ފީފާ ވަރލްޑް ކަޕް އޭޝިޔަން ކަޕް ޖޮއިންޓް ކޮލިފައިންގައި ބަނގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ޤައުމު ޓީމް ކުޅޭ މެޗުގެ ޓިކެޓް ރޭ ވިއްކަން ފަށައިފިއެވެ.
ޓިކެޓް ވިއްކާނީ ރަސްމީ ސްޓޭޑިއަމްގެ އޮލިމްޕަހާ ދިމާ ގޭޓުން ކަމަށާއި ޓިކެޓް ވިއްކަން ފަށާނީ 20:00 ގައި ކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއްވައެވެ.
ޓިކެޓް ވިއްކަނީ 50 ރުފިޔާއާއި 100 ރުފިޔާއަށެވެ. ގަލޮޅު ރަސްމީ ސްޓޭޑިއަމްގެ ހާލަތުގެ ސަބަބުން މެޗަށް ވިއްކާނީ 4500 ޓިކެޓެވެ. އޭގެ %20 އަށްވާ 900 ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ބަނގްލަދޭޝްގެ ސަޕޯޓަރުންނަށެވެ.
ބަނގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް އެގައުމުގެ ސަޕޯޓަރުން ގިނަ އަދަދަކަށް ވަދެއެވެ. އެހެންނަމަވެސް، ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ކުޑަވެ, ޤައުމީ ޓީމްގެ މެޗުތައް ބަލަން ވަންނަ ސަޕޯޓަރުންގެ އަދަދުވެސް ވަނީ މަދުވެފައެވެ.
ބަނގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމް, ރާއްޖޭގައި ކުޅޭ މެޗު އޮންނާނީ މިއަދު 16:00 ގައެވެ. ދެވަނަ ލެގު ބަނގްލަދޭޝްގައި ކުޅޭނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.