ޙަމާސް ޖަމާޢަތުގެ މުޖާހިދުން ދިން ހަމަލާތަކެއްގައި ހައްދުފަހަނަ އެޅި އިސްރާއީލުގެ ކޮމާންޑަރެއް މަރާލާފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ލެފްޓިނެންޓް ކާނަލް ސްޓެއިންބަރގް މަރާލާފައިވަނީ އިސްރާއީލުގެ ދެކުނުގައި ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ މައި ގޮތްޕެއްގެ ކޮމާންޑަރެއް ކަމަށްވާ ސްޓޭއިންބަރގް ގަޔަށް ބަޑިޖަހާފައިވަނީ ކަރަމް ޝަމާލް ކައިރީގައި އޭނާގެ ބްރިގޭޑްއާއި ހަމާސްގެ ޖަމާއަތާ ދެމެދުގައި ހިނގި ހަމަލާތަކަށް ރައްދު ދެމުން ދަނިކޮށްކަމަށް މަޢުލޫމާތު ލިބެއެވެ.
އިންސާނިއްޔަތު ކަމެއް ނެތް ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ދަށުން ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭން ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލާތަކެއްވަނީ ދީ، މި ޙަމަލާތަކުގައި ޔަހޫދީންގެ 200 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 1،000އަށް ވުރެ ގިނަ ޔަހޫދީން ވަނީ ޒަޚަމްކޮށްލާފައެވެ. މިކަމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 200 މީހުން ޝަހީދުކޮށްލާފައެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަން ކުރަން ގޮވާލެވޭ ވަރަށް، އެ ޖަމާޢަތުން މިހާރު އިސްރާއީލުގެ ސިފައިން އަތުލައިގަނެފައިވާކަމަށްފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ބުނެފައިވެއެެވެ.
ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ.