Saturday, 13 April 2024

ޤައުމުގެ އެތެރޭގައި ވެސް ހަމަޖެހުން ޤާއިމް ކުރަން ޖެހޭނެ: އިންތިޚާބީ ރައީސް

ހަމަޖެހުން ޤާއިމްކުރަން ޖެހޭނީ ހަމައެކަނި ދޭދޭ ޤައުމުތަކުގައި އެކަނި ނޫން ކަމަށާއި، ޤައުމުގެ އެތެރޭގައި ވެސް ހަމަޖެހުން ޤާއިމް ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ހަމަޖެހުން ޤާއިމްކުރަން ޖެހޭނީ ހަމައެކަނި ދޭދޭ ޤައުމުތަކުގައި އެކަނި ނޫން ކަމަށެވެ. އަދި، ޤައުމުގެ އެތެރޭގައި ވެސް ހަމަޖެހުން ޤާއިމް ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ޤައުމުގެ މަސްލަހަތު ވެސް އިސްކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާކަމަށް ވަންޏާ ހަމަ ދެވަނަ ދައުރެއް ވެސް ރައްޔިތުން ދެއްވާނޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވެރިކަން ކުރައްވާނީ އެފަދައިން ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަޝްރޫއުތައް ބައްޓަން ކުރައްވާނީ ރައްޔިތުން އެދޭފަދައިން ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ވެރިކަމުގެ ވަކި ހިސާބަކުން ރައްޔިތުން ބާކީ ކޮށްލައި ސަރުކާރުގެ މިސްރާބު ބަދަލުވެއްޖެ ނަމަ ދެވަނަ ދައުރެއް ދޭން ރައްޔިތުން އެއްބަސް ނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ފުރަތަމަ ދުވަހުންފެށިގެން ޖުޑީޝަރީ މިނިވަންކުރުމުގެ މަސައްކަތް ކުރަން ބޭނުންކަމަށާއި، ޖޭއެސްސީއަށް ޙަޤީޤީ މިނިވަންކަން އަންނަންޖެހޭ ކަމަށެވެ

އޭގެ ތެރެއިން ރާއްޖޭގެ އިގްތިޞާދު ރަނގަޅު ކުރުމާއި، ހާރިޖީ ސިޔާސާތު ހަމަ މަގަށް އެޅުވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއާއެކު ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސޭނެ މަގުގައި ކުރިއަށްގެންދެވެނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އިޒްރޭލުން ފަލަސްތީން މިނިވަންކުރަން ޖެހޭނެ ކަމަށާއި، އަނިޔާވެރިކަމާއިއެކު ބޭރުކޮއށްލި ރެފިއުޖީންނަށް އާދެވެންވާނެ ކަމަށާއި، ދިވެހިރާއްޖެ އަދި އިސްލާމީ ޤައުމުތަކުގެ ސްޓޭންޑަކީވެސް ފަލަސްތީން މިނިވަންވުން ކަމަށް ޑރ. މުޙައްމަދު މުޢިއްޒު ވިދާވިއެވެ.

"އަނިޔާވެރިކަމާއިއެކު ބޭރުކޮއްލި ރެފިއުޖީންނަށް އާދެވެންވާނެ. ދިވެހިރާއްޖެ އަދި އިސްލާމީ ގައުމުތަކުގެ ސްޓޭންޑަކީވެސް ފަލަސްތީން މިނިވަންވުން"  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ހުވާކުރުމަަށްފަހު އެންމެފުރަތަމަ ދާނެ ޤައުމެއް އަދި ނުނިންމާ ކަމަށާއި، އަދި ހުވާކުރުމާއެކީގައި އެންމެފުރަތަމަ ދާނެ ޤައުމެއް ކުރިއަަށް އޮތް ދުވަސްތަކުގައި ނިންމާނެެ ކަމަށެވެ.

މިރޭގެ ޕްރޮގްރާމްގައި މުޢިއްޒު އިތުރަށް ވިދާޅުވީ، އިންތިޤާލީ މަރުޙަލާގައި 2 ކަމެއް އެބަހިނގާ ކަމަށާއި އެއީ އިންތިޤާލީ ކޮމިޓީތަކުން އޮފީސްތަކަށްގޮސް މަޢުލޫމާތު އެއްކުރުމާއި އަދި 100 ދުވަހުގެ ޕްލޭން ހެދުމުގެ މަސައްކަތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *