ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް

ސިޔާސީ މަޤާމުތަކުގައި ތިބި ބޭފުޅުންނަށް ސިވިލް ސާވިސްގެ ވަޒީފާ ދޭން އުޅޭކަމުގެ މަޢުލޫމާތު ލިބޭ: އަދުރޭ

ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންގެ ވަޒީފާ އާ ސަރުކާރާއެކު ގެއްލޭނެތީ ސިވިލް ސާވިސްގެ ވަޒީފާތަކަށް ބައެއް ބޭފުޅުން ބަދަލު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސިވިލް ސާވިސްގެ މަގާމުތަކަށް އައްޔަން ކުރައްވަން އުޅޭ ކަމަށް މައުލޫމާތު ލިބެނީ މިހާރު އެބޭފުޅުންނަށް ލިބޭ މުސާރައިގައި ކަމަށެވެ.

"އެބޭފުޅުން ވަޑައިގަންނަވަން ވާއިރަށް މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަނެއްކާ ދެން އަންނަ ސަރުކާރެއްގެ ތެރޭގައި ތިބެވޭގޮތަށް ސިވިލް ސާވިސްގެ ތެރޭގައި މަގާމު އުފައްދައިގެން އެ ބޭފުޅުންނަށް މަގާމު ދިނުމުގެ ވިސްނުން ގެންގުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން." އަދުރޭ ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އާ ސިޔާސީ މަގާމުތައް ނުއުފެއްދުމަށާއި މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރުމަށް އަދުރޭ އެދިވަޑައިގެންފައެވެ. މި މަހުގެ ފަސް ވަނަ ދުވަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންތިގާލީ އޮފީހުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވަނީ އިންތިގާލީ މުއްދަތުގެ ތެރޭގައި ވަކި ކަންކަމެއް ނުކުރުމަށް އެދިލައްވައިފައެވެ.

އިންތިޤާލީ މަރުހަލާގައި ނުކުރުމަށް، އިންތިހާބީ ރައީސް މިދިޔަ ބުދަ ދުވަހު ރައީސް ޞާލިހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވާ ކަންކަން

  1. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓުމެންޓެއް ނުކުރުން
  2. ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދިނުން
  3. ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން
  4. ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
  5. ޕީއެސްއައިޕީ އަދި އެހެން ވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން
  6. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
  7. ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން

ކަންމިހެން އޮތްނަމަވެސް، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބާ ބޭފުޅުން ގެންދަވަނީ މިކަމުގައި ފުރިހަމަ އެއްބާރުލުން ނުދެއްވާނެ ފަދަ މޭރުމަކުން ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިޙު ވަނީ އެމަނިކުފާނު އެދިލެއްވި ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް ބައެއް ގައުމުތަކަށް ސަފީރުން އައްޔަން ކުރުމަށް މިހާރު ވެސް ގެންދަވަނީ ފޮނުއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު