މުސްތަޤިއްލު މުއައްސަސާތަކަށް ސިޔާސީ ނުފޫޒުވަންނަ ކަމަށާއި، ބަޖެޓާއި އިންސާނީ ވަސީލަތުގެ ގޮންޖެހުންތައް ފާހަގަކުރެވިފައިވާ ކަމަށް އިންތިގާލީ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ބަދަލުވުމުގެ ކަންކަން ކުރިއަށްދާއިރު، އެ މުއައްސަސާތަކަށް ލިބެން ޖެހާ ބަޖެޓާއި ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ލިބުމުގެ ދަތިކަމުގެ ސަބަބުން އެ ބޭފުޅުން ކުރަން ބޭނުންވާ އިލްމީ ފަންނީ މަސައްކަތްތަކަށް ދަތިވަމުންދާ ކަް ފާހަގަކުރެވިފައިކަމަށެވެ.
އޭނާ ވިދާޅުވީ، ޚާއްސަ ޤާނޫނެއްގެ ދަށުން މުސްތަޤިއްލު މަސައްކަތްތަކެއް ކުރުމަށް ހުންނަ ދިވެހި ބަހުގެ އެކެޑަމީ ފަދަ މުއައްސަސާތަކާއި ބައްދަލުކުރާ އިރު ސިޔާސީ ނުފޫޒުގެ ސަބަބުން އެ ބޭފުޅުންގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އެ މުއައްސަސާތަކުގެ ބޭފުޅުން ފާހަގަކުރައްވާ ކަމަށެެވެ. އެ މުއައްސަސާތަކަށް ލިބެން ޖެހާ ބަޖެޓާއި ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ލިބުމުގެ ދަތިކަމުގެ ސަބަބުން އެ ބޭފުޅުން ކުރަން ބޭނުންވާ އިލްމީ ފަންނީ މަސައްކަތްތަކަށް ދަތިވަމުންދާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ވަރަށް ދަށްވެ، ސަރުކާރު ކުންފުނިތަކުގެ ކޭޝް ފްލޯ ދަށްވެ، މަޝްރޫޢުތަަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކިފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"ފާހަގަވާ އެއް ކަމަކީ މިހެން ހުރި ވަރަށް ގިނަ އެސްއޯއީތަކުގެ ތެރެއިން ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ނުވަތަ މަޝްރޫއުތައް ހިންގުމުގައި ވަރަށް ބޮޑަށް ޝާމިލުވާ އެސްއޯއީތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަ ކުރައްވަމުން ގެންދަވާ ކަމަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު އެ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުވަތަ މަޝްރޫއުތަކުގެ އަގު ނުދެވި ހުރި ވަރަށް ބޮޑެތި އަދަދުތަކެއްގެ ސަބަބުން އެ ކުންފުނިތަކުގެ ކޭޝް ފްލޯއަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން.". ފިރުޒުލް ވިދާޅުވިއެވެ.
ހަމައެހެެންމެ، ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ހުރީ ވަރަށް ދެރަކޮށް ކަމަށާއި، އެހެންކަމުން ކުންފުނިތަކަށް ފައިސާއަށް ދަތިވެފައިވާ މި ދަނޑިވަޅު ކުރިއަށް އޮތް ދެ މަހަށް ވެސް ބޮޑެތި އަދަދުތަކުން ކޭސް ފްލޯއަށް އިންޖެކްޓްކުރަން ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.