22 އެޕްރީލް 2025

ޔޫސުފް ޢަލައިހިއްސަލާމް: އިޤުތިޞާދީ ހީނަރުކަމުން މިޞްރު ސަލާމަތްކުރެއްވުމަށް ކަނޑައެޅުއްވި އިސްތިރާތީޖީ ޕްލޭން

އެއީ މާތް ﷲގެ ޚަލީލު، އަދި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ބައްޕާފުޅު އިބްރާހީމް ނަބީކަލޭގެފާނުގެ ދަރިކަލުން އިސްޙާޤު ނަބީކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބު ނަބީކަލޭގެފާނުގެ ދަރިކަލުން ޔޫސުފް ނަބީކަލޭގެފާނެވެ.

އިޤުތިޞާދީ ހީނަރުކަމުން މިޞްރު ސަލާމަތްކުރެއްވުމަށް ޔޫސުފް ޢަލައިހިއްސަލާމް އެޅުއްވި ފިޔަވަޅުތަކަކީ ކޮންމެ ޒަމާނެއްގައި ވިޔަސް ކުރިމަތިވެދާނެ ހީނަރުކަމަށް ޙައްލު ހޯދުމަށް މަގު ފަހިކޮށްދޭ ނަމޫނާ އިސްތިރާތީޖިއްޔާއެކެވެ. ތަނަވަސް ފަހި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި އިސްރާފު ނުކުރުމާއި ފަހަށް ރައްކާކުރުމާއި ބޭކާރު ޚަރަދު ނުކުރުމާއި އިންވެސްޓްކުރުމާއި ދަތިވަގުތުގައި ބޮޑު އަގުގައި މުދާ ނުވިއްކުމާއި ވިޔަފާރީގައި ހަމަހަމަކަން ގެންގުޅުމާއި، ބައިތުލްމާލު ބެލެހެއްޓުމަށް އަމާނާތްތެރިން ލުމާއި މިފަދަ ކަންކަން ޔޫސުފްގާނުގެ މާލީ ސިޔާސަތުން ސާފުވެއެވެ.

ޔޫސުފްގެފާނު މިޞްރުގެ ބައިތުލްމާލާ ޙަވާލުވެވަޑައިގެން މިޞްރަށް ކުރިމަތިވާންއުޅޭ ފަޤީރުކަމުގެ އަހަރުތަކުން މިޞްރު ސަލާމަތްކުރެއްވުމުމަށް ކަނޑައެޅުއްވީ މައިގަނޑު ފަނަރަ އަހަރުގެ ދުވަހުގެ އިސްތިރާތީޖީ އިޤުތިޞާދީ ޕްލޭނެކެވެ. އެއީ ތަނަވަސް ހަތް އަހަރުގެ ބޭނުން އެންމެ މަތީ މިންވަރުގައި ބޭނުންކުރެވޭނޭ ގޮތާއި، ޖެހިގެން އަންނަ ބަނޑުހައި ހޫނުކަމުގެ ހަތް އަހަރު މެނޭޖްކުރާނެ ގޮތާއި، އަދި އެއަށް ފަހު އަންނަ ވާރޭ ވެހޭ އަހަރު އިންވެސްޓްކުރެވޭނޭ ގޮތެވެ. އެ ޕްލޭންގައި އެކުލެވިގެންވަނީ، ތިން މަރުޙަލާއެކެވެ.
ފުރަތަމަ މަރުޙަލާގެ ޕްޕޭނަކީ ތަނަވަސް ހަތް އަހަތުގައި ފުޅާ ދާއިރާއެއްގައި ގޮވާންކުރުމެވެ. އޭގެ މުއްދަތަކީ ހަތް އަހަރު ދުވަހެވެ. ގޮވާން ކުރާ ގޮތަކީ ހުއްޓުމެއްނެތި ވީހާވެސް ފުޅާ ދާއިރާއެއްގައެވެ. ގޮވާންކުރާ ތަކެތިން މި ހަތް އަހަރުގައި ބޭނުންކުރެވޭނީ ޟަރޫރީ މިންވަރެވެ. އެހެން ހުރިހާ އެއްޗެއް ޚަޒާނާކުރުމަށެވެ. މި ހަތް އަހަރުގައި އަމަލު ކުރެއްވީ އެމަގުންނެވެ.
1- ހަތް އަހަރު ވަންދެން ހުއްޓުމެއް ނެތި ގޮވާންކުރުމުގެ މަޝްރޫޢުތައް ގެންދެވިއެވެ،
2- ގޮވާން ކުރެވޭ އެއްޗަކުން ޟަރޫރީ މިންވަރެއް މެނުވީ ބޭނުން ނުކުރެވޭނެ ކަމަށް ކަނޑައެޅުއްވިއެވެ.
3- ދައުލަތުގެ ބެލުމުގެ ދަށުން ވީހާ ވެސް ގިނަ ބިންތަކެއްގައި ގޮވާން ކުރެވުނެވެ.
4- މިގޮތުން މިޞްރުގެ ބޮޑު ބައެއްގައި ގޮވާންކުރެވުނު.
5- ކަނޑާ ގޮވާމެއް ކުރާ ގަނޑުގައި ރައްކާކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވިއެވެ. އެއީ މޫސުމަށް އަންނަ ބަދަލަކުން އެތަކެތި ހަލާކު ވެދާނެ ކަމަށްޓަކައެވެ.
6- ތަނަވަސް ކަމުގެ ހަތް އަހަރުގައި މިޞްރުގެ ބައިތުލްމާލު ( ޚަޒާނާ) ގޮވާމާއި މުދަލުން ފުރާލެއްވިއެވެ.
7- ގޮވާންކުރުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރުން.
8- ފަސާދައަށް ޖާގަ ނުދެއްވުން.

ދަތި ހަތް އަހަރުގައި ކަންކަން ކުރެއްވުމަށް ކަނޑައެޅުއްވި އިސްތިރާތީޖީ ޕްލޭނަކީ،

1- ތަނަވަސް އަހަރު ތަކުގައި ޚަޒާނާ ކުރި ތަކެތި ޢާއްމު ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ބޭނުން ޖެހޭ މިންވަރަކުން ދިނުން.
2- މިޞްރު ފިޔަވައި އެހެން ބައްރުތަކުން ވެސް ހައިހޫނު ކަމުގައި ޖެހިގެން އަންނަ މީހުންނަށް މުދާ ދޫކުރުން
3- އިޙުތިކާރު ނުކުރުން.
4- ބަނޑުހައި ހޫނުކަން ޖެހިގެން އަންނަ ކޮންމެ މީހަކަށް ކާބޯ ތަކެތި ފޯރުކޮށް ދިނުން
5- ޚަޒާނާ ހުސްކޮށް ނުލައި ކޮންމެވެސް މިންވަރެއް ޚަޒާނާގައި ބެހެއްޓުން. އެއީ، ދަތި ހަތް އަހަރު ފަހުން އަންނަ، ވާރޭ ފެން ލިބޭ އަހަރު އިންވެސްޓްކުރުމަށެވެ. މީސްތަކުންނަށް އެއިން ތަނަވަސްކަން ލިބިދިނުމަށެވެ.

" ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެތެވެ. އަދި އެ އަހަރުގައި އެއުރެން (ދިޔަފެލާ ތަކެތިން) ދިޔަފެލާނެތެވެ.
ތަދުމަޑު ބަނޑު ހައިހޫނު ކަމުގެ ހަތް އަހަރު ފާއިތުވުމަށް، ފަހު، އިންވެސްޓްކުރުމަށްޓަކައި ރައްކާކުރި ގޮވާމުން ޖެހިގެން އައި ވާރޭފެން ލިބުނު އަހަރު ގޮވާންކޮށް މީސްތަކުންނަށް ތަނަވަސްކަން ލިބުނެވެ.

މިޞްރުގެ ޤަދީމީ ޙަޟާރަތުގައި އިޤުތިޞާދު ބައްޓަންވެފައި އޮތީ ދަނޑުވެރިކަމުގެ މައްޗަށްކަމުން މިޞްރަށް ކުރިމަތިވި އާދަޔާ ޚިލާފު ތަދުމަޑުކަމުން މިޞްރު ސަލާމަތްކުރެއްވުމަށް ޔޫސުފް ޢަލައިހިއްސަލާމް ކަނޑައެޅުއްވި ދައުލަތް ސަލާމަތްކުރުމުގެ އިޤުތިޞާދީ އިސްތިރާތީޖިއްޔާއަކީ ފުރިހަމަ އިސްތިރާތީޖިއްޔާއެކެވެ. އެއިގެ ސަބަބުން މިޞްރު އިންސާނީ ބޮޑު ކާރިސާއަކުން ސަލާމަތްވިއެވެ. އަދި ވަށައިގެންވާ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ސަލާމަތުގެ މަރުކަޒަކަށް ވެސް ވީ މިޞްރެވެ.

•••✧•✧•✧•✧•✧•✧•✧•✧•••

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވާރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެމަނިކުފާނުގެ އަމިއްލަފުޅު ވެބްސައިޓްގައި ޝާއިޢުކުރައްވާފައިވާ ލިޔުމެކެވެ. ޑރ. ޝަހީމްގެ ލިޔުއްވުންތައް "ފިޔަ އޮންލައިން" ގައި ޝާއިޢުކުރެވިގެން މިދަނީ އެމަނިކުފާނުގެ އިޒްނައާ އެކުގައެވެ. ކޮންމެ ހަފުތާއެއްގައި، އެމަނިކުފާނުގެ ލިޔުއްވުންތައް މި ނޫހުގައި ޝާޢިއު ކުރަމުން ގެންދާނަމެވެ. އެހެނީ، އެމަނިކުފާނަކީ އިސްލާމީ ވަޙްދަތު ވަރުގަދަކޮށް ދިވެހިރާއްޖޭގައި އިސްލާމީ ޙަޟާރަތު ޤާއިމުކުރުމަށްޓަކައި ގަދައަޅާ މަަސައްކަތްކުރައްވާ ބޭފުޅެއްކަމުން، އެމަނިކުފާނުގެ ލިޔުއްވުންތައް އަޅުގަނޑުމެންގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ މުހިއްމުކަމެއް ކަމުގައި ދެކެމެވެ.

މި ލިޔުމުގެ އަސްލު ބޭނުންފުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ޔޫސުފް ޢަލައިހިއްސަލާމް: އިޤުތިޞާދީ ހީނަރުކަމުން މިޞްރު ސަލާމަތްކުރެއްވުމަށް ކަނޑައެޅުއްވި އިސްތިރާތީޖީ ޕްލޭން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު