Monday, 07 October 2024

ޣައްޒާގެ ލޮލުން ހިލެނީ ކަރުނައެއް ނޫނެވެ. ލެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ހަރުކަށި އިސްރާއީލުން ޣައްޒާއަަށް ބޮން އަޅައި، ހަމާސްގެ ކޮންޓްރޯލް އޮންނަ ފަލަސްތީނުގެ ސަރަހައްދު މުޅިން ވަށާލުމަށް ވައުދުވެ ހިންގާ ބޮޑު ޖަރީމާއެކެެވެ. ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގާ ލާއިންސާނީ އަމަލެކެވެ.

މުސްލިމުންނަށް ނަސްރާ ކާމިޔާބު މިންވަރު ކުރައްވާނެ މަގުން ކަންކަން ތަދުބީރުކުރައްވާ މަންޒަރު އިރާދަކުރެއްވިއްޔާ އެބަ ފެނެއެވެ. އިސްލާމީ މުޤަސްދަސް ބިންތަކަށް ގަދަބާރުން ވަދެފައިވާ އިސްރާއީލުގެ ތާރީޚުގައި ވެސް ހަމާސްގެ ހަނގުރާމަވެރިން ދިން އެންމެ ނުރައްކާތެރި ހަމަލާގައި ހޮނިހިރު ދުވަހު އިސްރާއީލުގެ ސަރަހައްދު ތަކަށް ހަމާސްގެ ހަނގުރާމަވެރިން ވަަދެ ބަޑިޖަހާ 1،000 އަށް ވުރެ ގިނަ މީހުން މަރާލައި ސަތޭކައެއްހާ ރަހީނުކޮށްފައިވެއެވެ. އެކަމަށް ރައްދު ދިނުމަށް ކަމަށް ބުނެ އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީ މުޅި ހިސާބު ސުންނާފަތިކޮށްލާފައެވެ. އިންސާނީވަންތަކަމުގެ އެއްވެސް ކަންފުޅެއް ނެތިއެވެ.

އިސްލާމްދީނުގެ އެންމެ ބޮޑު ޢަދުވުންކަމުގައިވާ ޔަހޫދީ ދައުލަތް، އިސްރާއީލުގެ ހަރުކަށި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ވަނީ 2.3 މިލިއަން މީހުން ދިރިއުޅޭ ޤައްޒާއަށް ކާބޯތަކެއްޗާއި ތެޔޮ ފޯރުކޮށްދިނުން ހުއްޓުވުމަށް "ޓޯޓަލް ބްލޮކޭޑް" އެއް ހޯމަ ދުވަހު އިއުލާންކޮށްފައެވެ. މިކަން ބައިނަލްއަގުވާމީ ދުނިޔެއިން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. ނަމަވެސް އިސްލާމްދީން ފޮހެއްލުމަށް މަސައްކަތްކުރާ ހަރުކަށި ދައުލަތްތަކުން މިކަމަށް ދަނީ ތަރުހީބުދެމުންނެވެ.

އދ. ގައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ޔަހޫދީންގެ ޖައްބާރު ޢަމަލުތައް ކުށްވެރިކުރައްވައި ވިދާޅުވެފައިވަނީ، ފާޅުކަން ބޮޑު ގޮތެއްގައި އިންސާނިއްޔަތުކަން ނަގާލާ، ރައްޔިތުންގެ ބޮލަށް ބޮން އަޅާ، ހަނގުރާމައިގެ އުސޫލެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުންކޮށް، އެމީހުންގެ ޤައުމިއްޔަތު ވުޖޫދުން ނައްތާލުމަކީ ނަސްލު ނައްތާލުމަށް ވުރެ ކުޑަ ކަމެއް ނޫން ކަމަށެވެ. މި ނުބައި ސުންޕާ ޢަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެކެވެ. 

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ހޯމަ ދުވަހު ވިދާޅުވީ އިސްރާއީލުން ޣައްޒާ މުޅިން ވަށާލާނެކަން އިއުލާން ކުރުމުން ފުން ހާސްކަމަކާއި ކުއްލި ސިހުމެެއް ލިބިފައިވާ ކަމަށާއި، މިހާރު އޮތް ހަމަނުޖެހެމުގެ ކުރިން ވެސް ޣައްޒާގެ އިންސާނީ ހާލަތު އޮތީ އިންތިހާއަށް ގޯސްކޮށް ކަމަށާއި، އިސްރާއީލުގެ އެ އަމަލާއެކު އެކަން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

އިންސާނިއްޔަތު ކަމެއް ނެތް ޖައްބާރު އިޒުރޭލު ޔަހޫދީން ޣައްޒާގެ އަޚުންނާއި އުޚުތުންގެ ޙައްޤުތަކަށް އަރައިގަނެ ހިންގާ ލާއިންސާނީ ޢަމަލުތަކަކީ ފާޅުވެގެންވާ ބޮޑު އަނިޔާވެރިވުމެކެވެ. ހައްދުފަހަނައަޅާފައިވާ ބޮޑު ޖަރީމާއެކެެވެ. މި އަނިޔާވެރިކަމާއި، ދުއްތުރާތަކުން އިސްލާމީ އުއްމަން މިންޖުކުރައްވާތޯ ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. އެހެނީ، ފަލަސްޠީީނުގެ، ޚާއްޞަކޮށް ޣައްޒާގެ ކޮންމެ ރައްޔިތެއްގެ ލޮލުން މިއަދު ހިލެނީ ކަރުނައެއް ނޫނެވެ. ލެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު