ޖައްބާރު ޔަހޫދީ އިސްރާޢީލުގެ އަނިޔާވެރި ސިފައިން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އިތުރުވެފައިވާއިރު، ފާއިތުވި ހަ ދުވަހުގެ ތެރޭގައި ޣައްޒާއަށް 6,000 ފަހަރު ބޮން އަޅާފައިވާ ކަން ހާމަވެއްޖެއެވެ.
ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް, 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި ފަށާފައިވާ ޚާއްޞަ އަސްކަރީ އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ލާއިންސާނީ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައިވާއިރު، ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ޑްރޯނާއި, އާޓިލަރީ ބަޑީގެ އިތުރުން އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން މެދުކެނޑުމެއް ނެތި ބޮން އަޅަމުން އެބަދެއެވެ.
ޖައްބާރު ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 1,417 އަށް އަރާފައެވެ. އަދި, 6,200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ޙަމާސްގެ އޮޕަރޭޝަނުގައި މަރައިލާފައިވާ ޔަހޫދީންގެ ޢަދަދު 1,300 އަށް އަރައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 600 އަށްވުރެ މައްޗަށް އަރާފައެވެ. މި އޮޕަރޭޝަންގެ ދަށުން ޙަމާސްގެ މުޖާހިދުން ވަނީ ޣައްޒާ ވަށައިގެން ޖަހާފައިވާ ފެންސުތައް ހުރަސްކޮށް, އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކާއި އަވަށްތަކަށް އަރައި, ޔަހޫދީ އަސްކަރިއްޔާއާއި ފުލުހުންނަށް ހަމަލަ ދީފައެވެ.
ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިން ޤަތުލުކޮށް ޔަހޫދީ އިސްރާޢީލުން އުފާކުރެއެވެ. ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވަނީ، ފާއިތުވި ހަ ދުވަހުގެ ތެރޭގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް 6,000 އަށްވުރެ ގިނަ ބޮން އަޅާފައިވާނެ ކަމުގައެވެ.
އަނިޔާވެރި ޖައްބާރު ޔަހޫދީންގެ ބޮންތަކާއި މިސައިލް ހަމަލަތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ނިކަމެތި ރައްޔިތުން ދިރިއުޅޭ ގެދޮރަށާއި، އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅޭ ޢިމާރާތްތަކަށާއި، އަދި, ހޮސްޕިޓަލްތަކާއި ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށެވެ. އެމްބިޔުލާންސްތަކަށް ވެސް ރައްކަލެއް ނެތެވެ. އިސްރާޢީލުން އެންމެ ފަހުން ދިން ހަމަލަތަކުގައި އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ހަތަރު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އެއީ, ޕަލަސްޓައިން ރެޑް ކްރޮސް ސޮސައިޓީގެ މެންބަރުންނެވެ.
ޙަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.