12 ފެބުރުވަރީ 2025

އިންތިޤާލީ މަރުޙަލާގައި ސަފީރުން ހަމަޖައްސާތީ ޑިމޮކްރެޓުންގެ ނުރުން

މިހާރު މި ހިނގަމުންދާ އިންތިޤާލީ މަރުޙަލާގައި ސަފީރުން ހަމަޖެއްސުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުމުން ޑިމޮކްރެޓުން ނުރުހުން ފާޅުކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ޕާކިސްތާނަށް ކަނޑައަޅާ އާ ސަފީރަކަށް ޚަދީޖާ ނަޖީހާ ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން، ޑިމޮކްރެޓުންގެ މެންބަރުންވަނީ ވަނީ ނިޒާމީ ނުކުތާ ނަންގަވާފައެވެ.

މިކަމަށް  ނުރުހުން ފާޅުކުރެއްވުމަށް ނިޒާމީ ނުކުތާ ނަންގަވައި، ޑިމޮކްރެޓުންގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިހާރު ހިނގަމުންދާ އިންތިޤާލީ މަރުޙަލާގައި މަޤާމުތަކަށް މީހުން އައްޔަން ކުރުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ، އިންތިޤާލީ މަރުޙަލާއަށް ހުރަސް އެޅޭ އެފަދަ ކަންކަން މަޖިލީހުން އިސްވެ ހުއްޓުވަން ގޮވާލާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ބަންގްލަދޭޝް އާއި ޔޫއޭއީއަށް އާ ސަފީރުން ކަނޑައަޅަން މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވާފައި ވަނީ މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ނަމަވެސް ޕާކިސްތާނަށް ސަފީރަކު އައްޔަން ކުރުމުގެ މައްސަލަ ފޮނުވީ އިއްޔެ ކަމަށެވެ.

ނިޒާމީ ނުކުތާ ނަންގަވައި ބޮންޑޭ ވިދާޅުވީ ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައެޅުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅި ހުށަހެޅުމުގައި މައްސަލައެއް ނެތް ކަމަށާއި، އެހެންނަމަވެސް މިއަދު އިތުރު ސަފީރަކަށް ރުހުން ހޯދުމަށް ސަރުކާރުން މަޖިލީހަށް ފޮނުވުމުން އެއިން ސިފަވަނީ ޕާލިމަންޓްރީ ސިސްޓަމެއް ކަމަށެވެ. ބޮންޑޭ އިތުރަށް ވިދާޅުވީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދު ވެސް ފަރުމާކޮށްފައި ވަނީ ރިޔާސީ ނިޒާމެއްގައި ރައީސުންނާއެކު ސަރުކާރު ބަދަލުވާ ގޮތަށް ކަމަށެވެ.

މިހާރު ކުރިއަށްދާ އިންތިޤާލީ މަރުހަލާފައި ސަފީރުން ކަނޑައެޅުމަށް މަޖިލީހަށް ސަރުކާރުން ހުށަހަޅަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިޤާލީ ކޮމިޓީއިން ވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެކަންކަން ވީހާ ވެސް އިންސާފުވެރިކޮށް މި ސަރުކާރުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކޮމިޓީއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު