ފަލަސްޠީނުގެ ޣައްޒާގެ 2.3 މިލިއަން ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އިސްލާމީ އުންމަތުގެ އެހީތެރިކަމަށް އެދި ގޮވަނީއެވެ. ދުނިޔެ ނިދާފައި ތިއްބާ މުޅި ތަން އިޒްރޭލްގެ ހަމަލާތަކުގައި އެ ދަނީ ސުންނާފަތިވަމުންނެވެ.
ގިނަ މީހުން ތިބީ މަގުމަތީގައެވެ. ގޮތް ހުސްވެފައެވެ.ކުޑަކުދިންނާއި އަންހެނުންގެ ގިސްލުމުގެ ވޭނީ އަޑެވެ. ކަރުނުން ތެމި ފޯވަނީއެވެ.
ޣައްޒާގައި ހުރި ހަމައެކަނި އިންޖީނުގޭގެ ޖަނަރޭޓްތައް އިއްޔެ ވަނީ ނިއްވާލާ ކަރަންޓް ކަނޑާލާފައެވެ. ދިރިއުޅުމުގެ މަގުތައް ބަންދުވީއެވެ.
ޣައްޒާއަށް މުދާ އެތެރެކުރުން އިޒްރޭލުން ހުއްޓުވާލައިފިއެވެ. ތެޔޮ އެތެރެކުރެވޭނެ މަގުތައް ބަންދުވެއްޖެއެވެ. އިޒްރޭލުން ދެމުން އައި ކަރަންޓާއި ފެނުގެ ހިދުމަތް ކަނޑާލައި، ކާއެއްޗެހި އެތެރެކުރުން ވެސް ހުއްޓުވައިފިއެވެ. ޔަހުދީން ހިންގަމުންދަނީ ނުބައިވެގެންވާ ޖަރީމާއެކެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް، ޣައްޒާގެ ރައްޔިތުންނާ މެދު ދެކެނީ ނުބައި ނަޒަރަކުންނެވެ. އެ ޤައުމުތަކުގެ ހަމައެކަނި ކަންބޮޑުވުމާއި ހަމްދަރުދީ އޮތީ، ހަމާސްގެ ހަނގުރާމަވެރިން މިދިއަ ހޮނިހިރުދުވަހު އިޒްރޭލްގެ ތެރެއަށް ވަދެ ދިން ހަމަލާތަކުގައި އިޒްރޭލްގައި މަރުވި މީހުންނަށެވެ. އެބައިމީހުން އޯގާތެރިވަނީ އެމީހުންނާ މެދުއެވެ.
އަނިޔާވެރި އިޒްރޭލްގެ ބަދަލުހިފުމުގެ ހަމާލާތައް މެދުނުކެނޑި ދެމުން ގެންދާތާ މިއީ ހަ ވަނަ ދުވަހެވެ. ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރިއަށް އެތައް ހާސް ސިފައިން ވަނީ ޖަމާކޮށްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއްގަމު މަގުން ޣައްޒާއަށް އަރައިގަންނަން ތައްޔާރުވަނީ އެވެ.
އެތައް ހާސް ސިފައިން ވަނީ ޣައްޒާގެ ސަރަހައްދީ ރޮނގަށް، ބަރު ހަތިޔާރުތަކާ އެކު ޖަމާވެފައި ހަމާސްގެ އެންމެ ފަހު މީހާއަށް ދަންދެން ނައްތާލައި، ދުނިޔެއިން ހަމާސް ފޮހެލާނެކަމުގެ އިންޒާރު އިޒްރޭލްގެ ރަޙުމެއް ނެތް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދީފައެވެ.
ހޮނިހިރުދުވަހުގެ ކުރިން ސިޔާސީ ބޮޑު ބައިބައިވުމެއްގެ ތެރޭގައި އޮތް އިޒްރޭލްގެ އިދިކޮޅު ޕާޓީތަކުން ސަރުކާރާ އެއްކޮޅުވެ، ހަނގުރާމައިގެ ކުއްލި ހާލަތުގެ ކެބިނެޓްގައި ވެސް ބައިވެރިވެއްޖެއެވެ. މުޅި އިޒްރޭލް އެކުވެގެން އަމާޒު ހިފާފައި އެވަނީ ހަމާސްގެ ދުވަސް ދުއްވާލާށެވެ.
ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމުގެ ފުރުސަތަށް އދ. އިން ގޮވާލި ޣައްޒާގެ %80 މީހުންގެ ދިރިއުޅުން ބިނާވެފައި އޮތީ ބައިނަލްއަގްވާމީ އެހީދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީގެ މައްޗަށެވެ. އެކަމަކު ގާތްގަނޑަކަށް މިލިއަނެއްހާ މީހުންނަށް އެ މީހުންގެ ދުވަހީ ކެއުމުގެ ސާމާނަށް ވާސިލްވާނެ ގޮތެއް ނެތެވެ.
ދުނިޔޭޣެ މައި ޖަމްޢިއްޔާ އދ. އިން ގޮވާލީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ސަރަހައްދީ ރޮނގު ހުޅުވާލުމަށެވެ. އެކަމަކު، އިޒްރޭލުން އެ އަޑު އަހާނެކަމުގެ ޔަގީންކަމެއް، ފަލަސްތީނުގެ އާންމުންނަކަށް ނެތެވެ. އަނިޔާވާ މީހުންގެ އަދަދު ގިނަވެ، ހޮސްޕިޓަލްތައް އޮތީ ފުރިފަ އެވެ. މުހިންމު ބޭހުގެ ސާމާނު ވަނީ ހުސްވާން ކައިރިވެފައެވެ. ފިހާރަތަކުން މުދާ ވެސް ހުސްވަނީއެވެ. ޣައްޒާގެ އަޚުންނާއި އުޚުންތުންވަނީ އަސާސީ ބޭނުންތަކުންވެސް ވަނީ މަޙްރޫމުވެފައެވެ.