްވިއްޔާ އެ ބޭފުޅުންގެ [ޑިމޮކްރެޓުންގެ] ވެސް ގާބިލް ބޭފުޅުން ރަނގަޅު ބޭފުޅުން ހިމަނައިގެން، ހިމެނެން އޮތް މިންވަރަކުން ހިމަނައިގެން އަޅުގަނޑުމެން ވީހާ ވެސް ގިނަ ރައްޔިތުން، ވީހާ ވެސް ގިނަ ބޭފުޅުންގެ ޝާމިލުވުން ހިމެނޭ ސަރުކާރެއް [އެކުލަވާލާނީ]" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޞާލިޙްގެ މައްޗަށް ކުރި ހޯއްދަވައި 54 އިންސައްތަ ވޯޓުން އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެމަނިކުފާނަކީ އަންނަ މަހު 17 ގައި އުފެދޭ ސަރުކާރުގެ ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ. ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙާ ދެމެދު އުފެދުނު މައްސަލަތަކުގެ އާޚިރު ނަތީޖާއަކަށްވީ ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި، އެމަނިކުފާނު އުފެއްދެވި ޑިމޮކްރެޓްސްއަށް ބަދަލުވެވަޑައިގަތުމެވެ. އަދި ރިޔާސި އިންތިޚާބުގައި އެޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުުރުމަށެވެ. ޑިމޮކްރެޓްސްގެ ރިިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ އިންތިޚާބުގެ ފުރަތަަމަ ބުރުގައި ވާދަކޮށް 15،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައި، އެ ބުރުގެ 3 ވަނަަ ކެންޑިޑޭޓްގެ ގޮތުގައި ހިމެނިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ސާރުކާރުގައި ފުރުސަތު ދީގެންނުވާނެ!!!