"ޕީޕީއެމް ޕީއެންސީ ކުރިމަތިނުލާނެ އެންމެ ގޮޑިއެއްވެސް ނެތް، އެމްއެންޕީވެސް ބައިވެރިކުރޭ"

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ތަމްސީލްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަކުގެ ގޮނޑިއަށްވެސް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމް ޕީއެންސީން ކޯލިޝަނުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވަމުން ޕީޕީއެމްގެ ސްޕޯކްސްޕަރސަން މުޙައްމަދު ޠަލާލު ވިދާޅުވީ، މިކޯލިޝަންގައި ޕީޕީއެމް ޕީއެންސީގެ އިތުރުން އެމްއެންޕީވެސް މިހާރު ހިމެނޭކަމަށާއި، ނަމަވެސް ވާދަކުރަން ފުރުޞަތު ދޭނެ ގޮތަކާއިމެދު އަދި އެއްވެސް ވަރަކަށް ގޮތެއް އަދި ނިންމާފައި ނުވާކަމަށެވެ.

މަޖިލިސް އިންތިޚާބާއި ގުޅޭ މަޝްވަރާތަކާއި މަސައްކަތްތައް އަދި މާބޮޑަށް ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާއި ގުޅޭ މަސައްކަތްތައް ފަށައިގަންނާނެކަމަށާއި، ސަރުކާރު ތަމްސީލްކުރުމަށް ހުރިހާ ދާއިރާތަކެއްގެ ގޮނޑިއަށްވެސް ވާދަކުރުމަށް ކުރިންވެސް ނިންމާފައިވާ ކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ.

މިވަގުތު ޕީޕީއެމް ޕީއެންސީ އަދި އެމްއެންޕީ ހިމެނޭހެން އެއް ފިކުރެއްގައި މިހާރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރައްވަނީ 10 މެންބަރުންނެވެ. އެއީ ޕީޕީއެމްއަށް ނިސްބަތްވާ 4 މެންބަރުންނާއި، ޕީއެންސީއަށް ނިސްބަތްވާ 4 މެންބަރުން އަދި އެމްއެންޕީގެ 2 މެންބަރުންނެވެ.

ރިޔާސީ އިންތިޚާބުގެ ޕީޕީއެމް ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީއާއެކު، މަޖިލިސް އިންތިޚާބުގައިވެސް އެ ކޯލިޝަނަށް ގިނަ ގޮނޑުތަކެއް ހޯދޭނެކަމަށް ގިނަ ބަޔަކު ދެކެއެވެ. އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަނީ އަންނަ އަހަރުގެ މަރޗް ނުވަތަ އޭޕްރިލް މަހުއެވެ. މި އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ