އިންތިޤާލީ މަރުހަލާގައި ފާހަގަކުރެވޭ ބައެއް ކަންކަން
އިންތިޤާލީ މަރުޙަލާގައި އައު ކަންކަން ފަށައި، އައު ސަރުކާރަށް ބުރައުފުލަންޖެއްސުމަކީ ޑިމޮކްރެސީގެ ރޫޙާ ޚިލާފުކަމެކެވެ. އެހެންނަމަވެސް، މި ސަރުކާރުން އެކަމަށް ގޮސްޖައްސަވަމުން ދާކަން ފާހަގަކުރެވެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ މެދު މި ހިނގާ އިންތިޤާލީ މަރުހަލާގައި ބައެއް ކަންކަން ނުކުރުމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެދިފައިވީ ނަމަވެސް، މި މުއްދަތުގައި ވެސް ދައުލަތް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށް ސަރުކާރުން ދަނީ ވިދާޅުވަމުންނެވެ. މީޑިޔާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެންބަރުން ބޭނުންކުރައްވައިގެން މިކަމުގައި ގޮންޖައްސަވަމުން އެބަ ގެންދަވައެވެ.
އިންތިޤާލީ މަރުހަލާގައި ނުކުރުމަށް، އިންތިހާބީ ރައީސް މިދިޔަ ބުދަ ދުވަހު ރައީސް ޞާލިހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވާ ކަންކަން
- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓުމެންޓެއް ނުކުރުން
- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދިނުން
- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން
- ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
- ޕީއެސްއައިޕީ އަދި އެހެން ވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން
ކަންމިހެން އޮތްނަމަވެސް، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބާ ބޭފުޅުން ގެންދަވަނީ މިކަމުގައި ފުރިހަމަ އެއްބާރުލުން ނުދެއްވާނެ ފަދަ މޭރުމަކުން ވާހަކަދައްކަވަމުންނެވެ.
ސަރުކާރުގެ ބަސް
އެކަން މަގުން ގެންގޮސްދެއްވުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފައި ވަނިކޮށް، އިތުރު ސަފީރަކު އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް އިއްޔެ ވެސް ރައީސް ޞާލިހް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
މިކަމާގުޅޭގޮތުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު، މި ކަމުގައި ސަރުކާރުގެ ވިސްނުން ހާމަކުރައްވަމުން ވިދާޅުވެފައިވަނީ، "ސަރުކާރުން އަމަލު ކުރަމުން ދަނީ ގާނޫނާ އެއްގޮތަށް. ޓްރާންސިޝަން ޕީރިއަޑްގައި ދައުލަތް ހުއްޓުމަކަށް ގެނެސް ނުބޭއްވޭނެ. ދައުލަތް ހިންގަމުންދާނެ،" ކަމަށެވެ. އަދި އޭނާ ވިދާޅުވި، އިންތިގާލީ މަރުހަލާގައި އާ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި ދެ ޤައުމަކަށް ސަފީރަކު ކަނޑައެޅުމަށްޓަކައި ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާ އެވެ. އެކަމާ ގުޅިގެން އިންތިހާބީ ރައީސް އޮފީހުގެ ފަރާތުން އިއްޔެ ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި މިކަމުގެ ކަންބޮޑުވުން ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މިއަދު ފާޅުކުރައްވާފައިވެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ ބަސް
ސަރުކާރު ބަދަލުވަމުންދާ މަރުހަލާގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ވެސް ހިނގަމުންދާ ސަރުކާރުގެ މަޝްރޫއުތައް ހުއްޓާލަން ނޭންގޭނެ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ވަނީ ގޮންޖައްސަވާފައެވެ.
ސަމީރު ”ރާއްޖެޓީވީ“ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މިހާރުން ސަރުކާރުން ހިންގަމުންދާ ބައެއް މަޝްރޫއުތަކާއި، މަސައްކަތްތައް ހުއްޓާލަން އެދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ފަރާތުން ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާކަމަށެވެ.
ސަމީރު ވިދާޅުވީ ޤާނޫނާ ހިލާފަށް ގޯސްކޮށް ކަމެއްކޮށްފަ އޮތް ނަމަ ދެން އަންނަ ސަރުކާރަށް އެކަންތައް ބެލޭނެ ކަމަށާއި، އެހެންނަމަވެސް އިންތިޚާބީ ރައީސަށް ވެސް ހުވާކޮށް ވެރިކަމާ ހަވާލުނުވަނީސް ސަރުކާރުގެ ކަންކަން ހުއްޓާލަން އެންގުމުގެ ހައިސިއްޔަތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ސަމީރު އޭސީސީއާއި އިންތިޚާބީ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅެވަމުން އޭސީސީއަށް ވެސް ސަރުކާރުން ކުރަމުންދާ މަޝްރޫއުތަކާއި، މަސައްކަތްތައް ހުއްޓާލަން ނޭންގޭނެ ކަމަށާއި އެ ކޮމިޝަންގެ ޒިންމާއަކީ ގޯސްކޮށް ކަމެއް ކޮށްފައިވާނަމަ، އެކަންތައް ބެލޭނެ ކަން ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގައެވެ.
ސަމީރު މި މޭރުމަށް ވާހަކަދައްކެވިއިރު، މި ދުވަސްވަރު އާ މަޝްރޫއުތައް ނުފެށުމަށް އޭސީސީން ވެސް ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
އިންތިޤާލީ ރައީސްގެ އޮފީހުން ދައުލަތުގެ ކުންފުނިތަކަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ 10 ކަމެއް
- އާ އިންވެސްޓްމަންޓެއް ފެށުން
- އާ ޕްރޮޖެކްޓެއް އިއުލާން ކުރުމާއި އާ ޕްރޮޖެކްޓްތައް ފެށުން
- އާ އިންވެސްޓްމަންޓެއް ކުރުން
- ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ބިމެއް ނުވަތަ މުދަލެއް ކުއްޔަށް ދިނުމާއި ވިއްކުން
- އިތުރު އާ ލޯނުތައް ނެގުން
- ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑަށް ބަދަލެއް ގެނައުން
- ކުންފުނިތަކުގެ ވަޒީފާތަކަށް އަލަށް މީހުން ވެއްދުމާއި މިހާރު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް މަގާމުގެ ކުރިއެރުން ދިނުން
- އެއްވެސް ފަރާތަކުން ކުންފުންޏަށް ދައްކަން ހުރި ފައިސާއެއް މާފުކުރުން
- ކުންފުނިތަކުގެ ހިންގާ ގަވައިދަށް ބަދަލު ގެނައުން
- ކުންފުނިތަކުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ބަދަލުގެނައުން
ބަންޑާރަ ނައިބުގެ ބަސް
މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޚިދުމަތްތަކާއި އެ ނޫން ވެސް ވަކި ކަންތައްތަކެއް ނުކުރަން އެންގުމުގެ ޤާނޫނީ ބާރެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ޤާނޫނުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަކަށް ނެތް ކަމަށާއި ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ ހަމައަށް މި ސަރުކާރު ހިނގަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފައެވެ
ދައުލަތުގެ ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ވަކި ކަންތައްތަކެއް ހުއްޓާލަން ނުވަތަ ނުކުރަން އެންގުމުގެ ޤާނޫނީ ހައިސިއްޔަތެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނޯންނަ ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ވެރިކަންތައް ބަދަލުވިއިރު ވެސް އަމަލުކޮށްފައި ވަނީ އާ ސަރުކާރު އުފެދުމާ ހަމައަށް އޭރެއްގައި އޮންނަ ސަރުކާރު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން މަތީ ދެމިއޮންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް, ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ)އާ ހަވާލާ ދެއްވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުކޮށް ވެރިކަމުގައި ދެމި ހުންނަވާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އިންތިހާބަކަށް ފަހު އާ ސަރުކާރެއް އުފެދުމާ ހަމައަށް އަންނަ އިންތިގާލީ މަރުހަލާ ވެސް ހިމެނޭނީ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ދައުލަތެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެންމެހާ މާލީ ކަންކަން ވެސް ކުރަން ޖެހޭނެ ކަމަށާއި އެއީ ވެރިކަން ފަސް އަހަރަށް ރައްޔިތުން ހަވާލުކުރަނީ ހުއްޓުމެއް ނައިސް ދައުލަތް ހިނގަން ކަމަށްވާތީ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަލަށް އިންތިޚާބުވާ ސަރުކާރުން ވެރިކަމާ ހަވާލުވަންދެން, ހިނގަހިނގާ ދައުލަތް ދެމިއޮންނަން ޖެހޭނެ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ޤާނޫނުގައި މައިގަނޑު ދެތިން ކަމެއް އޮންނައިރު ހިމެނެނީ އަމަލުކުރަން ޖެހޭ އިޖުރާއަތުތަކާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަންކަމަށް އެހީތެރިވާން ޑައިރެކްޓަ އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތު އަދާކުރާނެ ބޭފުޅަކު ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރުމާއި ހޭދަކުރެވޭނެ ފައިސާއާ ގުޅޭ މިންވަރު ކަމަށް ވިދާޅުވިއެވެ.
އިންތިޤާލީ ރައީސްގެ އޮފީހުން ދެކެވަޑައިގަންވާ ގޮތް
ބަންޑާރަ ނައިބު މިހެން ވިދާޅުވެފައިވީނަމަވެސް، ދައުލަތް ހުއްޓުމަކަށް ގެނެވޭފަދަ ކަމެއްގައި ކޮށްދެއްވުމަކަށް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގެންފައެއް ނުވެއެވެ. އަދި މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޚިދުމަތްތައް ހުއްޓާލެއްވުމަކަށްވެސް އަންގާވަފައެއް ނުވެއެވެ.
ފިރުޒުލް ވިދާޅުވީ ކުންފުނިތަކުން ވެސް ކަންތައްތަކެއް ނުކުރުމަށް އަންގަން ޖެހުނީ އާ ސަރުކާރުން ހިންގުމާ ހަވާލުވާން އޮތީ އެންމެ 37 ދުވަހަށް ވާއިރު، މިހާރު ސަރުކާރުން ކުރާ ކަންތައްތަކެއްގެ ސަބަބުން އާ ސަރުކާރު ހިންގުމަށް ދަތިވެދާނެތީ ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމާފައި ވަނީ އާ ސަރުކާރަކާ ކަންކަން ހަވާލުކޮށް، އާ މިސްރާބަކަށް ޤައުމުގެ ކަންކަން ހިންގުމަށްކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ، މި ސަރުކާރުން އާ ކަންތައްތަކެއް ކުރުމަކީ އެ މަގުސަދާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ވަކިވަކި ކަންތައްތަކެއް ނުކުރުމަށް ކުންފުނިތަކަށް އެންގި ނަމަވެސް، މިހާރު ހިނގަމުން އަންނަ އެއްވެސް މަސައްކަތެއް ހުއްޓާލަން އަންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުން ރަށްރަށުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލުމަށް ފަހު، އެއީ އިންތިޤާލީ އޮފީހުން ބުނެގެން އެޅި ފިޔަވަޅެއް ކަމަށް ބުނާ ކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެއީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޑިމޮކްރަސީގެ ރިވެތި އުސޫލުން އަައު ސަރުކާރަށް ޖާގަ ދިނުން މުހިއްމު
އެފަދަ މުހިއްމު ސަބަބުތަކެއް ހުރުމާއެކު، އިންތިޤާލީ މަރުޙަލާގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އައު ކަންކަން ފަށައިގެން ކުރިއަށް ގެންދިއުމަކީ އައު ސަރުކާރަށް އެކަމުގެ ބުރަ އުފުލަންޖެހޭނެ ކަމެކެވެ. އަދި ބިލުތައް އަދާކުރުމާއި، އެކި މުޢާމަލާތްތަކުގެ ސައްޙަކަން ކަށަވަރުކުރުމާއި، އިދާރީ ކަންކަމުގައި އެތައް އޮޅުންތަކެއް އަރާފާނެ ކަންކަމެވެ. އެހެންކަމުން ޑިމޮކްރަސީގެ ރޫޙާ އެއްގޮތަށް، އައު ސަރުކާރަށް ޖާގަދިނުމަށްޓަކައި ދައުލަތަށް ބުރަ ބޮޑުވާނެ ކަންކަން މި ވަގުތު ހުއްޓާލުމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތި ވާނުވާއެއް ނޭގުނު، ދެން އެހެންވީމަ މިހާރު މި ރާއްޖޭގަ ދެ ސަރުކާރު އެބައޮތް މީ އަޅެ ކިހިނެތް ވާކަމެއް!! އައު ސަރުކާރަކަށް ވިއަސް އަދި ހަމަޖެހިލަން ވެއްޖެކަމަށް ދެކެން ތީ ވަރަށް ވިޔާނުދާ ގޮތެއް ކޮންމެ ރައީސަކަށް ވެސް ފަސްއަހަރުގެ ދައުރެއް ޤާނޫނީގޮތުން ލިބޭ، ހިގަމުންދާ ސަރުކާރަށް 5 އަހަރު ހަމަވާނީ ބާކީ އިން ދުވަސްކޮޅު ލައިގެން ކަމަށް ވާތީ އައު ސަރުކާރުން 5 އަހަރަށް ވުރެ އިތުރަށް ވެރިކަން ކުރަން އުޅޭކަހަލަ ނުވަތަ ބާރާއި ނުފޫޒު ފޯރުވަން އުޅޭކަހަލަ