Wednesday, 22 May 2024

ކޮލެޖެއްގެ ގޮތުގައި، 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރަން ޤާނޫނަށް އިޞްލާޙެއް

ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން، މަތީ ތައުލީމުގެ ޤާނޫނަށް އިޞްލާޙް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިހާރު ޤާނޫނުގައި ވަނީ ޔުނިވާސިޓީއަކަށް ބަދަލުކުރެވެނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ނަމައެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބެރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަަމައެވެ.

އެހެންނަމަވެސް، އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާޢު، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގައި ވަނީ މަތީ ތައުލީމުދޭ މަރުކަޒަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ދިނުމަށް، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުމާއި ނުވަތަ ބޭރު ޤައުމެއްގައި އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ ފަސް އަހަރުވެފައިވާ މަރުކަޒަކަށް ވުމެވެ.

ބިލުގައި ހުށަހަޅާފައި ވަނީ މިގޮތަށް ފާސްވެ ގެޒެޓްކުރުމާ އެކު އެގޮތަށް އަމަލުކުރަން ފަށާ ގޮތަށެވެ.

ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ މުއްދަތު ކުޑަކުރަން ސަރުކާރުން ހުށަހެޅިއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވެސް ވަނީ މިފަދަ ބިލެއް މަޖިލީހަށް ވެއްދެވިއެވެ.

އޭނާ ހުށަހެޅުއްވި ބިލުގައިވަނީ، ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށެވެ. އެހެންނަމަވެސް، އެމްޑީޕީން އޭރު ވަނީ ބިލު ފާސްނުކޮށް، މަޖިލީހުން ބޭރުކޮށްލައިފައެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، ވިލާ ފައުންޑޭޝަންގެ ޗެއަރމަން ޤާސިމް އިބްރާހީމް ހިންގަވަމުން ގެންދަވާ ވިލާ ކޮލެޖަށް ޔުނވަރސިޓީއެއްގެ ދަރަޖަ ހޯދުމަށް އެތައް މަސައްކަތެއް ކުރައްވަމުން ގެންދަވާފައިވެއެވެ. ނަމަވެސް، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން އާއި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރުއާ ދެމެދު އޮންނަ ދެބަސްވުންތަކަކާ ހެދި، އެކަން ކުރެއްވުމަށް ޑރ. އިބްރާހީމް ޙަސަން ބޭނުންފުޅު ނުވާތީ، އެކަމަށް ހިޔަނި އެޅިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *