ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ދިނުމަށް ނިންމި %35 އެލަވަންސް ދޭނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކައުންސިލް އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން 'ސްޕެޝަލް ޑިއުޓީ އެލަވަންސް’ގެ ގޮތުގައި އިތުރު ގަޑީގެ އިނާޔަތް ދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނިންމެވީ، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.
އޭރު ރައީސް އޮފީހުން ވިދާޅުވެފައިވަނީ، ރައީސް މިގޮތަށް ނިންމެވީ، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް މިދިޔަ މެއި މަހުން ފެށިގެން %35ގެ އެލަވަންސް ދޭން ނިންމި އިރު ކައުންސިލްތަކުގެ މުވައްޒަފުން އޭގެ ތެރޭގައި ނުހިމެނޭތީ، އެ މުވައްއްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މި އެލަވަންސް ދޭން އޭރު އިއުލާން ކުރީ މި މަހުގެ 1 އިން ފެށިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ވާގޮތުން، މި އެލަވަންސް ދޭން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެލަވަންސް ދޭ މުވައްޒަފުންގެ އިތުރު ގަޑި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރު ގަޑީގެ ވަގުތު ނުހިމަނައި މަހެއްގެ މައްޗަށް 44 ގަޑިއިރު އިތުރަށް ކޮށްފައިވާ ވަގުތަށް މި ކަމުން އެސްއެސް އަދި ޖީއެސް ރޭންކުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އިސްތިސްނާވާނެ ލީގަލް އޮފިސަރުންނަކީ ވަޒީފާގެ އޮނިގަނޑުގެ ތެރެއިން ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބެމުން އަންނަ ބަޔަކަށް ވާތީ، އެ މީހުންނަށް މި އެލަވަންސް އިތުރަކަށް ނުލިބޭނެ ކަމުގައި އެ ސަރކިޔުލަރގައިވެއެވެ.