23 އެޕްރީލް 2025

އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލަން ޖެހޭ: ޑރ. މުއިއްޒު

ވެރިކަަމަށް ވަޑައިގަންނަވަނީ އެއްވެސް މީހަކާ ޒާތީނުވެ، ބަދުބަހެއް ނުބުނެ ކަމަށާއި، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގައި ހިފަހެއްޓުމާއެކު މީހުންނާ ޒާތީވުން ދޫކޮށްލުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ވެރިންނާއި ދީނީ ޢިލްމުވެރިންނާއި އެހެނިހެން ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަން ޖެހޭނީ އުޚުވަތްތެރިކަމުގެ ގުޅުން ކަމަށާއި އެކަކު އަނެކަކާ މެދު ޒާތީވެ، ބަސްބުނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި، އިސްލާމްދީނަށް ޙަޤީޤީ މާނާގައި ލޯބިކުރުމަކީ އެ ދީނުގައި އަންގަވާފައި ގޮތަށް އުޅެ، އެދީނުގެ އުސޫލުތަކަށް ބޯލަނބައި ކިޔަމަންވުން ކަމަށެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ، އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ އެއް ބަޔަކު އަނެއް ބަޔަކަށް އަޅައިލުމަށް ކަމަށް ވިދާޅުވެ، ޑރ.މުޢިއްޒު ފާހަގަކުރެއްވީ ހިނިތުންވުމަކީ އިސްލާމްދީނުގައި ޞަދަޤާތެއް ނުވަތަ އަނެއް އަޚާއަށް އުޚުތަށް ކޮށްދެވޭ ހެޔޮ ކަމެއް ކަމެވެ.

ހިނިތުންވުމާއެކީގައި އެކަކު އަނެކަކާ ދިމާވެ ވާހަކަދައްކައި އިހުތިރާމު އަދާކޮށް ކަންކަންކުރުމަކީ ވަރަށް ބޮޑުތަން މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުވާނެ ކަމެއް ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ދެބަސްވުން ހުރެދާނެ. އެކަމަކު އޭގެ މައްޗަށް އިސްކުރަންވީ އުޚުއްވަތްތެރިކަން. ޒާތީވާނެކަމެއް ނެތް. ކޮން ކަމަކާތޯ މީހުންނާ ޒާތީވާންޖެހެނީ؟،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެއްވެސް ގޮތަކަށް އެހެން މީހުންނާމެދު ގޯސް ވާހަކަތައް ދައްކަންނުޖެހޭކަމަށާއި، މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެނިހެން މުސްލިމުން ރައްކާތެރިވެގެންވާ މީހާކަން ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ހަދީސް ބަސްފުޅުން ސާބިތުވާކަން ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނު އިންތިޚާބު ކާމިޔާބުކުރެއްވީ އެއްވެސް މީހަކާމެދު ޒާތީ ބަސްފުޅެއް ވިދާޅުނުވެކަމަށެވެ. އަދި ރައްޔިތުން ބަލައިގަތީވެސް އެކަންތައް ކަމަށެވެ.

"އެއްވެސް މީހަކާ ޒާތީނުވަން. އެއްވެސް މީހަކާ ދިމާލަށް އެއްޗެއް ނުބުނަން. އެކަން ރައްޔިތުން ބަލައިގަތީވެސް،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އަނބުރާ ދިވެހިންގެ ރީތި އާދަތައް ގެންނަންޖެހޭ ކަން ފާހަގަކުރައްވައި، އެގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ޒާތީނުވެ ބަދުބަސްނުބުނެ، ރިވެތި އަޚުލާޤު އިސްކޮށްގެން އުޅޭ ބައެއްކަމަށްވާންޖެހޭ ކަމުގައިވެސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު