އަފްޣާނިސްތާނަށް އައި ބިންހެލުމެއްގައި 2,000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ ހަރާތު ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 2,000 އަށްވުރެ މައްޗަށް އަރައިފިއެވެ. އެ ސަރަޙައްދަށް ވިދިވިދިގެން ދެ ބިންހެލުމެއް އައިސްފައިވެއެވެ. އެ ބިންހެލުންތައް ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 6.3ގެ ބާރުމިނުގައެވެ.

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި އެ ސަރަޙައްދުގެ 13 ވަރަކަށް އަވަށެއް މުޅިން ސުންނާފަތިވެފައިވާއިރު، ވެއްޓުނު ޢިމާރާތްތަކުގެ ދަށުވި ކަމަށް ބެލެވޭ އިތުރު މީހުން ހޯދައި، ސަލާމަތް ކުރަން އޮފިޝަލުންނާއި ޢާންމުން ގުޅިގެން  މަސައްކަތް ކުރަމުންދާއިރު، ގެއްލުން ލިބިފައިވާ ސަރަޙައްދުގައި ހުރި ގިނަ ޢިމާރާތްތަކަކީ ކިސަޑުން ބިނާކޮށްފައިވާ ޢިމާރާތްތަކެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބޭރު ޤައުމުތަކުން އިންސާނީ އެހީ ނުލިބިއްޖެ ނަމަ، ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ޠާލިބާނުންގެ ސަރުކާރުން ބުނީ، ބިންހެމުގައި މަރުވި މީހުންގެ ޢަދަދު މިހާރު 2,053 އަށް އަރާފައިވާ ކަމުގައެވެ. އަދި، ޒަޚަމުވެފައިވާ މީހުންގެ ޢަދަދު 10,000 އަށްވުރެ އިތުރުވެފައިވާ ކަމުގައެވެ. މަރުވި މީހުންގެ ޢަދަދު 2,000 އަށްވުރެ އިތުރުވާނެ ކަމަށް މީހުން ސަލާމަތް ކުރަން މަސައްކަތް ކުރާ ޓީމުތަކުން ވެސް ބުނެއެވެ.

މި ބިންހެލުމާ ގުޅިގެން ޒިންދާ ޖާން ޑިސްޓްރިކްޓުން އެކަނިވެސް 400 އަށްވުރެ ގިނަ ޢިމާރާތް ވެއްޓިފައިވާ ކަމުގައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޓީމުތަކުން ބުނެއެވެ. ހަމައެހެންމެ އެތައް އަވަށެއް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށާއި، ޢިމާރާތްތަކުގެ ދަށުވެ، ގިނަ ޢަދަދެއްގެ އަންހެނުންނާއި، ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދައްޗަކީ، ފެނާއި ކާބޯތަކެތި ހުސްވަމުން ދިޔުމެވެ. އަދި، ހާލުގައި ޖެހިފައިވާ އަންހެނުންނާއި ކުޑަކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތެއް ނެތުމެވެ. ބައެއް އަވަށްތަކުން ސާފު ފެނާއި ކާބޯތަކެތި ހުސްވެފައިވާ ކަމަށާއި، އަނިޔާވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދޭނެ ގޮތެއް ވެސް، ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ވެސް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ޤައުމުގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވެސް ދަނީ، ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔު.އެޗް.އޯ ވެސް ހިމެނެއެވެ.

އަފްޣާނިސްތާނުގައި ވެރިކަން ކުރަނީ ހަނގުރާމަވެރިންގެ ޖަމާޢަތެއް ކަމުގައިވާ ޠާލިބާނުންނެވެ. އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަނެފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެ ޤައުމުގައި، ކުއްލި ހާލަތްތަކާއި ކާރިސާތަކުގައި އަމަލު ކުރާނެ ޚާއްޞަ ސިޔާސަތުތައް ހަމަޖައްސާފައި ނެތްއިރު، އެކަމަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުކޮށްފައި ނެތް ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާނަށް ގިނަ ޢަދަދެއްގެ ޤުދުރަތީ ކާރިސާތައް ކުރިމަތިވެފައިވެއެވެ. އޭގެ ތެރޭގައި ބިންހެލުންތަކާއި، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމުގެ ހާދިސާތައް ހިމެނެއެވެ. ހުސްވި އަހަރުގެ ޖޫން މަހު ވެސް އެ ޤައުމުގެ އިރުދެކުނުގައިވާ ސަރަޙައްދުތަކަށް ބާރުގަދަ ބިންހެލުމެއް އައިސް، 1,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، 1,600 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. މި ފަދަ ޤުދުރަތީ ކާރިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭން ޠާލިބާނުން ވަނީ ނުކުޅެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު