ބައިނަލްއަޤްވާމީ މަޝްހޫރު މީޑިއާއެއްކަމަށްވާ އަލްޖަޒީރާއަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވި އިންޓަވިއުއަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމްގެ ތަޢުރީފު ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިޚާބީ ރައީސް ޑރ. މުޢިއްޒު، ބައިނަލްއަޤްވާމީ މީޑިއާއަކަށް ފުރަތަމަ ދެއްވި އިންޓަވިއު ގެނެސްދީފައިވަނީ އަލްޖަޒީރާ ޓީވީއިންނެވެ. އަލްޖަޒީރާގެ ޕްރެސެންޓަރު ސާމި ޒެއިދަން ރާއްޖޭގެ ސިޔާސީ މަސްރަހާއި، އާ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޑރ. މުއިއްޒު ވަނީ ވަރަށް ދިވެހިރާއްޖޭގެ ޙައްޤުގައި ފުރިހަމަ ޖަވާބުތަކެއް ދެއްވާފައެވެ.
މި އިންޓަވިއު ބައްލަވާލެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން ވަނީ އިންތިޚާބީ ރައީސަށް ތައުރީފުކުރައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މަރުޙަބާ ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. އަދި ރައީސް މައުމޫންގެ ވާހަކަފުޅަށް، ޑރ. މުޢިއްޒު ޝުކުރު އަދާކުރައްވާފައިވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިނަލްއަޤްވާމީ މީޑިއާއަކަށް މިފަދަ އިންޓަރވިއުއެއް ދެއްވާފައި ނުވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރައީސްކަމަށް ހޮވިވަޑައިގެންނެވި ބޭފުޅަކު ބައިނަލްއަޤްވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއު ކަން ފާހަގަކޮށްލަންޖެހެއެވެ.
މި އިންޓަވިއުގައި ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ވަކި ޤައުމެއް ރުއްސުމަށްޓަކައި އެ ޤައުމަކާއި އެއްކޮޅަށް މަސައްކަތް ނުކުރައްވާނެކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ހުރިހާ މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ. އަދި ރާއްޖެއިން ގެންގުޅުއްވާނެ ފޮރިން ޕޮލިސީ ވަރަށް ފުރިހަަމައަށް ސާފުކޮށްދެއްވައި، އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ފުރަތަމަަ ދުވަހުން ފެށިގެން ކުރައްވާނެ ކަަމަށް ވިދާޅުވެފައިވެއެވެ.



