Monday, 07 October 2024

ސިލްސިލާ ވާހަކަ: ޚަލާސްވެއްޖޭ ޙަޔާތް – އެޕިސޯޑް 14

ސަފިއްޔާގެ އަތުގައި ނޫރްބީނާ ހިފަހެއްޓިލެއް ބާރުކަމުން ސަފިއްޔާއަށް ތަދުވެސްވިއެވެ. އައްދިއްޔޯއޭ ކިޔާފައި އަތްފޮޅާލާފައި ބަކުރާއި ދިމާލަށް ދާންވެސް ސަފިއްޔާހުރީ ކެތްމަދުވެފައެވެ. ފާއިތުވަމުންދިޔަ ކޮންމެ ފަޅި ސިކުންތަކުވެސް ސަފިއްޔާގެ ކެތްތެރިކަން ދިޔައީ ކޮޅުންލަމުންނެވެ. ބަކުރާއި ނޫރްބީނާއާއި ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކައަކީ ކޮބައިކަން އެނގެން ބޭނުންވެފައިހުރިލެއް ބޮޑުކަމުންނެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ. ނޫރްބީނާ އެހާލަތުގައި އިންދައި ނޫރްބީނާ އޭނާގެ އިޝާރާތުން އެންގި އެންގުމަށް ތަބާވުމުގެ ބަދަލުގައި އެ އެންގި އެންގުމާއި ޙިލާފުވާކަށް ސަފިއްޔާއަކަށް ހަމަހިލާ ނުކެރޭނެއެވެ. ނޫރްބީނާ ބުނާބަސްއަހައިގެން ނޫރްބީނާ ދައްކާ މަގުން ހިންގަން ސަފިއްޔާ ވަޢުދުވީތާ އިރުކޮޅެއްވެސް ނުވެ އެ ވަޢުދު އުވާލާކަށްވެސް ސަފިއްޔާގެ ހިތާއި ނަފްސު އާބަހެއް ނުކިޔާނެއެވެ. ހުޅަނގުފަރާތުން އިރުއަރާދާންދެންވެސް ސަފިއްޔާ ނޫރްބީނާއަށްވީ އިޤްރާރްގެ މަތީގައި ދެމިހުންނަން އޭނާ ބޭނުންވިއެވެ.

ސަފިއްޔާއަށް ބޭއިޙްތިޔާރުގައި ލޯމަރާލެވުނެވެ. އޭނާ ހިންދިރުވާލަމުން އޭނާގެ އަތުން ދޫކޮށްލުމަށްއެދި ނޫރްބީނާ ކައިރިން އެދުނެވެ.

"މަންމާ… އަހަރެންގެ އަތުން ދޫކޮށްލަފާނަންތަ… އަހަރެން މަންމަ ނުރުހޭފަދަ އެއްވެސްކަމެއް ނުކުރާނަން… އަހަރެން…"

ސަފިއްޔާ އޭނާ ބުނަމުންދިޔަ ޖުމްލަ ނުވެސް ނިންމަނީސް ނޫރްބީނާ އޭނާގެ އަތުން ދޫކޮށްލިއެވެ. ސަފިއްޔާ ފަހަތަށް އެނބުރިފައި ނޫރުބީނާއާއި ދިމާލަށް ބަލައިލި ހިނދު އޭނާގެ ޙާލަތުފެނި ނޫރްބީނާއަށްޓަކައި ސަފިއްޔާގެ ހިތުގައި ޙަމްދަރުދީ އުފެދުނެވެ. ނަމަވެސް އެ މަންޒަރު އިތުރަށް ބަލަން ހުންނާނެހާ ހިތްވަރެއް ސަފިއްޔާގެ ހިތަކު ނެތެވެ. އެހެންކަމުން އެ މަންޒަރު ނުފެންނަ ހިސާބަށް ދުރަށް ދިއުމުގެ ނިޔަތުގައި ސަފިއްޔާ ދުވެފައިގޮސް އެތެރިގެއަށް ވަނެވެ. އެތެރިގެއަށް ވަނުމަށްފަހުގައިވެސް ސަފިއްޔާއަށް ނޫރްބީނާ ރޮމުންދިޔަ އަޑުއިވެމުންދިޔައެވެ. ނޫރްބީނާގެ ރުއިމުގެ އަޑުން ސަފިއްޔާގެ ހިތަށް ކުރަމުންދިޔަ އަސަރުން މިންޖުވާން ބޭނުންވެފައިހުރެ ސަފިއްޔާ އެތެރިގޭ އަށިމަތީގައިއޮތް ބާލީހެއް ހިފައިގެންއައިސް އޭގެން އޭނާގެ ކަންފަތް ނިވާކޮށްލިއެވެ. އެވަރުންވެސް ނުފުދުމުން ރުޅިއައިސް ސަފިއްޔާ އެތެރިގޭގެ ފާރުގައި އޭނާގެ ވާއަތުން ޖެހިއެވެ.

ތެޅިގަލުން ހަދާފައިހުރި ފާރެއްކަމުން ސަފިއްޔާއަށް ފާރުގައި ޖެހުނުލެއް ބާރުކަމުން އޭނާގެ އަތް ޒަޙަމްވެ ލޭ އަންނަންފެށިއެވެ. ވީތަދުން ސަފިއްޔާ ރޯންފެށިއެވެ. "އަންމަތަސިރި، ކައްތިރިމަހާރަދަ ބަކުރުތަލަ އޮޅުއަލަ" ސަފިއްޔާއަށް ވީތަދުން އޭނާ ހޭބަލިވާވަރުވިއެވެ. ކިޔުނުނުކިޔުނު އެއްޗެއްވެސް ނޭނގުނެވެ.

ސަފިއްޔާ އޭނާގެ އަތުގައި ޒަޙަމްވެފައިވާ ތަނުން ފައިބަމުންދިޔަ ލޭ މަނާކުރުމަށްޓަކައި އެތެރިގޭގައި ހުރި ހަރުގަނޑެއްގައި އަޅުވާފައިހުރި ލިބާހަކުން އޭނާގެ އަތް ބަނދެލިއެވެ. ވަމުންދިޔަ ތަދު އޭގެ ލާނިހާޔަތެވެ. ސަފިއްޔާއަށް ކުރެވުނު ކަންތަކުގެ މޮޔަ ހީވާންފެށިއެވެ. ނަމަވެސް ކުރެވިފައިއޮތްކަމެއް ބަދަލެއްވެސް ނުކުރެވޭނެތާއެވެ.

*    *    *    *

ނިދިފައިއޮތް ފަރީދާއަށް ސިއްސައިގެންގޮސް ހޭލެވުނީ ގެއާއި އިންވެގެންހުރި ހުސްބިމުގައިހުރި ރުކަކުން ވެއްޓުނު ކާށްޓެއް ގޭ ފުރާޅުމަތީގައި ޖެހުނު އަޑުފައްގަޑަށެވެ. މުޅި ސަރަހައްދު އަރަފުވެގެންދިޔަކަހަލައެވެ.

ފަރީދާއަށް ނިދިން ހޭލެވުމާއެކު އޭނާ ދުވެފައިގޮސް ދޮރުހުޅުވާފައި ބޭރު ބަލައިލިއެވެ. އުޑުމައްޗަށް ބަލައިލުމުން މާލަސްތަކެއްނުވެ އިރުއަރާނޭ ކަމުގެ ނިޝާންތައް ފާޅުވަމުންދިޔައެވެ. ފަރީދާ އަވަސްއަވަހަށްގޮސް ގިފިއްޔަށް ވަދުނީ އިރުއަރަންވާއިރަށް ފަތިސްނަމާދުކުރުމުގެ ނިޔަތުގައި ވުޟޫކޮށްލުމަށެވެ.

ގިފިއްޔަށް ވަދެފައި ފެންވަޅަށް ދާނި ކޮށްޕާލުމަށްފަހު މޫނަށް ފެންފޮދެއް ބުރުވައިލުމުން ފަރީދާގެ ހަށިގަނޑާއި ރޫޙަށް މަދުމަދުން ނޫނީ ނުލިބޭފަދަ ތާޒާކަމެއް ލިއްބައިދިނެވެ. އެ ތާޒާކަން އިތުރަށް ލިބުންއެދި ފަރީދާ އަނެއްކާވެސް އޭނާގެ އަތްގޮށި ފުރެންދެން ފެންފޮދެއް ނެގުމަށްފަހު އޭނާގެ ކޯތާފަތްމައްޗަށް ބުރުވައިލިއެވެ. އެވަގުތު އޭނާގެ ހަނދާނަށް، ރޭގައި އުސްމާނާއިއެކު އޭނާއަށް ހޭދަކޮށްލަން ލިބުނު ހިތްގައިމު ވަގުތުކޮޅު ހަނދުމަވުމުން، އިސްތަށިގަނޑުގައި ހިފާދަމާލަމުން ފަރީދާ ހިނިތުންވެލީ ބޭއިޙްތިޔާރުގައެވެ.

އާނއެކެވެ. މާޒީގެ އުޖާލާ މަންޒަރުތަކާއި ކުރެހުންތަށް ފަރީދާގެ ހިތާއި ހަނދާނުގައި އަދިވެސް ފުރިހަމައަށް ރައްކާކޮށްފައި އެބަހުއްޓެވެ. އެ ހަނދާންތައް އޭނާގެ ހިތުގައި އާވެއާލާނުވާ ދުވަހެއް ނާދެއޭ ބުންޏަސް އެއީ ހަޤީޤަތާއި ޙިލާފު ވާހަކައަކަށް ނުވާނެއެވެ.

ފަރީދާއަށް އޭނާގެ ބަސްނާހާ ހިތުގެ އެދުންތައް ހަނދުމަވުމުން އޭނާ އެއްމިޔަކަށް ހީލާފައި ނިތްކުރީގައި އަތުން ޖަހާލިއެވެ. އެއަށްފަހުގައި ވުޟޫކޮށް ނިންމާލުމަށްފަހު ބާރު ހިނގުމެއްގައިގޮސް ގެއަށްވަދެ ފަތިސްނަމާދަށް ތައްޔާރުވެލިއެވެ.

*    *    *    *

އުސްމާނު އޭނާ ކުރަންބޭނުންވި ކަންތައް ކޮށް ނިންމާލުމަށްފަހުގައި ފުއްޓަރުފަރާތު ވަލުން ނިކުމުގެން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. އުސްމާނު ކުރިއަށް ފިޔަވަޅުއަޅަމުން ބާރު ހިނގުމެއްގައި ހިނގަމުންދިޔައީ ވަރަށް ބަލައިގެންނެވެ. ވަރަށް ސަމާލުވެއެވެ. ނުހަނު ހުށިޔާރުކަމާއެކުއެވެ. އެހާ ފަތިހާ އެދިމާލުގައި މީހަކު އުޅޭނެ ކަމަކަށް އުސްމާނު ހީވެސް ނުކުރެއެވެ. އުސްމާނަށް އޭނާގެ ފަހަތުން މީހަކު އަންނަފަދަ އިހުސާސެއްކުރެވުނެވެ. އެހެނަސް ފަހަތަށް އެނބުރި އެއީ ކާކުކަން ޔަޤީންކޮށްލާކަށް އުސްމާނަކަށް ނުކެރުނެވެ. ފަހަތަށް އެނބުރިފައި ބަލައިލައިފިނަމަ އެމީހަކަށް އުސްމާނުގެ ސޫރަ ވަކިވާނެކަން އެނގޭތީއެވެ. އުސްމާނު ހިނގަމުންދިޔަ ވަރަކަށް އެމީހަކުވެސް އުސްމާނުގެ ފަހަތުން އަންނަކަން އުސްމާނަށް ޔަޤީންވިއެވެ.

އުސްމާނު ބަލާކަށްނުހުރެ ދުއްވައިގަތެވެ. އުސްމާނުގެ ފަހަތުން އެމީހަކުވެސް ދުއްވައިގަންކަން އެނގުނެވެ. ދެ އަރިމަތީގައި ބިޔަކޮށް ހެދިފައިހުރި މިދިލިގަސްތަކުން ވެރިފައިއޮތް ފަތްތަކުގެ މަތީގައި ދުވަމުންދިޔަލެއް ބާރުކަމުން އެފަތްތައް މުގުރި ހިމުންވަމުންދިޔަ އަޑުފައްގަޑުން މުޅި އެ ސަރަހައްދު ގުގުމާލިއެވެ.

އުސްމާނު ދުވެގަޑަގަޑަ އަޅާފައިގޮސް އަނެއްކާވެސް ވަލުތެރެއަށް ވަނެވެ. އުސްމާނު ދުއްވާފައި ދިޔަލެއް ބާރުކަމުން އޭނާހުރީ އެކަށް ލޮޑުވެފައެވެ. އުސްމާނު މައިނޭވާ ލަމުންލަމުން އެމީހެއްގެ ކިބައިން ސަލާމަތްވާން ބޭނުންވާތީ ހުއްޓައިނުލާ ދުވުން ކުރިއަށް ގެންދިޔައެވެ. އެމީހަކު އުސްމާނު ފަހަތުން އެ ދުވަމުންދިޔަ ސަބަބާއިމެދު ވިސްނަ ވިސްނާވެސް އުސްމާނުގެ ސިކުނޑި ހީވަނީ ކުދިކުދިވެދާނެހެންނެވެ.

ވަލުތެރޭގައި އުސްމާނު ދުވަމުންދިޔަ ހިސާބަކީ އަޑިގުޑަން ހިސާބެކެވެ. ވަކި ހިސާބަކަށް އާދެވުމާއެކު އުސްމާނުގެ ފައި އެތަނުގައިހުރި ނިކަގަހެއްގެ މުލުގައި އަޅައިގަނެފައި ވެއްޓުނެވެ. އުސްމާނު ފުރޮޅެމުންގޮސް އެތަނުގައި އޮތް ވަޅުގަނޑަކަށް ވެއްޓުނު ވަގުތު ކައިރީގައި ފުންޏަކަށް އެއްކޮށްފައިހުރި ފަތްތަކެއް އުސްމާނުގެ ގައިމައްޗަށް އެޅި އޭނާގެ ހަށިގަނޑު ނިވާވިއެވެ.

އުސްމާނުގެ ފަހަތުން ދުވަމުން އެ ދިޔަ މީހަކުވެސް އެ ހަމާލަށް އައިސްފިއެވެ. އޭނާ ހަފަރާތަށް ބަލަބަލާފައި އުސްމާނުގެ ނިޝާނެއް ފެނޭތޯ ނަޒަރުހިންގަމުންދިޔައެވެ. އެހެނަސް އުސްމާނު އެމީހާއަށްވުރެ މާ ހުށިޔާރެވެ. އުސްމާނު ގުޑުވާވެސްނުލައި އެވަޅުތެރޭގައި އޮށޯވެ އޮތީއެވެ.

އުސްމާނަށް އޭނާގެ މޭމަތީގައި ފިނިކަމެއްހުރި އެއްޗެއް ދައުރުވާހެން ހީވިއެވެ. ސަހަރޯއެވެ. މާގަޅި ދަނބުކުލައިގެ ނަންނުގައްޗެކެވެ. ނަންނުގައްޗަކީ ދިރޭއެއްޗެހީގެ ތެރެއިން އުސްމާނު އެއެއްޗެއްދެކެ އެންމެ ބިރުގަންނަ އެއްޗެވެ. އުސްމާނުއޮތީ ބިރުން ފިއްކަޑައިގެންގޮހެވެ. ގަންނާކުރެއްވި ބިރެއްގެ ބޮޑުކަމުން ޙަބަރުހުސްނުވީވެސް ހަމަކިރިޔާފަށުންނެވެ. ބިރުން ހަޅޭއްލަވައިގަންނަންވެސް ބޭނުންވިއެވެ. އެހެނަސް އެއްވެސް އަޑެއްބަޑެއް އިވިއްޖެނަމަ އުސްމާނަށް ފާރަލަމުން ދުވެފައި އެއައި މީހަކަށް އުސްމާނު ފެންނާނެކަން ޔަޤީންވާތީ އުސްމާނު އަނގަމަޑުންލައިގެން ހިމޭނުން އޮވެވޭތޯ މަސައްކަތްކުރީއެވެ.

އުސްމާނުގެ މޭމަތީގައި ހުއްޓިލައި އޮތުމަށްފަހުގައި އެ ނަންނުގަތި ދުވަމުންއައިސް ދެން ހުއްޓިލީ އުސްމާނުގެ މޫނުމަތީގައެވެ. އުސްމާނުގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. އެހެނަސް ހަށިރައްކަލަކަށްޓަކައި، އަޑުންއަޑުނަގާފައި ހަޅޭއްލަވައިގަންނާކަށްވެސް އުސްމާނަކަށް ނުކެރުނެވެ. އުސްމާނު އަނގަ ތަންމިނަށް ހުޅުވާފައި އެއްވެސް އަޑެއްނުލައްވާ އޮވެ ތެޅިފޮޅެންފެށުމުން އެ ނަންނުގަތި އޭނާގެ މޫނުމަތިން ފައިބައިން އެދިޔަގޮތަށްގޮސް އޭގެ ހޮރަށް ވަނެވެ. އުސްމާނު ގަން ބިރެއްގެ ބޮޑުކަމުން އޭނާ މަރުނުވެ ސަލާމަތްވީކަމަށްޓަކައި އޭނާ ހިތުގެ އެންމެ ފުންމިނުން ﷲއަށް ޙަމްދުކުރިއެވެ.

އުސްމާނުގެ ފަހަތުން ދުވެފައި އެއައި މީހަކަށް އުސްމާނު އަތުވާގޮތް ނުވުމުން އެމީހާ އިރުގަނޑަކު އެތަނުގައި މަޑުކޮށްގެންހުރެ ވަރުބަލި ފިލުވާލުމަށްފަހު އަނެއްކާވެސް ދުވެފައިގޮސް ލޮލުކުރިމަތިން ގެއްލުނެވެ. އުސްމާނު ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އޭނާ ވެއްޓިފައިއޮތް ވަޅުގަނޑުން ތެދުވެލިއެވެ. އެ ވަޅުގަނޑަށް ވެއްޓުނު ވަގުތު ބިންމަތީގައި ބުރިކަށި ޖެހުނުގޮތަކުން ވޭންވަރުނަގާފައި އުސްމާނުގެ ބުރަކަށީގައިވެސް ރިއްސަމުންދިޔައެވެ. އެހެނަސް އެ ރިހުމަށް ކެތްކުރުންނޫން އިތުރު ފަރުވާއެއް ހޯދާނެހާ ހިތްވަރެއް އެވަގުތަކު އުސްމާނުގެ ގަޔަކު ނެތެވެ.

ދެންމެގައި ވީ ކަންތައްގަނޑުން އުސްމާނަށް ލިބުނު ބިރުވެރިކަމުން އޭނާއަށް މީން ޒަމާނަކުވެސް އަރައިގަނެވޭނެހެންނެއް ހިޔެއްނުވެއެވެ. އޭނާއަށް އެ މަންޒަރާއި އިހުސާސް އަނެއްކާވެސް ޖެއްސުންކުރަން ފެށުމުން އުސްމާނު ބިރުންގޮސް ތުރުތުރުއަޅައިގަތެވެ. ފައިކޮޅުން ވާގިގޮސްގެން ނުވެއްޓުނީވެސް ހަމަކިރިޔާއެވެ. ނަމަވެސް، މިއީވެސް މަށަށް ކުރިމަތިވެފައިވާ އިމްތިހާނެކޭ ހިތަށް އަރުވާލައިފައި، މިދުވަސްވެސް ހިނގައިދާނެއޭ ހިތަށްއަރުވާލާފައި އުސްމާނު އޭނާގެ ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. މިފަހަރު ރަށުތެރެއިން ދިއުމުގެ ބަދަލުގައި އުސްމާނު ނިންމީ ރަށުގެ ކިބަޅިފަރާތް އިޙްތިޔާރުކުރާށެވެ. އެއީ ދެންމެގައި އޭނައަށް ކުރިމަތިވީފަދަ ބިރުވެރިކަމެއް އަނެއްކާވެސް ދިމާވެދާނެކަމުގެ ބިރަށްޓަކައެވެ. ނުނިދާހުރެ ގިނައިރުވުމުން އުސްމާނަށް ތަންދޮރުވަކިކުރެވޭކަންވެސް ނަސީބެކެވެ.

*    *    *    *

ނިދާފައިއޮތް ބަކުރު ފުންމާފައި ތެދުވީ ނޫރްބީނާއައިސް އޭނާގެ މޫނުމަތީގައި އަތްއަޅާލުމާއެކުއެވެ. ބަކުރު އަވަސްއަވަހަށް ފަތްތެހިއެނދުމަތިން ތެދުވާލައިފައި ތިރިއަށްވާގޮތަށް ފައިއެލުވާލިއެވެ.

ރޭގައި ހިނގާދިޔަ ކަންތައްގަނޑުގެ ސަބަބުން ބަކުރުގެ ބޮލުގައި ރިހެންފެށި ގޮތަށް އަދިވެސް ރިހުންވަރުލާފައި ރިއްސަމުންދިޔައެވެ. ބޮލުގެ ނާށިގަނޑުވެސް ހީވަނީ ދެންމެދެންމެ ފަޅިފަޅިވެދާހެންނެވެ. ސިކުނޑީގެ ނާރުތައްވެސް ބާރުވެފައިހުރުމުން ބޮލަށްވެސްހުރީ ފާޑަކަށް ބަރުވެފައެވެ. ލޮލުގައިވެސް ރިއްސަމުންދިއުމުން ލޯވެސް ފުރިހަމައަށް ހުޅުވާލަން ބަކުރަށް އުނދަގޫވިއެވެ.

ކުރެވުނު ކަންތަކުގެ ލަދާއި ހިތާމައިގެ ސަބަބުން ބަކުރަށް އިސްއުފުލައި ނޫރްބީނާއާއި ދިމާލަށް ބަލައިލަންވެސް ނުކެރުނެވެ. ލަދުވެތިވެ މާޔޫސްވެފައިވާ ޙާލު، ބަކުރު އިސްދަށަށް ޖަހައިގެންއިނދެ ފިކުރުކުރަމުންދިޔައީ އެހާދިސާއަށް ފަހުގައި އޭނާގެ ޙަޔާތަށް އަންނާނެ ބަދަލުތަކާއިމެދުގައެވެ.

ބަކުރަށް ކުރެވުނު ކުށުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުންވަނީ އެފުއްމިފުށަށް ޖެހިފައެވެ. ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ދިރިއުޅުމުގެ އޮޔެވަރު ބަދަލުކޮށްލައިފިއެވެ. ދިރިއުޅުމާއިމެދު ބަކުރު ޒަމާނުންސުރެ ދެކެމުންއައި ހުވަފެންތައް ވިއްސިވިހާލިވެފައިވާފަދައެވެ. ހަމައެންމެ ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ބަކުރު އޭނާގެ މުސްތަޤުބަލާއި ގުޅުވައިގެން ޒަމާނުންސުރެ ތަސްވީރުކުރަމުންއައި ކުލަގަދަ އުޖާލާ ތަސްވީރުވެސް ސުންނާފަތިވެ ވީރާނަވެއްޖެއެވެ.

ބަކުރު އިސްދަށަށްޖަހައިގެން ނޫރްބީނާއާއި ދިމާލަށް ބަލައިވެސް ނުލައި އިރުގަނޑަކު މާޔޫސްވެފައި އިނެވެ. އެހެނަސް އެދިމާލަށް ބަލާލަން ބަކުރުގެ ހިތުން އާދޭސްކުރަންފެށީ ބަކުރުގެ ފައިމައްޗަށް ނޫރްބީނާގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއްގެ އިހްސާސްކުރެވުމާއެކެއެވެ.

ބަކުރު މަޑުމަޑުން އިސްއުފުލާލާފައި ނޫރްބީނާގެ މޫނަށް ނަޒަރުހިންގާލިއެވެ.

"ކަރުނައިގެ ކޯރެއްގަ ފަތަން ބޭނުންތަ؟"

"ނޫން…" ނޫރްބީނާގެ ސުވާލަށް ޖަވާބުދެމުން ބަކުރު އޭނާގެ ބޮލުގައި އަތްއަޅައިލީ އޭނާގެ ބޮލުގައި ރިއްސަމުންދިޔަލެއް ބާރުކަމުންނެވެ.

ނޫރްބީނާ ބަކުރާއި ކައިރިވެލާފައި ބަކުރުގެ ބޮލުގައި ބައްދާލުމަށްފަހު އޭނާގެ ބޮލުގައި ފިރުމާލިއެވެ. އެއަށްފަހު ބަކުރުގެ ލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނެވެ. ނޫރްބީނާގެ އޯގާތެރި ފިރުމުންތަކުން ބަކުރުގެ ހިތުގައި އަޅަމުންދިޔަ ވޭނަށް ކުޑަނަމަވެސް ލުއެއް ލިބުނެވެ. އެހެނެއްކަމަކު އޭނާގެ ހިތުގައި އަނދަމުންދިޔަ ގިލަނުގެ އަލިފާންގަނޑުގައި އަދިވެސް ގަދަޔަށް ހުޅުރޯވަމުންދިޔައެވެ. ބަކުރަށް އޭނާގެ މުސްތަޤުބަލާއިމެދު ވިސްނެމުންދިޔަވަރަކަށް އޭނާގެ ޖިސްމުގައި ރޯވަމުންދިޔަ އަލިފާނަށް ދަރުއެޅެމުންގޮސް އެ ހުޅުގަނޑު އިތުރަށް ވަރުގަދަވެލިއެވެ.

'މަންމަ ބަކުރު ކައިރީގައި ކުރަން ބޭނުންވެފައިހުރި ބައިވަރު ސުވާލު އެބަހުރި… އެކަމަކު މަންމަ ބޭނުން ބަކުރަށް ވަގުތުކޮޅެއްދޭން… ބަކުރުގެ ހާލަތު ފެނިފައި މަންމަގެ ހިތަށް ވަރަށް އަސަރުކުރޭ… މަންމައަށް އިނގޭ… ދަރިފުޅަށް ގަސްދުގައި މީހަކަށް އެފަދަ އަނިޔާއެއްދޭން ނުކެރޭނެކަން… މަންމައަށް އިނގޭ ދަރިފުޅު އެފަދަ ނުބައި ކުށަކަށް ހިތުންރުހުމުން އަރައިނުގަންނާނެކަން… މަންމައަށް އިނގޭ ދަރިފުޅު މަންމަ ހިތުގައިޖެހޭފަދަ އެއްވެސް ކަމެއް ދުވަހަކުވެސް ނުކުރާނެކަން… މަންމަ އެންމެ ލޯބިވާ އެންމެ އިތުބާރުކުރާ މީހަކަށް މިދުނިޔޭގައިހުރި މީހަކީ ތިއީ… އަދިވެސް ދަރިފުޅު މަންމަ ކައިރީގައި ރޭގައި ދެއްކި ވާހަކަތަކަކީ މަޖަލަކަށް ނުވަތަ ސަމާސާއަކަށް ދެއްކި ވާހަކަތަކެއެކޭ ބުންޏަސް މަންމަ ދަރިފުޅުގެ ބަސް ދޮގެއް ނުކުރާނަން…'

ނޫރްބީނާ ފުންނޭވާއެއް ބޭރުކޮށްލުމަށްފަހުގައި ބަކުރު ހަމައަކަށް އަޅުވާލަން މަސައްކަތްކޮށްލިއެވެ. ނޫރްބީނާގެ އޯގާތެރި ފިރުމުންތަކާއި އޯގާތެރި ބަސްތަކުން ބަކުރުގެ ޒަޙަމްވެފައިވާ ހިތަށް ކުޑަނަމަވެސް ޝިފާއެއް ލިއްބައިދިނެވެ. އި ޝިފާ ތާއަބަދުމެ ލިބިލިބި ހުންނާނެނަމައޭ ބަކުރަށް ހިތާހިތުން ބުނެލެވުނެވެ.

ނޫރްބީނާއާއި ބަކުރު ވާހަކަދައްކަމުންދިޔައިރު ނިދާފައިކަމަށް ހަދައިގެންއޮވެ ސަފިއްޔާ އެދެމީހުންނަށް ފާރަލަމުންދިޔައެވެ. ސަފިއްޔާއޮތީ އެދެމީހުން ދައްކަމުންދިޔަ ވާހަކަ ކަނުލާ އަޑުއަހާށެވެ. ނަމަވެސް އެދެމީހުން ވާހަކަދައްކަމުންދިޔަލެއް ނުސީދާކަމުން ސަފިއްޔާއަށް އެމީހުންދެއްކި ވާހަކަ މުޅިއަކުން ފަހުމްވާގޮތެއް ނުވިއެވެ.

* * * *

'މަންޖޭ މިއީ ހާދަ މީރު މަދެކޭ… ޒަމާންގަނޑެއްވެއްޖެ މިކަހަލަ މީރު ރަހައެއްދޭ މަދެއް ކާނުލާތާ… މިއީ ކޮންތާކުން ބިނދުނު މަދެއް…؟ މި މަދުގަސް ހުރިތަނެއް ނިކަން މަށަށް ދައްކަބަލަ… މަންޖަށް ނޭރުނަސް މަ އެ މަދުގަހަކަށް އަރާފަ އަހަރުން ދެމީހުންނަށް ވާވަރަށް މަދު ބިނދެދީފާނަމޭ..' ފަރީދާ އޭނާ ކަމުންދިޔަ ދޮންމަދަށް އިޝާރާތްކޮށްލަމުން އޭނާގެ ރަޙްމަތްތެރިޔާއާއި ސުވާލުކޮށްލިއެވެ.

'މަންޖޭ ތިއެއް ނޭނގެ މަށަކަށް… ފިރިސޮރުކައިރިން އޮޅުންފިލުވާލަން ޖެހޭނީ… މަށަކަށް ނޭނގެ މަގޭ ކައިރީގައި ނުވެސް ބުނެލާ.. އިއްޔެ އިރުއޮއްސުނުއިރު މަ ގެއަށް ދިޔަތަނާ ތިޔަ މަދުތައް ފެނިފަ މަވެސް ހަމަކިރިޔާ ހޭބަލިނުވީ… ހާދަ މީރޭދޯ… މާމުޔަށްވުރެ ފޮނި.. އަނެއްކާ ރަނގަޅު ހެޔޮވަރު ވަރަކަށް ހުރީވެސް…' ފަރީދާކުރި ސުވާލަށް އޭނާގެ ރަޙްމަތްތެރިޔާއަށް ދެވުނު ޖަވާބުން ފަރީދާ ޗުސްކަނޑާލިއެވެ. އެދެމީހުން ބާރު ހިނގުމެއްގައި މިސްރާބުޖަހާފައިހުރީ ފުއްޓަރުފަރާތު ވަލާއި ދިމާލަށެވެ. އެދެމީހުން ރޭގައި ރޭވި ރޭވުމަށްފަހުގައި އެދަނީ ހިތްތަލަކޮންނާށެވެ.

ހިއްތަލަކޮނުމަކީ އެމީހުން އަބަދުވެސް ހިއްތަލަ ތިޔާގި މޫސުމުގައި ނުހަނު ކުރާހިތުން ކޮށްއުޅޭކަމެކެވެ. ނަމަވެސް ފުއްޓަރުފަރާތު ވަލަކީ އެމީހުންނަށްވެސް ބީރަށްޓެހި ހިސާބެކެވެ. މަދުންނޫނީ މީހުން ގޮސް ނޫޅޭ ހިސާބެކެވެ. ހާލަކުން މޭލަކު މީހަކު އެދިމާ ވަލަށް ހިނގައިދާނެއެވެ. ނަމަވެސް ރަށުގެ ގިނަމީހުންގެ ނަޒަރުގައި ފުއްޓަރުފަރާތު ވަލަކީ ނުރައްކާތަނެކެވެ. ބިރުވެރި ތަނެކެވެ. ނާމާންކަމުން ފުރިގެންވާ ހިސާބެކެވެ.   ބެހޭގޮތުން އުފެދިފައިވާ ތޯތޯ ވާހަކަތަކުން މުޅި ރަށުގެ ކުދިބޮޑު އެންމެންގެ ހިތްތަކުގައި ފުއްޓަރުފަރާތު ވަލާއިމެދުގައި ޒަމާނުންސުރެ އާރުލައި ފޯދެމުންއައިސްފައިވާ ބިރުވެރިކަން އެދުވަހާއި ހަމާލަށްވެސް ވަނީ ޤާއިމްވެފައެވެ.

'ފަރީދާ… ކަލޭ މިދިމާ ވަލަށް ވަންނަން ހަމަ ބިރުނުގަންނަނީތަ؟' ފަރީދާގެ ރަޙްމަތްތެރިޔާ ފަރީދާ ކައިރީގައި އެސުވާލު ކުރިއިރު އޭނާގެ އަޑުން އޭނާ ހާސްވެފައިހުރި މިންވަރު ރަމްޒުކޮށްލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިފައިހުރި ނުތަނަވަސްކަމުން އޭނާ ފުއްޓަރުފަރާތު ވަލަށް ވަންނަން ހަޤީޤަތުގައި ބޭނުންނުވާކަން ހާމަކުރަމުންދިޔައެވެ. ނަމަވެސް ފަރީދާގެ ލަފަޔަށް އިންކާރުކޮށް ދެކޮޅުހަދަން އޭނާ ބޭނުންނުވީއެވެ.

'ބަލަ ކަލޭމެންގެ ތިޔައީޔޭ މައްސަލައަކީ… ބިރަކާ ހުރެ ތަދެއް ނުފިލާނެ… ކަންކަމާމެދު ވިސްނަންވާވަރަށްވުރެ ބޮޑަށް ވިސްނަންޏާވެސް އިބިލީސް ބޮލަށް ސަވާރުވެ އިތުރަށް ހިތުގައި ބިރުވެރި ޙިޔާލުތައް އުފަންކުރުވާނޭ… އަބަދުވެސް ހެޔޮކޮށް ވިސްނަންވާނީ.. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށްކަމަށް.. ބޭކާރު ކަންކަމާ ވިސްނާފަ ބޯގޮއްވައިގެން ލިބޭނެ އެއްވެސް އުފަލެއް ނޯންނާނެ… ހިތާމައެއްނޫނީ ނުލިބޭނެ… އެހެންނޫނަސް އަހަރެން މިހުރީއެންނު… އަހަރެން ހުއްޓަ ކަލެއަކަށް އެއްވެސްކަމެއް ވިޔަކަ ނުދޭނަމޭ… މިނިކާ އެއްޗެއް އަޔަސް އަހަރެން އެއެއްޗެއް ކައިރީގަ ބުނެދާނަމޭ… ކަލޭ ކާނުލާ މަގޭ ކާލާށޭ… އެގޮތް އެންމެ ރަނގަޅުތަ؟'

ފަރީދާ އޭނާގެ ރަހްމަތްތެރިޔާއަށް ތަޤްރީރެއްދީ ނިންމާލަމުން އޭނައާއި ސަމާސާކޮށްލިއެވެ.

'ދެން ކޮންމެ ކަމެއް މަޖާގަނޑަކަށް ނަހަދަބަލަ… އަހަރެންނަކަށް އެއްވެސް މަޖަލެއްނޫން… އަހަރެން އަސްލުވެސް ހާދަ ބިރުގަނެއޭ… އަހަރެން ކާފަވެސް ކިޔައިދިން… ކުރީ ޒަމާނުގައި މިދިމާ ވަލުން ވަރަށް ގިނައިން އިންސާނުންގެ ކަށިވެސް ފެންނަ ވާހަކަ… އެހެންވެ ބިރުންކަމަށްވަނީ މީހުން މިތަނަށް އައިސްއުޅުން ހުއްޓާލީވެސް…'

ފަރީދާގެ ރަޙްމަތްތެރިޔާ ގޮތްދޫކޮށްފައި އަނގައިން ދެރަވާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ އޭނަ ޤަބޫލުކުރާ ފަލްސަފާ ކިޔައިދީގެން ފަރީދާވެސް ހައްލުވާލާށެވެ. އެހެނަސް ފަރީދާއަކީ އެފަދައިން މީހަކު ދައްކާހާ ވާހަކައަކަށް ހައްލާލެވޭނެ މީހެއްނޫނެވެ.

'އާން އަހަރެންވެސް ޤަބޫލުކުރަން މިދިމާ ވަލުތެރެ ނާމާން ވާހަކަ އެންމެން ދައްކާނީ ކޮންމެވެސް ސަބަބެއް އޮވެގެންކަން.. އެކަމަކު މަށަށް ހީވާގޮތުގައި އެއީ ތުންތުންމަތިން ދެކެވެމުންއައި ތޯތޯ ވާހަކަތަކުގެ ސަބަބުން މީހުންގެ ހިތްތަކުގައި އުފެދިފައިއޮތް ބިރުވެރިކަމެއް… މަށެއް ހަމަގައިމުވެސް ނާހަން މިތަނުގަ މީން ޒަމާނަކުވެސް މީހަކަށް ބިރުވެރި ކަމަކާ ކުރިމަތިލާން ޖެހުނު ވާހަކައެއް. ގައިމު އުމުރުން މިހާ ދުވަސްވީއިރު ކޮންމެވެސް މީހަކަށް ކޮންމެވެސް ކަހަލަ ކަމަކާ ކުރިމަތިވީސްތާ… އެވާހަކަތަކަކީ ހަޤީޤަތެއްނަމަ…'

ފަރީދާގެ ރަޙްމަތްތެރިޔާހުރީ ފަރީދާ ދައްކަމުންދިޔަ ވާހަކަ ވަރަށް ކަނުލައި އަޑުއަހާށެވެ. ފަރީދާ ހެކިދައްކަމުންދިޔަ އުސޫލުން ފަރީދާގެ ރަޙްމަތްތެރިޔާ ޤަބޫލުކުރަމުންއައި ފަލްސަފާގެ ނަޒަރިއްޔާތުވެސް ދިޔައީ ކޮންމެވެސް ވަރަކަށް ބަދަލުވަމުންނެވެ. ނަމަވެސް އޭނާގެ ބުއްދި ޤަބޫލުކުރާ ޤަބޫލުކުރުން މުޅިން ބަދަލުވާން އަދިވެސް ދިގު ރާސްތާއެއް ކަނޑައްތުކުރަން އެބައޮތެވެ.

'އެކަމަކު ހަމަ ހަޤީޤަތުގަވެސް އެތާ ވަލުތެރޭގައި މިނިކާމީހެއް އުޅެންޏާޔޯ؟ އަހަރެން ބޭނުމެއްނޫން އަދި މަރުވާކަށް…' ފަރީދާގެ ރަޙްމަތްތެރިޔާ އަދިވެސްހުރީ އެދިމާ ވަލަށް ވަންނަންޖެހޭތީ ހާސްވެ ކަންބޮޑުވެފައެވެ.

'ސަހާދެއްމިބުނީ… މަދެން ކަލެޔާއެކީ ވަލަށް ވަންނަން އަންނަ ފަހުފަހަރު މީ… ތިވަރުގެ މީހުން ގޮވައިގެން ކިހިނެއް ވަލަށް ވަންނާނީ… ބަލަ އަހަރެން މިބުނީއެންނު ތިޔަ މިނިކާމީހާ ވާހަކައަކީ އެއްވެސް ހަޤީޤަތެއްނެތް ފުލޯކް ވާހަކައެކޭ… ނިކަން އެއްފަހަރުވެސް އަހަރެން މިދައްކާ ވާހަކަ އަޑުއަހާލާފަ ހިނގާބަލަ މަށާއެކީ ވަލަށް ވަންނަން… ނުރައްކަލެއް ކުރިމަތިވިޔަސް އެކަމަކާ ކެރިގެން ކުރިމަތިލާން އަހަރެން މިހުރީ އެންނު… ދެން ކޮންކަމަކާތަ ތިޔަ ހާސްވަނީ….' ފަރީދާގެ ރަޙްމަތްތެރިޔާ ވަލަށް ވަންނަން ފަސްޖެހޭކަން ފާޅުކުރުމުން އެކަމާއި ފަރީދާ ނުރުހުންވިއެވެ.

އާނއެކެވެ. ފުއްޓަރު ފަރާތު ވަލުގައި މިނިކާމީހަކު އުޅޭ ވާހަކައަކީ ޒަމާނުންސުރެ ދެކެވެމުން އައިސްފައިވާ ވާހަކައެކެވެ. ނަމަވެސް ފަރީދާގެ ނަޒަރުގައި އެއީ އެއްވެސް އޮށްޓަރެއް އެކުލެވިގެންނުވާ ބޯދާ ޙިޔާލީ ވާހަކައެކެވެ. އެހެންކަމުން، ފުއްޓަރު ފަރާތު ވަލާއި އެހެނިހެން ފަރާތްފަރާތުގެ ވަލާއި ދެމުދުގައި އެއްވެސް ފަރަޤެއް ތަފާތެއް އުޅޭނެ ކަމަކަށް ޤަބޫލުކުރަން ފަރީދާގެ ޒަމީރު ފުރުސަތެއްނުދިނެވެ.

*    *    *    *

ދަލޭކަ ފަތިސްނަމާދު ކޮށްލުމަށްފަހު ފެންވަރާލައިގެން އައިސް އޭނާގެ ތެމިފައިވާ އިސްތަށިގަނޑު ތުވާއްޔަކުން ފޮހެމުންދިޔަ މަންޒަރު ޤާސިމަށް ފެނުމާއެކު އުނދޯލިމަތީގައި އިށީންދެއިން ޤާސިމް ތެދުވެފައި އެދިމާލަށް ހިނގައިގަތެވެ. ދަލޭކަގެ ފުރަގަހުންއައިސް ޤާސިމް ދަލޭކަގެ އަތުގައި ހިފާލުމުން ދަލޭކައަށް އެއީ އޭނާ ދެލޮލުގެ ކޮއެފަދައިން ލޯބިވާ ތުއްތު ތުއްތު ޤާސިމްގެ އަތުގެ ބީހުންކަން އިހްސާސްކުރެވުނެވެ. އެވަގުތު އޭނާގެ ހިތަށް ކުޑަނަމަވެސް ލުއެއް ލިބުނެވެ. ދަލޭކަ ޤާސިމްގެ މައުސޫމް ދެލޮލަށް ބަލައިލުމަށްފަހު ޤާސިމްގެ ބޮލުގައި ފިރުމާލުމުން ދަލޭކައާއި ދިމާލަށް ބަލައިލާފައި ޤާސިމްވެސް ހިނިތުންވެލިއެވެ.

ޤާސިމް ދަލޭކަ އަތުގައި ހިފައިގެންހުރެ ހިނގަމުންއައިސް އުނދޯލިކައިރީގައި މަޑުކޮށްލުމުން ދަލޭކަ އުނދޯލީގައި އިށީންދެލިއެވެ. ދަލޭކަ އުނދޯލީގައި އިށީނުމުން ޤާސިމް ދުވެފައިގޮސް މެދުގޭތެރޭހުރި އަށްޓެއްގެ މަތީގައި ބަހައްޓާފައިހުރި ކާށިތެޔޮފުޅިއަކާއި އެތަނުގައި ބާއްވާފައިއޮތް ފުނަލެއް ހިފައިގެން އައިސް އުނދޯލިމައްޗަށް ކޮޅަށްއެރިއެވެ. ދަލޭކައަށް ޤާސިމް ކުރަން އުޅުނު ކަންތައް އެނގުމުން ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ.

ޤާސިމް އޭނާގެ އަތުގައިއޮތް ތެޔޮފުޅި ހުޅުވާލުމަށްފަހު އޭނާގެ ކުޑަކުޑަ ކަނާއަތުގެ އަތްގޮށި ފުރާ ތެޔޮފޮދެއް އަޅާލިއެވެ. އަދި ދަލޭކަގެ ދިގުދިގު އިސްތަށިގަނޑުގައި ތެޔޮލައިދޭން ފެށިއެވެ. އެއީ ދަލޭކަގެ އިސްތަށިގަނޑުގައި ޤާސިމްގެ ދެއަތުން ތެޔޮލައިދޭ ފުރަތަމަ ފަހަރެވެ. އެހެނަސް ޤާސިމް އެކަމަށް ވަރަށް ފަރިތަކަން ދަލޭކައަށް ފާހަގަކުރެވުނެވެ.

'ދަރިފުޅު ކާކުކައިރިން ކޮންތާކުން ދަސްކުރިކަމެއް ތިއީ…' ދަލޭކައަށް ޤާސިމް ގާތުގައި ސުވާލުނުކޮށް އިނދެވޭވަރެއް ނުވިއެވެ.

'ކޮއްކޮ މިކަން ދަސްކުރީ ބައްޕަ ކައިރިން… ބައްޕަ މިކަން ކުރާތަން ފެނުނީމަ… އެ މަންޒަރު ބަލަބަލައި ކޮއްކޮއަށްވެސް މިކަން ދަސްވީ… އެހެންވެ ކޮއްކޮ ބޭނުންވީ މިކަން ތަޖުރިބާކޮށްލަން…' ޤާސިމް ވަރަށް ފަޙުރުވެރިވެލާފައި ބުނެލިއެވެ.

ކޮންމެއަކަސް، ޤާސިމްގެ ބަސްތަކުން ދަލޭކަގެ ހިތަށް ވަރަށް ތަދުކޮށްލިއެވެ. ސައްތާރު ނެތްކަމުގެ އިހްސާސްކުރެވުމުން އެކަމާއި ހިތްދަތިވެގެންނެވެ. ދަލޭކައަށް އޭނާ ހިތުގައި ޖެހުނު ވަރު ވިސްނުނީ އޭނާގެ ލޮލުން ނީރާލަ ކަރުނައިން އޭނާގެ ކޯތާފަތް ތެތްމާލުމުންނެވެ. ނަމަވެސް ދަލޭކަގެ ހިތުގައި އަޅަމުންދިޔަ ވޭން ޤާސިމަށް ފެންނާކަށް ދަލޭކަ ބޭނުމެއްނުވިއެވެ. އެހެންކަމުން، ހިތްވަރުކޮށްލާފައި ދަލޭކަ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ.

ޤާސިމް ދަލޭކަގެ އިސްތަށިގަނޑުގައި ތެޔޮލައި ނިންމާލުމަށްފަހު ފުނައިވެސް އަޅައިދީފިއެވެ. އަދި ދަލޭކަގެ އިސްތަށިގަނޑުގައި ސައްތާރު ޖަހައިދޭ ފަދައިން ހުޅިއެއްވެސް ޖަހައިދީފިއެވެ. ދަލޭކައަށް އަނެއްކާވެސް ރޯން ނުފެށުނީ ހަމަކިރިޔާއެވެ. އެހެނަސް، ސައްތާރު ކޮށްފައިހުރި ކަންކަން ގާސިމް އެހާ ބޮޑަށް ނަގައިގަނެފައިވާތީ އެކަމުން ދަލޭކަގެ ހިތަށް ފިނިކަމެއް ލިއްބައިދިނެވެ.

މީހުން ބުނެއުޅޭތީ އަޑުއަހަމެވެ. ކުއްޖާގެ އަހްލާޤާއި ދިރިއުޅުމުގެ ވައްޓަފާޅި އެންމެ ބޮޑަށް ބައްޓަންކުރުވަނީ އޭނާގެ މައިންބަފައިން ދައްކައިދޭ ނަމޫނާއިންނެވެ. ޤާސިމްގެ ގައިގައި އަށަގަނެފައިވާ ހުރިހާ ރަނގަޅު ސިފައެއްމެ އަށަގެންނެވުމުގައި އެންމެ އިސް ރޯލެއް އަދާކުރަމުންދިޔަ މީހަކީ ސައްތާރެވެ. އެފަދަ ފިރިއެއް ލިބުނު ކަމަށްޓަކައި ދަލޭކަ ހިތާއިހިތުން ﷲ އަށް ޙަމްދުކުރިއެވެ. އަދި ޤާސިމަށް އެފަދަ މާތް ބަފައެއް ލިބުނީތީވެސްމެއެވެ.

ޤާސިމް ދަލޭކަގެ ބޮލުގައި ފުނާއަޅައިދީ ނިންމާލުމަށްފަހު އުނދޯލިން ފައިބައިގެންގޮސް އޭނާގެ އަތުގައިހުރި ތަކެތި، އެތަކެތި ކުރިންހުރި ހާލަތަށް ރުޖޫއަކޮށްލުމަށްފަހު އަނެއްކާވެސް ދަލޭކަ ކައިރައަށްއައިސް ދަލޭކަގެ އުނގުގައި އިށީންދެލިއެވެ. ދަލޭކަ ޤާސިމް ގައިގައި ބައްދާލުމަށްފަހު ޤާސިމްގެ ބޮލުގައި ލޯތްބާއިއެކު ފިރުމާލިއެވެ.

'މަންމާ ކޮބާ ބައްޕަ…؟ ކީއްވެ ބައްޕަ އަދިވެސް ގެއަށް ނާންނަނީ…؟'

ޤާސިމް އޭނާގެ ހިތުގައިއޮތް ސުވާލު ބަންޑުންކޮށްލިއެވެ. ދަލޭކަ ޤާސިމަށް އޮޅުވާލާކަށް ބޭނުމެއްނުވިއެވެ. ދަލޭކަ ބޭނުންވީ ތެދުތެދަށް ވާހަކަ ދައްކާށެވެ. ދަލޭކަ ބޭނުންވަނީ ނަމޫނާ މަންމައަކަށް ވާށެވެ. ދަރިން ކައިރީގައި ދޮގުހެދީމަ އެކުދިންނަށްވެސް އެ ދަސްކޮށްދެވެނީ ދޮގުހަދަންތާއެވެ. ދަލޭކައަށް ހިތާހިތުން ބުނެލެވުނެވެ.

ދަލޭކަ ޤާސިމްކުރި ސުވާލަށް ތެދުހަޤީޤަތަށް ޖަވާބުދޭން ބޭނުންވިޔަސް ޤާސިމަށް ދޭނެ ޖަވާބެއް ޙުދު ދަލޭކައަށްވެސް ނޭގެންޏާ، އެ ސުވާލަށް ދަލޭކަ ދޭނީވެސް ވަކި ކޮން ޖަވާބެއްހެއްޔެވެ؟ ޙުދު ދަލޭކަގެ ހިތުގައިވެސް އެ ސުވާލު ދިޔައީ ދަޢުރުވަމުންނެވެ. ދަލޭކަވެސް އެ ސުވާލަށް ޖަވާބެއް ބޭނުންވެއެވެ. އެހެނަސް އެ ސުވާލަށް ޖަވާބު ހޯދާނީވެސް ވަކި ކިހިނަކުން ހެއްޔެވެ؟ ވިސްނައި ވިސްނައި ދަލޭކަގެ ސިކުނޑި ނުގޮވީ ހަމަކިރިޔާއެވެ.

*    *    *    *

ދިގުދެމިގެންދިޔަ ބަހުސެއްގައި ތިބެ ފަރީދާއާއި އޭނާގެ ރަޙްމަތްތެރިޔާ ހިނގަމުން ހިނގަމުންގޮސް ފުއްޓަރުފަރާތު ވަލަށް ނުވަދެވި އުޅެނިކޮށް ފަރީދާގެ ލޮލުގައި އަޅައިގަތް މަންޒަރަކުން އޭނާ ހިނގުން މަޑުކޮށްލާފައި އޭނާގެ ރަޙްމަތްތެރިޔާގެ އަތުގައި ހިފަހައްޓައި އޭނާވެސް މަޑުކުރުވިއެވެ.

ފުއްޓަރުފަރާތު ވަލުން ނިކުމެގެން މީހަކު ދާތަން ފެނުމުން ފަރީދާ އެއީ ކާކުތޯ ޔަޤީންކޮށްލަން ދެލޯކުނާކޮށްލާފައި އެމީހަކަށް ނަޒަރުހިންގާލިއެވެ. އެމީހަކީ އެހެން ދެވަނަ މީހެއްނޫނެވެ. ޙަމްދީއެވެ.

'ބަލާބަލަ އެހެރަ ކަމެއް.. އެހެރަ ދަނީ ކަލޭމެން ތިޔަބުނާ ފުރޭތަ'

ހަމްދީއަށް އިށާރާތްކޮށްލަމުން ފަރީދާ ބުނެލިއެވެ.

ފަރީދާގެ ރަޙްމަތްތެރިޔާވެސް އެދިމާލަށް ބަލައިލުމުން އޭނާގެ ލޮލުގައިވެސް ޙަމްދީ އަޅައިގަތެވެ.

'އަމާ…. އެނގޭތަ…. އެއީ މިރަށުގައި އެންމެ ގަދަޔަށް ސިހުރުހަދާ މީހާ…. އޭނައަކީ ބޮޑު ސިހުރުވެރިއެއް… އަނެއްކާ އޭނަ މިދިމާ ވަލުގައި ކޮން ގަނޑެއްގަނެފަބާ އެދަނީ… މަށަށް ހަމަ ޔަޤީން… ސަހަލަކަމެއް ކުރާކަށް އޭނަ ވަލަކަށް ނުވަންނާނެ…. ކޮންމެވެސް ނުބައި ކަންތައްގަނޑެއް ކޮށްފަ އެދާނީ…" ޙަމްދީ ފެނުމުން އޭނައާއި ދިމާލަށް ދެލޯ އަޅާލަމުން ފަރީދާގެ ރަޙްމަތްތެރިޔާ ބުނެލިއެވެ.

'އެހެންތަ… ކަލޭ ހީކުރީ މަށަށް ނޭނގޭ ކަމަށްތަ… މަށަށް އޭނަގެ ފަށުފުއް މާކުރިންސުރެވެސް އެނގޭ… އެކަހަލަ މީހުން ނުވާނެ ސަހަލައެއް… އެމީހުންލާ ކޮންމެ ނޭވަޔާއެކުވެސް ނުބައި ނިޔަތްތައް އުފަންވާ ކަމަށް ވަނީ…" ފަރީދާ ބޯހޫރާލަމުން އޭނާގެ ރަޙްމަތްތެރިޔާ ބުނިބުނުމަށް ބާރުދިނެވެ.

'ތިއެއް ނޫނޭ… ދެންމެ ކަލޭ ތިޔަ ބުނީ އެންނުދޯ އޭނަ ވަލަށް ވަދެފަ އެދަނީ ކޮންމެވެސް ނުބައިކަމެއް ކޮށްފައޭ… ނިކަން ކެރެންޏާ އޭނަ ކައިރީގައިގޮސް އަހާލަބަލަ އޭނަ މިދިމާ ވަލުގަ ކޮން ގަނޑެއްގަނެފަތޯ އެދަނީ…' ފަރީދާ އޭނާގެ ރަޙްމަތްތެރިޔާއާއި ސަމާސާކޮށްލާފައި އޭނާ އެދިމާލަށް ކޮށްޕާލިއެވެ. އެވަގުތު ފަރީދާގެ ރަޙްމަތްތެރިޔާގެ މޭގަނޑު އަތަށް ނައީ ހަމަކިރިޔާއެވެ. އޭނާއަށް ބޭއިހްތިޔާރުގައި ނޫނެކޭ ކިޔާފައި ހަޅޭއްލަވައިގަނެވުނެވެ.

ޙަމްދީއަށް އެއަޑު އިވިގެން ޙަމްދީ އެމީހުންނާއި ދިމާލަށް ބަލައިލުމަށްފަހު ބާރު ހިނގުމަކުން ހިނގަމުންއައިސް އެމީހުންނާއި އަރާހަމަކުރިއެވެ.

'ކަލޭމެން މަށާ ދޯ ތިޔަ މައްލަވަ ކުރަނީ… މާ ފާޑުފާޑުގެ ވާހަކަ ނުދައްކައި ތިބޭތި އިނގޭ… ކަރުއަޅާލަފާނަން…' ހަމްދީ ފަރީދާއަށް ބިރުދައްކާލަން އޭނައަށް އިންޒާރެއްދިނެވެ. އެހެނަސް ފަރީދާއަކީ އެހާ ފަސޭހައިން ބިރުގަންނަވާލެވޭނެ މީހެއް ނޫނެވެ. އޭނާ ބިރުގަންނަ އެއްވެސް މީހަކު އެރަށަކު ނުހުންނާނެއެވެ. އެހެންކަމުން ފަރީދާ އަނގައިން ދެރަވާކަށް ބޭނުމެއްނުވިއެވެ.

'ކަލޯ ހީކުރީ ކަލޯއައިސް ތިޔަހެން އިންޒާރެއް ދިނީމަ އަހަރެން ބިރުން ދުވެ ފިލާނެ ކަމަށްތަ؟ އަހަރެންމީ ކަލޭ ތިޔަހީކުރާ ކަހަލަ ފިނޑި މީހެއް ނޫނޭ… ކަލޭއައިސް މިތާ މަގޭ ކުރިމަތީގައި ހުރެގެން ވައްވައްޖައްސާފަ ކިތޭ ވަރަކަށް ލޯ އަޅައަޅާފައި ބިރުދެއްކިޔަސް މަގޭ މީ ކަލޭދެކެ ބިރުގަންނާނެ މީހެއްނޫން.. ކަލެއަށް އެހެން ހީކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުއްހީއެއް.. ދެންވެސް މިތަނުން މަގޭ ލޯކުރިމަތިން ދުރަށްދޭ….'

ފަރީދާ އޭނާގެ ދުލަށް އައިހާ އެއްޗެއް ޙަމްދީއާއި ދިމާލަށް ގޮވަމުންދިޔައިރު ޙަމްދީހުރީ ރުޅިއައިސް ރަތްވެފައެވެ. ޙަމްދީ އޭނާގެ ދެއަތް މުށްކަވައިގެން ހުރިގޮތުން ހީވަނީ ހަމަ ދެންމެދެންމެ ފަރީދާ ގައިގައި ތަޅައިގަންނަން އުޅޭ ހެންނެވެ. ޙަމްދީ ރުޅިއައިސްހުރި މިންވަރު ކަޝްފުވަމުންދިޔަ ވަރަކަށް އޭނާ އިތުރަށް ރުޅިއަރުވާލަން ބޭނުންވެފައިހުރި ފަރީދާއަށް ލިބުނީ އިތުރު ހިތްވަރެކެވެ.

ފަރީދާ ޙަމްދީއާއި ދިމާލަށް އިތުރަށް ބަހެއް ބުނުމުގެ ކުރިން ފަރީދާގެ ރަޙްމަތްތެރިޔާ އޭނާގެ އަތަށް ކުއްލިއެއް ޖެހުމަށްފަހުގައި ޙަމްދީއާއި ދުރަށް ގެންދިއުމަށްފަހު ހިނގައިގަތެވެ.

'އެކަހަލަ މަރުމޯލުންނާ ޖަދަލުކޮށްފަ ވަގުތު ބޭކާރުކުރަންދޯ ފަރީދާ ތިޔަ އުޅެނީ…' ޗުސްކަނޑާލަމުން ފަރީދާގެ ރަޙްމަތްތެރިޔާ ބުނެލިއެވެ.

'މުޅި މޫޑު ސަކަރާތްވެއްޖެ… ދެން މުޅި ދުވަސްވެސް ޙަރާބުވީ ކަންނޭނގެ މި' ފަރީދާ ބޯހޫރާލަމުން ޝަކުވާކޮށްލިއެވެ.

ޙަމްދީ އެދެމީހުންނާއި ދިމާލަށް ރުޅިވެރިކަމާއެކު ބަލަންހުއްޓައި ފަރީދާއާއި އޭނާގެ ރަޙްމަތްތެރިޔާ ވަލަށް ވަދެވެނުން އޮންނަ މަގުން އެތެރެއަށް ވަނެވެ. ދެން އެދެމީހުންގެ މޫނު ދުވަހަކުވެސް ނުފެންނާނެ ނަމައޭ ހިތަށްއަރާފައި ޙަމްދީވެސް އޭނާ ކުރިން މިސްރާބުޖަހާފައިހުރި މަންޒިލަށް އެނބުރިދިޔައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު