ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ބާރަކީ ޙައްޤު ކަމުގައި ދެކޭ ދެކުން ބަދަލުކުރަންޖެހޭ

ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަތާ އެންމެ މަދުވެގެންވެސް 2500 އަހަރު ވެއްޖެކަމަށް ޤަބޫލުކުރެވެއެވެ. ބާރަވަނަ ޤަރްނުގައި ދިވެހިރާއްޖޭގެ މީހުން އިސްލާމްވުމުގެ ކުރިން، ދައުލަތެއްގެ ސިފައިގައި ރާއްޖޭގެ ކަންކަން ހިނގަމުން އައިސްފައިނުވާކަން ބައެއް ފަތްފުށްތަކުން އެނގެއެވެ. ނަމަވެސް 1153 ވަނަ އަހަރުގެ މުހިންމު ހާދިސާއަށްފަހު، ދިވެހިރާއްޖޭގައި އެކިއެކި ރަސްކަލުންނާއި ރަނިކަނބަލުން ރެދަލިކުރައްވާފައިވާ ކަމުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ޤައުމުގެ މުސްތަޤިއްލު ވެރިކަމެއް ހިނގާ ދައުލަތެއްގެ ފާހަގަވަމުން އައިސްފައިވަނީ އިސްލާމްދީން ޤަބޫލުކުރުމަށްފަހުގައިކަމެވެ.

އޭގެ ފަހުން ދިވެހި ޤައުމު މިއަދާ ހަމައަށްވެސް ހިނގަމުން އައިސްފައިވަނީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އިސްލާމްދީންގެ މަންހަޖަށް މިސްރާބު ކޮށްގެންނެވެ. ޙަޤީޤީ މާނައިގައި ދިރިއުޅެމުންދާ ކޮންމެ ދިވެއްސަކުމެ ޤަބޫލުކުރަނީ ދިވެހިވަންތަކަމާއި އިސްލާމީ އަޚްލާޤިއްޔާތު އެއީ ވަކިނުކުރެވޭނެ ދެކަންތައް ކަމަށެވެ. އަޅުގަނޑުމެންގެ ޢަޤީދާއާއި ޤައުމިއްޔަތާ ގުޅިފައިވާ މި ހަރުދަނާ ގުޅުމެވެ. އިސްލާމަކު ނޫން މީހަކު މި ރާއްޖޭގެ ރައްޔިތަކު ކަމުގައިވުމަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

މީގެ ސާދަސަތޭކަ އަހަރު ކުރިން ކައު އިތުރު މުޙަންމަދު ނަބިއްޔާ ދުނިޔެއަށް ވަޑައިގެން އިސްލާމްދީން ގޮވާލެއްވުމުގެ ބުރަ މަސްޢޫލިއްޔަތު އަދާކުރައްވައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްލާމީ މަންހަޖު ފެތުރުއްވެވީ ޙިކުމަތްތެރިކަމާއި ރިވެތި ވެގެންވާ ނަމޫނާ ދައްކަވަމުންނެވެ. ވޭތުވެދިޔަ 14 ޤަރުނުގެ ތެރޭގައި ޢިލްމާއި ފަންނުވެރިކަމާއި، ހުނަރުވެރިކަމާއި، މާއްދީގޮތުން ތަރައްޤީވުމުގައި އިންސާނުން މަތީ ދަރަޖަޔަކަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެހެންނަމަވެސް، ސިޔާސީގޮތުންނާއި، އިޖުތިމާޢީ ގޮތުން ދުނިޔެ އިޙުސާސް ކުރަމުންދިޔަ ބަލީގެ ވޭން ގަދަވެ، ވަރަށްގިނަ ލޭއޮހޮރުވުންތައް ހިނގާފައިވެއެވެ. ޤައުމުތަކުގެ މެދުގައި ފިތުނައާއި ހަލާކާއި ޙަސަދަވެރިކަމާއި މޮޅިވެރިކަން އުފައްދާފައެވެ. މިކަންތައްތައް ވަނީ ފޮހެ ނައްތައިނުލެވިއެވެ. ފަލަސްޠީނުގެ ރައްޔިތުންނާ މެދު ހައްދުފަހަނައަޅާފައިވާ އިޒުރޭލުގެ ޔަހޫދީންގެ އަނިޔާވެރި ޢަމަލުތަކުން މިކަން ވަރަށް ރަނގަޅަށް ރަމްޒުކޮށްދެއެވެ.

ކަންމިހެން އޮތްއިރު، އެ ޒަމާނެކޭ އެއްފަދައިން، ވިސްނުމާއި ޢިލްމުވެރިކަން ފުޅާވެފައިވާ މި 20 ވަނަ ޤަރުނުގައިވެސް އަޅުގަނޑުމެންނަށް ފެންނަނީ ބާރުހުރި، ބައެއް ޤައުމު ދުނިޔޭގެ މައްޗަށް ބާރުހިންގައި ވެރިވެގަނެ، ހަންފެތުރުމަށްޓަކައި މަސައްކަތްކުރާ މަންޒަރެވެ. ބަވަނަވެފައިވާ މި ދުނިޔެއާ ކުރިމަތިވެފައިވާ ބައިނަލްއަޤްވާމީ ގޮންޖެހުންތަކުގައި ބާރަކީ ޙައްޤު ކަމުގައި އަދިވެސް ބެލެމުންދެއެވެ. ނިކަމެތިކަން ލިބިފައިވާ މީހުންނާއި، ޤައުމުތަކުގެ މައްޗަށް ނުހަނު ބޮޑެތި ބޭއިންޞާފު ހިންގާ މަންޒަރު ދަނީ އަބަދާ އަބަދުމެ ފެންނަމުންނެވެ. ކުށެއްނެތް އެތައް ބަޔަކު އެމީހުންގެ ގެދޮރުން ބޭރުކުރެވެމުންދެއެވެ. ސަރަޙައްދު ހޯދައި އަމިއްލަކުރުމުގެ މަޤްޞަދުގައި ހަނގުރާމަ ކުރެވެމުންދެއެވެ. ޞުލްޙައާއި ސަލާމަތްކަން ދިފާޢުކުރުމުގެ ނަމުގައި މަރުގެ ނުރައްކާތެރި ހަތިޔާރުތައް ދަނީ ގިނަ އަދަދަކަށް ހޯދައި އެއްކުރެވެމުންނެވެ. ނަތީޖާއަކަށްވެފައިވަނީ އިންސާނީ ދަރިފަސްކޮޅަށް އެތަކެއް ވޭނަކާއި ބުރައެއް ތަހައްމަލު ކުރަންޖެހުމެވެ. ޤައުމުތަކުގެ ރައްޔިތުންނަށް ހަލާކެއްގެ ނުރައްކާތެރި ހިޔަނި އެޅިފައިވެއެވެ.

މި ސަބަބުތަކަށްޓަކައި އަދުގެ ދުނިޔެވެސް ވަނީ އިސްލާމްދީނަށް ބޭނުންވެފައެވެ. ޙަޤީޤީ މާނައިގައެވެ. އިސްލާމްދީންވަނީ ބައިބައިވެފައިވާ ދުނިޔެއަކަށް ޞުލްޙައާއި ހަމަޖެހުން ގެނެސްދީފައެވެ. ޢަދުލު އިންޞާފާއި ހަމަހަމަކަން ގެނެސްދީ، އިންސާނުންނަށް ރަޙުމާއި ލޯތްބާއި އަދި އިންސާނީ އުޚުއްވަތްތެރިކަން އުނގަންނައިދީ ދަސްކޮށްދީފައެވެ.  މާއްދީގޮތުން ދުނިޔެ ހޯދާފައިވާ ކުރިއެރުމާ އެއްފެންވަރެއްގެ ރޫޙާނީ އަދި އަޚްލާޤީ ހޭލެވުމެއް ދުނިޔެއަށް ލިބެންޖެހެއެވެ. މިފަދަ މަތިވެރި ރޫޙާނީ އަދި އަޚްލާޤީ ކުރިއެރުމެއް ލިބިގަނެވޭނީ، ހަމައެކަނި އިސްލާމްދީން ދުނިޔެއަށް ގެނައި އިޞްލާޙީ ހެޔޮ ބަދަލުތަކުންކަން ޔަޤީނެވެ.

ބާރަކީ ޙައްޤު ކަމުގައި ދެކޭ ދެކުން ބަދަލުކޮށް، އިސްލާމީ ވަޙްދަތުގެ އަސާސްތައް ވަރުގަދަކުރުމަށްޓަކައި ޅަދަރީންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާގެ އޮށް އިންދާންޖެހެއެވެ. މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އިސްލާމީ ފުރިހަމަ މަންހަޖަށް އެނބުރި ރުޖޫޢަވާންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު