ބަދަލުވާ ކޮންމެ ރައީސަކާއެކީ ކޮމިޝަނާ އޮފް ޕޮލިސް ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވެއްޖެއެވެ.
"ފުލުހުންގެ ހިދުމަތުން ތައުލީމީ، ގާބިލް އަދި ތަޖުރިބާ ލިބިފަހުރި ޚިދުމަތްތެރިން ރިޓަޔާ ކުރަންޖެހޭ އުމުރު ހަމަނުވަނީސް ގައުމީ ހިދުމަތުން ރިޓަޔާ ކުރަންޖެހުމަކީ ފުލުހުންގެ ހިދުމަތަށާއި ގައުމަށް އެންމެ ރަނގަޅު ގޮތެއް ނޫން. ކޮންމެ ރައީސަކާއެކު ސީޕީ ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު މިހެން ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ރިޓަޔާ ކުރެއްވުމަށް ނިންމަވައި އެކަން އިއުލާންކުރެއްވުމާ ގުޅިގެންނެވެ.
ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު، އާ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން، އަންނަ މަހުގެ 11 ގައި ރިޓަޔާ ކުރައްވަން ވަނީ ނިންމަވާފައެވެ.
އޭނާ މިކަން ހާމަކުރައްވާފައިވަނީ، ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
ހަމީދު ރިޓަޔާ ކުރައްވަން ނިންމެވީ، އާ ސަރުކާރުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ރިޓަޔާ ކުރައްވަން އެންމެ ބޮޑަށް ވިސްނުން ގެންގުޅުއްވަނީ އަންނަ މަހުގެ 11ގައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް ޞާލިހު، އެ މަނިކުފާނުގެ އަނބިކަނބަލުންގެ ކޮއްކޯފުޅަކާ ކައިވެނިބައްލަވައިގެން އުޅުއްވާ ހަމީދު ސީޕީގެ މަގާމަށް އައްޔަން ކުރެއްވީ 26 މާޗު 2019 ގައެވެ.
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލިކަމުގެ ތުހުމަތުގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ބަދަލުވި ހިސާބުން އޭނާ ވަޒީފާއިން ވަކިކުރިއެވެ.
ޑިސެމްބަރު 2018 ވަނަ އަހަރު، އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޑިސެމްބަރުގައި އަލުން ވަޒީފާއާ ގުޅިވަޑައިގަތުމުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓު ކުރިއެވެ.
އަދި 2019 ވަނަ އަހަރު ސީޕީގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމަައަށް ހުންނެވީ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައެވެ.
ގުޅުންހުރި ޚަބަރު:
ކިޔުންތެރިންގެ ޚިޔާލުތައް:
ރިޔާޒުމެން ސިޔާސީ ކަންކަން ކުރުމުން މުއައްސަސާ ހަލާކުގެ ތެރެޔައް ވެއްޓުނީ