އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތުން އިންތިޤާލީ މަަސައްކަތްތަކަށް އެކުލަވައިލި ޓީމުތަކުގެ ތެރެއިން ފޮރިން މިނިސްޓްރީއަށް ކަނޑައެޅި އިންތިޤާލީ ކޮމެޓީ މިއަދު އެ މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކޮށްފިއެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދުވަނީ ވަނީ އިންތިހާބީ ރައީސް މުއިއްޒުއަށާއި އެމަނިކުފާނުގެ ފަރާތުން އެ މިނިސްޓްރީއަށް ޒިޔާރަތްކުރި ކޮމެޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެ، އިންތިޤާލީ މަރުޙަލާގައި ފުރިހަަމ އެއްބާރުލުން ދެއްވާނެ ކަމަށް ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އިންތިޤާލީ ކޮމިޓީގެ ފަރާތުން މި ބައްދަލުވުމުގައި ކުރީގެ މިނިސްޓަރ އިރުތިޝާމް އާދަމްއާއި، ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ޑރ. ޢަލީ ނަޞީރުއާއި، ކުރީގެ މަޝްހޫރު ޕްރިންސިޕަލް އަދި ކުރީގެ ސަފީރު ޖަމީލާ ޢަލީ ޚާލިދުއާއި، އަދި ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި %54 އާއެކު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަމަޖައްސާފައިއެވެ. ރައީސް ޞާލިހް ވަނީ، އިންތިޚާބީ ރައީސްގެ އޮފީސް އުފައްދަވާފައި؛ އެ އޮފީސް ހިންގަނީ ސްޓެލްކޯ އިމާރާތުގެ ފަސް ވަނަ ފަންގިފިލާގައެވެ.
އިންތިގާލީ މަސައްކަތްތަކަށް މުއިއްޒުގެ ފަރާތުން ޖުމްލަ 15 ޓީމެއް ވަނީ އެކުލަވާލައިފައިވާއިރު، ސަރުކާރުގެ އިދާރާތަކަށް އަށް ޓީމް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހަތް ޓީމް ޒިޔާރާތްކުރައްވަމުން ގެންދަވާނެ ކަަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.