އިސްރާއީލުން ހިފާފައިވާ ބިންތައް އަނބުރާ ފަލަސްތީނަށް ދިނުމަށް އިންތިޚާބީ ރައީސް ގޮވާލައްވައިފި

އިސްރާއީލްގެ އަސްކަރިއްޔާ އިން ގަދަބާރުން ހިފާފައިވާ ފަލަސްތީންގެ ބިންތައް ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހަމަލާތައް ބަދަލު ކުރެވެމުންދާ މި ދަނޑިވަޅުގައި މުއިއްޒު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގާ ހަމައަށް އިސްރާއީލް ފަހަތަށް ޖެހުމަށާއި ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވައިފައެވެ.

އަދި ގަދަބާރުން އިސްރާއީލް ސިފައިން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ފަލަސްތީނުގެ ރައްޔިތުންނަށްދީ، އެ ބިންތަކުން ސިފައިން ފޭބުމަށް ވެސް މުއިއްޒު ގޮވާލެއްވިއެވެ.

https://x.com/MMuizzu/status/1710666730786226417?s=20

އިންތިޚާބީ ރައީސް މިހެން ގޮވާލައްވާފައިވާއިރު، ހައްދުފަހަނަ އެޅި ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުން އިސްރާޢީލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލަތަކެއް މިއަދު ވަނީ ދީފައެވެ. ރޮކެޓް ހަމަލަތައް އަމާޒުކޮށްފައި ވަނީ ޔަހޫދީ އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށެވެ.

ޣައްޒާގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ ހަމާސް ޖަމާޢަތުން ބުނީ، ޔަހޫދީ އިސްރާޢީލަށް ރޮކެޓް ހަމަލަތަކެއް ދީފައި ވަނީ އެ ޖަމާޢަތުން ފަށާފައިވާ "އޮޕަރޭޝަން އަޤްޞާ ފްލަޑް"ގެ ދަށުން ކަމުގައެވެ. އަދި، ޔަހޫދީ އިސްރާޢީލުގެ އަމާޒުތަކަށް 5،000 އަށްވުރެ ގިނަ ރޮކެޓް ހަމަލަ ދީފައިވާނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް، އިސްރާޢީލުގެ 'އަޔަން ޑޯމް' ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން ގިނަ ރޮކެޓްތައް ދިފާޢުކޮށްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

އެކަމާ ގުޅިގެން އިސްރާޢީލުގެ އަސްކަރިއްޔާއިން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައިވެއެވެ. ރޮކެޓް ހަމަލަތައް އެއް ގަޑިއިރަށް ދެމިގެންދިޔަ އިރު، އިސްރާޢީލުގެ ގިނަ ޔަހޫދީން ވަނީ، 'ބޮން ޝެލްޓަރ’ތަކުގައި ރައްކާތެރިކަން ހޯދާފައެވެ.

އިސްރާޢީލުން ބުނީ ރޮކެޓް ހަމަލަތަކުގައި 70 އަހަރުގެ އަންހެނަކު ޒަޚަމުވެފައިވާ ކަމަށާއި، އެ އަންހެން މީހާގެ ހާލު ސީރިޔަސް ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. އަދި، ރޮކެޓް ހަމަލައެއްގައި ގެއްލުން ލިބުނު ޢިމާރާތެއްގެ ތެރޭގައި އިތުރު މީހަކު ތާށިވިއެވެ.

ހަމައެހެންމެ އެހެން ހާދިސާއެއްގައި ޔަހޫދީންގެ 20 އަހަރުގެ ޒުވާނަކު ވެސް ވަނީ ޒަޚަމުވެފައެވެ. ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުން ޔަހޫދީ އިސްރާޢީލަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލަތަކެއް ދިނުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފުމަށް ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ތައްޔާރުވަމުންނެވެ. ޣައްޒާގެ ރައްޔިތުންނަށް ހަމަލަދޭން ރޭވުމަށް ޔަހޫދީ އިސްރާޢީލުގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ބުންޏެވެ.

ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރެކެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަ ކުރެވޭ ތަނެކެވެ. އެ ތަން ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ވަނީ ފެންސް ޖަހައި ބަންދުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެ ތަނަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ.

ލާއިންސާނީ ޖަރީމާތަށް ހިންގަމުންދާ ޔަހޫދީން ޣައްޒާގެ ރައްޔިތުން މި ގޮތަށް އަޅުވެތި ކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ޖަރީމާއެއްގެ ގޮތުގައި މުޅި ދުނިޔެ ސިފަ ކުރެއެވެ. އެކަމަކު ޔަހޫދީންގެ މި ޖައްބާރު ލާއިންސާނީ އަމަލު ހުއްޓުވަން އެންމެ އިނގިއްޔެއްހާ މިންވަރު ވެސް ހިއްލައިލާނެ އިދާރާއެއް، ނުވަތަ ޤައުމެއް ނެތް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު