ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުގެ ލާއިންސާނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރަމުންދާތީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ޕުޓިން ވިދާޅުވީ، ފަލަސްޠީނުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންދާ ޢަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި، މި ކަމުގެ ފުރިހަމަ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެ ކަމުގައެވެ.
މެދުއިރުމަތީގެ ސިޔާސަތުތައް އެމެރިކާއިން ކަނޑައަޅާފައި ވަނީ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ހައްޤުތައް އެއްފަރާތް ކޮށްފައި ކަމަށާއި، އެ މީހުންގެ ބޭނުންތަކަށް އެމެރިކާއިން އިޙުތިރާމު ނުކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޔަހޫދީ އިސްރާޢީލުގެ ހަމަލަތަކުގައި ޝަހީދު ކުރަމުންދާ ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ޢަދަދު އިންތިހާއަށް އިތުރުވަމުންދާ ކަމާ މެދު ޕުޓިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ކަމުގައި ކްރެމްލިނުން ބުނެއެވެ. ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި، ހަމަލަ ބަދަލު ކުރުން ވަގުތުން ހުއްޓައިލަން ޖެހޭ ކަމަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަންނަވާ ކަމުގައި ވެސް ކްރެމްލިނުން ބުންޏެވެ.
އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު އަލް-ސުދާނީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވެސް ޕުޓިން ވަނީ މެދުއިރުމަތީގެ ސުލްޙައަށް އަލިއަޅުއްވައިލައްވާފައެވެ. ޕުޓިން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުމަކީ މިހާރުންމިހާރަށް ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި، މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި ވަނީ، އެމެރިކާއިން ގެންގުޅޭ ނާކާމިޔާބު ސިޔާސަތުތަކާ ގުޅިގެން ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.
މެދުއިރުމަތީގެ ސުލްޙަ ޤާއިމުކުރުމަށް މަސައްކަތް ކުރުމަށް އެކުލަވައިލި 'ކުއާޓެޓް’ގައި 2002 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން ވެސް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
ޙަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.