ހަކުރުބަލީގައި އުޅޭ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށްޓަކައި ޤަވާޢިދުން ކަސްރަތުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމެކެވެ. ހަަަމައެހެންމެ ދިރިއުޅުމުގައި ކަސްރަތުކުރުމަކީ ދިރިއުޅުމުގެ ބަޔަކަށް ހަދާންޖެހެއެވެ.
ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ކަސްރަތު ކުރަންޖެހޭނެއެވެ.
ކަސްރަތު ކުރަންވީ ކީއްވެެ؟
ކަސްރަތުކުރުމުން ލޭގައި ހުންނަ ހަކުރުގެ ބައި މަދުކޮށްދެއެވެ. ހަމައެހެންމެ ލޭ ދައުރު ކުރާ ނިޒާމު ރަނގަޅަށް މަސައްކަތްކުރުމަށް އެހީވެދެއެވެ.
މީހާގެ ބަރުމިން ބަދަލުނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ. ހިތްވަރުގަދަކޮށް ހީވާގި ކަމާއެކު މަސައްކަތުގައި އުޅުމަށް ބާރަކަށް ވެއެވެ.
ދިރިއުޅުމުގައި ދިމާވާ އެކިއެކި ދަތިތަކާމެދު ފިކުރުބޮޑުވުމާއި ހާސްވުން ކުޑަކޮށްދެއެވެ.
ކަސްރަތު ކުރަންވީ ކިހާވަރަކަށް؟
ކަސްރަތަކީ ޤަވާޢިދުން ކުރަންޖެހޭ ކަމެއްކަމަށް ކަމުގެ މާހިރުން ލާފާދެއެވެ. އދި ކަސްރަތުކުރަން ވާނީ އެކަސްރަތެއް ކުރަންވާ ގޮތަށް ރަނގަޅަށެވެ.
އަހަރެމެން ކާނާގެ ގޮތުގައި ހަށިގަނޑަށް އެތެރެކުރާ ހަކަތައާ ގާތްގަނޑަކަށް އއްވަރު ވާންވާނެއެވެ. އޭރުން ހަށިގަނޑުހެ ބަރުމިން އެއްވަރެއްގައި ބެހެއްޓޭނެއެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ގާތްގަނޑަކަށް ދުވާލަކަށް 20-30 މިނެޓުގެ ކަސްރަތު ފުދެއެވެ. ކުރާ ކަސްރަތުގެ ފައިދާކުރާނީ ޤަވާޢިދުން އެ ކަސްރަތު ކުރުމުންނެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ކަސްރަތުކުރުމަކީ ވަރަށް ރަނގަޅު އާދައެކެވެ.
ކަސްރަތަކީ އެ ކުރާ ކަސްރަތެއްގެ ސަބަބުން ހަށިގަނޑަށް އެނގުންވާ ކަސްރަތަކަށް ވާންވާނެއެވެ. އެ ކަސްރަތުގެ ސަބަބުން މީހާއަށް މާނޭވާ ލެވި ހިތުގެ ވިންދު ގާތްގަނޑަކަށް 120 އާއި 150 އާ ދެމެދުގެ މިންވަރަކަށް މައްޗަށްދާ ވަރުގެ ކަސްރަތަކަށް ވާންވާނެއެވެ. އެހެންނަމަވެސް އެކަސްރަތަކީ މީހާ މާ ބޮޑަށް ވަރުބަލިވެ ނޭވާ ކުރުވާހާ ބުރަ ކަސްރަތަކަށް ވެގެން ނުވާނެއެވެ.
ކުރަންވީ ކޮން ބާވަތެއްގެ ކަސްރަތެއް؟
ކޮންމެ މީހަކުވެސް އެމީހަކު ކުރާނެ ކަސްރަތެއް އިޚްތިޔާރު ކުރަންވާނީ އެމިހެއްގެ އުމުރާ ހަށިގަނޑުގެ ސިއްޙީ ޙާލަތާ ގުޅޭގޮތުންނެވެ. މީގެއިތުރުން އެކަސްރަތަކީ އެމީހަކު ކުރާ ހިތްވާ ކަސްރަތަކަށްވެސް ވާންވާނެއެވެ، އެކަސްރަތަކީ އާންމު ދިިރއުޅުމުގައި ފަސޭހައިން ކުރެވޭ ކަހަލަ ކަސްރަތަކަށްވެސް ވުން މުހިއްމެވެ.
އެއްވެސް ބާވަތެއްގެ ކަސްރަތެއް ކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.
(ނޯޓް: މަޢުލޫމާތު ނަގާފައިވަނީ، ސޮސައިޓީ ފޮ ހެލްތު އެޑިޔުކޭޝަންގެ ލީފްލެޓަކުންނެވެ.)