Saturday, 13 April 2024

ބޯކޮށް ވާރޭވެހި އުތުރުގެ ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ

އުތުރަށް ކުރަމުންދާ ވިއްސާރައިގައި 8 ރަށަކުން ފެންބޮޑުވުގެން ރިޕޯޓްކޮށްފައިވާ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

އެން.ޑީ.އެމް.އޭއިން ވިދާޅުވީ ހދ. ފިނޭ، ހއ. ހޯރަފުށި، ކެލާ، މުރައިދޫ، ތަކަންދޫ، ދިއްދޫ، އުތީމު އަދި ތުރާކުނުންވެސް ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށެވެ. މީގެތެރެއިން ބައެއް ރަށްތަކުން ފެން ހިންދުމުގެ މަސައްކަތް، އެމް.އެން.ޑީ.އެފްގެ ނޮދަރން އޭރިއާ ކޮމާންޑްގެ އެހީގައި ކުރިއަށްގެންގޮސްފައިވެއެވެ.

މި ވިއްސާރައިގައި އެއްފަހަރާ ގިނަ ރަށްތަކެއްގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެވެސްވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާކަން އެ އިދާރާއިން ވިދާޅުވެއެވެ.

އެ އިދާރާއިން ވިދާޅުވީ، ފެންބޮޑުވެ ގޭގެއިން މީހުން ބަދަލުކުރަންޖެހޭ ޙާލަތަށް އެއްވެސް ރަށެއްގައި ގޮސްފައި ނުވާކަމަށެވެ. ނަމަވެސް ގޭގެއަށް ފެން ވަދެ، ބައެއް ކަހަލަ ގެއްލުންތައް ވެގެން އަންގާފައިވާކަމަށެވެ. ގެއްލުމުގެ ތަފްޞީލު އެނގޭނީ ފެން ހިންދުމުގެ މަސައްކަތަށްފަހު، ގެއްލުންވި ތަންތަނާބެހޭ ރިޕޯޓް ކައުންސިލްތަކުން ހެދުމުން ކަމަށް ވިދާޅުވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެެޓް އޮފީހުން ހާމަކުރައްވާގޮތުގައި، މިއަދު ކުރި ވިއްސާރައިގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރަށް ވިއްސާރަވާނެކަމަށް ލަފާކުރެވެއެވެ. މެޓުން ރެކޮޑްކޮށްފައިވާގޮތުގައި އުތުރުގެ ބައެއް ރަށްތަކަށް 40 މިލިމީޓަރަށް ވާރޭ ވެހިފައިވެއެވެ. އާދަޔާޚިލާފަށް ވާރޭވެހިފައި ނުވި ނަމަވެސް، މިގޮތަށް ފެން ބޮޑުވާން ދިމާވީ ވިއްސާރަ ވިލާ ދައުރުވާ މިންވަރު ކުޑަވެ ހުއްޓާނުލާ ގިނައިރު ވާރޭވެހުމުގެ ސަބަބުންކަމަށް މެޓުން ލަފާކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *