Thursday, 12 September 2024

ފަލަސްޠީނަށް ނަޞްރު ދެއްވުން އެދި ޤުނޫތު ނާޒިލާ ކިޔަން އަންގައިފި

އިޒްރޭލުން މިހާރު ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި އަނިޔާތަކުން އެ ޤައުމާއި އެ ޤައުމުގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށް އެދި، ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ގުނޫތު ނާޒިލާ ކިޔުމަށް، އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިވައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި މިއަދު ވަނީ، އެ އަނިޔާތަކުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދީ، ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި، އަޑުހަރުކޮށް ކިޔަވާ ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް، ކައުންސިލްތަކަށް އަންގަވާފައެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިގޮތަށް އެންމެ ފަހުން ޤުނޫތު ނާޒިލާ ކިޔާފައިވަނީ، ކޮވިޑުގެ ބަލިމަޑުގެ ދުވަސްވަރު އެ ބަލިން ސަލާމަތްކޮށްދިނުމަށް އެދިއެވެ. މުސްލިމު އުއްމަތަށް ކުރިމަތިވެފައިވާ މި އުނދަގޫ ދަނޑިވަޅުގައި ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިޔުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ދަނީ ޝަހީދުވަމުންނެވެ. ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ.

ޔަހޫދީންގެ ނުބައި ރޭވުންތަކުންގެ ދަށުން، އެއްގަމު މަގުން ޣައްޒާއަށް އަރައި، މުސްލިމުންގެ ލޭއޮހޮރުވައިލަން ޔަހޫދީ އިސްރާޢީލުގެ ސިފައިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް، ބަރުހަތިޔާރާއި ގިނަ ޢަދަދެއްގެ ސިފައިން ޖަމާ ކުރަން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޣައްޒާއަށް އެއްގަމު މަގުން ހަމަލަދިނުމަށް، ޔަހޫދީ އިސްރާޢީލުގެ 100,000 އަށްވުރެ ގިނަ ރިޒަރވް ސިފައިން ޖަމާކުރަން ފަށާފައިވާ ކަމުގައި ވެސް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު