ވައުދުތައް ފުއްދުމަށް ބަޖެޓަށް ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަދުރޭ ވަނީ ވައުދުތައް ފުއްދުމަށް ބަޖެޓަށް ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަހަރު ބާކީ އޮތްތަނަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓަށް ކަންކަން ހުށަހެޅުމަށާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ކަންކަން ހުށަހެޅުމުގެ ފުރުސަތުވެސް މިހާރުގެ ސަރުކާރުން ފަހިކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ކެމްޕެއިންގެ ތެރޭގައި ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން މި ހިނގާ ޓްރާންސިޝަން މުއްދަތުގައި ދައުލަތުގެ އިދާރާތަކުގެ ހާލަތު ހުރި ނެތް ގޮތް ވަޒަންކުރަމުން އަންނަ ކަމަށެވެ. އަދި އިންތިޚާބީ ރައީސް ވެފައިވަނީ ފަސް އަހަރުގެ ދައުރު ތެރޭގައި ފުއްދޭ ވަރުގެ ވަޢުދުތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
" އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މިއަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ޑރ. މުއިއްޒާ އެކީގަ. މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ޑރ. މުޢިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕެއިނަށް ދާނީ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދާފަ." އަބްދުއްރަހީމް ވިދާޅުވިއެވެ.
ވައުދުތައް ނުފުއްދިގެން އިތުރު ފަސް އަހަރު ދެން އަންނަ ސަރުކާރަކުން ނޭދޭނެ ކަމަށް ފާހަގަކުރައްވަމުން ފަސް އަހަރު ފަހުން އެ ރަށަކަށްވީ ވައުދު ކޮބާތޯ ރައްޔިތުން ސުވާލު ނުކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައްޔިތުން އަހާނީ މިއަންނަ ފަސް އަހަރަށް އެރަށަށް ކޮށްދޭނީ ކޮންކަމެއްތޯ ކަމަށާއި ވެރިކަމަށް އަންނަނީ އެވަރަށް އިތުބާރާއި ޔަގީންކަމާއި އެކު ކަމަށެވެ.
އޭނާ ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ބޭފުޅުންނަށް އަންނަ ސަރުކާރުގެ ތެރޭގައި ތިބެވޭގޮތަށް ސިވިލް ސާވިސްގެ މަގާމު އުފައްދައިގެން އެބޭފުޅުންނަށް މަގާމު ދިނުމުގެ ވިސްނުން ގެންގުޅުމަކީ އެއް ގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސިވިލް ސާވިސްގެ މަގާމުތަކަށް އައްޔަން ކުރައްވަން އުޅޭ ކަމަށް މައުލޫމާތު ލިބެނީ މިހާރު އެބޭފުޅުންނަށް ލިބޭ މުސާރައިގައި ކަމަށެވެ.
"އެބޭފުޅުން ވަޑައިގަންނަވަން ވާއިރަށް މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަނެއްކާ ދެން އަންނަ ސަރުކާރެއްގެ ތެރޭގައި ތިބެވޭގޮތަށް ސިވިލް ސާވިސްގެ ތެރޭގައި މަގާމު އުފައްދައިގެން އެ ބޭފުޅުންނަށް މަގާމު ދިނުމުގެ ވިސްނުން ގެންގުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން." އަދުރޭ ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި އާ ސިޔާސީ މަގާމުތައް ނުއުފެއްދުމަށާއި މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރުމަށް އަދުރޭ އެދިވަޑައިގެންފައެވެ. މި މަހުގެ ފަސް ވަނަ ދުވަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންތިގާލީ އޮފީހުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވަނީ އިންތިގާލީ މުއްދަތުގެ ތެރޭގައި ވަކި ކަންކަމެއް ނުކުރުމަށް އެދިލައްވައިފައެވެ.
އިންތިޤާލީ މަރުހަލާގައި ނުކުރުމަށް، އިންތިހާބީ ރައީސް މިދިޔަ ބުދަ ދުވަހު ރައީސް ޞާލިހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވާ ކަންކަން
- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓުމެންޓެއް ނުކުރުން
- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދިނުން
- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން
- ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
- ޕީއެސްއައިޕީ އަދި އެހެން ވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން
ކަންމިހެން އޮތްނަމަވެސް، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބާ ބޭފުޅުން ގެންދަވަނީ މިކަމުގައި ފުރިހަމަ އެއްބާރުލުން ނުދެއްވާނެ ފަދަ މޭރުމަކުން ވާހަކަދައްކަވަމުންނެވެ.
ރައީސް ޞާލިޙު ވަނީ އެމަނިކުފާނު އެދިލެއްވި ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް ބައެއް ގައުމުތަކަށް ސަފީރުން އައްޔަން ކުރުމަށް މިހާރު ވެސް ގެންދަވަނީ ފޮނުއްވަމުންނެވެ.