ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ވައްދަން އުޅޭ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާތީ، މި ދައުރުގައި ދެން އެ މައްސަލަ ހުށައެއް ނޭޅޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ، ދެ ވަނަ ފަހަރަށް އެ މައްސަލަ ހުށަހަޅަން އުޅޭތީ އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފަ އެވެ.
"އަސްލު [މަޖިލީހުގެ] ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެއް މައްސަލަ. މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް، އަނބުރާ ނަގައިފި،" ނަޝީދު ވިދާޅުވިއެވެ.
"ދެން މި އަންނަ [ފެބްރުއަރީގައި ފެށޭ] ދައުރުގައި ކަން ނޭނގެ މިކަން ވާނީ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ ޕީޖީން އެ ގޮތަށް ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒަށް އެ ގްރޫޕުގައި ދެއްވި ރައްދެއްގައެވެ. އަލީ ނިޔާޒު ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ދެން ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ. އޭނާ އެ ގޮތަށް ވިދާޅުވީ މީގެ ކުރިން ނަޝީދުގެ ވަކިކުރުމުގެ މައްސަލަ އާއި ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުންނާއި ކޮމިޓީތައް އެކުލަވާނުލެވި އޮތުމުން، އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލާފައިވާތީ، އެ ކަމަށް އިޝާރާތްކުރައްވައި ކަމަށް ބެލެވެއެވެ.
ޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކުއެވެ. އަދި މަޤާމުން ވަކިކުރެވޭނީ، މަގާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީސް ޖަލްސާއަށް ހާޒިރުވެ، ވޯޓްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.