މުއިއްޒު އަލްޖަޒީރާއަށް އިންޓަވިއު ދެއްވަނީ.

އެންމެ މުހިންމު އެއް ސިޔާސަތަކީ އިންޑިޔާ ސިފައިން ބޭލުން، އެކަން ކުރާނީ ޑިޕްލޮމެޓިކްކޮށް: ޑރ. މުޢިއްޒު

ޕީޕީއެމް ޕީއެންސީގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އިންޑިޔާ ސިފައިން ރާއްޖެ އިން ބޭލުން ކަމަށާއި، ޑިޕްލޮމެޓިކްކޮށް މަޝްވަރާކޮށްގެން އެ މައްސަލައަށް އަވަސް ހައްލެއް އައުމަށް އުންމީދު ކުރައްވާ ކަމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ ހައިސިއްޔަތުން "އަލް ޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި، ޕީޕީއެމް ޕީއެންސީގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމެވެ. އަދި ޑިޕްލޮމެޓިކްކޮށް މަޝްވަރާކޮށްގެން އެ މައްސަލައަށް އަވަސް ހައްލެއް އައުމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭން ދިވެހި ރައްޔިތުން ބޭނުން ނުވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމުވެ ތިބުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފައްޓަވާނެ ކަމަށާއި އުންމީދަކީ ފުރުސަތު އޮތް ނަމަ، ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ ވިދާޅުވެފައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކަ. އެއީ ކޮންމެ ބޭނުމަކަށް ތިބި ބައެއް ކަމަށްވީ ނަމަވެސް ދިވެހިން އެކަން ބޭނުމެއް ނުވޭ. އެއީ މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދިން މައިގަނޑު ސަބަބު. އަޅުގަނޑު ހޯދަން ޑިޕޮލޮމެޓިކަލީ އިންޑިއާއާ ވާހަކަ ދައްކައިގެން ސިފައިން ބޭލުމަށް މަސައަތް ފުރަތަމަ ދުވަހު ފަށާނަން،" މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ އެކުގައި އެންމެ ފަހުން ބޭއްވެވި ބައްދަލުވުމުގައި އެންމެ އިސްކަން ދޭ ކަންތައްތަކުގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުން ހިމެނޭ ކަމަށާއި، އެކަމުގައި އެކުގައި މަސައްކަތްކޮށްގެން ހައްލެއް ހޯދުމަށް ބޭނުންވާ ކަން އިންޑިއާ އިން ވެސް ހާމަކޮށްފައިވާ ކަމަށާއި އިންޑިއާ އިން އޮތީ މިކަމުގައި "ޕޮޒިޓިވް" ކޮށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމުގެ ހުވާ ކުރައްވާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިން ބޭލިދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެއަށް ވުރެ އަވަހަށް އެ މަސައްކަތް ފައްޓަވައި މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. އެއީ ކަމުގެ ސީރިއަސްކަން ބޮޑުވުމުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަަމަށާއި، ސިފައިންގެ ބޮޑު އަސްކަރިއްޔާއެއް ނެތި، ބޭރުގެ ޤައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރައްޔިތުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިވަގުތު ޤާއިމްވެ ތިބީ ކިހާ އިންޑިއާ ސިފައިންނެއް ކަން ސާފު ނުވާ ކަމަށެވެ. އެ މައުލޫމާތު މީޑިއާ އަށް ސިއްރުކޮށްފައިވާ ކަމަށާއި މައުލޫމާތު ހޯދަން ސުޕްރީމް ކޯޓާ ހަމައަށް ވެސް ދާން ޖެހިފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ އެހީގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަން އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަން ފާހަގަ ކުރުމާ ގުޅިގެން މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރި ނަމަވެސް، އިންޑިއާ އެކު ޒަމާންވީ ގާތް ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ އެއްވެސް ތަރައްގީގެ މަޝްރޫއެއް މަޑުޖެހި ނުވަތަ ހުއްޓެން ބޭނުން ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ އިން ދީފައިވާ ގިނަ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖަސައިދޭނެ ކަމުގެ ޔަގީން ކަން ވެސް ލިބިފައިވާ ކަމަށާއި އިންޑިއާއާ އެކީގައި ބޭއްވިފައިވަނީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު