Sunday, 06 October 2024

ހިތް އެދޭހާ ކަމެއް.. (5 ވަނަބައި)

ވާފިޔާގެ އިތުރުން އިޝްވާގެ އެހީތެރިކަމާއެކު ޒީވާ ގޮނޑިން ތެދުވެ ސިޑިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަނުމަށްފަހު އިޝްވާ މަޑުކުރަން އުޅުނު ނަމަވެސް ޒީވާ އެކަނިވެލަން ބޭނުން ކަމުގައި ބުންޏެވެ. އިޝްވާ ދިޔުމާއެކު ޒީވާގޮސް ކޮޓަރީގައި ހުރި ދިގު ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ގައިގައި އޮޅާލައިފައިވާ ބޮޑު ފޮތިގަނޑު ނައްޓައިލަމުން ލޯގަނޑުން ފެންނަމުންދިޔަ ވީދިފައިވާ ޔުނީފޯމަށް ނަޒަރު ހުއްޓައިލިއެވެ. ހިނގައިދިޔަ ކަންތައްތަކުގެ ހިޔާލުން ސިކުނޑި ފުރި މޭނުބައިކުރަން ފެށުމާއެކު ޒީވާ އަވަސް އަވަހަށް ފާހަނައާ ދިމާލަށް ދުއްވައިގަތެވެ.

4 ގަޑިއިރު ކުރި

ދަންވަރުގެ ހަމަހިމޭންވަގުތެވެ. އާދައިގެމަތިން ހޮސްޕިޓަލުގެ ނަރުހުންގެ ޖަގަހައިގައި ޒީވާ އޭނާގެ ޑިއުޓީ ފުރިހަމަ ކުރަމުން ދިޔައެވެ. ޒީވާގެ އިތުރުން އެތަނުގައި އިން އަންހެންކުއްޖާ ކޮންމެވެސް ވާހަކައެއް ދައްކައިފައި ހެމުން ދިޔައެވެ. އެވަގުތު އެދިމާލުގައި އެދެމީހުން ފިޔަވައި އިތުރު ނަރުހެއް ނުވަތަ ބަލިމީހެެއްވެސް ނެތުމުން ދެމީހުންވެސް ތިބީ އޮލަ ވާހަކައެއްގައެވެ. އެމަންޒަރު ބަލަން ތަންކޮޅެެއް ދުރުގައިހުރި ޒުވާނާ އެދެމީހުންނަށްވެސް ނުފެންނަކަހަލައެވެ.

ކުއްލިއަކަށް ހޮސްޕިޓަލުގެ އެމީހުން ތިބި ދިމާލުން ކަރަންޓު ކަނޑައިގެން ދިޔައެވެ. ހޮސްޕިޓަލުގެ އެމަރޖެންސީ ޖަނަރޭޓަރު މަސައްކަތްކުރާނީ ހަމައެކަނި އައިސީޔޫއާއި ލެބްފަދަ މުހިއްމު ތަންތަނަށް ކަރަންޓު ފޯރުކޮށްދިނުމުގައިކަން އެމީހުނަށް އެނގެއެވެ. އެހެންކަމުން ކަރަންޓަށް ވީގޮތެއް ބެލުމަށް ޒީވާ އޭނާގެ ރަހްމަތްތެރިޔާ ފޮނުވައިލީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަޔާތައް އަންނަންއުޅޭ ބަނަކަމުގެ ހިލަމެއްވެސް ނުވާހާލުގައެވެ.

ދުރުގައިހުރި ޒުވާނާ ލަސްފިޔަވަޅުތަކެއްގައި ޒީވާ ހުރި ހިސާބާ ގާތްވަމުންދިޔައެވެ. އިސްޖަހައިލައިގެން ފޯނާ ކުޅެންއިން ޒީވާއަށް ކުރިމަތީގައި މީހެއް ހުއްޓުނު ކަމުގެ ހިލަމެެއްވެ އިސް އުފުލައި ބަލައިލިއެވެ. ކަޅުކުލައިގެ ޑިސްޕޯޒަބަލް މާސްކަކުން މޫނު ނިވާކޮށްގެންހުރި ޒުވާނާއަކީ ބަލިމީހެއްކަމުގައި ޒީވާއަށް ހީކުރެވުނެވެ. އެމަރޖެންސީ ލައިޓްތަކުގެ ފަނޑުއަލި އެޅިފައިވި ނަމަވެސް އެމީހާގެ ބޮލުގައި އަޅައިފައިވާ ބޮޑު ހުޑީގެ ސަބަބުން ޒީވާއަށް އެ ދެލޮލެއް ނުފެނެއެވެ.

"އައްސަލާމް އަލައިކުމް. ކިހިނެެއްތޯ ވީ؟" ޒީވާ އާދައިގެ މަތިން އަހައިލިއެވެ. އެސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އޭނާ ކުއްލިއެއްޖަހައި ޒީވާގެ އަތަށް ދަމައިގަތެވެ. ދެމީހުންގެ  ހުރަހަކަށްހުރި ކައުންޓަރުގައި ޒީވާގެ ބަނޑު ވަރަށްބާރަށް ޖެހުނެވެ. ފަޅި ސުކުންތުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ޒީވާގެ ނަފްސަށް ސިހުންގެނުވިއެވެ. ހަމައަކަށް ނާޅައިގެން އުޅެނިކޮށް އެމީހާ ކައުންޓަރު ވަށައިލުމަށްފަހު އައިސް ޒީވާގެ ހަށިގަނޑު ފާރާއި ދިމާލަށް ކޮށްޕައިލިއެވެ. އޭނާގެ ބިޔަ ހަށިގަނޑާއި ފާރާ ދެމެދަށް ވާގޮތަށް ޒީވާ ފިތެމުންދިޔަ ވަރަކަށް ޒީވާއަށް ނޭވާލާން އުނދަގޫވަމުން ދިޔައެވެ. ބިރުވެރިކަމުން ވަށައިލެވިފައިވާ ހާލުވެސް ޒީވާގެ ހިތުގައި އެމީހާއާމެދު ކިލަނބުކަމެއް އުފެދޭގޮތް ނުވީ އެއީ ނަފްސާނީ ބައްޔެެއްގެ މީހެެއްކަމުގައި ހީކުރެވިގެންނެވެ. އޭނާވަނީ މީގެ ކުރިންވެސް އޭގެ ބަލި މީހުންނާ މުއާމަލާތު ކޮށްފައެވެ.

"ޕްލީޒް.. އަހަރެންނަށް ތިހެން ހަދައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އަހަރެން ޑޮކް.. ޑޮކްޓަރަކަށް.. ގޮ.. ވާދީ.. ފާނަން" ޒީވާ އުނދަގުކަމާއެކު ވާހަކަ ދެއްކިއެވެ.

"އަހް ޒީވާ މައި ބޭބީޑޯލް. އަހަރެން ތިމަލުގެ ފޮނިކަމަށް އިންތިޒާރު ކުރާތާ ކޮންދުވަހެެއް. އަހަންނަށް އެނގޭ އެއީ އަހަރެންގެ ނަސީބުގައި ނެތްކަމެއްކަން. އެކަމަކު މިރޭ އަހަންނަށް ތިހަށިގަނޑުން ލިބެންއޮތް ހުރިހާ އުފަލެއް ހާސިލް ކުރާނަން." އެމީހާގެ ވާހަކައިން ޒީވާ ކަންބޮޑުވިއެވެ. ސަލާމާތްވާން ތެޅިގަނެވުނެވެ. އެ މަސައްކަތް ނާކާމިޔާބުވުމުން އަނެއްކާވެސް އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ޕްލީޒް… ތީ ކާކުކަށް އަހަރެންނަށް ނުވެސް އެނގޭ… ފުރުސަތެއް ދޭނެތޯ ނޫންތޯ އެނގޭނީ އަހަރެންނަށް ތީ ކާކުކަން އިނގިގެނެއްނު. މިކަންތައް ވާހަކަ ދައްކައިގެންވެސް ހައްލު ކުރެވިދާނެ. ތިގޮތަށް ސިއްހީ ހިދުމަތްދޭ ތަންތާނގައި މުވައްޒަފުންނަށް ބިރު ދައްކައި ފުރައްސާރަ ކުރުމަކީ ގާނޫނީ ކުށެ–"

"އޭ!!! ކަލޭ ފާޑުފާޑަށް މަށަށް ގާނޫނު ކިޔާދޭން ނޫޅެެއްޗޭ." އެމީހާ ޖީބުން ނެގި ވަޅިއެއް ޒީވާގެ ބަނޑުގެ އަރިމަތީގައި ޖައްސައިލިއެވެ. ލިބުނު ސިހުމުގައި ޒީވާ ހަޅޭއްލަވައިގަތުމާއެކު އޭނާ ޒީވާގެ އަނގަމަތީގައި އަތްއެޅިއެވެ.

"މާބާރަށް ހަޅޭއްނުލަވާ. މަށަށް އެނގޭ ތިކަހަލަ ކުދިން އަހަރުމެން ކަހަލަ މީހުންނަށް ލޮލުގެ ހިމަކޮޅުންވެސް ބަލާނުލާނެކަން. ކަލެެއަށްވެސް ރަނގަޅުވާނީ ފަސޭހަ ގޮތަށް މިކަންތައް ކުރިއްޔާ" އެމީހާ ދަތްކުނޑި ވިކައިލަމުން ބުންޏެވެ. އޭރު ޒީވާގެ ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަމުން ދިޔައެވެ. ބިރުވެރިކަން މުޅި މީހާ ވަށައިލިއެވެ. ޒީވާ ލަވަމުންދިޔަ ހަޅޭކުގެ އަޑު އަނގަމަތީގައި އަޅައިފައިވާ އަތްތިލައިގެ ތެރެއަށް ހިނދެމުން ދިޔައެވެ.

އުނދަގުލަކާއި ނުލައި އެމީހާ ވަޅި ހިފައިގެން ހުރި އަތުން ޒީވާގެ ޔުނީފޯމުގެ ކަރުވަޅުގައި ހިފައި ދަމައިގަތުމާއެކު ޒީވާގެ މޭމަތިން ބޮޑުބައެއް ހާމަ ވެގެންދިޔައެވެ. ޒީވާ ތެޅިގެންފައި ދެއަތުން ހަށިގަނޑު ނިވާކުރުމަށް މަސައްކަތް ކުރިއެވެ. ގަދަހަދަން ފެށުމުގެ ނަތީޖާއަކަށްވީ އެމީހާ ހިފައިގެން ހުރި ވަޅީގެ ތިލައިން މިންވަރެން ޒީވާގެ ބަނޑުގެ އަރިމައްޗަށް ވާގޮތަށް ކޮށްޕައިލުމެވެ.

ޒީވާގެ ވޭނުން ފުރިގެންވާ ހަޅޭކަށް ބީރު ކަންފަތެއް ދިނުމަށްފަހު އެމީހަކު ޒީވާގެ މޫނާއި ކަރުން ތިރިއަށްވާގޮތަށް ބޮސްދެމުން ދިޔައެވެ. ބަނޑަށް ހެރެމުން ދިޔަ ވަޅީގެ ސަބަބުން ޒީވާއަށް ގޮތްހުސްވެފައިވާ ކަހަލައެވެ. އިތުރު ހަރަކާތެއް ކުރަން ބޭނުން ނުވިނަމަވެސް އޭނާގެ ހަށިގަނޑު ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ ހަންގަނޑު ވަޅީގައި ކޭތެމުންދިޔަ ވަރަކަށް އަޅަމުން އަންނަ ވޭންވެސް ގަދަވަމުން ދިޔައެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާގެ ގައިމައްޗައް ޖެހިގެންފައިވާ އަނިޔާވެރި ސިންގާގެ ހޫނު ނޭވާއިން އެހަށިގަނޑުގައި އަޅަމުންދާ ވޭން ގަދަވެފައިވާ ކަހަލައެވެ. އެ ނޭވާ އިހުސާސްވާ ކޮންމެ ފަހަރަކު ޒީވާގެ ހަށިގަނޑުން ބައެއް ފިހެވެމުން ދާކަހަަލައެވެ. ހަށިގަނޑުގެ އަތްލަން ނުވާ ހިސާބެއްގައި އެ އަތް ޖެހިލާ ކޮންމެ ފަހަރަކު ޒީވާގެ މޭނުބައިކުރަމުން ދިޔައެވެ. އެމީހާ ޒީވާ ލައިގެންހުރި ނަރުސް ހަރުވާޅުގައި ހިފައި ދަމައިލުމާއެކު ޒީވާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. މިފަދަ ގޮތަކަށް އޭނާގެ އިއްފަތްތެރިކަން ގެއްލިގެންދާތަށް ބަލާކަށް އޭނާއަކަށް ކުޅަދާނައެއް ނުވާނެއެވެ. އޭނާއަށް މި ލިބެނީ އޭނާއަށް ކުރެވުނު ކޮން ކުށެއްގެ ސަޒާއެއްބާއޭ ޒީވާގެ ހިތަށް އަރަމުން ދިޔައެވެ.

ކުއްލިއަކަށް އެމީހާ ޒީވާގެ ގައިން ދޫކޮށްލައިފިއެވެ. ދުވެފައި ދިޔަ ފިޔަވަޅުތަކެއްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ޒީވާ ލޯ ހުޅުވައިލިއިރު އެތަނުގައި ހުރި މީހާގެ ހިލަމެއްވެސް ނެތެވެ. ކަރަންޓު އައިސް މުޅިތަނަށް އަލިކަން ފެތުރިފައިވާއިރު އޭނާގެ ކަޝްފުވެފައިވާ ހަށިގަނޑާއި ބަނޑުގެ އަރިމަތިން ހުރަހަށް ވާގޮތަށް ވަޅިއެޅިފައިވާ ހިސާބުން އަންނަމުންދިޔަ ރަތްލޭ ފިޔަވައި ހިނގައިދިޔަ ހާދިސާގެ ނިޝާނެއްވެސްނެތެވެ. ނަމަވެސް އެ ހާދިސާގެ ސަބަބުން ނުފިލާވަރު ލަކުނެއް ޒީވާގެ ހިތުގައި ހަރުލައިފިއެވެ.

ޒީވާގެ ފައިން ވަރުދޫވިއެވެ. ފާރުގައި ކޭތެމުން ކަހަލަގޮތަކަށް ހުރި ދިމާލަށް ތިރިވެވުނެވެ. އޭނާގެ ފަރާތުން ރުއިމެއްގެ އަޑެއްނީވެއެވެ. އެ ދެލޮލުންފައިބަމުންދިޔަ ކަރުނަތަށް ފިޔަވައި އިތުރު އެއްޗެއް އޭނާގެ ހިތާއި ހަށިގަނޑުގައި އަޅަމުދިޔަ ވޭނަށް ހެކިދޭކަށެއް ނެތެވެ. މާ ގިނައިރެއްނުވެ ކަރަންޓަށް ވީގޮތް އޮޅުން ފިލުވުމަށްޓަކައި އޭރު ދިޔަ ޒީވާގެ ރަހްމަތްތެރިޔާ އަތުވެއްޖެއެވެ. އެކުއްޖާއަށް ޒީވާ އިންގޮތް ފެނުމާއެކު ލިބުނު ޝޮކުގައި ޒީވާ އިންދިމާލަށް ދުއްވައިގަތެވެ.

"ޔާ ރައްބީ!! ޒީ.ކިހިނެތްވީ؟ ޒީ އަޅެ އަހަރެންނަށް ނުދެވުނު ނަމަ. ކާކު ކުރިކަމެއް މީ؟ ޒީ. ޒީ." އެކުއްޖާ ޒީވާގާތު އިށީނދެލަމުން ހުއްޓުންއަރަައިފައި އިން ޒީވާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އެއާއެކު ޒީވާއަށް ކުއްލިއަކަށް ދިރުން ލިބުނު ކަހަލައެވެ. ވޭޭނީ ރުއިމެއްގެ އަޑާއެކު ރަހްމަތްތެރިޔާގެ ގައިގައި ބައްދައިލެވުނެވެ.

"ސުބްހާނަށްﷲ. ޒީ އަޅެ އަހަންނަށް ވީގޮތް ކިޔާދީބަލަ. މީހެއް ނާންނަންދެން ލެޓްސް ގެޓްޔޫ ކަވަރޑް. މިހިރީ ބަނޑުކައިރިން ކަފައިގެން ގޮސްފައެއްނު. ޒީ. ބޭސް އަޅަން ހިނގާ. ހިނގާ ޑޮކްއެެއް ކައިރިއަށް.. އަހަރެން ޒީގެ ފެމިލީއަށް ގުޅާނަން" އައިޝާ ފެންކަޅިވެފައިހުރެ ބުންޏެވެ. ޒީވާ އެފަދަ ހާލެއްގައި ވަނިކޮށް ޒީވާގެ ކުރިމަތީގައި ބަލިކަށިވާކަށް އޭނާ ބޭނުމެއްނުވިއެވެ. ކަރުނަތަށް ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރަމުންދިޔައެވެ. ރަހްމަތްތެރިޔާގެ ހާލާމެދު ހިތުގައިވި އަމިއްލަ އިހުސާސްތައް އެއްފަރާތްކުރުމަށްފަހު ނަރުހެއްގެ ވާޖިބު އަދާކުރުމަށް އަވަސްވެގަތެވެ.

***********

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ހޭލެވުމާއެކު އާފުރިލަމުން ޝައިނާ އެނދުން ތެދުވިއެވެ. ފަޒާގައި ހިފައިލައިފައިވާ ތެތް ފިނިކަމާހުރެ ޝައިނާ ބޭނުންވީ ނަމާދުކޮށް ނިމުމުނުހާ އަވަހަކަށް އަރާމު ނިންޖެއްގެ ތެރެއަށް ފީނައިގަންނާށެވެ. އެފަދަ ވަގުތެއްގައި ރަޖާ ދޫކޮށްލުމަށްފަހު ދުނިޔެއާ ކުރިމަތިލާނީ ކާކުހޭ އޭނާގެ ހިތަށް އެރިއެވެ. ނޫނެކެވެ. އެފަދަ ވަގުތެއްގައި ހިނިތުންވުމާއެކު ތެދުވެ ދުނިޔެއާ ކުރިމަތިލާނީ އެންމެ މީހެކެވެ. އެމީހަކީ މިފަތިހުގެ އަރާމު ނިދި އޭނާ ދޫކޮށްލުމަށް ތައްޔާރު ވަމުންދާ ސަބަބު ކަމުގައިވާ މީހާއެވެ.

އެނދަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލި ޝައިނާއަށް ފޫހިއަޑެއް ލައްވައިލެވުނެވެ. ނަމާދުކޮށް ނިންމައިލުމަށްފަހު އާންމުކޮށް ނިދަންލާ ކޮނޑުކެނޑީގެ މަތިން ޝޯލެއް އޮޅައިލަމުން ކޮޓަރިން ނުކުތެވެ. އަޑެއް ބަޑެއް ލައްވައިނުލައި ފައިވާން ހަރުގަނޑާ ދިމާލަށް ދިޔައިރު އޭނާގެ އަތުގައި ފޯނުގެ އިތުރުން އޮތީ ކުޑަ ޕްލާސްޓިކް ކުރަތްޕެކެވެ. އަވަސް ހަރަކާތަކާއެކު ޝައިނާ އެ ކުރަފި ކޮއްޕައިލީ ރާހިލް ދުވަންދާ ބޫޓުގެ ތެރެއަށެވެ. އެއަށްފަހު ލުއިލުއިކޮށް ދުވެލާފައި އައިސް ސޯފާގެ ނިވަލުގައި އިށީނެވެ. އަދި ފައިވާން ހަރުގަނޑާ ދިމާވާހެން ފޯނުގެ ކެމެރާ ސެޓުކޮށްލިއެވެ.

މާގިނައިރެއްނުވެ ރާހިލް ކޮޓަރިން ނުކުމެގެން އައިސް އެޕަލްވޮޗް އަތަށް ހެޔޮވަރު ކޮށްލަމުން ފައިވާންހަރު ކައިރީގައި މަޑުކޮށްލިއެވެ. ހަރުގެ އެންމެ ތިރީބައިން ނެގި ބޫޓުގެ ފުރަތަމަ ބޫޓުކިބަ ލުމަށްފަހު ދެންއޮތް ބޫޓުކިބައަށް ފައި ކޮށްޕައިލިއެވެ. ހަމައެއާއެކު ބޫޓުގެ ތެރެއިން އެއްޗެއްގައި ފައި ޖެހުނުހެން ހީވެ ރާހިލް އެ ބޫޓުކިބަ އަތަށްނަގައި އަރިކޮށްލިއެވެ. އެ ހުރިހާ މަންޒަރެއް ރިކޯޑު ކުރަމުންދިޔަ ޝައިނާއަށް އޭރު ހިނިގަނޑު ހިފަހައްޓައިލެވެނީ ކިރިޔާއެވެ. ކުއްލިއަކަށް ރާހިލްއަށް ބޫޓުކިބައިގެ ތެރެއިން ވެއްޓުނު ކުރަފި ފެނުމާއެކު އަތުގެ ކޮޅަށް ބޫޓު ހޫރައިލަމުން 'މަންމާ’އޭ ކިޔާ ހަޅޭލަވައިގަތުމަށްފަހު ގޮސް ކާމޭޒު ކައިރީގައިހުރި ގޮނޑިއެއް މައްޗަށް އެރިތަންފެނުނެވެ. އެއާއެކު ޝައިނާ ހިނިގަނޑު ހިފަހައްޓަންކުރި މަސައްކަތް ބޭކާރުވެ ޕަކަޕަކަލާފައި ހޭން ފެށުނެވެ. އަދި އިތުރަށް ފިލައިހުރުމުގެ ބޭނުމެއް ނެތްކަން އެނގުމާއެކު ސޯފާގެ ނިވަލުން ނުކުތެވެ.

"އޯމައިގޯޑް. ޒީ އިޒް ގޮނަ ލަވް ދިސް. ކޮންމެސް ދުވަހަކުން ޒީއަށް ދެއްކޭނެ. ހަހަހ" ޝައިނާ އަދިވެސް ފޯނުގެ ކެމެރާ ރާހިލްއާ ދިމާލަށް އަމާޒުކޮށްގެންހުރެ ބުންޏެވެ. ރާހިލް އަލުން އެ ކުރަފި އޮތް ދިމާލަށް ބަލައިލިއެވެ. އެހިނދު އޭނާއަށް އެއީ ދިރުމެއް ނެތް އެއްޗެއްކަން އެނގުނެވެ.

"އަހަންނަށް އޭރުވެސް ހީވިއޭ މީ ޝައިނާގެ ކަމެއްހެން. ހަމަމިހާރު ޑިލީޓްކުރޭ ތީތި." ރާހިލް އެއްފަޔަށް ލައްވާފައިވާ ބޫޓުކިބަ ނައްޓާލަމުން ގޮނޑިން ފުންމާލައި ޝައިނާގެ ފޯނުއަތުލުމަށް ދުއްވައިގަތެވެ. ޝައިނާވެސް ރާހިލްއަށް އަތުނުވޭތޯ ދުއްވައިގަތެވެ. ނަމަވެސް ރާހިލް ނުހަނު ފަސޭހަކަމާއެކު ޝައިނާ އަތުކުރިއެވެ. އަދި ޝައިނާގެ ފޯނު އަތުލުމަށްފަހު އަތްދަމައިލަމުން ޝައިނާގެ އަތްނުފޯރާނެހާ މައްޗަށް ފޯނު ހިއްލައިލިއެވެ. ޝައިނާ ރާހިލްގެ ކައިރިން ނެއްޓިގަތުމަށްޓަކައި ގަދަހަދަން ފެށުމާއެކު ފޯނު ހިފަހައްޓައިގެން ހުރި އަތްނޫން އަނެއްއަތުން ޝައިނާގެ ދެއަތް ފުރަގަހަށް ވާގޮތަށް ހައްޔަރުކޮށްލިއެވެ.

"ޕާސްވޯޑް ކިޔާ." ފޯނު އަތުގެ ކޮޅަށް ހިއްލާލައިގެން ހުރެ ރާހިލް ބުންޏެވެ.

"ނުކިޔާނަން." ރާހިލްއާ ކުރިމަތިލައިގެންހުރެ އިސް އުފުލައިލަމުން ޝައިނާ ބުންޏެވެ. ޝައިނާގެ ދެއަތް ރާހިލްގެ ހައްޔަރުގެ ދަށުގައިވީ އިރުވެސް ފޯނާ ހިސާބަށް ފުންމަން އުޅޭގޮތްފެނި ރާހިލްއަށް މަޖާވިއެވެ.

"ފޯނު ވައްޓާލަނީ" ރާހިލް ހިނިއައިސްފައިހުރެ ބުންޏެވެ.

"ދެން ނޫން ޕްލީޒް. ތީ ވަރަށް ފަހުން ގަތް ފޯނެކޭ" ޝައިނާ ހަމަ ރަނގަޅަށްވެސް ހާސްވިއެވެ. ރާހިލްމެން ކަހަލަ މީހަކަށް އެއީ އެއްޗެއްކަމުގައި ނުވެދާނެއެވެ. މިއަދު ހަލާކުވާ ފޯނުގެ ބަދަލުގަ މިރޭ އެހެން ފޯނެއް ހޯދިދާނެއެވެ. ނަމަވެސް ޝައިނާމެންކަހަލަ ކުއްޖަކަށް އެއީ ރަނަށްވުރެ އަގުހުރި އެއްޗެކެވެ.

"ހިނގާބަ ބަލަމާ ދޯ. އަހަރެންގެ އަތް ދަމާލީމަ އިތުރު ފޫޓެއް. އެޓްލީސްޓް ސެވެން ފީޓްގެ ފޯލްއެއް ރައިޓް؟" ރާހިލް އާދަޔާހިލާފަށް ސީރިއަސް ވެލާފައި ބުންޏެވެ.

"އޯކޭ. ފައިން ފައިން. އަހަރެން ޕާސްވޯޑް ކިޔާނަން. އެކަމަކު އެންމެ ފުރަތަމަ ކަމަކަށް އަހަރެން ދޫކޮށްލާ. ޕްލީޒް."

"ޝައިނާއަށް ކިހިނެއް އެނގުނީ އަހަރެން ކުރަފިދެކެ ފޫހިވާ ކަމެއް" ރާހިލް ބުންޏެވެ.

"ފޫހިވެޔޭ ތިބުނީ ބިރުގަންނަ ކަމޭތަ؟ ޝުގަރކޯޓް ކުރަން ނޫޅޭ އިނގޭ. ޒީ ވަރަށް ގިނައިން ކިޔާދޭނެ އަހަންނަށް ޒީމެންގެ ކުޑައިރުގެ ވާހަކަތަށް. އެންޑް ލަކިލީ އައި ޖަސްޓް ހެޕެން ޓު ރިމެމްބަރ ދަ ބެސްޓް ވަންސް." ޝައިނާ އަނެއްކާވެސް ފޯނާ ހިސާބަށް ފުންމާލަމުން ފޯނު އަތު ޖެހޭތޯ ބަލަމުން ބުންޏެވެ.

ރާހިލް ޝައިނާއާ ދުރަށް ފޯނު ގެންދިޔުމަށްޓަކައި ދެތިން ފިޔަވަޅު ފަހަތަށް އަޅައިލިއެވެ. ރާހިލް ހައިރާންވީ އެވަގުތު ފޯނާ އިތުރަށް ކައިރިއަށް އައުމުގެ ބަދަލުގައި އޭނާއާ އެއްވަރަށް ޝައިނާވެސް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލިތަން ފެނުމުންނެވެ. އޭގެ ހިކުމަތާމެދު ވިސްނައި ނުލެވިގެން އުޅެނިކޮށް ކުއްލިއަކަށް ޝައިނާ ދުވެފައި އައިސް ރާހިލްގެ ގަޔަށް ފުންމައިގަތެވެ. އެއީ ފަސޭހައިން ފޯނާ ހިސާބަށް ވާސިލުވުމަށްޓަކައި އޭނާ ބޭނުންކުރި އުކުޅެކެވެ. އެފަދަ ކަމަކަށް ނުވިސްނާހުރި ރާހިލްއަށް ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް ޝައިނާ ވެއްޓުމުގެ ކުރިން ރާހިލްގެ މެދުހަށީގައި އަޅުވާލެވިފައިވާ ޝައިނާގެ ފައިގެ ފަލަމަސްގަނޑުގައި ހުސްކޮށް އޮތް އަތުން ހިފަހައްޓައިލިއެވެ.

ރާހިލްގެ މޫނުމަތި މިހާރުވަނީ ދާދި އިރުކޮޅެއް ކުރިން ފެނުނު ސަކަކަމުގެ ބަދަލުގައި ސީރިއަސް ކުލަވަރަކުން ފަވާލެވިފައެވެ. އެފަދަ ގޮތަކަށް ވިޔަސް ޝައިނާ އިސްނަގައިގެން އޭނާއާ ގާތްވުމުގެ އިތުރުން ޝައިނާގެ ގައިގައި ބައްދާލައިގެން ހުންނަން ޖެހުމުގެ ސަބަބުން އޭނާއަށް ބުނެދެން ނޭނގޭ ނުތަނަވަސްކަމެއް އިހުސާސްވިއެވެ. އެ ރީތިކަން އެހާ ގާތުން ފެނުމާއެކު އެއީ ޖަންނަތުން ފޮނުއްވައިފައިވާ ހޫރުލްއީނެއްބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ކެހިފައިވާ ޝޯލްގެ ސަބަބުން ހާމަވެފައިވާ ކޮނޑާއި މޭމަތީގެ ބޮޑުބައެއް ފެނި ރާހިލްއަށް ހިންދިރުވައިލެވުނެވެ. އެ އޮމާން ކަނދުރާގައި ވަސްގަނެލުމަށް އޭނާގެ ހިއްސުތަށް ގޮވަމުންދިޔަ ކަހަލައެވެ. އެކަމުގެ ހުރަހަކަށް އެ ކަނދުރާއާއި އޭނާގެ މޫނާއި ދެމެދުގައިވަނީ އެންމެ ދެތިން އިންޗިކަމުގައިވިޔަސް އެ ހުރަސް ނައްތައިނުލުމަށްޓަކައި އޭނާ ދިޔައީ ވެވޭ އެންމެ މަތީ ދަރަޖައަށް ކެތްތެރިވަމުންނެވެ. މިއިން ކަމެއްގެ ހިލަމެއް ނުވާހާލު ޝައިނާ އެއް އަތުން ރާހިލްގެ ކަރުގައި އެލިގަނެގެންއިނދެ އަނެއް އަތުން ރާހިލްގެ އަތުގައި އޮތް ފޯނުގައި ހިފައި ދަމަމުންދިޔައެވެ. އެފޯނު ރާހިލްގެ އަތުން ނައްޓުވާލުމަށް އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވިއެވެ.

ޝައިނާއާ އެހައި ގާތުގައި ފާއިތުވެގެންދާ ކޮންމެ ސުކުންތަކާއެކު ބަޔާންކުރަންދަތި އުނދަގޫތަކެއް ރާހިލްއަށް ވަމުންދިޔައެވެ. އެންމެފަހުން އޭނާއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވި ކަހަލައެވެ. ފޯނު ޝައިނާގެ އަތަށް ދޫކޮށްލުމަށްފަހު ފޯނުގައި ހިފައިގެންހުރި އަތްވެސް ގެނެސް ޝައިނާގެ ގައިގައި ވަށައިލައި އިތުރަށް ޝައިނާގެ ހަށިގަނޑު އޭނާއާ ކައިރިކޮށްލިއެވެ. ރާހިލްގެ އެ އަމަލުން ސިހިފައި ޝައިނާއަށްވެސް ރާހިލްގެ މޫނަށް ބަލައިލެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ރާހިލްގެ ސީރިއަސް މޫނު ފެނިފައިނުވާތީ އެމޫނުގައިވާ ސީރިއަސްކަންފެނި ޝައިނާއަށް އެކަންވީ މުޅިންއާ ކަމަކަށެވެ. ޝައިނާގެ ހިނިތުންވުންވެސް ވަގުތުން ފިލައި ދިޔައެވެ. ހަތަރުކަޅި ހަމަވެގެންދިޔުމާއެކު ދެމީހުންނަށްވެސް ހިނދުކޮޅަކަށް އެކެއް އަނެކެއްގެ ލޮލަށް ގެއްލިފައިހުރެވުނެވެ. އޭރު ރާހިލްގެ ހިތް އާދަޔާހިލާފު ބާރުމިނެއްގައި ތެޅެމުނެދިޔައެވެ. އޭނާގެ ނަޒަރު ޝައިނާގެ ތުންފަތަށް ހުއްޓުނެވެ. އަރުތެރެ ހިކެމުންދާކަމުގެ އިހްސާސަކާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. ބޭއިހްތިޔާރުގައި ޝައިނާގެ މޫނާއި ގާތްވެވުނެވެ. ނަމަވެސް ކުއްލިއަކަށް ރާހިލްގެ ގަޑިން ގޮވަންފެށި އަޑާއެކު އެދެމެދަށް ވެރިވެފައިވި ހިމޭންކަން މުގުރާލިއެވެ.

ރާހިލް ސިހިފައި ޝައިނާ ބިންމަތީގައި ބެހެއްޓިއެވެ. އަދި ހިތްހަމަނުޖެހިފައިހުރެ ޝައިނާއަށް ލޯ އަޅައިލުމަށްފަހު ޝައިނާ ދޭނެ ރައްދަކަށް ވިސްނާލުމެއްނެތި އަވަސްއަވަހަށް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަނުމާއެކު ރާހިލްއަށް ފުންނޭވާތަކެއް ލެވެންފެށިއެވެ. ހުއްޓުމެއްނެތި އެލާރމް އަޅަމުން ދިޔަ ގަޑިން އޭރު އޭނާގެ ހިތުގެ ވިންދު 124 ގައި ދައްކަމުންދިޔައެވެ. އެއީ އާންމުގޮތެއްގައި އޭނާ ހަރަކާތްތެރިވެ ނޫޅޭއިރު ހިތުވިންދު ހުންނަވަރުގެ ދެގުނައާ ގާތްކުރާ އަދަދެކެވެ. ރާހިލް އަވަސް ހަރަކާތަކާއެކު ގަޑި ނައްޓައިލުމަށްފަހު އެނދުމައްޗަށް އެއްލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައިގެންހުރެ ކޮޓަރީގެ ދެފަރާތަށް ހިނގަން ފެށިއެވެ. ހިނގައިދިޔަ ކަންތައްތަކާމެދު އޭނާ ދިޔައީ ފުންކޮށް ވިސްނަމުންނެވެ. ޝައިނާގެ ފަރާތުން އޭނާއަށް އެކުރުވި އަސަރުތަކަކީ އެހެން ކިތަންމެ ކުއްޖަކާ މާ ގާތް ވެވިފައިވިއިރުވެސް އޭނާއަށް ކޮށްފައިވާ އަސަރުތަކެއް ނޫނެވެ. އެކަމާމެދު ހުދު އޭނާވެސްވަނީ ހައިރާންވެފައެވެ. ހަމަޖެހިލުމަށްޓަކައި ފާހަނައަށް ވަދެ މޫނު ދޮވެލުމަށްފަހު ރާހިލް މޫނުދޮންނަ ތަށީގައި އަތް އަޅުވައިލިއެވެ.

"ވަޓް ވޯޒް ދެޓް. އަހަރެންނަށް އެވީ ކިހިނެތް؟ އަނެއްކާ އަހަރެން ބަލީތަ؟" ކުރިމަތީގައިހުރި ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ އޭނާ ހިތާހިތުން ސުވާލުކުރިއެވެ.

**********

ހޮޓެލްގެ ރިސެޕްޝަން އޭރިޔާގައި ފަރުނީޗަރުތައް ބަހައްޓާތަން ބަލަމުންދިޔަ ރާހިލްގެ ހިޔާލުގައި އެނބުރެމުންދިޔައީ ހެނދުނު ހިނގައިދިޔަ ކަންތައްގަނޑެވެ. ޝައިނާއާއެކު ހޭދަވި މަދު ވަގުތުކޮޅުގެ ސަބަބުން އޭނާގެ ހިތާއި ސިކުނޑި ނުތަނަވަސްވަމުން ދިޔައެވެ. އެ ހިޔާލުތަކަށް ނިމުމެއް އައީ ޖީބުގައި އޮތް ފޯނަށްއައި ވަޓްސްއެޕް ކޯލަކުންނެވެ.

"ހޭ މޭން. ސިންގަޕޯރ ކިހިނެތް؟" ރާހިލް ފޯނަށް ޖަވާބުދިނެވެ.

"އަހަރެން ކިހިނެއްތޯ ނާޙާ ތި އަހަނީ ސިންގަޕޯރ ކިހިނެއްހޭތަ؟ ރާހިލް އައި ނީޑް ޔޯރ ހެލްޕް ވިތް ވޯކް" ފޯނުގެ އަނެއްފަރާތުން ވާހަކަދެއްކި ރިއާން ބުންޏެވެ.

"ހޫމް. ކިޔާބަލަ"

"ހޮޓެލްގެ އޯޕެނިންގަށް އެންމެ މަހަކަށް ވެފަ އޮއްވާ ބައެއް ފިނިޝިންގް ސާމާނުގެ ސަޕްލަޔަރ އަންގަނީ ޕޭމެންޓް މައްސަލަތަކަކާހެދި ތިކޮޅަށް ޝިޕްމަންޓް ނުފޮނުވާނެ ކަމަށް. އެމީހުން މާލެ ކޮޅުގަ އެ އެއްޗެހި ފްރީޒް ކޮށްފަހުރީ. ދަ ޕޭމެންޓް ވޯޒް ސަޕޯސްޑް ޓު ބީ މޭޑް ލާސްޓް މަންތް. ސީ.އެފް.އޯ ވީތަނެއް އެނގޭ އެކަކުވެސް އަދި މިއާ ބެހޭ ކަމެއް އެނގޭ އެކަކުވެސް ހުރި ކަމަކަށް ނުވޭ. ދެޓް **ޓާޑް. އެހެން އެކައުންޓަކަށް ފައިސާ ފޮނުވައިގެން އޭގެން ފައިދާއެއް ވާނެ ކަމަށްތަ އޭނަ އެ އުޅެނީ؟" ރިއާންގެ ވާހަކައިން ރާހިލްއަށްވެސް ހައިރާންކަމެއް ލިބުނެވެ.

"ތިބުނީ؟ އަހަރެން ހީނުކުރަން ރިއާން އެހާ ދޯދިޔާކޮށް ތިކަހަލަ ކަންކަން ބައެއްގެ އަތްމައްޗަށް ދޫކޮށްލާނެ ކަމަކަށް" ރާހިލްހުރީ ހަގީގަތުގައިވެސް ރިއާންއަށްް އެވަރުކަމެއްގައި ފަރުވާކުޑަަ ކޮށްލާނެކަމަށް ގަބޫލުނުކުރެވިފައެވެ.

"އަހަންނަށްވެސް އެނގިގެންވި ކަމެއް ނޫނޭ. ހުރިހާކަމެއްގަ އުޅެން ހަދައިގެން މިކަމަށް ލުޔެއް ދެވުނީ. މި ޕްރޮޖެކްޓަކީ އަހަރެން ވީހާވެސް ބޮޑަށް ސްޓާފުންނަށް ދޫކޮށްލައިގެން ކުރާ ކަމެކޭ. ކާކުތަ ހީކުރާނީ މިހެން ވާނެކަމަށް؟ ދެން އެކަންތައް ބާއްވާ. ލީގަލް ޑިޕާޓްއާ ވާހަކަ ދައްކައިގެން އިއްބެގެ ކަންތަކާ އުޅޭނީ. މިވަގުތަށް ސަޕްލަޔަރާ ކޮންޓެކްޓް ކޮށްގެން ލޭޓް ޕޭމަންޓް އަކަށް އެއްބަސްވެވިއްޖެ. ފުދޭވަރެއްގެ ބޮޑު އަގެއް އެބަނަގާ މިގޮތަށް ވީމަ އެކަމަކު ކަސްޓަމައިޒްޑް އެއްޗެހި ތަކެއްވީމަ ދޫކޮށްލާފަ އެހެން ބަޔަކަށް ހަދަން ދެވޭނެ ވަގުތެއްވެސް ނެތް." ރިއާން އޭނާގެ ރުޅި ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ފޯނުގެ އަނެއްފަރާތުގައިހުރި ރާހިލަށް އެކަން ފަހުމް ވުމާއެކު ފުންނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.

"އޯކޭ އޯކޭ ކާމް ޑައުން މޭން. އަހަރެން ކީއްކޮށްދޭންވީ؟" ރާހިލް އަހައިލިއެވެ. ރާހިލް ޔޫކޭގައި ހުރި އިރުވެސް ވިޔަފާރީގެ ކަންތައްތަކުގައި ލަފާ ހޯދުމަށާއި މައްސަލަތައް ހިއްސާކުރުމަށް އާއްމުގޮތެއްގައި އެކަކު އަނެކަކަށް ގުޅައި އުޅޭތީ ދެމީހުންގެ މެދުގައި އެކަން ވެފައިވަނީ ވަރަށް އާދައިގެ ކަމަކަށެވެ.

"މިހާރު މި ވާގޮތުން ހަރަދުތަކަށް ވަރަށްބޮޑު ބަދަލެއް އަންނާނެ. އެޕްރެއިސަލްވެސް ވަރަށް ބޮޑުތަން ބަދަލުކޮށް ޕޭބެކް އެއްވެސް ރީކަލްކިޔުލޭޓް ކުރަން ޖެހޭނެ. ހުޅުވުން އޮންނަ ރޭގަ އިންވެސްޓަރުންނަށް ދޭންޖެހޭ ޕްރެޒެންޓޭޝަންވެސް ޖެހޭނީ ބަދަލު ކުރަން. އަހަރެން ބޭނުމެއް ނޫން އިއްބެއާ އެއްކޮށް މިކަމުގަ އިތުރަށް ހިއްސާވާ ބަޔަކު ނުބަލާ ފައިނޭންސްގަ މިހާރު ހުރި މީހުން ޕްރޮޖެކްޓްގެ އިތުރު އެއްވެސް މަސައްކަތެއްގަ ޝާމިލްކުރާކަށް. އެކަމަކު އަހަރެންނަށްވެސް އަދި ފުރޭނީ ހަފްތާއެއްހާ ފަހުން. މިކޮޅުގަވެސް އަަހަރެން ވަރަށް ބިޒީކޮށް އުޅޭތީ… ސޯ..މިކަމާ އުޅެދީބަ މޭން." ރިއާން އާދޭހުގެ ރާގަކަށް ބުނެލިއެވެ. ރިއާންއަށް އެހީވާން ބޭނުންވި ކަމުގައިވިޔަސް އެވަރުބޮޑު މަސްއޫލިއްޔަތަކާ ހަވާލުވާން ޖެހުމުން ރާހިލް ޖެހިލުންވިއެވެެ.

"ކަމޯން މޭން. އަހަރެން ޖެހޭނީ ތިކަމަށް ޕްރޮޖެކްޓާ ގުޅުން ހުރި ހުރިހާ ފައިލެއް އަލުން ބަލަން. ޔޫކޭގަ ވޯކް ކުރިޔަސް މިކޮޅުގެ ކަންކަން އަހަންނަށް މާބޮޑަކަށް ނުވެސް އެނގޭނެ." ރާހިލް ކަންބޮޑުވެފައި ބުންޏެވެ.

"ރާހިލް ބޭނުން ކޮންމެ ކަމެއްގަ އަހަރެންގެ އެސިސްޓަންޓް އެހީތެރިވާނެ. ތިކޮޅުން ރާފިއުވެސް. އެހެންނޫނަސް ތިތަނަށްގޮސް ބޭކާރުކޮށް އަޗާތަޅާ ރެއަކު ކުއްޖެއް ގެނެސްގެން ފާޑު ފާޑަށް އުޅުމަށްވުރެ މަސައްކަތެއްގަ އުޅުނިއްޔާ މާ ރަނގަޅުވާނެ. މިކަން ދިމާ ނުވި ނަމަވެސް އަހަރެން ހުރީ ރާހިލްއާ އެހެން ކަމެއްވިޔަސް ހަވާލުކުރަން ތިއުޅޭ ދުވަސްކޮޅު. އެހެންވީމަ އަހަރެން ފޮނުވާލާނަން އެސިސްޓަންޓްގެ ނަންބަރު. ރާފިއު ކައިރި ބުނެލާފަ އިންނާނީ ލެޕްޓޮޕެއް ހަވާލުކޮށްދެން. ކޮންގްރެޖުލޭޝަންސް ރާހިލް. ޔޫ އަރ ހަޔަރޑް އޭޒް ފިނޭންޝަލް ކޮންސަލްޓަންޓް ފޯ އޯޕެނިންގް އޮފް ދަ 4 ސްޓަރް ޓޫރިސްޓް ހޮޓެލް އިން ލ.ގޭން ބައި އާރް.އެލް. ހޯލްޑިންގްސް… އިފެކްޓިވް އިމީޑިއޭޓްލީ. އެގްރީމެންޓާ އެހެނިހެން ލިޔުންތައް ގަޑިއެއްހާއިރު ތެރޭ މެއިލްއަށް ފޮނުވާލަނަން. ގުޑްލަކް." ރިއާން ބޭނުންވާ ހުރިހާ އެއްޗެއް ބުނުމަށްފަހު ރާހިލް އެއްޗެއް ކިޔާނެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ. މިވީހާދުވަހު ރިއާން ކިޔާ އެއްޗަކަށް ބެލުމެއްނެތި އޭނާ ބޭނުންކަމެއް ކުރާއިރު ރިއާންވެސް ހަމަ މިވަރަށް ރުޅި އަންނާނެތާއޭ އޭނާގެ ހިތަށްއެރިއެވެ. ވީއިރު އޭނާއަކަށް އެނިންމުމާ ދޭތެރޭ ހިތްހަމަނުޖެހިގެން އެއްޗެއް ބުނުމުގެ ޖާގައެއްނެތެވެ.

"ކޮންގްރެޖުލޭޝަންސް މައި ފުޓް" ރާހިލްއަށް ފޯނު ޖީބަށްލަމުން ބުނެވުނެވެ. އިސާހިތަކު ސިކުނޑީގައި އުފެދުނު ހައިޖާނުގެ އަމާޒު ފަތްގަނޑަކަށްވީ ކައިރީގައި އައިސް ހުއްޓިލި ޝައިނާއެވެ. ޝައިނާ ފެނުމާއެކު ރާހިލަށް ދަތްކުނޑި ވިކައިލެވުނެވެ.

"ހެއި. ރިއާން ދޯ ގުޅީ. ހެނދުނު އަހަންނަށް ކިޔާދިން ވެގެން އުޅޭ ގޮތް ކުޑަކޮ—"

"އާނ މިހާރު އުފާވެއްޖެތަ؟" ރާހިލްގެ ރުޅިވެރި ސުވާލުން ޝައިނާއަށް ހަމަ ރަނގަޅަށްވެސް އޮޅުން އެރިއެވެ. އެހާ ރުޅި އަންނަވަރު ކަމަކަށް އޭނާއަށް ކުރެވުނީ ކޮންކަމެއްބާއޭ ހިތަށްއެރިއެވެ.

"އަހަރެން މި ޗުއްޓީ ހޭދަކުރަމުން ދިޔައީ ވަރަށް އުފަލުގަ. އަދި މިދިޔަ މަދު ދުވަސްކޮޅު އަހަރެމެން ދެމީހުން ކިތަންމެ ކޯޅުނަސް އަހަރެން ހިއެއް ނުކުރަން އެއީ އެހާ ބަރުދަނެއް ހުރި ކޯޅުމެއްކަމަށް. ހަޖަމް ނުވެގެން އަހަރެން އުޅޭގޮތުގެ ޝަކުވާ ރިއާންއާ ހިސާބަށް ގެންދާވަރު ވަންޏާ އަހަރެން އެ ގެސްޓްހައުސް ދޫކޮށް އެހެންތާކަށް ބަދަލު ވެދާނަމޭ. ހީނުކުރާތި ކޮންމެހެން އަހަރެންގެ އުފަލާ މަޖަލަށް ހުރަސްއަޅަން އަހަރެން މަސައްކަތުގެ ތެރެއަށް ވައްދައިގެން ވަކި ޝައިނާއަށް އަހަރެންގެ މައްޗަށް އެއްވެސް ބާރެއް ލިބޭނޭ. މީ ޝައިނާގެ ޕްރޮޖެކްޓަކަސް އައި ވިލް ވޯކް އިންޑިޕެންޑެންޓްލީ." ރާހިލްގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.

"އަހަންނަކަށް ނުވިސްނުނު ތިކިޔާ އެއްޗެއް އަހަރެން ކީއްތަކުރީ؟ އަހަރެން ކީކޭ ކިޔައިގެން ރާހިލްއާ ކޮންކަމެއް ހަވާލު ކުރީތަ؟" ޝައިނާ އެހިއެވެ.

ޝައިނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރާހިލް އެތަނުން ދުރަށް ހިނގައިގަތީ ޝައިނާ އިތުރު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ދޫކޮށްލައިފައެވެ. އަދި ދުވަހުގެ ބާކީބައި ހޮޓެލްގައި މަޑުކުރުމުގެ ބަދަލުގައި ރިއާން ބުނިފަދައިން ރާފިއުގެ އަތުން ލެޕްޓޮޕް ހިފައިގެން ގެސްޓްހައުސްއަށް ދިޔައީ މަސައްކަތް ވީހާވެސް އަވަހަށް ފެށުމުގެ ނިޔަތުގައެވެ.

ރާހިލް ދިޔުމާއެކު ޝައިނާ ރާފިއުގެ ގާތުން ވެގެން އުޅޭގޮތް އޮޅުން ފިލުވިއެވެ. އޭނާވެސް ރިއާންގެ ނިންމުމާމެދު ހައިރާންވިއެވެ. ވަގުތެއް ވީހާ އަވަހަކަށް އޭނާއަށް ގުޅުމަށް ރިއާންއަށް މެސެޖް ކޮށްލިއެވެ. ޝައިނާ އެދުވަހުގެ މަސައްކަތް ނިންމާލީ ކޮންމެހެންވެސް ރާހިލް އޭނާއަށް އެކުރާ ތުހުމަތުތަކަކީ ކޮބައިކަން ހޯދުމުގެ އަޒުމާއެކުގައެވެ. ނަމަވެސް ގެސްޓްހައުސްއަށް އެނބުރި އައިސް ދެފަހަރަކު ރާހިލްގެ ކޮޓަރީގައި ޓަކި ޖެހުމުންވެސް ޖަވާބެއް ނުލިބުނެވެ. މާ ގިނަ އިރެއްނުވެ އޭނާ އިންތިޒާރުކޮށްގެން ހުރި ރިއާންގެ ކޯލު އައަުމާއެކު އޭނާ ފޯނަށް ޖަވާބުދިނެވެ.

"ޔެސް ޝައިނާ… ބޮޑުކަމެއް ވީތަ އެހާ ކުއްލިއަކަށް ގުޅަން ތިބުނީ." ރިއާން ޝައިނާކުރެން އަހައިލިއެވެ.

"ނޮޓް އާޖެންޓް ސަރ. އެކަމަކު ކީއްވެ އެހާ ބޮޑުކަމެއް ނިންމިއިރު އަހަރެންނަށް ނޭންގީ؟ މިއީ އަހަރެންގެ ޕްރޮޖެކްޓެއްނު." ޝައިނާ ސުވާލުކުރިއެވެ. ޝައިނާގެ ބަސްމަގު ހުރިގޮތާމެދު ރިއާން ހިތްހަމައެއްނުޖެހުނެވެ. ނަމަވެސް ކެތްތެރިކަމާއެކު އޭނާ ޝައިނާއަށް ވިސްނައިދިނެވެ. ކުންފުނީގެ ބައެއް މުވައްޒަފުން އޭނާގެ އިތުބާރު ގެއްލުވައިލައިފައިވާ މި ދަނޑިވަޅުގައި އޭނާއަށް އެފަދަ ކަމަކަށް އިތުބާރު ކުރެވޭ މީހަކަށް މިވަގުތު ހުރީ ރާހިލް އެކަންޏޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ވަކިން ހާއްސަކޮށް ރާއްޖެއިން ބޭރުގައި ރާހިލް ހޯދާފައިވާ ތަޖުރިބާގެ ސަބަބުން އޭނާއަށް ރާހިލްގެ ގާބިލް ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

"ޝައިނާ އަނެއްކާ ހިތްހަމަ ނުޖެހޭ ޕަރސަނަލް ސަބަބެއް އޮތީތަ އެއްޗެކޭ ހިތައް ނާރައްޗޭ އަހަރެންނަށް ރާހިލްގެ ގޮތް އެނގޭތީ މި އަހާލީ. ޝައިނާ ހިތްހަމަ ނުޖެހޭ ކަމެއް ފެނުނީތަ" ރިއާން އިތުރު ކޮށްލިއެވެ.

"ނޫނޭ. އެކަހަލަ އެއްވެސް ކަމެއްނެތް. އެއީ ދެން ރާހިލްގެ ޕަރސަނަލް ކަންކަމެއްނު" ޝައިނާ ބުންޏެވެ.

"ތި ބުނެވުނީ ކަމެއް ވެއްޖެޔޭ ދޯ" ރިއާން ހުށިޔާރު ކަމާއެކު ބުންޏެވެ. ޝައިނާ އެކަމާ ބަހެއްނުބުނެ ހުރެފައިވެސް ރިއާންއަށް ކުރީ ރޭގެ ވާހަކަ ކިޔައިދެވުނެވެ. އެކަމާ އޭނާގެ މައްސަލައެއްނެތް ކަމުގައި ބުންޏަސް އޭނާ އުޅޭ ތަނަކުން އެފަދަ މަންޒަރުތައް ދެކޭކަށް އޭނާ ބޭނުމެއްނުވެއެވެ. އެކަން އޭނާގެ މާޒީގައި ހިނގައިފައިވާ މިންވަރު އޭނާއަށް ފުދެއެވެ. އެއީ ދުރުމާޒީއެއް ކަމުގައި ވިޔަސް އެމާޒީގެ މަތިން ހަނދާން ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް އެކަންތައް ރިއާންގާތު ބޮޑުކަމަކަށް ހަދަން އޭނާ ބޭނުން ނުވީއެވެ.

ރާހިލްއާ އިތުރަށް ވާހަކަ ދައްކާނެކަމަށްބުނެ ރިއާން ކޯލް ކުރުކޮށްލުމުން ޝައިނާ ކޮޓަރިން ބޭރަށް ނުކުތެވެ. އޭނާ ގެންގުޅޭ ކުރަހާފޮތާއެކު ކާމޭޒުދޮށުގައި އިނދެ ރާހިލް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުން ދިޔައެވެ. ހަގީގަތުގައިވެސް އޭނާ ހުރީ މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާއާ ރާހިލްގެ މެދުގައި ހިނގައިދިޔަ ކޯޅުންތަކައިހުރެ ކަމުގައިވިޔަސް އުފެދުނު ރަހްމަތްތެރިކަމަށް ބޭނުންވެފައެވެ. ރާހިލްގެ ބައެއް އާދަތަކާމެދު ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ރާހިލްއަކީ ހިތްހެޔޮ ހިތެއްގެ ވެރިއެއްކަން ޝައިނާއަށްވަނީ ފާހަގަވެފައެވެ. އޭނާގެ އެހުންނަ ސަކަ މިޒާޖުގެ ސަބަބުން ޝައިނާގެ ހުސްވަގުތުތަކުގައި މާޒީގެ އަނދިރި ސަފުހާތައް ހިޔާލުގައު ހުޅުވަން ނުޖެހޭ ކަމަށްޓަކައި އޭނާ ހިތާހިތުން ރާހިލްއަށް ޝުކުރުކުރެއެވެ. ހަމަގައިމުވެސް ބީރައްޓެހި ރަށެއްގައި މަހެއްހާދުވަސް ރާހިލާއެކު ހޭދަކުރެވުނުއިރު އޭނާއަށް ކުރެވެމުންދަނީ އޭނާ އުއްމީދު ކޮށްގެން ހުރި އެކަނިވެރިކަމާ މުޅިން ތަފާތު އިހުސާސެކެވެ. ވީއިރު، ރާހިލްގެ ކުރިމަތީގައި ކިތަންމެ ރުންކުރުވެފައި ވާހަކަ ދެއްކިޔަސް ރާހިލްގެ އުފާވެރި މިޒާޖުން އޭނާއަށް ހިތްހަމަޖެހުން ލިބޭކަމީ ހުދު އޭނާވެސް ގަބޫލުކުރާ ކަމެކެވެ. ކުއްލިއަކަށް ރާހިލްގެ ފަރާތުން އަމާޒުވި ރުޅިވެރިކަމުން އޭނާއަށް އެހާބޮޑު އަސަރެއް ކުރަމުންދާ ސަބަބަކީވެސް އެއީއެވެ.

ޝައިނާގެ އިންތިޒާރަށް ނިމުމެއް އައީ އެރޭގެ  ދިހައެއް ޖެހުމާ ގާތްވެފައި ވަނިކޮށް ރާހިލްގެ ކޮޓަރީގެ ދޮރުހުޅުވައިލި އަޑު އިވުމުންނެވެ. އާދައިގެ މަތިން ހަމައެކަނި ޖޮގިންގް ހަރުވާޅެއްގައި ހުރެ ނުކުމެގެންއައި ރާހިލަށް ޝައިނާ ފެނުމާއެކު ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޫނު އަނބުރައިލަމުން ހަލުވި ފިޔަވަޅު ތަކެއްގައިގޮސް އައިސްއަލަމާރީގެ ދޮރުހުޅުވައިލިއެވެ. އެބީރައްޓެހިކަމުގެ ސަބަބުން ހިތްމޯޅިވި ކަމުގައިވިޔަސް ރާހިލްގެ ހަރަކާތްތަކަށް ޝައިނާގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވިއެވެ. އަލަމާރިން ނެގި ޖޫސްފުޅި އަނގަޔާ ދިމާލަށް އަރިކޮށްލުމަށް އަތްއުފުލައިލާ ގެންނަ ކޮންމެ ހަރަކާތަކާއެކު ރާހިލްގެ ބުރަކަށްޓާއި ކޮނޑުގެ މަސްތަކަށް އެނގުންވެލާގޮތްފެނި ޝައިނާގެ ހިތުގެ ތެޅުން އަވަސްވެ އަނގައިން ކުޅު ހިކެމުންދާކަމުގެ އިހްސާސެއް ކުރެވެމުން ދިޔައެވެ. އޭނާގެ މުޅި ހައްޓަށް އުދާސްކަމެއް ވެރިވިކަހަލައެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވާހާލު ރާހިލް އައިސްއަލަމާރީގެ ދޮރު ލައްޕައިލުމަށްފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ހަމައެއާއެކު ޝައިނާ ފުންމައިގެން ތެދުވެ ދުވެލައިފައިގޮސް ރާހިލްއާ އަރައި ހަމަކޮށްލިއެވެ.

"ރާހިލް.. ވާހަކަ ދައްކާލެވިދާނެތަ؟" ކޮޓަރީގެ ދޮރާއި ރާހިލާ ދެމެދަށް ހުރަސްވެލަމުން ޝައިނާ ބުންޏެވެ.

"ހޭ ނީމް. އެބަ ގުޅަން އިނގޭ. ގިވްމީ ފައިވް" ޝައިނާގެ ލޮލުގައި ރާހިލް ޖަހައިގެންހުރި އެއަރޕޮޑްސް އަޅައިގަތެވެ. ރާހިލް ކިހިނެއްވީހޭ އަހާފަދަ ގޮތަކަށް ބުމަ އަރުވާލުމާއެކު ޝައިނާ ކަރުކެހިލަމުން ވާހަކަ ދެއްކިއެވެ.

"އަހަންނަށް ބުނެދެވިދާނެތަ ރާހިލް އަހަރެންދެކެ މާވަރެއްގެ ރުޅިއެއް އައިސްގެން އުޅޭ ސަބަބެއް. އަހަރެން ރިއާންގާތު ރާހިލްއަށް ކަމެއް ހަވާލުކުރުމުގެ އެއްވެސް ވާހަކައެއް ނުދައްކަން. މިއީ އަހަރެންގެ އެއްވެސް ބަހަކާއި ލައިގެން ރިއާން ކުރި ކަމެއްނޫން. އަހަރެން ބޭނުމެއްނޫން ވަކިން ހާއްސަކޮށް އެއްކޮށް މަސައްކަތް ކުރާއިރު ރާހިލްއާ ރުޅިވެރިކަމެއް ބާއްވާކަށް. ހަމަ ތެދެއް މި ބުނީ. އަހަރެން ރިއާންގާތު ރާހިލްގެ އެއްވެސް ވާހަކައެއް ދައްކައިގެން ނެގި ޑެސިޝަނެއް ނޫ–" ރާހިލް އިނގިލީގެ އިޝާރާތުން މަޑުކޮށްލުމަށް އެންގުމާއެކު ޝައިނާގެ ވާހަކަ މެދު ކަނޑައިލިއެވެ. އެއާއެކު ރާހިލް ކަންފަތުގައި އަތްޖައްސައިލައި ރިއާންގެ ކޯލަށް ޖަވާބުދިނެވެ.

"ޔެސް؟"

ރިއާން ދައްކަމުންދިޔަ ވާހަކަތައް އަޑު އަހަމުން ދިޔައިރު ރާހިލްގެ ނަޒަރު ހުއްޓިފައިވަނީ ޝައިނާއަށެވެ. މަޑުމަޑުން ޖީބުގައި އޮތް ފޯނު ނަގައި ސްޕީކަރަށް ލުމާއެކު ޝައިނާއަށްވެސް ރިއާން ދައްކަމުންދިޔަ ވާހަކަ އިވެންފެށިއެވެ.

"ރާހިލްއަށްވެސް އެނގެންވާނެ ރާހިލް އެކަނި ނޫންކަން އުޅެނީ. އެ އަންހެންމީހާގެ ގެއަށް ދިޔަނަމަ ގައިމު ޝައިނާއަށް އެއްޗެކޭ ނުބުނެވޭނެއްނު" ރިއާންގެ ވާހަކަ އެހިސާބަށް ދިއުމާއެކު ރާހިލް ފޯނު ކަނޑައިލިއެވެ.

"ދުރަށްދޭ" ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"ރާހިލް ޕްލީޒް ގަބޫލުކޮށްބަަލަ އަހަރެން ބުނާނަމޭ ބުންޏަސް އަހަންނެއް ނުބުނަމޭ. މާ ފަހުންނޭ އަހަރެންނަށް އެ ވާހަކަ ބުނެވުނީ" ޝައިނާ ދިފާއުގައި ބުންޏެވެ. ނަމަވެސް ދެވަނަ ފަހަރަށް ރާހިލް ލޯ އަޅައިލުމާއެކު ޝައިނާ އިތުރަށް އެއްޗެކޭ ނުބުނެ ދުރަށް ޖެހިލިއެވެ. ޝައިނާގެ ފަހަތުން އެ ކޮޓަރީގެ ދޮރު ބާރު އަޑަކާއެކު ލެއްޕުނުއަޑު އިވުނެވެ. އެ އަޑަށް ސިހިގެން ދާވަރަށްވުރެ ބޮޑަށް ދެން ހަދާނޭ ގޮތަކާމެދު ވިސްނުމުގައި ޝައިނާގެ ސިކުނޑިވަނީ މަސްއޫލުވެފައެވެ. އިތުރަށް ރިއާންއަށް ގުޅައި ކަންތައްބޮޑުކޮށް ރާހިލް އެބުނާފަދަ ޝަކުވާބޮޑު އަންހެނަކަށް ވާކަށް އޭނާ ބޭނުމެއްނޫނެވެ. އިސާހިތަކު ފޫހިވެފައިވާ އަޑަކާއެކު މޫނުގައި އަތްއަޅައިލަމުންގޮސް އޭނާ ސޯފާއަށް ވެއްޓިގަތެވެ.

*****************

އޮފީހުގެ ތަޅުމުގައި ޖަހާފައިވާ މާބްލްގެ މަތިން އިވެމުންދާ ބަރު ފިޔަވަޅުތަކުގެ އަޑު ކައިރިވަމުންދާ ވަރަކަށް ހުރިހާ މުވައްޒަފުންގެ ހަރަކާތްތަށްދަނީ އަވަސްވަމުންނެވެ. ކޮންމެ މީހަކުވެސް ވީީ އެންމެ އަވަހަށް މަސައްކަތެއްގައި ޝާމިލުވަމުން އައި އިރު އެ މަންޒަރުފެނި ރިއާންގެ ރުޅިގަނޑު އިތުރަށް ކެކެމުން އައެވެ. އޭނާ ނެތްތާނގައި ބައެއް މުވައްޒަފުންގެ ފަރާތުން މަސައްކަތަށް ދިން ވަފާތެރިކަމުގެ ހިތިރަހަ އަދިވެސް އޭނާގެ އަރުގައި ހަރުލައިފައިވެއެވެ.

ރިއާންގެ ފިޔަވަޅުތަށް ހުއްޓުނީ މުވައްޒަފުންނާ ބެހޭ ޑިޕާރޓްމެންޓްގެ އަރިމަތީގައި ހުރި ކެބިންއާ ހިސާބުންނެވެ. އޭނާ ވަނުމާއެކު ކެބިންގެ ތެރޭގައި އިން ޒުވާނާ ބޯ ޖަހައިލަމުން އޭނާއަށް އަންގައިފައިވާގޮތަށް ކޯލެއް ކުރުުމަށްފަހު ކެބިންއިން ނުކުތެވެ. ރިއާން ކުރިން އެ ޒުވާނާ އިން ގޮނޑީގައި ހަމަޖެހިލިއެވެ. އިރުކޮޅެއްފަހުން އޮފީސް ހެދުމުގައި ހުރި ދެމީހެއް  ކެބިންއަށް ވަދެގެންއައެވެ. ރިއާން ފެނުމާއެކު ކުއްލި ސިހުމެއް ލިބުނު ނަމަވެސް ނިކަން އަވަހަށް އެމީހުންގެ މޫނުމަތިން އެކަން ސިއްރުކޮށްލިއެވެ.

"މާ ވާހަކަ ގިނަ ކުރާކަށް ނެތިން. ތި ދެމީހުން މިތަނަށް ހާޒިރު ކުރުވި ސަބަބު ތި ދެމީހުނަށް ވަރަށް ރަނގަޅަށް އެނގޭނެ. މިވަގުތުން ފަށައިގެން ދެމީހުންގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ވާނި ހިފެހެއްޓިފަ. އަދި މިއަދަށްފަހު މި ކުންފުންޏަށް ތި ދެމީހުންގެ ހިދުމަތެއް ބޭނުމެއް ނުވޭ. ވަރަށް އަވަހަށް ކޯޓުން ދެމީހުނާވެސް ބައްދަލުކުރާނެ. އެހެންވީމާ ދެމީހުންގެ އެކްސެސް ކާޑު މި މޭޒު މަތީގަ ބާއްވާފަ އިމާރާތް ދޫކޮށް ނުކުމޭ. ފަހަތަށް އެނބުރެން ހިޔާލުވެސް ނުކުރާތި." ރިއާން އެދެމީހުނާ މުހާތަބުކޮށް ބުންޏެވެ.

އޭނާ އެންގި ގޮތަށް އަމަލުކުރުމަށްފަހު އެދެމީހުން އެތަނުން ނުކުތުމާއެކު ރިއާންވެސް މާގިނަ އިރަކު މަޑު ކުރާކަށް ގަސްދެއްނުކުރިއެވެ. ކެބިންއިން ނުކުމެ ކުރިން އެތަނުގައި އިން ޒުވާނާއަށް ބޯޖަހައިލުމަށްފަހު ލިފްޓާ ދިމާލަށް ހިނގައިގަތެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަރަށް ސަޅިކޮށް މިދަނީ ހަމަ. ވަރަށް މަޖާ ޝައި އާއި ރާހިލްގެ ކޯޅުންގަނޑު. ރިއާން އާއި ޒީގެ ބައި ތަންކޮޅެއް ކުރިއަށް ޖައްސާލަބަލަ. ވަރަށް ރީތި މިބައިވެސް. ދެންއޮތް ބައިގެ އިންތިޒާރުގައި…..

      1. ޔެސް… ރިއާން އާއި ޒީ ހަނުހިމޭނުން ތިއްބަސް ހީވަނީ އެކަކު އަނެކަކަށް ވަރަށް ފުންލޯތްބެއް ވާހެން. މިދެކުދިން މީ ވަރަށް މަޑުމައިތިރި ލޯބިލޯބި ލޯތްބެއްވާ ދެ ކެރެކްޓަރ ގޮތަށް ނޫރްއަށް ސިފަވަނީ. އެކަމަކު މީ އަންޔާގެ ވާހަކައެއް ދޯ. ހެހެހެ…. ނޫރްއަށް ވަރަށް ރީތި ވާހަކައެއް މީ. އަންޔާގެ އިތުރު ވާހަކައެއް ވެސް ކިޔާލަން ވަރަށް ބޭނުން.

  2. ޔެސް… ރިއާން އާއި ޒީ ހަނުހިމޭނުން ތިއްބަސް ހީވަނީ އެކަކު އަނެކަކަށް ވަރަށް ފުންލޯތްބެއް ވާހެން. މިދެކުދިން މީ ވަރަށް މަޑުމައިތިރި ލޯބިލޯބި ލޯތްބެއްވާ ދެ ކެރެކްޓަރ ގޮތަށް ނޫރްއަށް ސިފަވަނީ. އެކަމަކު މީ އަންޔާގެ ވާހަކައެއް ދޯ. ހެހެހެ…. ނޫރްއަށް ވަރަށް ރީތި ވާހަކައެއް މީ. އަންޔާގެ އިތުރު ވާހަކައެއް ވެސް ކިޔާލަން ވަރަށް ބޭނުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު