ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ޖަރީމާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެގޮތުން ދިވެހި މަސްވެރިންތަކެއް ފަލަސްތީނުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވާން ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވިލިނގިލީގެ ހުސީނާ މަސްދޯނިން ވަނީ، އެ ދޯނިން މި ހަފުތާތެރޭ ބޭނި މަހުގެ ތެރެއިން އެއް ޓަނުގެ މަހަށްވާ ފައިސާ ފަލަސްތީނަށް ހަދިޔާކުރުމަށް ނިންމާފައެވެ. އެއީ ޖުމްލަ 25000 ރުފިޔާއެވެ. ހަމައެހެންމެ ގއ. ކަނޑުހުޅުދޫ "ސީހޯސް 3″ ވަނީ 50000 ރުފިޔާ ހަދިޔާކުރަން ނިންމާފައިވެއެވެ،
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައި.އޭ.ސީން ޚާއްސަ ފަންޑެއް ރާއްޖޭގައިވެސް ހުޅުވާފައިވެއެވެ. މި ފަންޑަށް މިހާތަނަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ފަންޑަށް އެއްކުރެވިފައިވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.
މީގެއިތުރުންް، ފަލަސްތީނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަލަސްތީނު ރެޑް ކްރެސެންޓަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުންވެސް ވަނީ ޚާއްސަ ފަންޑެއް ހުޅުވާފައެވެ. އަދި ގިނަ ބައެއްގެ ތަރުޙީބު އަންނަނީ ލިބެމުންނެވެ.
މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ދަނީ ފަލަސްތީނާ ދެކޮޅަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ޔަހޫދީ އިސްރާއީލް ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
ހާލުގައިޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ދިވެހީންވެސް އަންނަނީ ބައިވެރިވަމުންނެވެ.