ސީޕީ ހަމީދު ރިޓަޔާ ކުރައްވަން ނިންމަވައިފި

ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު، އާ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން، އަންނަ މަހުގެ 11 ގައި ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

އޭނާ މިކަން ހާމަކުރައްވާފައިވަނީ، ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ހަމީދު ރިޓަޔާ ކުރައްވަން ނިންމެވީ، އާ ސަރުކާރުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިޓަޔާ ކުރައްވަން އެންމެ ބޮޑަށް ވިސްނުން ގެންގުޅުއްވަނީ އަންނަ މަހުގެ 11ގައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް ޞާލިހު، އެ މަނިކުފާނުގެ އަނބިކަނބަލުންގެ ކޮއްކޯފުޅަކާ ކައިވެނިބައްލަވައިގެން އުޅުއްވާ ހަމީދު ސީޕީގެ މަގާމަށް އައްޔަން ކުރެއްވީ 26 މާޗު 2019 ގައެވެ.

ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލިކަމުގެ ތުހުމަތުގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ބަދަލުވި ހިސާބުން އޭނާ ވަޒީފާއިން ވަކިކުރިއެވެ.

ޑިސެމްބަރު 2018 ވަނަ އަހަރު، އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޑިސެމްބަރުގައި އަލުން ވަޒީފާއާ ގުޅިވަޑައިގަތުމުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓު ކުރިއެވެ.

އަދި  2019 ވަނަ އަހަރު ސީޕީގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމަައަށް ހުންނެވީ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު