ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ރިޔާސަތު ބަލަހައްޓަވަނީ، ފައިލް ފޮޓ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

56 މެންބަރުން ތަމްސީލުކުރާ އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދައިފި

ވެރިކަންކުރާ މައިޕާޓީގެ އެމްޑީޕީގެ 48 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ހުށަހެޅުމަށް ނިންމީ އިއްޔެ މެންދުރު ފަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ބައްދަލުވުމުގައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކުއެވެ. އަދި މަޤާމުން ވަކިކުރެވޭނީ، މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީސް ޖަލްސާއަށް ހާޒިރުވެ، ވޯޓްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

އެ ޤަރާރު ހުށަހެޅީ، ޖުމްލަ 56 މެންބަރުން ތަމްސީލުކުރާ އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާ އެކު ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ މައްސަލައިގައި ވަނީ، ނަޝީދު ޤަވައިދާ ޚިލާފަށް މަޖިލިސް ހިންގަވަމުން ގެންދެވުމާއި، އަދި އެޖެންޑާ ކަނޑައެޅުއްވުމުގައި ވެސް އެ މަނިކުފާނުގެ އަމިއްލަ މަސްލަހަތު އިސްކުރައްވާ ކަމުގައެވެ. އަދި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުންނަށް ވާގިވެރިވެވަޑައިގެންނެވުމާއި، މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވުމަށް ފަހު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މަސްލަހަތު އޮތް މައްސަލައެއް ތާވަލުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ޖަލްސާތައް ބޭއްވެވުންވެސް އެ ޤަރާރުގައި ހިމަނުއްވާފައިވެއެވެ.

މިއީ މި އަހަރުގެ ތެރޭގައި އެމްޑީޕީން ނަޝީދު މަގާމުން ވަކިކުރަން މައްސަލަ ހުށަހަޅާ ދެ ވަނަ ފަހަރެވެ. އެގޮތުން މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ޖޫން މަހު ހުށަހަޅާފައި އޮތް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަނބުރާ ގެންދިޔައެވެ.، އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމީ، އެމްޑީޕީއަށް ފުރަތަމަ ބުރުގައި ދެ ވަނަ ލިބި، ނަޝީދުގެ ޑިމޮކްރެޓްސް 15،000އެއްހާ ވޯޓާ އެކު ތިން ވަނަ ހޯދުމުން، ދެ ވަނަ ބުރުގައި ނަޝީދުގެ ތާއީދު އެ ޕާޓީއަށް މުހިންމުވުމުންނެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރަން އެމްޑީޕީގެ މެންބަރުން އަނެއްކާ ގޮވާލަން ފެށީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެ ޖަލްސާއަށްފަހު ބައެއް މެންބަރުން އަލުން އެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަޝްވާރާތައް ފެއްޓެވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އެމްޑީޕީން މަސައްކަތް ފެށުމާއެކު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ، މި ސަރުކާރަށް ވައްކަމުގެ ތުހުމަތުކޮށް، އެ މައްސަލަތައް ބެލުމަށް ގޮވާލާފައެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ވައްދާ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް އެ މަނިކުފާނު މިއަދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާތީ، މި ދައުރުގައި ދެން އެ މައްސަލަ ހުށައެއް ނޭޅޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު