އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް އޮތް ފަސް އަހަރުގައި ސާބިތުކަމާ އެކު ބަދަލުނުވެ ހުންނަވާނެ ކަމަށާއި އެމަނިކުފާނު ބޭނުންވާ ގޮތަކަށް ކަންކަން ކުރައްވާނެ ކަމަށް، ޕީޕީއެމް-ޕީއެންސީ ސަރުކާރުގައި ހިމެނޭނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލު ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީ އޮތީ އިންތިހާބީ ރައީސްއާ އެކު ވަރަށް ސާބިތުކަމާއެކު ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ކުރިއަށް މި އޮތް ފަސް އަހަރު އެމަނިކުފާނާ އެކީގައި، އެމަނިކުފާނު އެދުނު ކޮންމެ ކަމެއް ކޮށްދީ، މި ގައުމުގެ ހެވާ ލާބައަށް ކުރެވޭ ކޮންމެ ކަމެއްގައި ސާބިތުކަމާ އެކީ. އަޅުގަނޑު މުއިއްޒަށް ދަންނަވަން ބޭނުން އަޅުގަނޑުމެންގެ ސާބިތުކަމަށް ބަދަލެއް ނައިސް އިރާދަކުރެއްވިއްޔާ ޑރ. މުއިއްޒު އެދިވަޑައިގަންނަވާ ގޮތަކަށް މި ޕާޓީން ކަންކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް މިރޭ ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރުގައި ދެ ޕާޓީގެ ދެމެދުގައި ވާހަކަދެކެވިފައިވާ ގޮތަށް، އާ ސަރުކާރުން ކަންކަމަށް އަމަލީ ސިފަ ގެނެސްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ވެރިކަން ކުރެއްވުމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، އެމްއެންޕީއަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. އަދި މިހާތަނަށް ގިނަ އިންތިހާބުތަކެއްގައި ބައިވެރިވެ، ކާމިޔާބީ އާއި ނާކާމިޔާބީއާ ވެސް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. ޕާޓީއެއް ބޮޑުވެ ފައްކާވެގެން ދާނީ އިންތިހާބުތަކުގައި ވާދަކޮށްގެންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ނާކާމިޔާބު ވުމަކީ ފަހަތަށް ޖެހެންޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ކުރިއަށް އޮތް މާލޭ މޭޔަރުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްއެންޕީން ވާދަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ގޮތުން ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭ މޭޔަރު ކަމުގެ އިންތިހާބެވެ. އެއަށްފަހު މާޗު ނުވަތަ އޭޕްރިލްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ އެވެ.
އެއްބަސްވުމުގައިވާ ގޮތުން އެ އިންތިހާބުތަކުގައި ވެސް ވާދަ ކުރާނީ ޕީޕީއެމް ޕީއެންސީ އެމްއެންޕީ ގުޅިގެން ކަމަށް ވިދާޅުވެފައިވާއިރު، މިދިޔަ މަހުގެ 30 ގައި ބޭޢްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް ކޯލިޝަނާއި އެމްއެންޕީއާ ދެމެދު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.
ޕީޕީއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަޙީމް (އަދުރޭ) އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.
ދެ ބޭފުޅުންވެސް ވިދާޅުވީ، އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެކުގައި މަސައްކަތް ކުރުމުގެ މާހައުލެއް ޤާއިމްކުރުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެއްޖެ ނަމަ ސަރުކާރެއް އެކުލަވައިލާއިރު، އެކިއެކި މަގާމުތައް ދޫކުރާނެ ގޮތްތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ، އެ އިހުތިޔާރު ދޫކޮށްލެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަށާއި، މުޅި އަމާޒު އޮންނާނީ މި އިންތިހާބު ކާމިޔާބު ކުރުން ކަމަށެެވެ.
"އަޅުގަނޑު މި ހުރީ ޑރ. މުއިއްޒު ވިދާޅުވި ކަމެއްގައި އެ ކަމަށް އެހީތެރިވެ ދޭން ތައްޔާރަށް. އަޅުގަނޑު ގަބޫލުކުރަން ރަނގަޅު ސަރުކާރަކާ އެކު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެ ކަމަށް. އެ އިތުބާރާ އެކީގައި އައިސް މަސައްކަތް ކުރަނީ،" ނާޒިމް ވިދާޅުވި އެވެ.
އެ ކޯލިޝަން ސަރުކާރެއް އަތުވެއްޖެ ނަމަ އެމްއެންޕީގެ އެއްވެސް ޑިމާންޑެއް ނޯންނާނެ ކަމަށާއި، ޝަރުތެއް ނެތި ޑރ. މުއިއްޒު ވިދާޅުވާ ކަމެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ލިބިފައިނުވާތީ ދެވަނަބުރެއް ބާއްވަން ޖެހެއެވެ.
މި އިންތިޚާބުގެ ޞައްޙަ ވޯޓުގެ ޢަދަދަކީ 220651 އެވެ. އަދި ބާޠިލު 4835 ވޯޓު ހިމެނެއެވެ. ބާޠިލުވެފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ ތެރެއިން %2.14 މީހުންގެ ވޯޓެވެ.
އިންތިޚާބުގެ ފުރަތަަމަ ބުރުގައި އެންމެ ކުރި ހޯއްދެވީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46 އިންސައްތަ ވޯޓުންނެވެ. ނުވަތަ 101،635 ވޯޓެވެ. ދެން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓް ނުވަތަ 86161 ވޯޓެވެ.
އިންތިހާބުގެ ފުރަތަމަ ބުުރުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.
ފުރަތަމަ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
އެ އިންތިޚާބަކީ މީގެ ކުރީ ރިޔާސީ އިންތިޚާބުތަކާއި އަޅަބަލާއިރު ބާޠިލު ވޯޓު އެންމެ ގިނަ އިންތިޚާބެވެ.
1- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު: 101635 ވޯޓު (%46)
2- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 86161 ވޯޓު (%39)
3- ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15839 ވޯޓު (%7)
4- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޢުމަރު ނަސީރު: 6343 ވޯޓު (%2)
5- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް: 5460 ވޯޓު (%2)
6- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫން: 2979 ވޯޓު (%1)
7- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1907 ވޯޓު (%0.86)
8- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލު: 327 ވޯޓު (%0.15)