އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމުމަށް އިންޑިޔާއިން އިޙްތިރާމް ކުރައްވާ ކަމަށް އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ، މިއަދު އިންތިގާލީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ފިރުޒުލް ވިދާޅުވީ ގިނަ ޤައުމުތަކެއްގެ ސަފީރުން އިންތިޚާބީ ރައީސް މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރާތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިހާތަނަށް ނުވަ ޤައުމެއްގެ ސަފީރުން ވަނީ މުއިއްޒާ ބައްދަލު ކުރައްވައިފައި ކަމަށެވެ.
"މި ހުރިހާ ބައްދަލުވުމެއްގައި ދެ ޤައުމު ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ކުރެއްވި ދެ ފަރާތުން ޝުއޫރުތައް ބަދަލުކުރެވިގެންދިޔަ. ޖުމްލަ ގޮތެއްގައި ހުރިހާ ގައުމަކުން ވެސް ރާއްޖޭގެ ތަރައްގީ ގައި އަދި ރާއްޖެއާއެކު އުފެދިފައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ."
ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، އާ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުރިހަމަ ކުރުމަށް އެ ޤައުމުތަކުގެ އިސްވެސްޓަރުންނާއި ސަރުކާރުތަކުގެ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމުގައެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ޑރ. މުއިއްޒުގެ ކެމްޕެއިންގައި ޚާރިޖީ ސިޔާސަތާއ ގުޅިގެން އެންމެ ބޮޑަށް ވާހަކަދެކެވުނު އެއް ކަމަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ވާހަކަ ކަމަށާއި، އަދި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެފައި ތިބި ތިބުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"އެ ބައްދަލުވުމުގައި މުއިއްޒު ވަނީ ވަރަށް ސާފުކޮށް ސަރީހަކޮށް ވިދާޅުވެފައި ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމެވުން. އެއީ އިންޑިއާ ސިފައިން މި ގައުމުގައި ގާއިމްވެ ތިބުމަށް އެދިވަޑައިނުގަންނަވާކަން. އިންޑިޔާ ސަފީރު ވިދާޅުވެފައިވަނީ އެ ނިންމުމަށް އިހްތިރާމް ކުރައްވާކަމަށް އަދި ދިވެހި ރާއްޖޭގެ ސިޔާސަތަށް ފުރިހަމައަށް އިހްތިރާމް ކުރައްވާނެކަމަށް." ފިރުޒުލް ވިދާޅުވިއެވެ.
ރާއްޖެއަށް އިންޑިއާއިން ދޫކޮށްފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށް މަސައްކަތް ކޮށްދިނުމަށް އެ ބޭފުޅުން ތައްޔާރަށް ތިބިކަމަށް ވެސް ސަފީރު ވިދާޅުވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އަވަށްޓެރި ހުރިހާ ގައުމުތަކަށާއި އަދި ގާތް ގުޅުން އޮންނަ ވަރަށް ގިނަ ގައުމުތަކަށް ދައުވަތު އެރުވުމަށް ތައްޔާރުވަމުންދާ ކަމަށާއި، އެ ޤައުމުތަކުގެ އިސްވެރިންނަށް ދައުވަތު އަރުވާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ފެށިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.