23 އެޕްރީލް 2025
ފައިލް ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ޕާސްޕޯޓް ގެއްލިޖެނަމަ ދެން ޖޫރިމަނާކުރާނީ ދެހާހަށްވުރެ ބޮޑު ނުވާގޮތަށް

ދިވެހި ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ޖޫރިމަނާ 2000 ރުފިޔާއަށް ވުރެ ބޮޑުނުވާނެގޮތަށް ހަމަޖައްސަވައިފިއެވެ.

ޕާސްޕޯޓް ގެއްލުމުން މީގެކުރިން 5000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެއެވެ. އެއީ ފުރަތަމަ ފަހަރު ނަމަ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރުނަމަ 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރުނަމަ 20،000 ރުފިޔާއިންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ޤަވައިދު އިސްލާޙްކޮށް، ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާއެކު ހުށަހެޅުމުން 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާ ގޮތަށް ހަމަޖައްސާފައެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް ހަމަޖައްސާފައިވެއެވެ.

ޤަވާޢިދަށް އަލަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައ،ި ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިޚްތިޔާރ،ު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޕޮލިސް ރިޕޯޓަކާ ނުލައި އައު ޕާސްޕޯޓަކަށް އެދި ހުށަހެޅޭނެކަމަށާއި، ޖޫރިމަނާ ކުރުމަކާނުލައި ޕާސްޕޯޓު އައުކޮށްދޭނެކަމަށް އައު ޤަވައިދުގައިވެއެވެ.

ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހެޅުމުގައި ތެދު ނޫން މަޢުލޫމާތު ދިނުން ނުވަތަ ޞައްޙަ ލިޔުމަށް ބަދަލު ގެނައުން ނުވަތަ ނަކަލުކޮށް ގެން ހުށައަޅައިފިނަމަ 2000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށާއި އަދި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނަށް ޚިދުމަތް ހޯދުމަށް ހާޒިރުވެ އާންމު މަޞްލަޙަތަށް ގެއްލުންހުރި ޢަމަލެއް ކޮށްފިނަމަ ޚިދުމަތް ނުދިނުމުގެ އިޚްތިޔާރާއި، 2000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށް ޤަވައިދުގައި ބަޔާންކޮށްފައިވެއެވެ.

18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވަނީ ޤަވާޢިދުގައި ބަޔާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު