Saturday, 22 June 2024

ހިތް އެދޭހާ ކަމެއް.. (އަށްވަނަަބައި)

"އިޝްކޯ" އިޝްވާގެ ވާހަކައަށް ރައްދެއް ނުދެވިގެން އުޅެނިކޮށް މީހަކު ގޮވައިލި އަޑު ރިއާންއަށް އިވުނެވެ. އޭރު އުނަގަނޑާ ހިސާބަށް ދިގުކޮށްފައި އޮތް އިސްތަށިގަނޑެއްގެ ވެރި ފިރިހެނެއް އެމީހުނާ ދިމާލަށް އަންނަތަން ފެނެއެވެ. އެމީހާއަށް އިޝްވާ ނުފެންނާނެ ފަދައިން ރިއާން މަގަތަށް ޖެހިލިނަމަވެސް ކުއްލިއަކަށް އޭނާ އައިސް އިޝްވާގެ ކުރިމައްޗައް އެރިއެވެ.

"ދުރަށްދޭ!" އިޝްވާ އަޑަށް ބާރުލައިފައި ބުންޏެވެ.

"ސޮރީއޭ އިޝްކޯ" އެމީހާ އިޝްވާއާ ވާހަކަދެއްކި ގޮތުން ރިއާން ހައިރާންވިއެވެ. އިތުރުކަމެއް ކުރަން ނޭނފިފައި ހުރެވުނީ އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއް ނޭނގޭތީއެވެ.

"ކިހާ ދެރަކަމެއްތަ؟ މިބުނީނު ދުރަށްދާށޭ." އިޝްވާ އޭނާ ކޮށްޕައިލިއެވެ.

"އިޝީ އެބުނީނު ދުރުގަ ހުންނާށޭ" ރިއާން އެމީހާގެ މޭގައި އަތްއަޅައި ދުރުކޮށްލިއެވެ. ކުއްލިއަކަށް އެމީހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ރުޅިއައިސްފައި ރިއާންގެ އަތް ފޮޅުވައިލަމުން ރިއާންއަށް ބަލައިލިއެވެ.

"މީ ކާކުތަ؟ މީނަ ހުރީމަތަ މަގޭ ކައިރި މާ ވަރަކަށް ތި ފުއްޕަނީ؟ މަ ދުށީމޭ މަގޭ ބޭބީ ގޮވައިގެން މިއަދު މީނަ އައިތަން" ރިއާންއަށް އިޝާރާތްކޮށް އެމީހާ އިޝްވާއާ ދިމާލަށް ބުންޏެވެ.

"ކޮންމެ މީހަކަސް ކީއް؟ ބަލާބަލަ ފޯނު. އަހަރެން ކިތައް ފަހަރު ގުޅާފަ އޮތްތޯ. އެހެންވެ އަހަރެން ބުނަނީ ފައިސަލް ތި ބުނާ ކަމެއް އަހަރެންނަކަށް ނުވާނޭ. ގައިމު އަހަންނަށް އެނގޭ ރޭގަ ހަމަހޭގަ ހުރިނަމަ ފައިސަލް ދޮންތަ ބަލާ ދާނެކަން. އެހެންވީމާ ފައިސަލަށް ނުދެވޭ ކަމަށް ވަންޏާ ދޮންތަ ކޮންމެ މީހަކާ އެއްކޮށް އަޔަސް ކީއް؟ އަދި ބުނަން؟ ދެވަނަ ފަހަރަށް ތި ފާޑަށް އަހަންނާ ދިމާލަށް ފެލި ނުގަންނައްޗޭ. އަހަރެން ފައިސަލާ ވާހަކަ ދެއްކީ ފައިސަލްގެ އުޅުމަށް ބަލާފަ ފުރުސަތެއް ދޭން ދޮންތަ ކައިރި ބުނާނަމޭ ހީކޮށް. ދެން އެކަމަކު އެކަން ހަނދާންނައްތާލާ." އިޝްވާގެ ވާހަކަ ނިންމައިލިއެވެ. ލަސްކުރުމެއްނެތި އޭނާ ރިއާންގެ އަތުގައި ހިފައި ދަމަމުން އެތަނުން ދުރަށް ދިޔައެވެ.

" އެއީ ކާކު؟ މީ ކޮންކަމެއް؟" ރިއާން ކާރާ ހިސާބަށް އައުމަށްފަހު އަހައިލިއެވެ.

"އަޅާނުލާ. އެއި އެހާވަރު ކަމެއްނޫން. އޭނަ ދޮންތި ސެޓުކުރަން އުޅޭތާ ވެދާނެ ދެ އަހަރެއް ވަރު. އަހަރެން ބުނީ އޭނަ ރަނގަޅަށް އުޅެންޔާ ދޮންތިގެ ކަންތައް ކޮށްދޭނަމޭ" އިޝްވާގެ ވާހަކައިން ރިއާންގެ ލޭ ކެކިގަތެވެ.

"ރިއަލީ އިޝީ؟ އެބަ އެނގޭތަ ތި ކުރެވޭ ކަމެއް؟ އެކަހަލަ މީހުނާ އިޝްކޮ ވާހަކަ ދައްކަނީ ކީއްކުރަން؟ އެންޑް ޒީ އާ އޭނައާ އެއީ ގުޅުވުން އެއީ ރަނގަޅުކަމެއްކަން އިޝީގެ ހިޔާލަށްވެސް އައީ ކިހިނެތް؟" ރިއާންގެ އަޑު ކާރުގެ ތެރޭގައި ގުގުމައިލިއެވެ.

" އޯކޭ ޗިލް ބްރޯ. ދޮންތިހާ އެކަނިވެރިކޮށްއުޅޭ އެ އުމުރުގެ ކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެން… އެހެންވެ ރިއާންބެ ނޫޅޭތީ އިޝީ ބަލާލީނު އެހެން ގޮތެއް ވޭތޯ. ސޮރީ އިޝީއަށް ނުވިސްނުނީ" އިޝްވާ މަޑުމައިތިރި ކަމާއެކު ބުންޏެވެ. ފުރަތަމަ ރަނގަޅު ހިޔާލެއްހެން ހީވިޔަސް ފައިސަލްއާ އޭނާގެ ދޮންތަ ގުޅުވުމަކީ ގޯސް ހިޔާލެެއްކަން އޭނާ އަމިއްލައަށްވެސް ފަހުން ވިސްނުނެވެ. އައިސްފައިވާ ރުޅިން ރިއާންއަށް ދަތްކުނޑި ވިކައިލެވުނެވެ.

"އަޅެ ސޮރީ. ބައްޕަ ނޫނީ ދޮންބެ ކައިރި ނުބުނައްޗޭ. ޕްރޮމިސް ދެން ނުދައްކާނަން ފައިސަލްއާ ވާހަކައެއް." ރިއާންގެ ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔަތަން ފެނި އޭނާ އައިސްފައިވާ ރުޅި އަންދާޒާ ކޮށްލެވުނު އިޝްވާ ބުންޏެވެ. ރިއާން އެ ވާހަކައަށް ރައްދު ދިނުމެއްނެތި ކާރު ސްޓަރޓް ކޮށްލިއެވެ.

"އޯ ވާއު. ދޮންތި އިމްޕްރެސް ކުރަންތަ މި ކާރުގަ އައީ؟" އިޝްވާގެ ވާހަކައިގެ ސަބަބުން ރިއާން އިޝްވާއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ރޭގައި ރާހިލްގާތު ޝަކުވާ ކުރިއިރު އޭނައާއެކު ހުރީ ޒީވާކަން ޝުކުރު ކުރުމަށް ބުނި ބުނުމުގެ ތެދުކަން އޭނާއަށް މިހާރު އެނގިއްޖެއެވެ. އިޝްވާއާއެކު ގިނަވަގުތު ހޭދަކުރަން ވެއްްޖެނަމަ އޭނާ ހަމަ ރަނގަޅަށްވެސް ދުނިޔެއިން މޮޔަވެދާނެއެވެ. އެއީ މިޒާޖުގެ ގޮތުން ހަމަ ރާހިލްގެ ތައްގަނޑެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"ހުރިހާކަމެއް ނިމެންދެން މި ކަމުގެ ތެރޭގަ އުޅުނު ހުރިހާ އެންމެނަށްވެސް ވަރަށްބޮޑަށް ޝުކުރިއްޔާ. ދެން އޮތީ އެންމެ ފަހު ކަންތައް.. އެއީ ހުޅުވުމުގެ ރަސްމިއްޔާތު. އުއްމީދު ކުރަނީ މި ލިބުނު އެއްބާރުލުން ކުރިއަށް މިއޮތް 8 ދުވަސް ތެރޭގަވެސް ހަމަ ލިބޭނެ ކަމަށް. އެނގޭ ވަރަށް ކުރު މުއްދަތެއްކަން ހުކުރު ދުވަސް ނުލާ ގުނާއިރު އެކަމަކުވެސް އަހަރުމެންނަށް މިކަން ވާނެ. ނިންމާލަމުން އެންމެނަށް ހަދިޔާއެއްގެ ގޮތުން މާދަމައަކީ ޕެއިޑް އޮފްޑޭ އެއް ގޮތުގަ ހަމަޖެހިފައި އޮތް ވާހަކަ ބުނެލަން. ސީ ޔޫ އޯލް ސޫން"

ހޮޓެލްގެ މަސައްކަތްތަށް ނިމުން ފާހަގަ ކުރުމަށް ރިސެޕްޝަން އޭރިއާގައި ބޭއްވުނު ކުޑަ ބައްދަލުވުމުގެ ތެރެއިން ޝައިނާގެ ވާހަކަ ނިމުމާއެކު އެއްވެފައިތިބި ފަންސަވީހަކަށް މުވައްޒަފުންގެ ތަރުހީބާއި ހަޅޭކުގެ އަޑު އިވިގެންދިޔައެވެ. ކޮންމެވެސް ވަރަކަށް މީހުން މަދުވާން ފެށުމުން އެންމެ ފަހަތުގައިހުރި ރާހިލްއަށް ޝައިނާ ފެންނަވަރު ވިއެވެ. އޭނާގެ ނަޒަރު ޝައިނާގެ ނިއްކުރީގައި ހަރުކުރެވިފައިވާ ބޭސްމަލަންކޮޅަށް ދަތުރުކުރިއެވެ. ހަމައެވަގުތު ޝައިނާވެސް އޭނާ ހުރި ދިމާލަށް ބަލައިލުމުން ދެމީހުންގެ ހަތަރުކަޅި ހަމަވެ ރާހިލްގެ ހިތް އާދަޔާ ހިލާފު ބާރުމިނެއްގައި ތެޅިލިއެވެ. ހުދު އޭނާއަށްވެސް އެވީ ކިހިނެއްކަމެއް ނޭނގުނެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލި ނަމަވެސް މާކުރިން ރާފިއުގޮސް ޝައިނާގެ ކޮނޑަށް އަތް ވައްޓައިލިތަންފެނި ރާހިލްގެ ފިޔަވަޅުތައް ހުއްޓުނެވެ. އިތުރަށް އެތާ މަޑުކުރުމެއްނެތި އޭނާ އެތަނުން ނުކުމެގެންދިޔައީ އެވަގުތު ދޮރުން ވަދެގެން އައި ނިހާމްގެ ކޮނޑުގައި ބާރަށް ޖެހިގަންނަމުންނެވެ.

ރާހިލް ދިޔަގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ނިހާމްއަށް އެނގުނެވެ. ދުރުގައިހުރި ޝައިނާއާއި ރާފިއުއަށް ބަލައިލުމަށްފަހު އޭނާ ދުވެލާފައިގޮސް ރާހިލްއާ އަރައިހަމަަކޮށްލިއެވެ.

"އޭ ހާދަ ރުޅިއެއް އައިއްސަ ތިއޮއް ޗިލް ގޮލާ. މަންޖެއާ މައްސަލައެއް ޖެހުނީތަ؟" ނިހާމް ރާހިލާ އެއްވަރަކަށް ހިނގަމުން އަހައިލިއެވެ.

"އަހަރެންތަ؟ އަހަރެން ރުޅި އަންނަންވީ ކޮންކަމަކާތަ؟ އެހެންނޫނަސް އަހަރެންގެ ނުހުންނާނެ ތިބުނާވަރު މަންޖެއެއް." ރާހިލް ހަމަޖެހޭކަން ދައްކަމުން ބުންޏެވެ.

" ތިކަން މަށައްވެސް އެނގެޔޭ. އަންހެނެއްގެ ކަންތަކާ ރާހިލް ސީރިއަސްއެއް ނުވާނެކަން؟ މި ފަހުން ޖައްސަައިގެން ތި އުޅޭ މަންޖެވެސް މަށަށްވިއްޔަ މިހާރު ހުރިހާ އުންދަގުލެއް ކުރަނީ ރާހިލް ފޯނު ނުނަގައިގެން. މަށަށްވެސް ނޭނގިގެން މި އުޅެނީ ތިރުޅިއައިސްފަހުރި ސަބަބެއް.. ހަމަ ސީރިއަސް މަންޖެއެއް ހުރެދާނެއްނު" ނިހާމް ދެމާނަ އެކުލެވިފައިވާ ގޮތަކަށް ބުނެލިއެވެ.

"މިހާރު މި ގެންގުޅޭ ބިޓުގެ ކަަންތައްވެސް މާ ބޮޑީ. އެޔެއްނޫން ދެން.. ކީކޭ ކިޔަން ތި އުޅެނީ؟" ރާހިލްގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ. ހަގީގަތުގައިވެސް އޭނާ ހުރީ ސަމާސާ ކުރާކަހަލަ މޫޑެއްގައެއް ނޫނެވެ.

"އެއްޗެކޭ ނޫން.. މަ ބުނީ ރޭގަ ހޮސްޕިޓަލުގެ ނަންބަރު ހޯދަން އުޅުމާ ޝައިނާގެ ބޮލުގަ ޖަހާފަ އެހެރަ ބޭސްމަލަމާ ގުޅުމެއްވޭތަ؟" ނިހާމް ސުވާލުކުރިއެވެ. އޮޅުވާލަން ބޭނުންވި ނަމަވެސް ނިހާމާކީ އެހާބޮޑު މޮޔައެއް ނޫންކަން އޭނާއަށްވެސް އެނގެއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރާހިލް ރޭގައި ހިނގައިދިޔަ ކަންތައްތަށް ކިޔައިދިނެވެ. އޭނާ ސޯފާގައި އިންދާ ޝައިނާ އައިސް އުނދަގޫ ކުރަންފެށި ހިސާބުން ފަށައިގެން ޝައިނާ ހޭ އެރުމަށްފަހު ހިނގައިދިޔަ ކަންތައްތަކާ ހަމައަށެވެ.

"ނިކަން އަޅެ ނިހާމް ބުނެބަލަ.. އަހަރެން ދިޔައީ ފާހަނައިގެ ލައިޓްވެސް ދިއްލާފަ. ޝައިނާ އެހާ އޮވަރ ރިއެކްޓް ކުރަންޖެހޭ ސަބަބެއް މީގަ އެބޮތްތަ؟" ރާހިލް ވާހަކަ ނިންމައިލަމުން އަހައިލިއެވެ.

" ނޭނގެދޯ. ވެދާނެެއްނު އޭނާ ބިރުގަތީ ކަމަށް" ނިހާމް ޖަވާބުގައި ބުންޏެވެ.

"ޝައިނާ؟ އޯ ޕްލީޒް ތީ ނިހާމަށް ޝައިނާގެ ގޮތް ނޭނގޭތީ ބުނާ އެއްޗެއް. މިތަނަށް ފުރޭތަ އެއް އެރިޔަސް އެ ފުރޭތަވެސް ދާނެ ޝައިނާ ލޯ އަޅާލާ ގޮތުން ބިރުން" ރާހިލް ހީނގަތެވެ.

"ތީ ރާހިލްއަށް ހީވާ ގޮތް. މި އަންހެންވެރިން ކިތަންމެ ގަދަވެފަ ތިމާވަރެއް ނެތިގެން އުޅުނަސް އެކަހަލަ ކަންކަމުގަ ފިސާރި ފިނޑިވާނެ. އެ ވާނީ ހަމަ ބިރުގަތީ ކަމަށް. އަޅާނުލާާ ބެހެއްޓީމަ އަމިއްލައަށް އައިސް ވާހަކަ ދައްކަން ފަށައިފާނެ" ނިހާމްގެ ވާހަކައަށް ރާހިލް ބޯ ޖަހައިލިއެވެ. އޭނާވެސް އުއްމީދު ކުރަމުން ދިޔައީ ނިހާމް އެ ބުނި ފަދައިން ކަންވާނެ ކަމަށެވެ. ޝައިނާ އަމިއްލައަށް އިސްނަގައިގެން އޭނާއާ ވާހަކަދައްކާނެ ކަމަށެވެ. ނަމަވެސް ކަންހިނގަމުންދިޔައީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ. އެދުވަހުގެ މެންދުރު އައި ރިއާންގެ ކޯލާއެކު މިފަހަރު ޝައިނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫންކަން ރާހިލްއަށް އެނގުނެވެ.

"އަހަރެންނަކަށް ނޭނގެ ރިއާންއާ ހިސާބަށް ޝަކުވާ ދާންވި ސަބަބެއް. އެއީ އެހާވަރު ކަމެއްވެސް ނޫން." ރިއާން ފޯނުން ދައްކަމުންދިޔަ ވާހަކައަށް ރާހިލް ރައްދު ދިނެވެ.

"އެކަމަކުވެސް ޝައިނާ ބޭނުންވަނީ ރޫމް ޗޭންޖް ވާން. އެންމެ ފުރަތަމަވެސް އޭނާ ބޭނުންވީ ވަކިން ހުންނަންް. މިހާރު ދެން އެ ގެސްޓްހައުސްގެ ތިރިން އިތުރު ރޫމްތަކެއްވެސް ހުސްވެފަ އެބަހުރި. އެހެންވީމާ ރާހިލް އެއިން ކޮޓަރިއަކަށް ޗޭންޖްވޭ. އޭރުން އަހަރެންނަށްވެސް ތަންކޮޅެއް ބޮލަށްފަސޭހަ ވާނެ ކަންނޭގެ. ތިކޮޅަށް ދިޔައިއްސުރެން އަހަރެން އަބަދު އުޅެން މި ޖެހެނީ ތި ދެމީހުންގެ ކޮންމެސް ކަމެއްގަ. އަސްލު އެޗް.އާރް އަށް ތިކަން އެނގުނިއްޔާ މާ ބޮޑުކޮށްލާނެ. އެހެންވެ ކަންނޭގެ ޝައިނާވެސް އަބަދު ރާހިލްގެ ކަމަކިއްޔާ އަހަރެންނަށް ގުޅަނީ. ސޯ މިބުނި ގޮތަށް ކަންތައްކުރޭ" ރިއާން ބުންޏެވެ. އިތުރަށް ޒުވާބުކުރުމުގެ ބަދަލުގައި ރާހިލްވެސް ރިއާންގެ ވާހަކައަށް އެއްބަސްވަމުން ފޯނު ކަނޑައިލިއެވެ. އެވަގުތުން އެވަގުތައް ތިރިން ކޮޓަރިއަކަށް ބަދަލުވުމުގެ މަސައްކަތް ފެށިއެވެ.

***********

ހިނގައިދިޔަ ކަންތައްތަކާއިހުރެ ރާހިލްއާ ޝައިނާގެ ދެމެދުގައި އޮތް ގުޅުން ހީނަރުވަމުންދިޔަ ވަރަކަށް ޝައިނާއާ ރާފިއުގެ ދެމެދުގައި އޮތްގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. މަސައްކަތުގެ ސަބަބުން ގިނަ ފަހަރަށް ޝައިނާ އުޅޭގޮތް ބަލައި ނުލެވުން ނަމަވެސް އެންމެން އެކުގައި ބައްދަލުވާ މަދު ފަހަރުތަކުގައިވެސް ރާހިލްއަށް އެކަން ފާހަގަވަމުން ދިޔައެވެ. އެއްބައިރޭރޭ އޭނާ ކޮޓަރީގެ ބެލްކަނީގައި މަޑުކޮށްލައިގެން ހުންނަ ވަގުތު ރާފިއުގެ ސައިކަލުގައި ޝައިނާ ގެސްޓްހައުސްއަށް ގެނެސްދޭ މަންޒަރުގެ އިތުރުން ބައެއްރޭރޭ ޝައިނާއާއެކު ރާފިއު ގެސްޓްހައުސްއަށް ވަންނަތަންވެސް އޭނާއަށް ފެނެއެވެ. އެ މަންޒަރުތަކުގެ ސަބަބުން އޭނައަށް ބުނެދޭން ނޭނގޭ އުނދަގުލެއް ވަމުންދިޔަ ނަމަވެސް އެއީ ކީއްވެގެން ވާ އުނދަގުލެއްކަމާއި އެކަމުގެ ސިއްރެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެއީ އޭނާ ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫންކަމެވެ.

މެންދުރުގެ ހޫނުގަދަ ވަގުތު ޖެހުމާއެކު ރާހިލް އެހެންދުވަސްތަކެކޭ އެއްފަދައިން މަސައްކަތުން ހުސްވަގުތުކޮޅެއް ނެގުމަށްފަހު މީޓިންގްރޫމުން ބޭރަށް ނުކުމެލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އޮފިސް އޭރިޔާގައި އާންމުކޮށް ޝައިނާ މަސައްކަތްކުުރުމަށް އިންނަ ވޯކްސްޓޭޝަނަށެވެ. އެތަނުގައި އަދިވެސް ޝައިނާގެ ދަބަހާއި ލެޕްޓޮޕް ބެހެއްޓިފައިހުރިތަން ފެނި އޭނާއަށް ޝައިނާ ބްރޭކަށް ނުދާކަން އެނގުނެވެ. ހަބަރުހޯދުމަށްޓަކައި އޭނާ ގުޅައިލީ ނިހާމަށެވެ.

"ހަލޯ. ކޮބާ މިތާ އުޅޭ ސަންތިމަރިޔަނބު ދުށިންތަ؟" ރާހިލް އަހައިލިއެވެ.

"ޝައިނާތަ؟ ލައިޓް ޝިޕްމަންޓްތައް އައިސްގެން އުޅޭތީ ހަތަރުވަނަ ފްލޯގެ ކޮންމެވެސް ޗާންދެލިޔާއެއް ހަރުކުރާތަނުގަ އުޅުނުކަންނޭގެ." ނިހާމް އެންމެ ފަހުން ޝައިނާ ފެނުނުތަން ބުނެދިނެވެ.

"ލަންޗަށް ދިޔަތަ؟" ރާހިލް އެހިއެވެ،

"ހިއެއްނުވޭ.. ވަރަށް ބިޒީކޮށް މިއަދު އުޅުނީ" ނިހާމްގެ ޖަވާބާއެކު ރާހިލް އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑައިލަމުން ހޮޓެލުންނުކުތެވެ.

ބައިގަޑިއެއްހާއިރު ފަހުން އޭނާ އަލުން އަނބުރައި އައިއިރު އޭނާގެ އަތުގައި ކަރުދާސް ކޮތަޅެއް އޮތެވެ. ސިއްރުން ކަމެއް ކުރަން އުޅޭހެން ދެފަޅި ބަލައިލުމަށްފަހު އޭނާގޮސް މަޑުކޮށްލީ ޝައިނާ ބޭނުންކުރާ ވޯކްސްޓޭޝަން ކައިރީގައެވެ. އަދި އެ ކޮތަޅުން ނެގި ތައްޓެއްގައި ބަންދުކުރެވިފައިވާ ކާއެއްޗަކާއި ޖޫސްޕެކެޓެށް މޭޒުމަތީގައި ބަހައްޓައިލިއެވެ. ކޮންމެވެސް އެއްޗެއް ހޯދުމަށްޓަކައި އޭނާގެ ލޯ ސްޓޭޝަންގެ ވަށައިގެން ހިންގައިލިިއެވެ. އެތަނުގައި ބާއްވައިފައި އޮތް "ސްޓިކީ ނޯޓްސް" ބަންޑަލި ފެނުމުން އޭގެން ގަނޑުކޮޅެއް ވަކިކޮށްލުމަށްފަހު މޭޒުމަތީގައި އޮތް ގަލަން ނަގައި ރީތިގޮތަކަށް އިނގިރޭސި އަކުރުން "ސޮރީ" އަޅައިލިއެވެ. ގަލަމުގެ ދޯރިޖަހައިލުމަށްފަހު އަނެއްކާވެސް އެ ދޯރި ނައްޓައިލީ އެ ލިޔެވުނު ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ކަހަލައެވެ. ގަނޑުކޮޅު ބޮނޑިކޮށްލުމަށްފަހު ޖީބަށްލަމުން އަނެއްކާވެސް އެހެން ގަނޑުކޮޅެއް ނަގައި "ސޮރީ" ލިޔެލައިފިއެވެ. މިފަހަރުވެސް އޭނާ އެ ގަނޑުކޮޅު ބޮނޑިކޮށްލިއެވެ. ގާތްގަނޑަކަށް ނުވަވަރަކަށް ފަހަރު އެހެން ތަކުރާރު ކުރަނިކޮށް އޭނާ ހިތްހަމަޖެހޭގޮތަށް ލިޔެވުނު ފަހަރަކާއި ދިމާވެއްޖެއެވެ. މިފަހަރު އޭނާ އެ ގަނޑުކޮޅުގައި ދެރަވެފައިވާ ވަށްމޫނެއްވެސް ކުރަހައިލިއެވެ. އަދި މެސެޖު ރައްދުކޮށްދިން ފަރާތް ހާމަކުރުމަށް ގަނޑުކޮޅުގެ ކަނެއްގައި އިނގިރޭސި "އާރް" އަކުރެެއް ލިޔެލިއެވެ.

ރާހިލް އޭނާ ގެނައި ތަށީގެ މަތިގަނޑުގައި ގަނޑުކޮޅު ތަތްކޮށްލުމަށްފަހުގޮސް މީޓިންގްރޫމަށް ވަނެވެ. އަދި ކަހައިލެވިފައިވާ ބްލައިންޑްސްތަކުގެ ދޭތެރެއިން ބޭރުގައިވާ ކަންކަން ފެންނާނެހެން ހުރި ގޮނޑިއެއްގައި އިށީނެވެ. ކުރިމަތީގައި ލެޕްޓޮޕް ބަހައްޓައިލި ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ބޭރަށެވެ. ޝައިނާ އަންނާނެ އިރެއްގެ އިންތިޒާރުގައި ނުތަނަވަސްކަމާއެކު ފައި ތަޅުވާލައިތަޅުވާލައި އިނދެވުނެވެ. އޭނާއަކީ އެއްވެސް އިރެއްގައި ކުށެއްނެތް މީހަކަށް ދެރައެއްދޭން ބޭނުންވާމީހެއްނޫނެވެ. އެއީ އޭނާގެ ތަބިއްޔަތާއި ހިލާފު ކަމެކެވެ. ނަމަވެސް އެރޭ އޭނާއަށް ޝައިނާއާ ދޭތެރޭ މާ ހަރުކަށިވެވުނީއެވެ. އެކަމުގެ ސަބަބުން ޝައިނާއަށް ވީގޮތް އޭނާވަނީ ލޮލުންދެކެ އަތުން ހިފައިފައެވެ. އެ ހަށިގަނޑު ހަބަރު ހުސްވެފައިވަނިކޮށް އޭނާގެ އަތްދަނޑިމައްޗަށް އުފުލައިލިގޮތް ދެންމެ ވީ ކަމެއްހެން އޭނާގެ ހަނދާނުގައި ހަރުލައިފައި ހުއްޓެވެ. އެކަމާ ވިސްނޭވަރުން އޭނާއަށް މަސައްކަތް ކުރުންވެސް ވަނީ ދަތިކަމަކަށްވެފައެވެ. އޭނާއަށް ދިޔައީ ކުށްވެރިކަމުގެ އިހްސާސެއް ކުރެވެމުންނެވެ. ނުވިތާކަށް އެރޭގެ ކަންތަކަށްފަހު ޝައިނާއާ ރާފިއުގެ ގުޅުންވެސް އިތުރަށް ބަދަހިވާން ފަށައިފިއެވެ. ނިހާމް ރާފިއުއާ ބެހޭގޮތުން ދައްކައިފައިވާ ވާހަކަތަކުން ރާހިލްއަށް ރާފިއުގެ ނިޔަތްވެސް ވަރަށް ރަނގަޅަށް އެނގިފައިވެއެވެ. ހުދު އޭނާވެސް ޝައިނާއާ މެދު އެންމެ ފުރަތަމަ ގެންގުޅުނީ އެވިސްނުން ކަމުގައި ވިޔަސް ޝައިނާގެ ގޮތް އެނގެން ފެށުމުން އޭނާވަނީ އެ ހިޔާލު ދޫކޮށްލައިފައެވެ. އެހެންވެ ޝައިނާ ރާފިއުއާ ގާތް ގުޅުމެއް ބާއްވަނީ އޭނާގެ އަމަލުތައް ހުންނަގޮތުންކަން ގަބޫލުކުރެވޭ ކޮންމެ ފަހަރަކުވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައެވެ. އެ ކުށްވެރި އިހްސާސްތަކުން ސަލާމަތްވެ ނަފްސަށް ހަމަޖެހުން ލިބެންއޮތް ހަމައެކަނި ގޮތަކީ ޝައިނާގެ މަޢާފު ލިބިގެން ކަމަށްވާތީ އޭނާ ވަނީ އިންތިހާއަށް ޝައިނާގެ މަޢާފަށް ބޭނުންވެފައެވެ. މާގިނަވަގުތެއްނުވެ ޝައިނާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އެދިމާލަށް ދާތަން ރާހިލްއަށް ފެނުނެވެ.

ޝައިނާއަށް މޭޒުމަތީގައި ބަަހައްޓައިފައިވާ ތަށްޓާއި ޕެކެޓު ފެނުމާއެކު ހުއްޓެވުނެވެ. ކާކުގެ ކަމެއްކަން ނޭނގުމާއެކު ސުވާލު އުފެދިފައިހުރެ ބުމަ އަރުވައިލެވުނެވެ. ނަމަވެސް މާފަށް އެދިފައިވާ ގަނޑުކޮޅުގެ ތިރީކަނުގައިވާ 'އާރް" އަކުރު ފެނުމުން ގޮނޑީގައި ހަމަަޖެހިލަމުން ފޯނު ނަގައި ނަންބަރަކަށް ގުޅައިލިއެވެ. އެމަންޒަރު ބަލަންއިން ރާހިލްގެ ނިތަށް ރޫތަށް ގިނަވިއެވެ. ޝައިނާ އެމީހަކާ ދައްކާ ވާހަކަ އަޑުއެހުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކުނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައިގޮސް މީޓިންގް ރޫމްގެ ދޮރުފަތް ކަހައިލަމުން ދަޮރުކަނީގައި ލެގިލިއެވެ. ޝަައިނާ ބޭރުގައި އިނދެ ދައްކަމުންދިޔަ ވާހަކަ ސާފުކޮށް އޭނާއަށް އިވެމުންދިޔައެވެ.

"އަހަރެންބުނީމެއްނު އެކަމާ އަޅައިނުލާށޭ. އަހަންނަށް އެނގެޔޭ ރާފިއު ބިޒީ ނޫންނަމަ މިކޮޅަށް އައިސް އަހަރެން ގޮވައިގެންކަން ދާނީ. އެހެންނޫނަސް މިއަދު އަހަރެންވެސް ބިޒީވީ. ސްޓިލް ތެންކްޔޫ އިނގޭ. އައި ލަވް ދިސް ނޫޑްލްސް." ޝައިނާގެ ވާހަކަ އިވުމުން ރާހިލްއަށް ފޫހި ގޮތަކަށް ކަޅި އަނބުރައިލެވުނެވެ. މި ރާފިއުއެއްގެ ކަންތައް މިދަނީ މާ މައްޗަށޭ ހިތާހިތުން ބުނެލެވުނެވެ.

ކުއްލިއަކަށް ޝައިނާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔަތަން ރާހިލައަށް ފެނުނެވެ. އެތުންފަތުގައިވި ހިނިތުންވުން ފިލައިގޮސް އެދެބުމަ ގޮށްޖެހިގެން ދިޔަތަން ފެނި ރާފިއު ޝައިނާގެ ހީވުންތައް ދޮގު ކޮށްދީފިކަން ރާހިލްއަށް ޔަގީންވިއެވެ.

"ވަޓް. ރާފީއެއް ނޫންތަ؟ އަހަރެން އައި އިރު ޓޭބަލަގަ ހުރީ. ސޮރީ ނޯޓެއްވެސް ޖަހާފަ. އާރް އަކުރެ–" ގޮނޑިން ތެދުވުމަށްފަހު ވަށައިގެން ހޯދައިލިވަގުތު ދުރުގައިހުރި ރާހިލްފެނި ޝައިނާއަށް ކަންވީގޮތް ނަގައިގަނެވުނެވެ. ރާހިލްއާ ނަޒަރު ވަކިކޮށްލުމެއްނެތި ފޯނު ކަނޑައިލިއެވެ. ކަނޑުނޫކުލައިގެ ގަމީހާއެކު ބެގީކޮށް ލައިފައިވާ ކަޅުފަޓުލޫނުގެ ޖީބަށް ދެއަތް ޖަހައިލައިގެން ދޮރުގެ ކަނީގައި ލެގިލައިގެންހުރި ރާހިލް ފެނުމާއެކު ހިނދުކޮޅަކަށް ޝައިނާއަށްވެސް އެ ފިރިހެންވަންތަ ކަމަށް ހިތާހިތުން ތައުރީފުކުރެވުނެވެ. އެހާމެ އަވަހަށް އެ ތައުރީފުތަށް ފޮހެލަން ޖެހުނީ އެ ރީތިކަމުގެ ފަހަތުގައި ފޮރުވިފައިވާ ނޭދެވޭ ސިފަތައްވެސް އޭނާގެ ސިކުނޑިން ހަނދާންކޮށްދިނެވެ. އިސާހިތަކު އަވަސްއަވަހަށް ރާހިލްއާ ނަޒަރު ވަކިކޮށްލުމަށްފަހު ތަށީގެ މަތީގައިވާ ގަނޑުކޮޅު ނައްޓައި އެ ބޮޑިކޮށްލުމަށްފަހު ބިންމައްޗަށް ވައްޓައިލިއެވެ. ރާހިލް އިތުރަށް ދުރުގައި މަޑުކުރާކަށް ނޫޅުނެވެ. ހަލުވި ފިޔަވަޅުތަކެއްގައިގޮސް އޭނާ ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޝައިނާއެ އަތަށް ބަލައިލުމަށްފަހު ރާހިލްއަށް ބަލައިލިގޮތުން ރާހިލްއަށް އެބުނަން އުޅުނީ ކީކޭކަން އެނގުނެވެ. އޭނާ އަވަސް އަވަހަށް ޝައިނާގެ އަތުން ދޫކޮށްލުމަށްފަހު ފަަހަތަށް ޖެހިލިއެވެ.

"ސޮރީ" ރާހިލް ކުޑަކޮށް ކަރުކެހިލުމަށްފަހު ބުންޏެވެ. ޝައިނާގެ ފަރާތަކުން ވަކި ޖަވާބެއް ނުލިބުނެވެ.

"އަހަރެންނަށް އެނގެޔޭ ސަމާސާ ވިހަވެއްޖެކަން. އެރޭ އަހަންނަށް ކުށެއް ކުރެވިއްޖެކަން. ސަންތި އަކަށް ނުފެނޭތަ އަހަރެން މާފަށް އެދެން ޓްރައި ކުރާވަރެއް. އަހަރެންނާ ދެން ވާހަކަ ދައްކާނީ ކޮން އިރަކުންތަ؟" ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ރާހިލް ޝައިނާއާ އެނަމުން މުހާތަބުކުރި އަޑު އިވުމުން ޝައިނާއަށް ފޫހި ގޮތަކަށް ތުން އަނބުރައިލެވުނެވެ. ނަމަވެސް އޭނާގެ ހިތަށް ނޭނގި ވެރިވެފައިވި ފަޅުކަމެއް ފިލައިދިޔަ ކަހަަލަ އިހުސާސެއްވެސް ކުރެވުނެވެ. ރާހިލްގެ އަޑުގައިވި ގާތްކަމާއި އޯގާތެރިކަމުން އެރަށަށް ފުރަތަމަ އައިއްސުރެން ރާހިލްގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި ހިތްތިރިކަން ހަނދާންވިއެވެ. ނަމަވެސް އެކަންތައްތައް ބަދަލުކުރި މީހަކީ ހުދު ރާހިލްއެވެ. އޭނާގެ ކުށެއްނެތް ކަމަކަށް އޭނާއަށް ތުހުމަތުކުރުމަށްފަހު ދުރުކޮށްލި މީހަކީ ރާހިލްއެވެ. އަދި އެ ރުޅިވެރިކަމުގެ ތެރޭގައި ރާހިލްއަށް އެވަނީ ނޭނގިނަމަވެސް އޭނާއަށް ނަފްސާނީގޮތުން ބޮޑު އަނިޔާއެއް ދެވިފައެވެ. ވީއިރު ރާހިލްގެ އެކުވެރިކަމަށް އުއްމީދުކުރާކަށް ނުވަތަ ފުރުސަތުދޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.

"ކީއްވެތަ ޖަވާބެއް ނުދެނީ؟ އައިމް ސޮރީ އޭ" ރާހިލް އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. މިފަހަރު ޝައިނާގެ ފަރާތުން އޭނާއަަށް ޖަވާބެއް ލިބުނެވެ.

"ޖަވާބު ނުދެނީ އަހަރެން އެއްވެސް ވަރަކަށް ރާހިލްއާ ވާހަކަ ދައްކަން ބޭނުން ނުވާތީ… ރާހިލްވެސް އަހަރެންގެ ކުށެއް އޮވެގެނެއް ނޫނެއްނު އަހަރެންނާ ވާހަކަ ދެއްކުން ހުއްޓާލީކީ. މީ ހަމަ އެކަހަލަ ކަމެއް ކަަމަށްބަލާ. އެންޑް އޯލްސޯ.. މިއީ ކާ އެއްޗެއް ވީމަ އަހަރެން މި އިސްރާފެއް ނުކުރާނަން. އެކަމަކު މިކަހަލަ ކަމެއް ތަކުރާރު ކޮށްގެން ނުވާނެ" ޝައިނާ ތަށި ހިފައިގެން އެތަނުން ދިޔުމުގެ ކުރިން ބުނެލިއެވެ. ރާހިލްއަށް ހުރި ފިޔަވަޅުމަތީ ހުއްޓިފައި ހުރެވުނެވެ.

ކުރާނީ ކިއްހެއްޔެވެ؟ ޝައިނާ މިވީ އޭނާ ހީކުރި ވަރަށްވުރެވެސް މާ ބޯހަރު ކުއްޖަކަށްތާއޭ އޭނާގެ ހިތަށް އެރިއެވެ. ހަމައެއާއެކު އޭނާ ހިތްހަމަ ނުޖެހުނެވެ. ރާފިއުއަށް ޝައިނާ އެހާ ރަނގަޅުވެގެން އުޅޭއިރު އޭނާއަށް މާފުކުރުން ވަކި އެހާ އުނދަގޫ ވާންްވީ ކީއްވެހެއްޔެވެ. ކޮންމެއަކަސް ރާހިލްއަށް އެކަމުގައިވެސް ގޯސް މީހަކަށް ފެނުނީ ރާފިއުއެވެ. އޭނާ އެތެރެއަށް ހިނގައިގަތީ އެދެމެދުގައި ޖެހޭ ހުރިހާ މައްސަލައެއްގެ އަސްލަކީ ރާފިއު ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ.

***********

އާދައިގެ މަތިން އިޝްވާ ކުޅެން ދިޔުމުގެ ކުރިން އައިސް ސިޑި ކައިރީގައި ހުރި ކަބަޑުން ބޫޓެއް ނެގުމަށްޓަކައި ތިރިވެލިއެވެ. އެވަގުތު ދެ ފަންގިފިލައަށް ވާގޮތަށް ފަރުމާ ކޮަށްފައިވާ އެޕަރޓްމެންޓްގެ ތިރީބައިން ވާފިޔާއާ ނާޝިދު ދައްކަމުންދިޔަ ވާހަކަތަކަށް އޭނާގެ ސަމާލުކަން ދެވުނެވެ.

"އަހަރެން ހިއެއްވެސް ނުކުރަން އެ ދެކުދިން އެހާ ގުޅޭނެ ކަމަކަށް. ޒީވާ ކިތަންމެ ގަޔާވިޔަސް ޒީވާއަކަށް ނުކެރޭނެ ބުނާކަށް. ކެރެންޏާ ގައިމު އުމުރުން ތޭވީސް އަހަރު ވީއިރު ރައްޓެއްސެކޭ ކިޔާފަވިޔަސް އަހަރުމެންނަށް ކުއްޖެއް ދައްކާލީހެއްނު. ނާޝިދު ނިކަން އަޅެ ރިޔާޒާ ތި ވާހަކަ ދައްކަބަލަ. ޢަހަރެންވެސް ޝީރީން މިގެއަށް ގެނެސްގެން އެ ވާހަކަ ދައްކާލާނަން. އެކަމަކު ގޮތެއް ނިންމަންވާނީ ޒީވާގެ ހިޔާލެއްވެސް ބަލާލާފަ." ވާފިޔާ ބުންޏެވެ.

"ކޮން ގޮތެއް؟" އިޝްވާ ސިޑިން ފައިބައިގެން އައިސް އެމީހުންގާތު މަޑުކޮށްލަމުން އަހައިލިއެވެ. ނާޝިދާއި ވާފިޔާއަށް ހާސްވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ. އެމީހުންނަކީ އާންމުގޮތެއްގައި ދަރިންގެ ކަންކަމަށް އަތްބާނާ އުޅޭ ދެމަފިރިންނެއް ނޫނެވެ. ވަކިން ހާއްސަކޮށް ޒީވާގެ ރުހުމާނުލާ އެފަދަ ކަމެއްކުރަންވެސް އެމީހުންގެ ހިޔާލުގައި ނެތްއިރު އިޝްވާއަށް ނުބައިގޮތަކަށް އެ ދެކެވުނު ވާހަކައިން މާނަ ނެގިދާނެތީ އެ ދެމަފިރިންވެސް އިންތިހާއަށް ކަންބޮޑުވިއެވެ.

"އަޅެ މަންމާ. އިޝީއަށްވެސް ހީވަނީ ތީ ވަރަށް ސަޅި އައިޑިޔާ އެއްހެން. ދޮންތިވެސް އަސްލު ވަރަށް ލައިކްވޭ ކަންނޭގެ ރިއާންބެ ދެކެ އެކަމް ބުނަން ނުކެރެނީ. ދޮންތިއަށްވެސް ސަޕްރައިޒްއަކަށް ތިކަން ވާނީ" ނަޝީދާއި ވާފިޔާގެ ކޮނޑުގައި އެލިގަންނަމުން އިޝްވާ ބުންޏެވެ.

"އައްދެ. ދަރިފުޅު ހާދަ އުފަލެއް ތިވީ. ބައްޕަމެން އަދި ނެތިން މިކަން އެހާ އަވަސް އަރުވާލަކަށްވެސް. އެކަމަކު ދޮންތައަށް އެ ދިމާމިގޮތުން މަންމައާއި ބައްޕަ މިކަމާވިސްނަން މިޖެހުނީ. މިޒަމާނުގެ މީހުން ބަފައިންނަކަށް ނުބަލާނެ. އެކަމަކު ނުފޫޒުގަދަ ބާރުވެރި ފިރިއެއްހުރިއްޔާ އެމީހުން އަންހެން ކުއްޖަކާ ކައިރިވާންވެސް ޖެހިލުންވާނެ. ކޮންމެގޮތެއްވިޔަސް ރާއްޖޭގެ އެންމެ މުހިއްމު ސިނާއަތްތަކުގައި އެންމެ ކުރީގަ އޮތީ ރިޔާޒްމެންގެ ކުންފުނި. މިހާރުނަމަ އެއީ ރިއާން. ސަރުކާރުގެ ބޮޑު ބައެއްވެސްއޮތީ ރިއާންގެ މުށުތެރޭގަ. ޒީއަށް އެންމެ ފުރިހަމަ ހިމާޔަތެއް ދެވޭނީ ރިއާންއަށް. އެހެންވީމާ އިޝީ މި ވާހަކަ ނުދައްކައްޗޭ އެކަކު ކައިރީގަވެސް. މާ ލަދުން ހުންނަ ދެކުދިން ވީމަ ބޭނުންވަނީ ހަމައެކަނި އެ ދެކުދިންނަށް ކުޑަ ޕުޝްއެއް ދޭން. ރިއާން ކަހަލަ އާއިލާއިން ދަންނަ ކުއްޖަކަށް ބައްޕަމެނަށްވެސް މާ އިތުބާރު އޮންނާނެއެއްނު. އެކަމް ޑެސިޝަން ފައިނަލް ކުރާނީ އެ ދެކުދިން" ނާޝިދު އިޝްވާގާތު ބުންޏެވެ. އިޝްވާ ބޯ ޖަހައިލަމުން ހެވިފައިހުރެ ގެއިން ނުކުތެވެ.

"ބޭބް ހާދަ ލަސްވީ…" އިޝްވާ ފެނުމާއެކު ސައިކަލުގައި އިން ޝިމާން ބުންޏެވެ.

"އަޅެ ސޮރީ. މަންމަމެނާ ކުޑަ ވާހަކައެއް ދައްކާލީ. ކީއްވެ ލައިސަންސްވެސް ނުލިބެންދެން ސައިކަލުގަ ތި އައީ؟" އިޝްވާ އަހައިލިއެވެ.

" ދެން ބޭބް. މިގަޑީ ނޫޅޭނޭ އެހާ ޕޮލިހުންނެއް. އެހެންނޫނަސް ސިސް މާލޭގަ ނެތްއިރަކު ދުއްވާލެވޭނީވެސް." ޝިމާން ބޮޑާހާކާ ރާގެއްގައި ބުންޏެވެ.

" އޯކޭ އޯކޭ. އެކަމަކު މިއަދު އެކަނި އިނގޭ." އިޝްވާ ސައިކަލަށް އަރަމުން ބުންޏެވެ.

ޝިމާންއަކީ އިޝްވާއާއެކު ގްރޭޑް ބާރައިގައި ކިޔަވަމުން އަންނަ ދަރިވަރެއް ނަމަވެސް އެދެމީހުން އެކަކު އަނެކަކާ ފުރަތަމަ ބައްދަލުވީ އިޝްވާ ޒީވާއާއެކު ޝައިނާމެންގެއަށް ގޮސް އުޅުމުގެ ތެރޭގައެވެ. ޝިމާންއަކީ ޝައިނާ ކުޑައިރުއްސުރެން ބަލަހައްޓަމުން އައި ޝައިނާގެ ބޮޑުދައިތަގެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެގެއިން ޝިމާންއާ ބައްދަލްވި ކަމުގައި ވިޔަސް ދެމީހުންގެ ރަހްމަތްތެރިކަން ބަދަހިވެ ގިނަ ވަގުތުތަކެއް އެކުގައި ހޭދަކުރެވެންފެށީ އެދެމީހުންގެ ހިތުގައި ބާސްކެޓްބޯޅައަށް ދެވިފައިވާ ލޯބީގެ ސަބަބުންނެވެ. ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އެކެއްއަނެކެއްގެ މިޒާޖާއި އުޅުމަށް ހިތްކިޔައި އިޝްވާ ޝިމާންއަށް ލޯބި ހުށަހެޅީ ޝިމާންމެން މޮޅުވި މެޗެއްގެ އުފަާފައުޅު ކުރަމުންދިޔަ ވަގުތުގައެވެ. ސަޕޯޓަރުން ތިބި ދިމާލުން ހޫރާލި ބެނާއެއްގެ ޒަރީއާއިންނެވެ. ޝިމާން އެ ހުށަހެޅުން ގަބޫލުކުރުމާއެކު އެ ޖޯޑު ވެފައިވަނީ މުޅި ސްކޫލްގެ ނަޒަރު ހުއްޓިފައިވާ މަޝްހޫރު ޖޯޑަކަށެވެ.

***********

ޒޫމް މީޓިންގް ނިންމައިލުމަށްފަހު ރަާހިލް ގޮނޑީގައި ހަމަޖެހިލިއިރު އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. އިރުކޮޅަކު ދެލޯ މަރައިލައިގެން އިނުމަށްފަހު އޭނާ ކޮޅަށް ތެދުވެ ކަރުގައި އޮތް ޓައި ނަގައި މޭޒުމައްޗަށް އެއްލިއެވެ.

"ސްޓުޕިޑް ޓައި" ރާހިލް ގަމީހުގެ ކަރުގޮށް ނައްޓައިލަމުން މީޓިންގްރޫމުން ނުކުތެވެ. އެއަށްފަހު ރިސެޕްޝަން އޭރިޔާގައިހުރި ކޮފީ މެޝިން ކައިރިއަށް ހުއްޓި މެޝިންގެ ފިއްތަކަށް އޮބައިލިއެވެ. އަދި ކޮފީ ތައްޔާރުވާން ވާއިރަށް ގަމީހުގެ އަތުކުރީގައި އަޅުވައިފައިވާ ގޮށްތައް ނައްޓައިލަމުން ދެ އަތް އުޅަނބޮއްޓާ ހަމައަށް އޮޅައިލިއެވެ. އެއާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ ގަޔަށް ލައްވައިފައިހުރި ދަގަނޑުދަހަނާއެއް ނަގައި ދުރަށް އެއްލައިލެވުނު ހެންނެވެ.

ކޮފީތަށި ހިފައިގެންގޮސް ހޮޓެލްގެ މައި އިމާރާތަށް ވަދެ ނުކުތުމަށް ހަދައިފައިވާ ދެތިން ސިޑި ގިރާކޮށްލުމަށްފަހު އޭނާ މަޑުކޮށްލީ ބޭރު ދޮރާށި ކައިރީގައެވެ. އަދި ދޮރާށީގެ އަރިމަތީގައި ލެގިލައިގެންހުރެ އެތަނަށް ވަދެ ނުކުންނަމުންދާ ކޮންމެ މީހަކަށް އޭނާގެ ހިތްހެޔޮ ހިނިތުންވުން ހަދިޔާ ކުރަމުންދިޔައެވެ. ދޭސީއެއް ބިދޭސީއެއް ތަފާތު ކުރުމެއް ނެތިއެވެ. ރާހިލްގެ ފަރާތުން ފެނިފައިވާ ހިތްހެޔޮކަމާއި އެކުވެރިކަމުގެ ސަބަބުން އޭނާ ފެނުމުން އެއިން ކޮންމެ މީހެއްގެ މޫނުވެސް އުޖާލާ ވެގެންދިޔައެވެ.

ކޮފީތަށި ތުނބުގައި ޖަހައިލި ވަގުތު ކައިރިއަށް ހުއްޓައިލި ސައިކަލުގެ އަޑާއެކު އިވުނު އަންހެންކުއްޖެއްގެ ހުނުމުގެ އަޑަށް ރާހިލްގެ ސަމާލުކަން ހުއްޓުނެވެ. ތެތްހެދުމުގައި ތިބި ރާފިއުއާއި ޝައިނާ އަދި ޝައިނާގެ އަތުގައި އޮތް ރާޅުބޯޑު ފެނި އޭނާއަށް އެދެމީީހުން އެ އައީ މޫދުންކަން ނަގައިގަނެވުނެވެ. އިހްތިޔާރަކާ ނުލައި އޭނާގެ ނިތަަށް ރޫތަށް ގިނަވިއެވެ. ރާފިއު ސައިކަލުން ފޭބުމަށްފަހު ފަހަތުގައި އިން ޝައިނާގެ އަތުން ބޯޑު ނެގުމުން ޝައިނާވެސް ސައިކަލުން ފޭބިއެވެ. ތެމިފައިވާ މަޑުނޫކުލައިގެ ޓީޝާޓާއި ގަދަނޫކުލައިގެ މާޖެހި ހަރުވާޅު ގަޔަށް ހިފާލައިފައި ވުމުގެ ސަބަބުން ޝައިނާގެ ވަނާތައް ހާމަވެފައިވުމުން ރާހިލްއަށް އިތުރަށް އެ މަންޒަރުބަލަން އުނދަގޫ ވަމުންދިޔައެވެ. އެހެންހުއްޓައި ރާފިއު ބޯން ހުރި ފެންފުޅި ތެމިފައިހުރި ޝައިނާގެ ބޮލަށް އޮއްސައިލިތަން އޭނާއަށް ފެނުނެވެ. ތުއިގޮތަކަށް ރާފިއުގެ ނަމުން ގޮވާލުމަށްފަހު ޝައިނާ ބިންމަތީގައި ދެފައިޖަހައިލި ގޮތުން ރާހިލްގެ ލޭ އިތުރަށް ކެކިގެންދިޔަކަހަލައެވެ. އަތުގައި އާވިއަރައަރާހުރި ހޫނު ކޮފީތައްޓަށް ފަރުވާލެއްނެތި އަތްމުއްކަވައިލެވުނެވެ. އެވަގުތު ކަރުދާސްތަށީގައިހުރި ކޮފީ އަތަށް ބަންޑުންވެ ނަގައިގަތް ދިލައާއެކު ރާހިލްއަށް ކުއްލި ސިހުމެއްލިބުނެވެ. ރަނގަޅަށް ބަލައިލިއިރު އޭނާ ލައިގެންހުރި ހުދު ގަމީހަށްވެސް ކޮފީގެ އަސަރު ކޮށްފައިވިއެވެ. ޗޮކެއްކަނޑައިލަމުން އިސްއުފުލައިލި ވަގުތު ދޮރާށިން އެތެރެއަށް ވަންނަން އައި ޝައިނާއާ ހަތަރުކަޅި ހަމަވިއެވެ. އޭނާ ފެނުމާއެކު ޝައިނާގެ އުޖާލާވެފައިވާ މޫނުމަތި މިލައި ދިޔަގޮތުން ރާހިލްގެ ހިތުގެ ނޭނގޭ ދިމާލެއްގައި ރިއްސައިލި ނަމަވެސް އެއިހްސާސްގެ މައްޗަށް ގަދަވެގަތީ އޭނާ އައިސްފައިވާ ރުޅިއެވެ.

ނިހާމް ބުނެފައިވާ ފަދައިން ޝައިނާ އަމިއްލައަށް އޭނައަށް މާފުކޮށް ވާހަކަދައްކަންދެން އަޅައިނުލައި ހުރުމަށް ރާހިލް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެ މަސައްކަތް ނާކާމިޔާބު ވުމާއެކު އޭނާ ޝައިނާ ހޯދުމަށްޓަކައި ހޮޓެލްގެ ތެރެއަށް ދުއްވައިގަތެވެ. ތެތްފިޔަވަޅުތައް ފާހަގަކުރަމުންގޮސް އޭނާ ހުއްޓިލީ އެންމެ ތިރީ ފަންގިފިލާގައި ސްޓާފުންނަށް ހާއްސަކޮށް ހަދައިފައިވާ އަންހެން ފާހަނަބަރި ކައިރީގައެވެ. ދޮރު ހުޅުވައިލިވަގުތުު ތުވާއްޔެއް ހިފައިގެން ޝަވާރ ބްލޮކްތަކަ ދިމާލަށް ދިޔަ ޝައިނާ ފެނުނެވެ. އަދިވެސް ހުރީ ތެމިފައިވާ ހެދުމާއެކުގައެވެ. ރާހިލް އަވަސް ފިޔަވަޅުތަކެއްގައިގޮސް ޝައިނާގެ އުޅަނބޮށީގައި ހިފައި އޭނާއާ ދިމާލަށް އަނބުރައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި ޝައިނާ ގޮސް ޖެހުނީ ރާހިލްގެ މޭގައެވެ. ދެވަނަ ސިކުންތުގައި އޭނާ ރާހިލްއާ ދުރަށް ފިޔަވަޅެއް އަޅައިލިނަމަވެސް ރާހިލްގެ އަތުން މިންޖުވުމަށް ކުރަމުންއައި މަސައްކަތް ބޭކާރުވަމުންދިޔައެވެ.

"މީތަ ޝައިނާ ބޭނުންވާ ބަދަލު ހިފުމަކީ؟ މީތަ ޝައިނާގެ ޕްލޭނަކީ؟ ބިކޮޒް ވަޓެވަރ ދިސް އިޒް ދެޓް ޔޫ އާރ ޑުއިންގް.. އިޓްސް ވޯކިންގް އޯކޭ؟ ކީއްވެތަ އެވަރު ކުޑަ ކަމަކަށް އަހަރެންނަށް މާފު ނުކުރެވިގެން ތިއުޅެނީ؟ ޝައިނާތީ ކުޑަ ކުއްޖެއްތަ؟ އެވަރު ކަމަކާ ބިރުގަންނަން.." ރާހިލްގެ އަޑުގައި އާދަޔާހިލާފު ހިތްހަމަ ނުޖެހުމެއްގެ އަސަރު އެކުލެވިފައިވިއެވެ. ނަމަވެސް ރާހިލް ދެއްކި އެއްވެސް ވާހަކައެއް އިވޭކަމަށް ހަދައިނުލާ ޝައިނާ މަސައްކަތްކުރީ ރާހިލްގެ އަތްދަށުން މިނިވަންވުމަށެވެ.

"ކީއްވެތަ އެއްޗެކޭ ނުބުނަނީ؟ އަޑު ނީވެނީތަ؟ ޖަވާބު ދީބަލަ!" ރާހިލްއަށް ޝައިނާގެ އުޅަނބޮށީގައި ހިފަހައްޓައިލައިގެން ހުރި އަތަށް ބާރުކޮށްލެވުނެވެ.

"ދޫކުރޭ!! ދޫކުރާށޭ ރާހިލް އައްދޯތް ތަދުވެޔޭ" ޝައިނާގެ އަޑު އިވުމާއެކު ރާހިލް ކުއްލިއަކަށް ޝައިނާގެ އަތުން ދޫކޮށްލިއެވެ. ޝައިނާގެ އަތުގައި އޭނާގެ އިނގިލިތަކުގެ ނިޝާނުން ފާހަގަ އެޅިފައިވިތަން ފެނި އޭނާއަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. މިއީ ކުރިން ދުވަހަކުވެސް އޭނާގެ އަމަލްތައް ހުރިގޮތެއް ނޫނެވެ. އޭނާގެ ސަބަބުން ނޭދެވޭ ގޮތަކަށް އަންހެންކުއްޖަަކަށް އެއްވެސް ޖިސްމާނީ އަނިޔާއެއް މީގެ ކުރިން ދެވިފައެއް ނުވެއެވެ.

"އައި..އައިމް ސޮރީ.." ރާހިލްގެ އަޑަށް މަޑުމައިތިރިކަން ވެރިވިއެވެ. ޝައިނާއާ ހަތަރުކަޅި ހަމަކޮށްލަންވެސް ނުކެރި އިސްޖަހާލައިގެން ހުރުން ފިޔަވައި އިތުރު ކަމެއް އޭނާއަކަށް ނުކުރެވުނެވެ. އަބުއި ވެފައިހުރެ ދެފަހަރަކު ޝައިނާގެ އުޅަނބޮށީގައި ހިފެހެއްޓުނު އަތުގެ އިނގިލިތަށް ހުޅުވައި ލައްޕައިލިއެވެ. ރާހިލްގެ އެ ހަރަކާތުން ޝައިނާގެ ނަޒަރުވެސް ރާހިލްގެ އަތަށް ހުއްޓުނެވެ.

"އޯ މައި ގޯޑް. ރާހިލް.. ވަޓް ހެޕެންޑް ޓު ޔޯ ހޭންޑް." ރާހިލްގެ އަތުން ފިހިގެން ރަތްވެފައިވާ ހިސާބު ޝައިނާގެ ލޮލުގައި އަޅައިގަތެވެ. ރާހިލް އަވަސް ހަރަކާތަކާއެކު އަތް ފުރަގަހަށްލައި ފޮރުވިއެވެ.

"މާބޮޑު ކަމެއްނޫން. ކޮފީ އެޅުނީ.." ރާހިލް ކުއްލިއަކަށް ދުރަށްޖެހިލިއެވެ. އެވަގުތު ޝައިނާ ރާހިލްއާ ގާތަށް ފިޔަވަޅެެއް އަޅައިލިއެވެ. އަދި ރާހިލްގެ ބަނޑުގައި އަތްޖައްސައިލިއެވެ. ރާހިލްއަށް ސިހިފައި ފަހަތަށް ޖެހިލެވުނެވެ.

"ގަމީހަށްވެސް ކޮފީ އެޅިފައެއްނު." ޝައިނާ އާދައިގެ ގޮތަކަށް ބުންޏެވެ.ނަމަވެސް ޝައިނާގެ އަތުގެ ބީހުން އިހުސާސްވުމާއެކު ރާހިލްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއްޗެެއް ބުނަން އަނގަހުޅުވައިލި ނަމަވެސް އަރުތެރެހިކި ދުލުގައި ތަޅެއްއެޅުވިފައިވި ކަހަލައެވެ. އިތުރަށް އެތާ ހުންނަން އުނދަގޫ ކަމަކަށްވުމުން ރާހިލް ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެންދިޔައީ އޭނާއަށް ވަމުންދިޔަ ގޮތާމެދު ހުދު އޭނާގެ އަމިއްލަ ހިތުގައިވެސް ސުވާލު އުފައްދަމުންނެވެ. ކޮންމެއަކަސް މަދު ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން އޭނާގެ ހީތާއި ސިކުނޑީގައި ހައިޖާނެއް އުފެދިފައިވިއެވެ.

***********

ޓޭންކުގައިހުރި މަސްތަކަށް ކާން އަޅައިލުމަށްފަހު ކޮފީތަށި ހިފައިގެން ބެލްކަންޏަށް ނުކުތް ރިއާން ސިނގިރޭޓެއް ރޯކޮށްލަމުން ޖީބުގައިއޮތް ފޯނު ނެގިއެވެ. އާދައިގެ މަތިން އިންސްޓަގްރާމް ހުޅުވައިލުމަށްފަހު ސްޓޯރީތައް ބަަލަމުންގޮސް ޒީވާގެ ސްޓޯރީ ފެނުމާއެކު ރިއާން ފަރުވާތެރި ކަމާއެކު އޭގައި ލިޔެފައިވާ އިބާރާތްކޮޅު ކިޔައިލިއެވެ. "ވެލްކަމިންގް ދަ ނިއު ޑޮކްޓަރ ޓު އަވަރ ޑިޕަރޓްމެންޓް. ޓެޕް ޓު ސީ އަވަރ ރޭޓިންގްސް" ކުރިންވެސް ޒީވާ އެފަދަ ސްޓޯރީތައް ލާފައު ހުންނަތަން ފެންނާތީ ރިއާންއަށް އެބުނި އެއްޗެއް ވަގުތުން ނަގައިގަނެވުނެވެ. އެ ބުނާ ރޭޓިންގް އަކީ ހޮސްޕިޓަލަށް އާ ޑޮކްޓަރެއް އަންނަ ކޮންމެ ފަހަރަކު އެ ޑިޕަރޓްމެންޓްގެ ކުދިން ޖަހާ ސަކަރާތެކެވެ. އެ އަންނަ ޑަކްޓަރަކީ މުސްކުޅިއެއްތޯ ޅަމީހެއްތޯ އަންހެނެއްތޯ ފިރިހެނެއްތޯ އޭގައި ފަރަގެއްނޯވެއެވެ. މިފަހަރުވެސް އެއީ ކޮންމެވެސް ހަރު އުމުރެއްގެ ބޭރު ޑޮކްޓަރެއްކަމަށް ދެކި ރިއާން ދެން އިން ސްލައިޑްއަށް ދިޔުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބުރުގާ އަޅައިގެންހުރި އަންހެން ނަރުސް ކުއްޖެއްގެ ގާތުގައި ހުއްޓިލައިގެން ހުރީ ބަލާބެލުމަށް ރިއާންމެންނާ އެއްވަރު ނުވަތަ އޭނާއަށްވުރެ ދެތިން އަހަރު ބޮޑުކަމަށް ފެންނަ އިސްކޮޅުން ދިގު ޒުވާނެކެވެ. ބަލާބެލުމަކަށް ހުތުރު މީހެކޭ ނުބުނާނެއެވެ. ނަމަވެސް ކައިރީގައި ހުރި ކުއްޖާ ހިފަހައްޓައިލައިގެންހުރި 9.5 ޖަހައިފައިވާ ބޯޑު ފެނި އަންހެންކުދިންނަށް މީނާ ކިހާވަރަކަށް ކަމުގޮސްފިކަން އޭނާއަށް އަންދާޒާ ކޮށްލެވުނެވެ. ދެންހުރި ސްލައިޑްތަކުގައިވެސްވަނީ ކޮންމެ ކުއްޖަކު އެޒުވާނާގެ ގާތުގައި ބޯޑަކާއެކު ހުއްޓިލައިގެން ހުރިތަނެވެ. ގިނަކުދިންގެ ބޯޑުގައި ލިޔެވިފައިވަނީ އަށެއްބައި، ނުވައެއް، ނުވައެއްބައި އަދި ދިހައެއްގެ ރޭޓިންގްތަކެވެ. ޒީވާ އެޒުވާނައަށް ދެނީ ކިހާވަރެއްގެ ރޭޓިންގެއްތޯ ބެލުމުގެ ޝައުގުވެރި ކަމާއެކު ރިއާން އަވަސް އަވަހަށް އެންމެ ފަހު ސްލައިޑަށް ދިޔައެވެ. ޒީވާގެ އަތުގައިއޮތް ބޯޑުގައި ޖަހައިލައިފައިވާ ދިހަ ނަންބަރު ފެނި ރިއާންގެ އަނގައިގައިހުރި ކޮފީފޮދުވެސް ބުރުއްސައިނުލެވުނީ ކިރިޔާއެވެ.

"ބޯނަސް ޕޮއިންޓް ފޯރ ދި ހެންޑްސަމް ސްމައިލް ސޯ އެން އިލެވެން." ސްލައިޑްގެ ކަނުގައިވާ ލިޔުންކޮޅު ފެނި ރިއާންއަށް މަލާމާތުގެ ޒާތަކަށް ހިނިތުންވެލެވުނެވެ.

"އޭން އިލެވެން؟ މި އަންހެންވެރިން މީ ކޮންކަހަލަ ބައެއްތަ؟ ރީތި ފިރިހެނެއްވެސް ވަކިކުރަން އެނގެނީކީ ނޫން. ސަޗް ބޭޑް ޓޭސްޓް" ރިއާން އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ބުންޏެވެ. އަދި އެއްނޭވައިން ކޮފީތަށި ހުސްކޮށްލުމަށްފަހު ބެލްކަނިން ނުކުމެގެން ދިޔައެވެ.

***********

ކޮޓަރީގެ ބެލް އަޅައިލުމާއެކު އެނދުމަތީގައި އޮތް ރާހިލް ކަންނެތް ގޮތަކަށް ތެދުވެގެންގޮސް ދޮރުހުޅުވައިލިއެވެ. ބޭރުގައިހުރި ޝައިނާ ފެނުމުން ހައިރާންވި ނަމަވެސް އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ. އެއީ ޝައިނާއާ ވަކިން އެ ގެސްޓްހައުސްގެ ތިރިއަށް އޭނާ ބަދަލުވި ފަހުން ޝައިނާ އެ ކޮޓަރިއާ ހިސާބަށްއައި ފުރަތަމަ ފަހަރެވެ. ޝައިނާ އަތުގައި އޮތް ބޭސްފުޅި ރާހިލްއަށް ދައްކައިލިއެވެ. ރާހިލް އޭގައި ހިފުމަށް އަތްދިއްކޮށްލި ނަމަވެސް ޝައިނާ ރާހިލްގެ އަތަށް އެ ދިނުމުގެ ބަދަލުގައި ބޭސްފުޅިން ބޭސްކޮޅެއް އިނގިލީގެ ކުރީގައި ޖަހައިލުމަށްފަހު ރާހިލްގެ އަތް ދެއްކުމަށް އިޝާރާތްކުރިއެވެ. ޖެހިލުންވެފައިހުރެ ރާހިލް އަތްހިއްލައިލުމުން ޝައިނާ އެ އަތުގައި ބޭސްކޮޅު އުނގުޅައިލިއެވެ.

"ޓްސްސް. އާ" ނަގައިގަތް ދިލައާއެކު ރާހިލްއަށް ކުއްލިއަކަށް އަތް ދަމައިގަނެވުނެވެ.

"އަޅޭ ސޮރީ. މާ ކުއްލިއަކަށް ދޯ މި އަތްލެވުނީ. ކުޑަކޮށް ދިލަ ނަގާފާނެ. ރާހިލް އަޅެ އަތް ފެން އެއްޗަކަށްވެސް ނުލަންތަ؟ ބަލާބަ މިއޮތީ މުޅިން ފޮޅުލާފައެއްނު" ރާހިލް އަތް ދުރަށް ގެންދިޔުން ހުއްޓުވުމަށް ބޭސް އުގުޅަމުންދިޔަ އަތް ނޫން އަނެއް އަތުން ރާހިލްގެ އަތުގައި ހިފަހައްޓައިލަމުން ޝައިނާ ބުންޏެވެ. އެވަގުތު ރާހިލްގެ އެތެރެހަށީގައި އުފެދިގެންދިޔަ މަޑު ތުރުތުރަކީ އަތުގައިވި ޒަހަމުން ނެގި ދިލައިން އުފެދިގެންދިޔަ ތުރުތުރެއް ކަމެއް ނުވަތަ ޝައިނާގެ ބީހުން އިހްސާސްވި ވަގުތު އުފެދުނު ތުރުތުރެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޝައިނާ ކުރި ސުވާލަށް ޖަވާބުދެވޭ ވަރަށްވުރެ ބޮޑަށް އޭނާ ޝައިނާގެ ހަރަކާތްތަކަށް ގެެއްލިފައިވާކަމެވެ.

ރާހިލްއަށް ޝައިނާގެ ނިއްކުރީގައި ތަތްކޮށްފައިވާ މަލަންކޮޅާއި އުޅަނބޮށިން ނޫފައިގެންފައިވާ ހިސާބަށް ބަލައިލެވުނެވެ. މިވީ މަދު ދުވަސްތަކުގައި ނޭނގި ނަމަވެސް އޭނާގެ ފަރާތުން ޝައިނާއަށް ލިބުނު ދެ އަނިޔާއެއް އަދިވެސް ފެންނަށްހުރި އިރު އޭނާއަށް ފަރުވާ ދިނުމުގެ ތެރޭގައި ޝައިނާއަށް އޮޅިގެން ކުރެވުނު ކުޑަކުޑަ ކަމަކާއިހުރެ އޭނާގާތު މާފަށް އެދުމުން އޭނާގެ ބޮލުގައި ރިއްސައިލިއެވެ. އެ ހިތްހަރުކަމާއި ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ އޯގާތެރިކަން އިހްސާސްވުމާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. ނަމަވެސް މިހާރު އޭނާއަށް އެވަނި ޝައިނާގެ މާފު ނުލިބޭނެ ހިސާބަށް އާދެވިފައެވެ. އިތުރުގޮތެއް ނެތިގެން ނޫނީ ޝައިނާ މިހާރު އޭނާއަށް ބަލައިލާނެއޭވެސް އޭނާގެ ހިތެއް ނުބުނެއެވެ. އެކެއްއަނެކެއްގެ ނޭވާ އިހުސާސްވާހާ ގާތުގައި ހުރެވުންއިރު އެންމެ ފަހަރަކު ނަމަވެސް އިސް އުފުލައިލާ ޝައިނާގެ ރީތިދެލޮލުން އޭނާއާ ހަތަރުކަޅި ހަމަކޮށްލާނެ ނަމައޭ ރާހިލްގެ ހިތަށް އަރަމުންދިޔައެވެ. އެއީ ޝައިނާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އެލޮލެއްގެ ޖާދޫގައި އޭނާ ޖެހިފައިވާ ރީތި ދެލޮލެވެ. އާންމުކޮށް ފެންނަފަދަ މުށިކުލައިގެ ދެލޯ ނަމަވެސް އެ ދެލޮލުން އޭނާއަށް ފެންނަ ތަފާތުކަން އެހެންމީހުނަށްވެސް ފެނޭބާއޭ ރާހިލްގެ ހިތަށް އެރިއެވެ.

"އަހަރެން ރާހިލްއަށް މާފުކޮށްފިން." ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝައިނާ ބުންޏެވެ. ރާހިލްގެ ހިޔާލުތަކުގެ އަޑު ޝައިނާއަށް އިވުނުފަދައެވެ.

"އާން އަހަރެން ރާހިލްއަށް މާފުކޮށްފިން. މިއަދަށްވެސް. އެރޭ ހިނގި ކަންތަކަށްވެސް. އަހަރެން ރާހިލްއާ ވާހަކަ ނުދައްކަން ނިންމި ނިންމުމަކީ އަހަރެންގެ އަމިއްލަ ނިންމުމެއް. އަހަންނަށް ރަނގަޅީ ރާހިލްވެސް މިކަން ބަދަލުކުރަން މަސައްކަތް ނުކުރިއްޔާ. އެހެންނޫނަސް މާލެ ދިއުމަށްފަހު އަހަރެން ރާހިލް ދަންނާނީ ހަމައެކަނި ޒީ ގެ ރިލޭޓިވެއްގެ ގޮތުގަ. ސޯ މިހާރުން ފަށައިގެން.. ލެޓްސް ކީޕް އިޓް ދެޓް ވޭ " ޝައިނާ ބޭސްފުޅި މަތި ޖަހައިލުމަށްފަހު އެނދާ އިންވެގެންހުރި ސައިޑް ކަބަޑުގެ މަތީގައި ބޭއްވައިލިއެވެ. އަދި ރާހިލްގެ ފަރާތުން ލިބޭން ރައްދަކަށް ބެލުމެއްނެތި ލަސް ފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރިން ނުކުތެވެ. ރާހިލްއަށް އޭރުވެސް ހުރިތަނުގައި ގަނޑުވެފައި ހުރެވުނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީހަމަ އެންމެ ސުވާލެކެވެ. ޝައިނާ އެބުނާފަދަ ބީރައްޓެހިކަމެއް އެދެމެދުގައި ބޭއްވޭނެ ބާއެވެ؟

***********

"އޭ ހޭލަބަލަ. ތަޅުދަނޑި ދީފަ ގޮވަން އަންނާށޭ ބުންޏަކަސް ފަރަކު ނުޖެހޭނެ. މިހާރު ކިހާ އިރެއް ގޮވާތާ. ޕިކަޕު ނައްޓާލާނެ ބުނެފަ އޮތް ގަޑިއަށް. ކަލޭ ނުހޭލަންޏާ މަ މި ދަނީ." އެނދުމަތީގައި އޮތް ރާހިލްގެ އަތުގައި ހިފައި ދަމަމުން ނިހާމް ބުންޏެވެ. ނިދި މޫނަކާއެކު ރާހިލް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. އޭރުވެސް އޭނާގެ ދެލޯ ހުޅުވުމުގެ ހިޔާލެއްވެސް ނެތްކަހަލައެވެ. ބަލާކަށްނުހުރެ ނިހާމް ގޮސް ރާހިލް ބޯން ގެންގުޅޭ ފެންފުޅި ނަގައި ރާހިލްގެ ބޮލަށް އަޅައިލިއެވެ.

"ވަޓް ދަ ފ*" ރާހިލްއަށް ސިއްސައިގެންގޮސް ބުނެވުނެވެ.

"ސާބަހޭ! ތި ހެނދުނު ހޭލާ ގޮތަށް ޝަހާދަތް ކިޔައިބަލަ! ޕިސްޕިސް. އަހަރެންނަކަށް ނޭނގެ މި ފަރަންޖީން އުޅޭ ވައްތަރެއް. ތި އަވަސްކޮށްގެން އާދޭ! ތިރީގަ މިތިބީ.." ނިހާމް ރާހިލްގެ ބޮލުގައި އަތްއަޅައި ކޮއްޕައިލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. ރާހިލްވެސް އިރުކޮޅަކު އެހެން އިނުމަށްފަހު ދަތުރު ދިޔުމަށްޓަކައި ތައްޔާރުކުރި ގަދަފެހިކުލައިގެ މާޖެހި ގަމީހާއި ކްރީމްކުލައިގެ ސޯޓު ހިފައިގެން ކަންނެތްގޮތަކަށް ދެފައި ދަމަމުންގޮސް ފާހަނައަށް ވަނެވެ.

އޭނާއަށް ތިރިއަށްފޭބުނު އިރު ގެސްޓްހައުސްގެ ގޭޓު ކުރިމަތީގައި އޮތް ބޮޑުފިކަޕަށްވަނީ ގިނަބަޔަކު އަރައި ބަރާވެފައެވެ. އިށީންނާނެ ޖާގައެއް ނެތީތީ ގިނަ ފިރިހެނުން އޭރުވެސް ތިބީ ކޮޅަށެވެ. ރާހިލްވެސް ޕިކަޕަށް އެރުމަށްފަހު ޕިކަޕުގެ ގެގަނޑުގެ މައްޗަށް ބެކްޕެކް އެއްލަމުން އެ ގެގަނޑުގެ ކައިރީގައި މަޑުކޮށްލިއެވެ.

"ކޮބާތަ ޝައި؟ ނިހާމް އަޅެ އޭނައަކަށް ނުގޮވަންތަ؟" ޕިކަޕުގައި އިން އަންހެނަކު ގޮވައިލިއެވެ.

"ޝައި ބުނި ގެސްޓްހަުސް ފުރަގަހުގަ ވިހައިން އުޅޭ ބުޅަލަކަށް ކާންދޭށޯ މީނީ..މި އަންނަނީ އޯ އިރުކޮޅަކުން. އެވެސް ވަރެއްގެ އަނހެނެއް. ބުޅަލެއް ފެނުނިއްޔާ ދުރަށް ފިޔަވަޅެއްވެސް ނޭޅޭނެ" އެކުއްޖާއަށް ރައްދު ދިނުމުގެ ގޮތުން ތޫބާ ބުނެލިއެވެ.

"އައިސްކުއީން ފީޑްސް ކެޓްސް؟" ރާހިލް ހައިރާން ވެފައި އަހައިލިއެވެ. ޝައިނާގެ ފަރާތުން މިފެންނަ ކަމަކީ މުޅިންވެސް އޭނާ އަންތަރީސްް ކުރުވާހާ ކަންކަމެވެ.

"މަށަށް އޭރުވެސް އެނގުނޭ ޝައިނާ ހޭލާނެކަން ގެރެންޓީކޮށް. އަހަންރެނަށްވެސް އެނގޭނެއްނު ގޮވަންޖެހޭ ކަހަލަ މީހުން" ނިހާމްގެ ވާހަކަ ނުނިމެނީސް ޝައިނާ އައިސް ޕިކަޕުގެ ކައިރީގައި މަޑުކޮށްލިއެވެ. މަޑުފިޔާތޮށިކުލައިގެ ގަޔަށް ހިފައިލައިފައިހުރި ޕްލެއިން ޓީޝާޓަކާއި ހަމައެކުލައިން މާ ޖަހަަައިފައިވާ ހުދުކުލައިގެ ދޫ ހަރުވާޅުގައިވެސް ޝައިނާ ފެންނަމުންދިޔައީ ބަލާ ފޫހިނުވާނޭ ފަތްމިންޏެއް ފަދައިންނެވެ. އާންމުގޮތެއްގައި ޝައިނާ އަޅާ ގަދަ ކުލަތަކުގެ ހެދުމާއި މުޅިން ތަފާތު ކުލައެއްގައި ފެންނަމުން ދިޔަނަމަވެސް އެ ގޮތްވެސް ޝައިނާއާ ނުހަނު ގުޅޭކަން ރާހިލް ހިތާހިތުން އެއްބަސްވެލިއެވެ.

ޕިކަޕަށް އަރަން ހާއްސަކުރެވިފައިވާ ދިމާލާ އެންމެ ކައިރީގައި ހުރެވުނީތީ ރާހިލް ޝައިނާ އެރުމަށް އަތްދިއްކޮށްލިއެވެ. ނަމަވެސް ޝައިނާ އެ އަތުގައި ހިފުމެއްނެތި ޕިކަޕުގެ ފަޑީގައި ހިފަހައްޓައިލަމުން ޕިކަޕަށް އެރިއެވެ. އޭނާ އެރުމާއެކުހެން ނިހާމް ޕިކަޕުގެ ގެގަނޑުގައި ދެފަހަރަކު ޖަހައިލައި ޕިކަޕު ދުއްވާލުމަށް އިރުޝާދުދިނެވެ. ކަންދިމާކުރިގޮތުން ޝައިނާއަށްވެސް ހުންނަން ޖެހުނީ ރާހިލްއެކޭ އެއްފަދައިން ޕިކަޕުގެ ގެގަނޑުގައި ލެގިލައިގެން ކޮޅަށެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ ޖެހިގެންހުރި ރާހިލްއަށް ވީހާވެސް ބޮޑަށް ނުބަލައިވޭތޯއެވެ. ހެނދުނުގެ ވަގުތަށްވުމާއެކު އޭނާއާ އެއް އެޕަރޓްމެންޓެއްގައި ރާހިލް އުޅުނު އިރު ކޮންމެ ދުވަހެއްްގެ ހެނދުނު ރާހިލްގެ ހިތްގައިމު މޫނުމަތިން ފެންނަ ތާޒާކަމާއި އެ އިސްތަށިގަނޑުގެ ތެތްކަން އޭނާއަށް ސިފަވާން ފެށިއެވެ. ބައެއްދުވަސްދުވަހު އޭނާ ނާސްތާ ކުރަން އިންނަ ވަގުތު ރުޅިއަރުވާލުމުގެ ގޮތުން ރާހިލް އައިސް އެ އިސްތަށިގަނޑު އަތުން ތަޅުވާލައި އޭގައު ހަރުލައިފައިވާ ފެންތައް އޭނައާ ދިމާލަށް ފޮޅާލާ މަންޒަރު ހަނދާންވުމާއެކު ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވާލުމަށް އޭނާ ކޮލުގައި ދަތްއަޅައިލިއެވެ.

އެވަގުތު ވެގެންދިޔައީ ދުއްވަމުން ދިޔަ ޕިކަޕު އޭގެ މިސްރާބަށް ދިޔުމަށްޓަކައި އެހެން މަގަކަށް އެޅި ވަގުތަށެވެ. ޕިކަޕުގެ މިސްރާބުހުރިގޮތުން ހެނދުނުގެ އިރު ޝައިނާގެ މޫނާ ސީދާވިއެވެ. އެ އަވިން ސަލާމަތްވުމަށް އޭނާއަށް ލޯ މައްޗަށް އަތް ހުރަސްކޮށްލެވުނެވެ. އަދި އަނެއް އަތުން ފަހަތަށް އަޅުވައިފައިވާ ދަބަހުގެ އަރިމަތިން އަވި އައިނެއް ނަގަން މަސައްކަތްކުރަމުން ދަނިކޮށް ކުއްލިއަކަށް ގަޔަށް ހިޔާވާ ފަދައިން އޭނާހުރި ތަނަށް ހިޔަނިއެޅުނެވެ. ލޯމަތިން އަތް ތިރިކޮށްލުމަށްފަހު އިސްއުފުލައިލުމާއެކު ކުރިމަތީގައި ހުރި ރާހިލް ފެނުނެވެ.

"ރާހިލް. ތީ ކޮންކަމެއް." ޝައިނާ ހިތްހަމަ ނުޖެހިފައި ސިއްރު ސިއްރުން ބުންޏެވެ.

"އަހަރެން ކަމެއް ކޮށްފިތަ.؟" ރާހިލް އާދައގެ ގޮތަކަށް އަހައިލިއެވެ.

"ގިވިންގް މީ ޝޭޑް. ދަ ލިޓެރަލް ވޭ" ޝައިނާ ބުނެލިއެވެ.

"އޯ ޕްލީޒް. ޑޯންޓް ގެޓް ޔޯ ހޯޕްސް ޓޫ ހައި ސަންޝައިން. އަހަރެންނަކީ ތި ހީކުރާޙާ ރޮމޭންޓިކް މީހެއް ނޫނޭ. މިހެން ހުރީމަ މާ ޖާގަ ބޮޑުވާހެން ހީވާތީ ދެންތިބި މީހުނަށް ނޭވާލާނެ ތަންކޮޅެއް ދޭން އަހަރެންވެސް މިކޮޅަށް ޖެހިލީނު" ރާހިލް ފަރުުވާކުޑަ ރާގެއްގައި ބުންޏެވެ. ޝައިނާ ރާހިލް ކުރިން ހުރި ޖާގައަށް ބަަލައިލިއިރު ރާހިލް ބުނި ފަދައިން އެ ޖާގައިގައި މިހާރު އެހެން މީހެއް ހުއްޓިލައިގެން ހުއްޓެވެ.

"ފައިން." ޝައިނާ ދަތްކުނޑި ވިކައިލަމުން ބުންޏެވެ.

"ކިއުޓް" ރާހިލްގެ ފަރާތުން އިވުނު ލަފްޒާއެކު ޝައިނާ ސުވާލުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.

"މި ހެޑްބޭންޑް. މި ލައިޓް އެންޑް ގަރލީ ކަލަރޒް. ޝައިނާ އާންމުކޮށް ފެންނަ ޑާކް ފެމިނިން ސްޓައިލާ ވަރަށް ތަފާތު." ރާހިލް ޝައިނާ އަޅައިގެންހުރި މަޑުފިޔާތޮށިކުލައިގެ ފޮތިބޭންޑަށް ދަމައިލަމުން ބުންޏެވެ. އަދި ފަހު ޖުމްލަ ބުނުމުގެ ކުރިން ޝައިނާގެ ކަންފަތާ ކައިރި ވެލިއެވެ. "އެކަމަކު ޝައިނާގެ އަމިއްލަ ގޮތުގަ އަހަރެންނަށް ޝައިނާ މާ ރީތި"

ރާހިލްގެ އެ ޖުމްލައިން ޝައިނާގެ ގައިގެ ލޯލިތަށް ކޮޅަށް ޖެހި މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ، އެކަން ފޮރުވައިލަމުން އޭނާ ރާހިލްއަށް ލޯ އަޅައިލިއެވެ. ރާހިލް ހެވިފައިހުރެ ބޯޖަހައިލުމަށްފަހު އެެއްއަތް ޝައިނާގެ ކޮނޑާއި ދިމާލުން ގެންގޮސް ޕިކަޕުގެ ގެގަނޑުގައި ވިއްދައިލިއެވެ. އެ ހަރަކާތުގެ ސަބަބުން ޝައިނާއަށް އޭނާގެ ބަނޑުގައި ކޮކާ އެނބުރޭފަދަ އިހުސާސެއްކުރެވުނެވެ. އިހްތިޔާރަކާނުލައި ރާހިލްގެ ކޮންމެ ސިފައަކަށް އޭނާގެ ހިތުން ތައުރީފު އޮހެން ފެށިއެވެ. ވާންވެފައިވާ އަތުގެ މުލައްދަނޑިން ފެށިގެން ރީތިކޮށް ކޮށައިފައިވާ ތުނބުޅީގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ރާހިލްގެ ކަތުރުކަށިގަނޑުގެ އިތުރުން ހިންދިރުވާލާ ކޮންމެ ފަހަރަކު އެ ފިރިހެންވަންތަ ކަރަަށް އެނގުންވެލާގޮތްފެނި އަނގައިން ކުޅު ހިކެމުންދާހެންވެސް ހީވާންފެށިއެވެ. އޭރު ރާހިލްގެ ނަޒަރުވަނީ ޝައިނާގެ ބަދަލުގައި ކުރިމަތިން ފެންނަމުންދާ ރާސްތާއަށް ހުއްޓިފައެވެ.

ކުއްލިއަކަށް ޕިކަޕްގެ ދުވެލި މަޑުޖައްސައިލުމާއެކު ކޮޅަށް ތިބި އެންމެނެކޭ އެއްފަދައިން ރާހިލްއާ ޝައިނާގެ ފައިންވެސް ހަމަނައްޓައިލިއެވެ. އަދި އެކެއް އަނެކެއްގެ ގައިގައި ބާރަށް ގޮސް ޖެހުނެވެ. ފަޅި ސިކުންތެއްގެ ތެރޭ ބޭއިހްތިޔާރުގައި ގެނެވުނު ހަރަކާތަކާއެކު ރާހިލްއަށް ޝައިނާގެ އުނަގަނޑުގައި އަތްއަޅުވައިލެވުނީ ޝައިނާ އަރި އަޅައިލުމުން ސަލާމަތްކުރުމުގެ ނިޔަތުގައެވެ. އެވަގުތު އެދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ހަމަ އެހާމެ އަވަހަށް ޝައިނާ އެ ނަޒަރު ވަކިކޮށްލިއެވެ. ހިނގަމުންދާ ކޮންމެ ސުކުންތަކާއެކު ދެމީހުންގެ ދެމެދަށް ވެރިވަމުންދާ އުދާސްކަމާއި ހޫނުކަމުގެ އަސްލަކީ އިރުގެ ދޯދިތައް ކަމަށް ވިސްނައިދޭން އުޅުނު ކަމުގައިވިޔަސް، ދެހަށީގައި ހިފައިފައިވާ ހެނދުނުގެ ފިނީން އެކަނިވެސް ބުނެދެމުންދިޔައީ އެ އުދާސްތަކަކީ އެ ދޯދިތަކާއި އެއްވެސް ގުޅުމެއްހުރި ކަމެއްނޫންކަމުގައެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަރަށްރީތި މިވާހަކައަދިމިވާަހަކައިގެ2ޕާޓުއަހަރެންްނުކިޔަންއެބައިތަކެއްނުފެނުނުބުނެބަލައެބައިތައްފެންނާނެގޮތެއް

    1. ޝުކުރިއްޔާ! ނޫހުގެ ސާޗްބައިގަ ވާހަކައިގެ ނަން ޖަހާލީމަ ވާހަކައިގެ ހުރިހާ ބައެއް ފެނިގެންދާނެ. އަދި އަޅުގަނޑުގެ އިންސްޓަގްރާމާއި ފޭސްބުކް “ވާހަކައިން.އަންޔާ” އިންވެސް ވާހަކއިގެ އަޕްޑޭޓްތައް ބަލައިލެވޭނެ

  2. ވަރުފަށެއް ވެޔެންނު އެބަ ރާހިލް އަށާއި ޝައިނާއަށް…. ވާހަކަ ހަމަ ހަބޭސް އިނގޭ އަންޔާ ސިސް. ދެންއޮތް ބައިގެ އިންތިޒާރުގައި…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު